Support Us

ކޮލަމް މާޒީ: "އަތޮޅުތެރެ" މިއީ ހުރިހާ އަތޮޅެއްގެ މާނައިގައި ބޭނުންކުރެވޭނެ ލަފުޒެއް ނޫނެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ނިސްބަތްކޮށް "އަތޮޅުތެރެ"އޭ ވިދާޅުވާ ބޭފުޅުން ދައުލަތުގެ އިސް ބޭފުޅުންގެ ތެރޭގައްޔާއި ނޫސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާކަމީ ބަހަށް ލޯބިކުރާ މީހުން ވަރަށް ހިތްދަތިވާ ކަމެކެވެ. އަދި އެއަށްވުރެ ބޮޑު ހިތާމައަކީ ރަނގަޅު ގޮތް ސާބިތު ހެތްކާއެކު އޮޅުން ފިލުވައިދިނަސް އެހެން މީހަކު ބުނީތީ އެއީ ރަނގަޅު ގޮތްކަމަށް ގަބޫލުކުރާން ބޭނުން ނުވާ މީހުން ވެސް ގިނަކަމެވެ. ބުނާ މީހާއަށް ބަލާ ކަމެވެ. ބުނާ އެއްޗަކާއި ދައްކާ ހެތްކަށް ނުބަލާތީއެވެ.

ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް، ދިވެހިބަހުގެ ގަވާއިދު ބުނާ ގޮތުން އަދި ބަހުގެ ރަދީފުގައި ބަޔާންކޮށްފައި ފަދައިން "ތެރެ"އަކީ އެތެރެއަށް ނިސްބަތްކޮށް ބޭނުންކުރާ އަކުރެކެވެ. މަސައްކަތު ލަފުޒެކެވެ. މިސާލަކީ: ކޮޓަރިތެރެ (ކޮޓަރީގެ އެތެރެ)، އަތޮޅުތެރެ (އަތޮޅުގެ އެތެރެ)، ރާއްޖެތެރެ (ރާއްޖޭގެ އެތެރެ) އެވެ.

"ތައް" މިއީ އެއްޗަކަށް ކިޔާ ނަމެއްގެ ގޮތުގައި ބޭނުންކުރާ ލަފުޒެއް ނަމަވެސް، އާންމުކޮށް "ތައް"، "މެން"، "ފަހަރު"، މިއީ ދިވެހިބަހުގެ ގަވާއިދު ބުނާ ގޮތުން އެއީ ނަން ގިނަކުރުމުގެ އަކުރެވެ. ގިނަކުރުމަށް ޓަކައި ބޭނުންކުރާ އެހެން އަކުރެއް ދިވެހިބަހުގައެއް ނޯވެއެވެ. އެފަދަ އެހެން އަކުރުތަކެއް ހުންނަ ކަމެއް ހަމަގައިމު ވެސް އަޅުގަނޑަކަށް ނޭނގެއެވެ. މީގެ އިތުރަށް ގިނަކުރުމަށްޓަކައި ދެން ބޭނުންކުރާ އަނެއް ގޮތަކީ ލަފުޒު ފަށްކުރުމެވެ. ތަކުރާރުކުރުމެވެ. މިސާލު: އަތޮޅުއަތޮޅު، ރަށްރަށް، ގޭގެ، ގޮނޑިގޮނޑި މި ގޮތަށެވެ. "ތައް" ބޭނުންކޮށްގެން ނަން ގިނަކުރުމުގެ މިސާލަކީ އަތޮޅުތައް، ރަށްތައް، ގެތައް، ގޮނޑިތައް މިއެވެ. މި ދެ ގޮތަށް ގިނަ ކުރެވުނަސް މި ދެ ގޮތުގައި މާނައިގެ ކުޑަކުޑަ ތަފާތެއް ހުރެއެވެ. ނަމަވެސް އެއީ އެހެން މައުޟޫޢަކަށް ވާތީ އެ މައުޟޫޢަށް ދާކަށް ނެތީމެވެ.

ނަމަވެސް ގިނަކުރުމުގެ މާނައިގައި މިހާރަކަށް އައިސް ރަސްމީ އެކިއެކި އިދާރާތަކުންނާއި ދައުލަތުގެ އިސް ބޭފުޅުން، "ތެރެ" ބޭނުންފުޅުކުރެއްވުން އާންމުވެއްޖެއެވެ. އަނެއްކާ މީގެ އެންމެ ހިތާމަހުރި ކަމަކީ، ބަހުގެ މާހިރުން، ރަނގަޅު ގޮތް ވިދާޅުވެދެއްވީމާ ގަބޫލުނުކުރާ ހިސާބަށް އެކަން ދިޔުމެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރީން ކޮންމެވެސް ބޭފުޅަކު އަތޮޅުތަކުގެ ނުވަތަ ރާއްޖެތެރޭގެ ތަޢުލީމު ފެތުރުމާ ބެހޭ ގޮތުން، ރާއްޖޭގައި ތިއްބެވި މަޝްހޫރު ބަހަވީ ޢިލްމުވެރީންގެ ތެރެއިން ބޭފުޅަކާ ވާހަކަދެއްކެވި ދަނޑިވަޅެއްގައި، އަތޮޅުތަކުގެ މާނައިގައި މުޅީން ވެސް "އަތޮޅުތެރެ"އޭ ވިދާޅުވާތީ، ވަރަށް އިޙުތިރާމާއެކު، އެއީ ކުށް ގޮތެކޭ އަތޮޅުތަކުގެ މާނައިގައި އަތޮޅުތެރެއެކޭ ނުކިޔޭނެ ކަމަށާއި ރަނގަޅު ގޮތަކީ "އަތޮޅުތައް"ކަމަށް ވިދާޅުވީމާ ވެސް އެ ވާހަކަ ގަބޫލުފުޅެއް ނުކުރެއްވިއެވެ. އެ ގޮތަށް އެ ބޭފުޅެއްގެ އަރިހުގައި ވިދާޅުވީ އަޅުގަނޑު ކަހަލަ އާދައިގެ މީހެއް ނޫނެވެ. ބަހަވީ ޢިލްމުވެރީން (ލިންގްވިސްޓުން)ގެ ގޮތުގައި ރާއްޖޭގައި ނަންހިނގާ އެންމެ މަޝްހޫރު އެއް ބޭފުޅެކެވެ.

ހދ. ނޮޅިވަރަންފަރުގައި ބޭއްވި ސަގާފީ ހަރަކާތެއްގެ ތެރެއިން: މާލެއަށްވުރެ ބޮޑަށް އަތޮޅުތަކުގައި ސަގާފީ ކަންކަމަށް އިސްކަންދޭ

ބައެއް ބޭފުޅުން، އަތޮޅުތަކަށް "އަތޮޅުތެރެ"އޭ ވިދާޅުވަނީ "ރާއްޖެތެރެ" ވިދާޅުނުވާންވެގެން ކަމަށް ބުނާތީ އިވެއެވެ. ނަމަވެސް މި ދެ ލަފުޒުގެ މާނަ ހާދަހާ ތަފާތެވެ. "ރާއްޖެތެރެ" އިން ދޭހަވަނީ ރާއްޖޭގެ އެތެރޭގެ މާނައެވެ. ހަގީގަތުގައި ބައެއް ފަހަރު "ރާއްޖެތެރެ"އޭ ނަންގަނެވޭ ޙާލަތްތަކުގައި "މާލެ" އިސްތިސްނާ ކުރަނީ، ކ. އަތޮޅުގެ ރަށްރަށޭ ބުނާ އިރު އޭގައި މާލެ ނުހިމެނޭ އުޞޫލުންނެވެ. ހަގީގަތަކީ ޖުޣުރާފީ ގޮތުން މާލެއަކީ ކ. އަތޮޅުގެ ރަށެކެވެ. މާލެއަށް ނިސްބަތްކޮށް މާލެ އަތޮޅަށް ނަންދީފައިވުމީ ވެސް މިކަމުގެ ދަލީލެއް ނޫންތޯއެވެ! ނަމަވެސް ރާއްޖޭގެ ވެރިކަން ހިންގުމުގެ އިދާރީ ބޭނުމަށް ޓަކައި، މާލެ އެއީ މުޅި ރާއްޖޭގެ ވެރިރަށްކަމަށް ވާތީ، މި އުޞޫލުން، މާލެއަތޮޅުގެ ރަށްރަށޭ ބުނާ މާނައިގެ ތެރޭގައި ނުހިމެނެނީއެވެ. އެއީ ޖުޣުރާފީ ގޮތުން މާލެއަތޮޅުގެ ރަށަކަށް މާލެ ނުވާތީއެއް ނޫނެވެ. ދިވެހިރާއްޖޭގެ (ރާއްޖެތެރޭގެ) ރަށަކަށް ނުވާތީއެއް ނޫނެވެ.އާދޭހެވެ! ޖުޣުރާފީ ގޮތުން ބަލާއިރު މާލެއަކީ ވެސް ރާއްޖޭގެ ރަށެކެވެ. ރާއްޖެތެރޭގެ ރަށެކެވެ. ރާއްޖޭގެ އެތެރޭގައި އޮންނަ ރަށެކެވެ. އެއީ ރާއްޖެއިން ބޭރުގައި އޮންނަ ރަށެއް ނޫނެވެ. ނަމަވެސް "ރާއްޖެތެރެ"އޭ ބުނާ މާނައިގައި ގިނަ ފަހަރު މާލެ ނުހިމަނަނީ ކުރީން މި ދެންނެވި އިދާރީ ސަބަބަށް ޓަކައެވެ. މުޅި ރާއްޖޭގެ ވެރިރަށަށް ވާތީއެވެ. ރާއްޖޭގެ އެންމެން ނިސްބަސްވާ އެބައިމީހުންގެ ވެރިކަންކުރާ މައި ރަށަށް ވާތީއެވެ. އެހެން ރަށްރަށާއި ވެރިރަށާ އެ ހައިސިއްޔަތުން ވަކިކުރާންޖެހޭތީއެވެ. އެހެން ޚާއްޞިއްޔަތެއް އެހެން އިމްތިޔާޒެއް، އެހެން ޤަދަރެއް އެ ރަށަށް ދެވިގެނެއް ނޫނެވެ.

ހަގީގަތުގައި އަޅުގަނޑަށް ބާރެއް އޮވެގެން ތަންތަނަށް ނަންކިޔާނަމަ، ދާޚިލީ ވަޒީރަށް ކީހީ "ރާއްޖެތެރޭގެ ކަންތައްތައް ބަލަހައްޓާ ފުރަދާނަ"އެވެ. ނުވަތަ "ރާއްޖެތެރެއާބެހޭ ވަޒީރު" މިހެންނެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ފަދަ މައް ދިވެއްސަކަށް ލިބޭނެ އިޚުތިޔާރެއް ނޫންކަން ވެސް އެނގެއެވެ. މިހާރު "ދާޚިލީ ވަޒީރު" ވެސް ބައެއް ފަހަރު ކިޔަނީ ހަމަ އެ މާނައިގައެވެ. އެހެންވީމާ އެއީ މައްސަލައެއް ނޫނެވެ.

ހދ. ނޮޅިވަރަންފަރުގައި ބޭއްވި ސަގާފީ ހަރަކާތެއްގެ ތެރެއިން: މާލެއަށްވުރެ ބޮޑަށް އަތޮޅުތަކުގައި ސަގާފީ ކަންކަމަށް އިސްކަންދޭ

އަޅުގަނޑު ތަކުރާރުކޮށް ވެސް ދަންނަވައިލާން ބޭނުންވެއެވެ. ކިތަންމެ ބަޔަކު، ކިތަންމެ ނުފޫޒުގަދަ ބަޔަކު ނުވަތަ އެންމެން ކިޔަސް "އަތޮޅުތެރެ"އޭ ބުނުމަކުން ރާއްޖޭގެ ހުރިހާ އަތޮޅެއް ޝާމިލެއް ނުވާނެއެވެ. އެއީ ކޮންމެވެސް އަތޮޅެއްގެ އެތެރޭގެ މާނަ ދޭހަކޮށްދިނުމަށްޓަކައި ބޭނުންކުރެވޭނެ ނަމެކެވެ. މިސާލަކަށް: އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުތެރެއަށް ފުރައިވަޑައިގެންފިއޭ ބުނީމާ އެ ދަތުރުފުޅުގައި އެ އަތޮޅުން ބޭރަށް ވަޑައިނުގަންނަވާނެކަން ދޭހަވާނެއެވެ. އަތޮޅުތެރެއަކީ އެ އަތޮޅެއްގެ އެތެރެއެވެ. އެ އަތޮޅުގައި ހުރި ރަށްރަށެވެ. އެ އަތޮޅެއްގެ މައި ދުނީން އެތެރެއެވެ.

އަޅުގަނޑުމެން ގޭތެރެ ސާފުކޮށްލާ އިރު ހުރިހާ ގެޔަކާ ބެހެންތޯއެވެ! އަޅުގަނޑުމެން މާނަކުރަނީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އުޅޭ ގެއަށް އެކަނި ނޫންތޯއެވެ! ރަށެއްގެ ކައުންސިލުން ރަށުތެރެއަށް އަޑު ފޯރާ ގޮތަށް އަޑުގަދަކުރާ ހަރުކޮށްފީމޭ ބުނީމާ އެއީ ހަމައެކަނި އެ ކައުންސިލް ނިސްބަތްވާ ރަށުތެރޭގެ ވާހަކަ ނޫންތޯއެވެ! އަތޮޅުކައުންސިލްގެ ރައީސް އަތޮޅުތެރެއަށް ފުރައިވަޑައިގަންނަވާނީ އެ އަތޮޅުތެރެއަށް ނޫންތޯއެވެ! އެހެންވީމާ ހުރިހާ އަތޮޅަކަށް ނިސްބަތްކޮށް "އަތޮޅުތެރެ"އޭ ކިޔޭނެ އެއްވެސް ޙުއްޖަތެއް އެބަ އޮތްތޯއެވެ! ބޮޑެތި ބޭފުޅުން، ގިނަ މީހުން ކިޔާ ގޮތަކީ ޙުއްޖަތެއް ނޫނެވެ. އެންމެން އެކަމެއް ކުރިޔަސް ގަވާއިދާ ޚިލާފު ކަމެއް ވާނީ ހަމަ ގަވާއިދާ ޚިލާފުކަމަކަށެވެ. ގިނަ މީހުން ކުރުމަކީ ކަމެއްގެ ރަނގަޅު-ނުރަނގަޅު ބަލާ މިންގަނޑެއް ނޫނެވެ.

"ރާއްޖެތެރެ"އޭ ކިޔުމަކީ "ދާޚިލީ"ގެ މާނައިގައި އަޅުގަނޑަށް ހަމަ ކަމުދާ ލަފުޒެކެވެ. ނަމަވެސް ހުރިހާ އަތޮޅަކަށް ނިސްބަތްކޮށް އެހެން ވިދާޅުވާން ތިޔަ ބޭފުޅުންނަށް ދަތިފުޅު ނަމަ، ގިނަކުރުމުގެ އަކުރު ބޭނުންފުޅު ކުރައްވައިގެން "އަތޮޅުތަކޭ" ވިދާޅުނުވާންވީ ކީއްވެތޯއެވެ! މިސާލަކަށް: "މިހާރު ގިނަ އަތޮޅުތަކުގައި ތެލެސީމިއާ ކުދީންނަށް ލޭއެޅޭނެ ވަސީލަތްތައް ޤާއިމުކުރެވިއްޖެއެވެ." ނުވަތަ "އަތޮޅުތަކުގެ ރައްޔިތުންގެ ކަންބޮޑުވުން….."، އަތޮޅުތަކާއި މާލެއާ ތަފާތު ނުކުރުން…" "އަތޮޅުތަކުގެ ތަރައްޤީއަށް އިސްކަންދިނުން…" ފަދަ ގޮތްގޮތަށް ބޭނުންފުޅުކުރެއްވިދާނެ ނޫންތޯއެވެ!

ހދ. ނޮޅިވަރަންފަރުގައި ބޭއްވި ސަގާފީ ހަރަކާތެއްގެ ތެރެއިން: މާލެއަށްވުރެ ބޮޑަށް އަތޮޅުތަކުގައި ސަގާފީ ކަންކަމަށް އިސްކަންދޭ

އެއްވެސް ޝައްކެއްނެތެވެ. ކިތަންމެ ފުންނާބު އުސް ބޭފުޅަކު ވިދާޅުވިޔަސް "އަތޮޅުތެރެ" މި ލަފުޒުން "އަތޮޅުތަކުގެ" މާނައެއް ނުނިކުންނާނެއެވެ. ގިނަކުރުމުގެ މާނައިގައި "ތެރެ" ބޭނުންފުޅު ކުރައްވައިގެން، ޤާނޫނީ ނުވަތަ ޝަރުޢީ ލިޔުއްވުމެއް ލިޔުއްވާނަމަ، ނުވަތަ ވާހަކަފުޅުދައްކަވާ ނަމަ، އެ ޢިބާރާތަކުން ޤާނޫނީ މައްސަލައެއް ނުކުތުމަކީ ވެސް ހަމަ ދާދިގާތުގައި އޮންނާނެ ކަމެކެވެ. މިސާލަކަށް: "އަތޮޅުތެރެއަށް ހުރިހާ ވޯޓުފޮށިތައް ފޮނުވައި ނިމިއްޖެ" ވާހަކަ ވިދާޅުވެއްޖެ ނަމަ، އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުވި ވާހަކަ ވިދާޅުވީ ކަމަކަށް ނުވާނެއެވެ. އޭރުން ދޭހަވާނީ އެންމެ އަތޮޅެއްގެ ރަށްރަށަށް ފޮނުވި ވާހަކައެވެ. ވީމާ ހުރިހާ އަތޮޅުތައް ޝާމިލުވާ ގޮތަށް ވިދާޅުވާ ކޮންމެ ޙާލަތެއްގައި "އަތޮޅުތަކޭ" ވިދާޅުވާށެވެ! "އަތޮޅުތެރެ"އޭ ވިދާޅުނުވާށެވެ! ކޮޓަރިތެރެ (ކޮޓަރީގެ އެތެރެ)، ގޭތެރެ (ގޭގެ އެތެރެ)، ރަށުތެރެ (ރަށުގެ އެތެރެ)، އަތޮޅުތެރެ (އަތޮޅުގެ އެތެރެ)، ރާއްޖެތެރެ (ރާއްޖޭގެ އެތެރެ)، ދުނިޔެތެރެ (ދުނިޔޭގެ އެތެރެ) އޭ ވިދާޅުވާނީ ހަމައެކަނި އެ ނިސްބަސްކުރާ ތަނަކަށް އެކަނި ނިސްބަތްވާ ގޮތަށެވެ. އެކަކު ގަބޫލު ނުކުރިޔަސް ދިވެހިބަހުގެ ހަމައަކީ މިއީއެވެ.

ހެޔޮ ގޮތް އެނގުމުން އެ ގޮތަށް ޢަމަލުކުރުމަކީ އެއްވެސް ޙާލެއްގައި ހުތުރު އަދި ލަދުވެތި ކަމެއް ނޫނެވެ. އެއީ ޢިލްމީ މީހުންގެ ގޮތެވެ. ސާބިތު ހެކި ދެއްކުމުން ގަބޫލު ނުކުރުމަކީ ޖާހިލުކަމުގެ އިންތިހާއެވެ. ހުތުރުކަމަކީ އަދި ލަދުވެތިކަމަކީ ވެސް އެއީއެވެ. ހަގީގަތަށް ނުވަތަ ކަން އޮތް ގޮތަށް ބެލުމެއް ނެތި ތިމާ ބޭނުންވާ ގޮތް އެއީ ކަން އޮތް ގޮތްކަމަށް ހަދާން މަސައްކަތްކުރާނީ ގުސްތަރުންނެވެ.

ކަވަރ ފޮޓޯގައި: ހދ. ނޮޅިވަރަންފަރުގައި ބޭއްވި ސަގާފީ ހަރަކާތެއްގެ ތެރެއިން..

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

One Response

  1. އަޅުގަނޑުމެން ކަހަލަ ހިތްކޮށި މުސްކުޅިންނަށް ވެސް ވިސްނޭހާ ތިލަ ބަހުން ތަފްސީލުކޮށް އޮތް ބަޔާންކޮށްދިނުމެއް. ޖަޒާކަﷲޚައިރު!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *