Support Us

ހއ. ތަކަންދޫގެ ބަޔަކު ރަށުގެ ބޮޑު ގަހުގެ ހިޔަލުގައި މަޑުކޮށްލައިގެން... އަދިވެސް ފޮޓޯ: ސާލިމް

އުތުރު ދަރުބާރު: ބޮޑުތިލަދުންމަތީގެ ހުވަފެންތަކުގައި ކުލަޖެއްސުން

ސިޔާސީ ޕާޓީއެއްގެ ވާހަކައެއް ނޫނެވެ. ރިޔާސީ ކެންޑިޑޭޓެއްގެ ވާހަކައެއްވެސް ނޫނެވެ. އެއްކޮޅު ނުވަތަ އިދިކޮޅު ސިޔާސީ ހަރަކާތެއްގެ ވާހަކައެއްވެސް ނޫނެވެ. ފަހަރެއްގައި، ސިޔާސީ ޕާޓީއަކާއި ރިޔާސީ ކެންޑިޑޭޓަކަށް ވުރެ ވެސް މާ މުހިންމު ވާހަކައެކެވެ. މިވާހަކަ އަކީ، އޭރެއްގައި އޮންނަ ސަރުކާރަކާ ވަރަށް ބޮޑަށް ގުޅިގެން ކުރިއަށް ގެންދެވޭ އިޤުތިޞާދީ، އިޖުތިމާޢީ ހަރަކާތެއްގެ ވާހަކައެކެވެ. ހުރިހާ ސިޔާސީ ފިކުރެއްވެސް ޝާމިލުވާ ގޮތުގައި ކުރިއަށް ގެންދެވޭ ސަރަހައްދީ ތަރައްޤީގެ ހަރަކާތެކެވެ.

ބޮޑުތިލަދުންމަތީގެ އެންމެ ރައްޔިތުން ބައިވެރިވާ ދެމެހެއްޓެނިވި ތަރައްޤީގެ ޕުރޮގުރާމުތަކެކެވެ. މި ލިއުމުގައި ބޮޑުތިލަދުންމައްޗޭ މިނިސްބަތްކުރެވެނީ، ފަހަރެއްގައި މުސްތަޤުބަލުގައި ބޮޑުތިލަދުންމަތީގެ ނަމުން ނަން ކިޔޭ އައު އިދާރީ އަތޮޅަކަށް ނުވަތަ ސަރަހައްދަކަށެވެ. އިދާރީ ތިލަދުންމައްޗާއި ޤުދުރަތީ ތިލަދުންމަތީގެ އިދާރީ މިލަދުންމަޑުލުގެ އުތުރު ބުރިއަށެވެ. ރާއްޖޭގެ އެންމެ އުތުރަށް އޮންނަ އިދާރީ ތިން އަތޮޅަށެވެ. ހއ އާއި، ހދ އާއި، ށ އަތޮޅަށެވެ.

ބޮޑުތިލަދުންމަތީގައި 2019 ވަނަ އަހަރުގެ ނިޔަލަށް ރަޖިސްޓަރީކުރެވިފައިވާ އާބާދީ އަކީ 69،733 މީހުންނެވެ. މިއީ ދަފުތަރު މީހުންނާއެކު މުޅި ޖުމްލަ 68،706 މީހުން ރަޖިސްޓަރީ ކުރެވިފައިވާ މާލޭ (މާލެ، ހުޅުމާލެ، ވިލިމާލެ) ގެ އާބާދީއަށް ވުރެ ވެސް 1،027 މީހުން އިތުރު އާބާދީއެކެވެ. ޖުމްލަ 34،075 މީހުން ރަޖިސްޓަރީ ކުރެވިފައިވާ އައްޑޫ ސިޓީގެ އާބާދީއަށް ވުރެ 35،658 މީހުން އިތުރު އާބާދީއެކެވެ.

ބޮޑު ކުލި ދެއްކުމުން ސަލާމަތްވޭތޯ މާލޭ ދަފުތަރުގައި ޖެހިފައި ތިބި އަޅުގަނޑުމެން ބޮޑުތިލަދުންމަތީގެ މީހުންނާއެކު ބޮޑުތިލަދުންމަތީގެ އާބާދީ އަކީ 70،000 އަށް ވުރެ ބޮޑު އާބާދީއެކެވެ. ވީމާ، މިހަރަކާތަކީ މުޅި ރާއްޖޭގެ އާބާދީގެ 18.20 އިންސައްތަ އަށްވުރެ ގިނަ ރައްޔިތުން ތަމްސީލުކުރާ ހަރަކާތެކެވެ. ޖުމްލަ 69,733 މީހުނަށް ވުރެ ގިނަ ދިވެހި ރައްޔިތުން ޝާމިލުވާ ހަރަކާތެކެވެ. އުތުރު ދަރުބާރަކީ މިހަރަކާތް ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ގޮތުން ބާއްވާ ދަރުބާރެވެ. މިހަރަކާތަކީ ބޮޑުތިލަދުންމަތީގެ ސިޓީ ކައުންސިލާއި، އަތޮޅުކައުންސިލުތަކާއި ރަށުކައުންސިލުތައް އެކުވެގެން އިންތިޒާމުކުރާ ވަރުގަދަ، ތާރީޚީ ހަރަކާތެކެވެ.

އުތުރު ދަރުބާރުގެ އަޑު

މި ދަރުބާރެއްގެ ވާހަކަ އިވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޚާއްޞަކޮށް ފައިބެ އަހަރު ފަހުކޮޅެވެ. އަޅުގަނޑުމެން އުތުރުގެ މީސްމީހުން ކޮފީބޯން އަރައިތިބެ ވެސް މިވާހަކަ ދައްކައެވެ. އަދި އުތުރުގެ ހަރު މީހުނާއި ޒުވާނުން ބައިވެރިވާ އެކިއެކި ސައްލާތަކާއި މަޝްވަރާތަކުގައި ވެސް މިވާހަކަ ދެކެވޭތީ އަޑު އަހަމެވެ. އުތުރުގެ ބައެއް ރަށްރަށު ކައުންސިލަރުންގެ ފަރާތުންވެސް މިވާހަކަ އަޅުގަނޑު އަޑުއަހަމެވެ. ބޮޑުތިލަދުންމަތީގެ ބައެއް ބައެއް މަޖިލިސް މެންބަރުން ދައްކަވާތީ ވެސް އަހަމެވެ. މި މެންބަރުން މީސްމީޑިއާގައި ވެސް މިވާހަކަ ހިއްސާ ކުރައްވައި ހައްދަވައެވެ. ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ ބައެއް ބޭބޭފުޅުން މިވާހަކަ ދައްކަވާ އުޅުއްވާތީ ދެކެމެވެ. ނޫސްތަކުގައި ވެސް އުތުރު ދަރުބާރުގެ ޚަބަރުތައް ގެނެސްދީފައި ވެއެވެ. މިއަހަރު ކުރީކޮޅު ބާއްވަން ރޭވިފައި އޮތް ދަރުބާރު މިހާރު ވަނީ ފަސްކުރެވިފައެވެ. ފަސްކުރެވުނީވެސް ރަނގަޅަކަށް ކަމުގައި އެނގިފައިވެއެވެ.

އަތޮޅުގެ ޤުދުރަތީ މުއްސަނދިކަމުގެ ޙަޤީޤީ ފައިދާ އަތޮޅަށް ހޯދުން

މި ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި، އުތުރު ދަރުބާރުގެ މަޤުޞަދަކީ އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ކަނޑައެޅޭ (ދެމެހެއްޓެނިވި) ތަރައްޤީގެ ލަނޑުދަނޑިތަކެއް ހާސިލުކުރުމަށްޓަކައި ސަރަހައްދީ ފެންވަރުގައި އިއްތިހާދުވެ އެއްބާރުލާ ގުޅުމެއް އުފެއްދުމެވެ. މިގުޅުމުގެ ފަރާތުން ހިންގާ ހަރަކާތްތައް އަމާޒުކުރެވޭނީ އަދު ބޮޑުތިލަދުންމައްޗަށް ދިމާވެފައިވާ އިޤުތިޞާދީ، އިޖުތިމާޢީ މައްސަލަތަކުން އަރައިގަތުމަށެވެ. އަތޮޅުގެ ޤުދުރަތީ މުއްސަނދިކަމުގެ ޙަޤީޤީ ފައިދާ އަތޮޅަށް ހޯދުމަށެވެ. ފަޅުވަމުންދާ ރަށްރަށް އަލުން ދިރުވުމަށެވެ. ވަށާޖެހޭ އިޤުތިޞާދީ ހަރަކާތްތަކަކުން އަތޮޅުގައި ވިޔާފާރި އާއި އުފެއްދުންތެރި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށެވެ. އިޖުތިމާޢީ ގޮތުން ބަދަހި އަތޮޅެއްކަމުގައި އަލުން ވުމަށެވެ. ބޮޑު މާލެއަށް ބަރޯސާވުން ކުޑަކުރުމަށެވެ. ވަޒީފާ އާއި އަސާސީ ޚިދުމަތްތަކަށް މާލެއަށް ހިޖުރަކުރަން ޖެހޭ ސަބަބުތައް ނަފީކުރުމަށެވެ. އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އަތޮޅަކަށް ބޮޑުތިލަދުންމަތި އަލުން ހެދުމަށެވެ. އިހުގެ މުއްސަނދިކަމާއި، އުފާވެރި ދިރިއުޅުމާއި، ފާގަތިކަމާއި ހަމަޖެހުން އަލުން ހޯދައިގަތުމަށެވެ. މިކަމަށް ޓަކައި އެކުލަވާލަން ޖެހޭ ޢިލްމީ ކަރުދާސް ތަކާއި ދިރާސާތައް މިހާރުވެސް އަންނަނީ ވަރަށް ފޯރިޔާއި ޖޯޝުގައި ކުރެވެމުން ކަމުގައި މަޢުލޫމާތު ލިބެއެވެ.

ބޮޑުތިލަދުންމައްޗަކީ ކޮބާ؟

ތާރީޚީ ގޮތުން ބަލާއިރު، ބޮޑުތިލަދުންމައްޗަކީ ތުރާކުނު އުތުރު ބޭރުން ފެށިގެން ވައިކަރަމުރައިދޫގެ ދެކުނުން އޮންނަ "ބޮޑު ތިލަ" ނިމޭ ތަނާ ހަމައަށް އެކުލެވިގެންވާ ސަރަހައްދާއި މާމަކުނުދޫގެ ޤުދުރަތީ އަތޮޅެވެ. ޖޯގުރަފީގެ ގޮތުން ބަލާއިރު ދުނިޔޭގެ ސަތަހައިގައިވާ އެންމެ ބޮޑު ޤުދުރަތީ އަތޮޅުކަމުގައިވާ ބޮޑުތިލަދުންމަތި އަތޮޅަކީ ޤުދުރަތީ ތިލަދުންމައްޗާއި މިލަދުންމަޑުލު އޮންނަ ޤުދުރަތީ އަތޮޅެވެ. އެތައް 100 އަހަރެއް ވާންދެން އިދާރީ އެއް އަތޮޅެއްގެ ގޮތުގައި ބޮޑުތިލަދުންމަތި (އިދާރީ ބޮޑުތިލަދުންމަތި) ހިނގަމުން ދިޔައީ ދިވެހިރާއްޖެގައި އެންމެ ގިނަ މީހުން ވަޒަންވެރިވެ ދިރިއުޅޭ އަތޮޅުގެ ގޮތުގައެވެ. އެންމެ އާބާދީ ބޮޑު އަތޮޅުގެ ގޮތުގައެވެ.

ބޮޑުތިލަދުންމައްޗަކީ ތުރާކުނު އުތުރު ބޭރުން ފެށިގެން ވައިކަރަމުރައިދޫގެ ދެކުނުން އޮންނަ "ބޮޑު ތިލަ" ނިމޭ ތަނާ ހަމައަށް އެކުލެވިގެންވާ ސަރަހައްދާއި މާމަކުނުދޫގެ ޤުދުރަތީ އަތޮޅު

ދިރިއުޅުމާއި، ރަށްވެހިކަމާއި، މަސައްކަތްތެރިކަމާއި، ވިޔާފާރި އާއި އިޤުތިޞާދީ ހަރަކާތްތައް އެންމެ ބޮޑު އަތޮޅުގެ ގޮތުގައެވެ. ބައިނަލްއަޤުވާމީ ވިޔާފާރި އާއި ދަތުރުފަތުރާ އެންމެ ބޮޑަށް ގުޅިލާމެހިފައިވާ އަތޮޅުގެ ގޮތުގައެވެ. ދުނިޔޭގެ ވިޔާފާރި އާއި ދަތުރުފަތުރުގެ އެންމެ ޤަދީމީ އަދި އެންމެ މައި އެއް މަގުގެ މަތީގައި އޮތް އަތޮޅުގެ ގޮތުގައެވެ. އިޖުތިމާޢީ، އިޤުތިޞާދީ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު އެންމެ ފުޅާ އަތޮޅުގެ ގޮތުގައެވެ. ދައުލަތަށް ދައްކާ ވާރު އެންމެ ގިނައިން ދައްކާ އަތޮޅުގެ ގޮތުގައެވެ. ދައުލަތުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އަތޮޅުގެ ގޮތުގައެވެ. ސަގާފީ ގޮތުންނާއި، ޤައުމީ ގޮތުންނާއި  ތާރީޚީ ގޮތުންގެ އެއްވަނަ އަތޮޅުގެ ގޮތުގައެވެ. ތަޢުލީމާއި، ތަހުޒީބާއި ޙަޟާރަތުގެ ގޮތުން އެންމެ އުޖާލާ އަތޮޅުގެ ގޮތުގައެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން މިވަނީ އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވަރަށް ނިކަމެތި ހާލެއްގައެވެ.

އަތޮޅުގެ ޤުދުރަތީ މުއްސަނދިކަމުން ރައްޔިތުން މަޙްރޫމުވެފައި

ބޮޑުތިލަދުންމައްޗަށް ދިމާވެފައިވާ މައްސަލަ އަކީ ރާއްޖޭގެ އެހެން އަތޮޅުއަތޮޅަށް ވެސް ދިމާވެފައިވާ މައްސަލައެވެ. ދިވެހިރާއްޖޭގެ ޠަބީޢަތާއި ބޮޑުމާލޭގެ ޠަބީޢަތާ ނުގުޅޭ ގޮތެއްގައި ބޮޑުމާލެއަށް ދިވެހިރައްޔިތުން ޖަމާކުރުމުގެ ސިޔާސަތެވެ. އަތޮޅުގައި އިޤުތިޞާދީ ހަރަކާތްތައް މަދުކޮށްފައި ވަޒީފާގެ ފުރުސަތުތައް ހޯދަން ބޮޑުމާލެއަށް އަންނަން ޖެހޭ ސިޔާސަތެވެ. ތަޢުލީމާއި ސިއްޙީ ފަރުވާއަށް ބޮޑުމާލެއަށް އަންނަންޖެހޭ ސިޔާސަތެވެ. ދައުލަތުގެ ބަޖެޓު ބޮޑުމާލެއަށް އޮއްސާލުމުގެ ސިޔާސަތެވެ. އަތޮޅުގެ ޤުދުރަތީ މުއްސަނދިކަމުން ރައްޔިތުން މަޙްރޫމުކުރުމުގެ މައްސަލައެވެ. ދިރިއުޅޭ އަމިއްލަ ގޯތިގެދޮރު ފަޅުކޮށްފައި ބޮޑުމާލޭގައި ކުލިދައްކައިގެން އުޅެންޖެހޭ ނިކަމެތި ދިރިއުޅުމުގެ ސިޔާސަތެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އުތުރުގެ ތިން އަތޮޅުގެ މީހުން އަތޮޅުން ބޭރުގައި އުޅޭ ނިސްބަތަކީ 27.86 އިންސައްތަ އެވެ. އެއީ 17,062 މީހުންނެވެ. މިއަދަދު މިހާރު މިއަށް ވުރެވެސް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. އަދި މީގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ ބޮޑުމާލޭގައި ކުލިދައްކައިގެން ކުލީގެ ހާސްކަމުގެ ތެރޭގައި ނިކަމެތި ދިރިއުޅުމެއްގައެވެ.

ދިވެހި ދައުލަތުގެ 2020 ވަނަ އަހަރުގެ ޕްރޮޕޯސްޑް ބަޖެޓުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން ދިވެހިރާއްޖޭގެ ބޮލަކަށް ޖެހޭ މިންވަރު މާލޭގެ ރަށްވެއްސެއްގެ ބޮލަށް ޖެހޭ އަދަދު 82 އިންސައްތަ އިތުރެވެ. މިބަޖެޓުން ބޮޑުތިލަދުންމަތީގެ ބޮލަކަށް ޖެހޭ ވަރު އެންމެ އިންސައްތައެއް ވެސް އިތުރުނުވާއިރު 52 އިންސައްތަ ވަނީ މަދެވެ. މިއީ ދައުލަތުގެ ބަޖެޓުން ފެންނާން ހުރި ޙަޤީޤަތެވެ. އަޅުގަނޑުމެންގެ ލޮލަށް ފެނި އަތުން ހިފާ ހެކިތަކެވެ.

އަޅުގަނޑުމެންގެ އަތުން ނެގޭ ޓެކްސް ފައިސާ އާއި އަޅުގަނޑުމެންގެ ބޮލުގައި އެޅޭ ދަރަނީގެ ބަދަލުގައި ޖުމްލަ ގޮތެއްގައި މުޅި ބަޖެޓާއި ސިޔާސަތު ފެންނަނީ މިކަހަލަ ގޮތަކަށެވެ.

ބޭނުންވަނީ ޒިންމާދާރު ސިޔާސަތެއް

ބޮޑުތިލަދުންމަތި މިއަދު ބޭނުންވަނީ ޒިންމާދާރު ސިޔާސަތެކެވެ. އަޅުގަނޑު ދެކޭގޮތުގައި ޤުދުރަތީ ވަސީލަތްތައް ވެސް އެންމެ ބޮޑީ ބޮޑުތިލަދުންމަތީގައެވެ. އަދުގެ ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުގެ ތެރެއިން ލިބެން ހުރި އެއްޗެއްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފާން ތިބި ބަޔަކީ ހަމަ އަޅުގަނޑުމެންނެވެ. ދެމެހެއްޓެނިވި ސަރަހައްދީ ތަރައްޤީގެ ވިސްނުމަކުން އަޅުގަނޑުމެން ވިސްނައި، އެއްބަސްވެވޭ ލަނޑުދަނޑިތަކެއް ހާސިލުކުރާން، އިޤުރާރުވެވޭ ގޮތެއްގައި ކުރިއަށް ދިޔުމަކީ އުތުރު ދަރުބާރު އިންތިޒާމުކުރެވޭ ސަބަބެވެ.

ﷲ ގެ ވާގިފުޅާއެކު އުތުރު ދަރުބާރު ބޭއްވި، ބޮޑުތިލަދުންމަތީ ރައްޔިތުން އެދޭ ތަޞައްވަރު ހޯދޭނެއެވެ. ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖެއްސޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
10921
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ޗާޓަށް ބަލާއިރު ނޫނު އަތޮޅުވެސް އޮންނަނީ އެއްއަތޮޅެއްގެ ގޮތުގަ
    ދެންކީއްވެތޯ ނޫނު އަތޮޅު ބޮޑުތިލަދުންމައްތީގަ ނުހިމެނެނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *