Support Us

ސައީދުގެ ތުލަ ކޮލަމް

ޒުވާނުން ބޭނުންވަނީ ހުނަރު އިތުރަށް ތަރައްގީ ކުރެވޭނެ ގޮތްތަކެކެވެ.

ރާއްޖެއަކީ ޒުވާން އާބާދީއެއް އޮތް ޤައުމެކެވެ. ސަރަޙައްދުގެ ޤައުމުތަކާ އަޅާބަލާއިރު، ގިނަގުނަ ކާމިޔާބީތައް ވަނީ ހާސިލް ކުރެވިފައެވެ. ތަޢުލީމީ ގޮތުން ބަލާނަމަ، ކޮންމެ ކުއްޖަކަށްވެސް އުނގެނުމުގެ ޙައްޤު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވެއެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ފަށާ ތަޢުލީމާއި މެދު މަދަރުސީ ތަޢުލީމު ދައުލަތުން ހިލޭ ފޯރުކޮށްދޭންޖެހޭނެ ކަމަށްވެސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އުފާކުރަންޖެހޭ ކަމަކީ، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ ފުޅާކޮށް، ތަޢުލީމު ދިނުމުގެ ކަންތައްތައް ރާއްޖޭގައި ފަހިވެފައިވާކަމެވެ. އެއީ ފެންނަން އޮތް ޙަޤީޤަތެކެވެ.

ފާއިތުވީ ދިގު މާޒީއަށް ބަލާއިރު ރާއްޖޭގެ ސްކޫލްތަކުން، ސާނަވީ އިމްތިޙާނު ނިންމައި ގިނަ ޢަދަދެއްގެ ދަރިވަރުން ސްކޫލް ހަޔާތް ނިންމާލައެވެ. މި ދެންނެވި ދަރިވަރުންގެ ތެރެއިން، ގިނަ ޢަދަދެއްގެ ދަރިވަރުންގެ ނަތީޖާއާ މެދު، މާޔޫސްވާން ޖެހެއެވެ.

ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން މަދު ޢަދަދެއްގެ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް، އެކުދިންނަށާއި އެކުދިން ނިސްބަތްވި ސްކޫލްތަކަށް އިނާމުދޭއިރު، ސާނަވީ އިމްތިޙާނުގައި އެދެވޭ ނަތީޖާ ނުހޯދޭ ދަރިވަރުންނަށް ކޮށްދޭނެ މާ ބޮޑު ކަމެއް ވިސްނާލެވިފައެއް ނެތެވެ.

ސާނަވީ އިމްތިޙާނާއި މަތީ ސާނަވީ އިމްތިޙާނު ނިންމާ ދަރިވަރުންގެ ތެރެއިން ކާމިޔާބު ހޯދާ ދަރިވަރުންނާއި އެދަރިވަރުން ނިސްބަތްވާ ސްކޫލްތަކަށް އިނާމު ދިނުމަށް ކުލަގަދަ ޖަލްސާތައް ބާއްވާތީ، ސްކޫލްތަކުގެ އަމާޒު ކޮންމެވެސް މިންވަރަކަށް އަމާޒުކުރެވިފައި ވަނީ މަތީ ނަތީޖާއަށެވެ. މިދެންނެވި ނަޒަރިއްޔާތުން، ރަނގަޅު ނަތީޖާ ޙާސިލްނުކުރެވިދާނެ ދަރިވަރުން، އެކަހެރި ކުރެވި، މާބޮޑު އަޅާލުމެއް ދެވޭތަނެއް ނުފެނެއެވެ.

ތަޢުލީމީ ގޮތުން، ހުރިހާ ދަރިވަރުންނަކީ އެއް ހަމައަކުން އުނގެނެވިދާނެ ދަރިވަރުންކަމުގައި ބަލައިގެން ނުވާނެއެވެ. ކޮންމެ ދަރިވަރަކީ ތަފާތު ދަރިވަރެކެވެ. އެހެންނަމަވެސް، ކޮންމެ ކުއްޖަކީވެސް ހުނަރެއް ހުރި ކުއްޖެއް ކަމުގައި ވާނެތީ، އެ ކުއްޖެއްގެ ހުރި ހުނަރެއް އިތުރަށް ތަރައްޤީކޮށްދިނުމަކީ ސްކޫލްތަކުގެ ޒިންމާކަމުގައި ބަލަންޖެހެއެވެ.

ދަރިވަރުންނަކީ ކާމިޔާބުކަމާއެކު މަދްރަސީ ޙަޔާތް ނިންމާ ކުދިން ކަމުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ފާއިތުވީ ދުވަސްތަކުގައި ކުރެވިފައެވެ. އޭގެ ތެރޭގައި، ކުރިން ހުރި ޕްރައިމަރީއާއި ސެކަންޑަރީ ވަކި ސްކޫލްތައް އެއްކޮށްލައި، ކޮންމެ ސްކޫލަކީވެސް ގްރޭޑް 1 އިން 10 އަށް ކިޔަވަދޭ ސްކޫލްތަކުގެ ގޮތުގައި ކަނޑައެޅުނެވެ. މައިގަނޑު ސަބަބެއް ކަމަށް އަޅުގަނޑަށް ވިސްނެނީ، ދަރިވަރުންގެ ކުރިއެރުމަށް ކޮންމެވެސް އެއް ސްކޫލަކުން ޒިންމާވުމެވެ.

ނިޒާމީ ގޮތެއްގައި ތަޢުލީމު ދެވެމުން އައިނަމަވެސް، ތަޢުލީމީ ދާއިރާއަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ، 2015 ވަނަ އަހަރު އަލަށް އެކުލަވާލެވުނު މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖެވެ. އައު މަންހަޖު އެކުލަވާލެވިފައިވަނީ ގިނަ ބައެއްގެ މަޝްވަރާއާއެކު، ތަޢުލީމީ ހުނަރުވެރި ދަރިވަރެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސާފުކޮށް ބަޔާންކުރާ ގޮތަށެވެ.

ނަމަވެސް، ޤައުމީ މަންހަޖު ފުރިހަމައަށް ތަންފީޒުކުރުމުގައި އަދިވެސް ބޮޑެތި ގޮންޖެހުން ހުރިކަމަށް އެއްބަސްވާން ޖެހެއެވެ. މަންހަޖު ތަޢާރަފް ކުރުމުގައި، އެކަށީގެންވާ މިންވަރުގެ ތަމްރީނު ނުދެވުމާއި، އެކަމާ ގުޅިގެން ދޭންޖެހޭ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ނުދެވުމަކީ ދިމާވި އެއްމެ ބޮޑު ދައްޗެވެ.

ދެހާސް ފަނަރަ ވަނަ އަހަރު އެކުލަވާލެވުނު މަދަރުސީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ތަސައްވުރަކީ "ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކުރުމެ"ވެ. ތަޢުލީމާއި ހުނަރު އެއް ހަމައެއްގައި ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމެވެ.

ތަޢުލީމީ ގޮތުން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދެވޭ ދަރިވަރުން، އެ ދަރިވަރެއްގެ ކިބައިގައި ހުރި ހުނަރަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، އަލަށް އެކުލަވާލެވުނު ޤައުމީ މަންހަޖުގައި ސަމާލުކަންދީފައިވެއެވެ. އެގޮތުން މަސައްކަތްތެރިކަމާއި ހުނަރުގެ ބައި ސާނަވީ މަރްޙަލާގައި ތަޢާރަފްކުރާ ގޮތަށް ބައްޓަން ކުރެވިފައިވެއެވެ.

ޤައުމީ މަންހަޖުގެ ތެރެއިން ނޫނަސް، ހުނަރުވެރި ދަރިވަރުން އުފެއްދުމަށް، ޓިވެޓް ޕްރޮގްރާމާއި ދަސްވާރު ޕްރޮގްރާމުގެ ނަމުގައިވެސް ޕްރޮގްރާމްތައް ހިންގަމުން ގެންގޮސްފައިވެއެވެ.

ނިޒާމީ ގޮތެއްގައި، މަންހަޖުގެ ބޭރުން ހިންގުނު ޕްރޮގްރާމްތައް ތަފާތު ސަބަބުތަކާ ހުރެ ހުއްޓާލަން ޖެހިފައިވެއެވެ.

މަދަރުސީ ތަޢުލީމުގެ ތެރެއިން މަސައްކަތްތެރިކަމުގެ ތަޢުލީމަށް މާބޮޑު ސަމާލުކަމެއް ދެވިފައިނުވާތީ، ނުވަތަ ނިޒާމީ ގޮތެއްގައި މި މަސައްކަތް ނުކުރެވޭތީ، ސްކޫލް ތަޢުލީމަށްފަހު ކޮންމެ ދަރިވަރަކުވެސް ބަލަނީ އޮފީހެއްގެ ވަޒީފާއަކަށެވެ. ނަތީޖާއަކަށް ވަނީ، ގިނަ ޢަދަދެއްގެ މަސައްކަތްތެރިން ބޭރުން އެތެރެކުރަން ޖެހުމެވެ.

ގިނަ ޢަދަދެއްގެ މަސައްކަތްތެރިން ބޭރުން އެތެރެކުރަން ޖެހުމުން، ރާއްޖެއަށް ދިމާވާ އިޤްތިސާދީ ގޮންޖެހުންތަކުގެ ވާހަކަ މީގެ ކުރިން ބައެއް ބޭފުޅުން ވަރަށް އަޑުހަރުކޮށް ވިދާޅުވަމުން ގެންދަވާފައިވެއެވެ. މިއީ މާބޮޑު ސަމާލުކަމެއް ދެވުނު ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް، ބިދޭސީ މަސައްކަތްތެރިންގެ މުޒާހަރާތައް ގިނަވުމާއެކު، މިއީ ރާއްޖޭގެ ސިޔާސަތަށް އަސަރުކޮށްފާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކަށް ޤަބޫލުކުރެވޭ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން މަޝްވަރާކުރުން ފިޔަވައި، ކުރާނެ އިތުރުކަމެއް އަދި އަޅުގަނޑުމެންނާ ހަމައަށް ތިލައެއްނުވެއެވެ.

ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ އަވަސް ފުރުސަތެއްގެ ތެރޭގައި ޙައްލު ކުރެވިދާނެ ކަމަކަށް ނުފެނެއެވެ. އެކަމަށް ވަގުތު ބޭނުންވާނެއެވެ. ސަބަބަކީ އެ މީހުންގެ އަދަދު ގިނަވުމާއި އެކަމުގެ އޮޅުން ބޮޅުން ބޮޑުވުމާއި، އެކަމުގައި އަޅަންޖެހޭ ފިޔަވަޅު ހަރުކަށިވުމެވެ.

ހއ. ދިއްދޫ ޒުވާނުންތަކެއް ނެށުމުގެ އައިޓަމެއް ހުށަހަޅައިދެނީ: ޒުވާނުންނަށް ތަމްރީނުގެ ފުރުސަތުތައް އިތުރުވާންޖެހޭ. -އަދިވެސް ފޮޓޯ: ސިނާން

ސާނަވީ ތަޢުލީމު ނިންމާ ކޮންމެ އަހަރަކުވެސް ދެ ހާހެއްހާ ކުދިން ސްކޫލްތަކާ އަލްވަދާޢު ކިޔައެވެ. މީގެ ތެރެއިން، މަދު ޢަދަދެއްގެ ދަރިވަރުން މަތީ ސާނަވީ މަރްޙަލާގައި ކިޔަވައެވެ. އެހެން ނަމަވެސް، ގިނަ ޢަދަދެއްގެ ދަރިވަރުން ކުރާނެ އިތުރުކަމެއް ނެތި، ހަވާސާގައި އުޅެންޖެހެއެވެ. މީގެ ސަބަބުން، ދައުލަތަށް އިތުރު ބުރައެއް އުފުލަންޖެހުމާއި، އެ ދަރިވަރުން ނިސްބަތްވާ ޢާއިލާއަށް އިންތިހާއަށް ހިތާމަތައް ކުރިމަތިވެއެވެ.

ރާއްޖޭގެ އިޤްތިސާދު ހަރުދަނާވެ، ވަޒީފާގެ ބާޒާރުން އުފެދޭ ކޮންމެ ވަޒީފާއަކީ ދިވެއްސެއްގެ ޙައްޤެކެވެ. މި ޙައްޤު އެފަރާތަށް ލިބިދެވޭނީ އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކުން މިކަމުގައި އަވަސް ފިޔަވަޅުތައް އަޅައިގެނެވެ.

ސްކޫލް ފެންވަރުގައި، މަސައްކަތާއި ހުނަރުގެ ތަޖުރިބާ ލިބިދެވޭނެ އިންތިޒާމެއް ނިޒާމީގޮތެއްގައި ހަމަޖައްސައިދޭން ޖެހެއެވެ. ދަރިވަރެއްގެ ހުނަރު އިތުރަށް ތަރައްޤީކުރާނެ ފުރުސަތުތައް ލިބިދެވެން ޖެހެއެވެ. ޕޮލިޓެކްނިކާއި، ސްކޫލްތަކާ ދެމެދު މިހާރު އޮތް ރާސްތާ އިތުރަށް ކުރުކުރަންޖެހެއެވެ. ވަޒިފާދޭ ފަރާތްތަކާއި ޕޮލިޓެކްނިކާއި ސްކޫލާ މަޝްވަރާކުރެވޭނެ ގޮތްތަކެއް ކަނޑައަޅާފައި އޮންނަންޖެހެއެވެ. މަދަރުސީ ތަޢުލީމަށްފަހު، ވަޒީފާ އަދާކުރާ ދަރިވަރުންނާއި މަތީ ތަޢުލީމު ހޯދާ ދަރިވަރުންގެ ރެކޯޑް ބަލަހައްޓައި، ދަރިވަރުން ގޯޅި އެޅުމުގެ ކުރިން ހަމަ މަގަށް އަޅުވަންޖެހެއެވެ.

ޒުވާނުންގެ ތެރެއިން އަމިއްލަ މަސައްތަކެއް ފަށަން ބޭނުންވާ ހުނަރުވެރި ޒުވާނުންނަށް، މަސައްކަތް ފެށޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެހިފައި އޮންނަންޖެހެއެވެ. މިކަމުގައި މާލީ އިދާރާތަކުން މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދޭންޖެހެއެވެ. އަމިއްލަ މަސައްކަތެއް ފަށާ ޒުވާނުންނަށް މަގު ދައްކާނެ ތަޖުރިބާކާރު އާރުކާޓީން ބޭނުންވެއެވެ. މި އާރުކާޓީންގެ މައިގަނޑު ކަމަކީ އަލަށް މަސައްކަތް ފަށާ ޒުވާނުންގެ އިނގިލި ކުރީގައި ހިފައިގެން ކާމިޔާބުގެ އައްސޭރިއަށް ގެންދިއުމެވެ.

ދިވެހި ޒުވާނުންނަކީ ހުނަރުވެރި ބައެކެވެ. ޒުވާނުން ބޭނުންވަނީ އެ ހުނަރު އިތުރަށް ތަރައްގީ ކުރެވޭނެ ގޮތެކެވެ. މި ގޮތް ހަމަނުޖައްސައިދީ ހޭދަވާ ކޮންމެ ދުވަހަކީ ބިދޭސީ މަސައްކަތްތެރިން އިތުރުވާނެ ދުވަހެކެވެ. ދެން ނުކުންނާނީ އަނެއްކާވެސް ތަފާތު މައްސަލަތަކެވެ. އޭރުންވެސް ޓީވީ ޕްރޮގްރާމްތަކާއި، ޕްރެސް ކޮންފަރެންސްތައް ބާއްވާނެއެވެ. އެއް ބަޔަކު އަނެއް ބައެއްގެ ވާހަކަ ދައްކާނެއެވެ. މައްސަލަ އޮންނާނީ އޮތް ތަނުގައެވެ. ދިވެހި ޒުވާނުން ތިބެންޖެހޭނީ ހަދާނެގޮތް ހުސްވެފައެވެ. އެމީހުންނާ އަޅާލާނެ މީހަކު ނެތިފައެވެ.