Support Us

ކުޑަގޮޅި: ހަމަ އެ ވާހަކަ- އަދިވެސް ކިޔައިލަން ބޭނުންތަ؟

ނޯޓް:

"ކުޑަގޮޅި" މިއީ 19 ޖަނަވަރީ 1997 ވީ އާދިއްތަ ދުވަހު ހަވީރު ނޫހުގައި މުހައްމަދު ޝަހީބު ލިއުއްވާފައިވާ ވާހަކައެކެވެ. އޭގެ ފަހުން މިއަދަށް ބަރާބަރު 25 އަހަރު ވީއެވެ. މިއީ އިންޑިއާގައި ހިނގައިފައިވާ ހާދިސާއެއް ކަމަށް ކަނޑައެޅިގެން ބުނެ ޝަހީބު ލިއުއްވާފައިވާ ޚިޔާލީ ވާހަކައެއް ނަމަވެސް، ރާއްޖޭގައި ހިނގައިފައިވާ ހަގީގީ ހާދިސާއެއް ކަމަށް ދިވެހި ސަރުކާރުގެ އެންމެ އިސް ފަރާތްތަކުން ގަބޫލްކޮށްގެން، ޝަހީބު ހައްޔަރުކޮށް ވަނީ އަދަބު ދީފައެވެ. ރޯދަ މަހެއްގެ 17 ދުވަހު ފުލުހުންގެ ކުޑަގޮޅިއެއްގައި ހައްޔަރުކޮށްގެން ގެންގުޅުނެވެ. އަދި ގޭބަންދާއެކު، ފުލުހުންގެ ބަންދުގައި ޖުމްލަ 45 ދުވަހު ބަހައްޓައިފައިވެއެވެ. މައްސަލަ ޝަރީއަތަށްވެސް ފޮނުވިއެވެ.

މިއީ މީގެ 25 އަހަރު ކުރިން ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތައް އޮތް މިންވަރެވެ.

ދިވެހި ނޫސްވެރިކަމުގައި މުޅީން ތަފާތު ރަހަތަކެއް ގެނެސްދެއްވި ތަޖުރިބާކާރު ލިއުންތެރިޔާ ޝަހީބު، ނޫސްވެރިކަމުގައި ހޭދަކުރެއްވި 30 އަހަރުގެ ތެރޭގައި ހަވީރު އޮންލައިންގެ އެޑިޓަރުކަމާއި ހުވާސް މަޖައްލާގެ އެޑިޓަރުކަން ވެސް ކުރެއްވިއެވެ. މިހާރު އޭނާ އަކީ "އަދިވެސް" އޮންލައިންގެ ސީ.އީ.އޯ އަދި އެޑިޓަރ އިންޗީފެވެ.

"ކުޑަގޮޅި" ވާހަކަ "އަދިވެސް"ގައި މިއަދު ގެނެސްދިނުމުގެ އެއް ބޭނުމަކީ ނޫސްވެރިއަކު ހައްޔަރުކޮށްގެން އަނިޔާދިން އެ ވާހަކަ، 25 އަހަރު ފަހުން ކިޔައިލައި، އޭރުގެ ހާލަތު ވަޒަންކޮށްލުމަށް މިއަދުގެ ނޫސްވެރީންނަށާއި އާންމުކޮށް އެންމެނަށް ފުރުސަތު ތަނަވަސްކޮށްލަދިނުމެވެ. އަނެއް ބޭނުމަކީ އެއްވެސް ވެބްސައިޓެއްގައި މި ވާހަކަ އޮންލައިންކޮށް މީގެ ކުރިން ޝާއިއުކޮށްފައި ނުވާތީ، މިފަދަ ވާހަކައެއް ކިޔައިލަން ބޭނުންވެދާނެ އަދުގެ ނޫސްވެރިންނަށާއި ދަރިވަރުންނަށް ވެސް ފަސޭހައިން ބަލައިލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމެވެ.

"ކުޑަގޮޅި" ވާހަކައާ ބެހޭގޮތުން މީގެ ކުރިން ނުދައްކާ ހުރި އެތައް ވާހަކައެއް ހިމެނޭ ގޮތުން ޝަހީބު ލިއުއްވާފައިވާ ރިޕޯޓެއް ވެސް މިއަދު ޝާއިއުކޮށްފައިވާނެއެވެ.

-ޝުކުރިއްޔާ!

ޖެހެމުންދާ ގަދަވަޔާއެކު، ވެހެމުންދާ ވާރޭގެ ސަބަބުން އަހަރެން އިން ގޮޅި ވަނީ ދިޔަބޮޑުވެފައެވެ. ނިދަންއޮތް ގޮދަޑިގަނޑު ބިސްކޯދެއްހެން ފޯވެފައި އޮތްނަމަވެސް، އަހަރެން އިންނަން މި ޖެހެނީ އެ ގޮދަޑިގަނޑުގެ މަތީގައެވެ. ހީކަރުވައިގަނެގެން ތުރުތުރު އެޅިނަމަވެސް އަހަރެން ހިތްވަރުކޮށްގެން އިނީއެވެ. ދުޢާކޮށްލަ ކޮށްލައެވެ. އަހަރެން އެހީއަށް އެދޭނެ އެހެން އެއްވެސް ފަރާތެއްނެތެވެ. ﷲ ފިޔަވައެވެ. އެކަމަކު ދެރަކަމަކީ މިއީއެވެ. އެކަލާނގެ ރަސްކަންފުޅު މަތިން ހަނދުމަވަނީ ޙާލުގައިޖެހުމުން ކަމަށް ވާތީއެވެ. އިއްޔެ އެންމެންވެސް އަހަރެން ކައިރީގައި ތިއްބެއެވެ. ކުރާ ކޮންމެ ކަމަކަށް ހިތްވަރުދޭށެވެ. ތިކަން ނުކުރާށޭ ބުނި ހަމަ އެންމެ މީހަކުވެސް ނެތެވެ. އަދި ކޮބައިހެއްޔެވެ؟ އެންމެންވެސް ދިނީ ހިތްވަރެވެ.

ގަޑިން މެންދަމު އަލިވެ ދޭއް ޖަހައިފިކަން ކަށަވަރުވީ ފޯރި ބަދަލުވެގެން މީހުންތައް ހެލިފެލިވާން ފެށުމުންނެވެ. ވާރޭ ތުނިކޮށްލި ވަގުތު، ތަޅުންގަނޑުމަތީގައި ބަރުބޫޓުތަކުން ފިޔަވަޅުއަޅާ އަޑު އިވެންފެށިއެވެ. އަހަރެން އަނެއްކާވެސް ހީކަރުވަން ފަށައިފިއެވެ. ބިރުވެސް ގަންނަންފަށައިފިއެވެ. އެ އަންނަނީ މިތަނަށެވެ. އަހަރެން ކައިރިއަށެވެ. ރޭވެސް، އަހަރެން އިންކާރުކުރުމުން ބޫޓުން ބަނޑުގައި ޖެހިތަނުން އަދިވެސް މިއުޅެނީ ތަދުކަނޑައިގެންވެސް ނުގޮހެވެ. ތަދުވާވަރުން ކޮޅަށް ތެދުވާކަށްވެސް ނުކެރެއެވެ. އެމީހުން ހީކުރަނީއެވެ. މިކަހަލަ މައްސަލައެއްގައި އަހަރެން މިތަނަށް ގެނައުމުން އެމީހުންގެ ތުންފުއްސަކަށް ހަދާލާނަމެވެ. އެހެނެއް ނުވާނެއެވެ. އަހަރެންގެ ރުހުމަކައިނުލައި، އަހަރެންގެ ގައިގެން އިސްތައްޓެއްގައިވެސް ބީހިލާކަށް އެކަކަށްވެސް ނުކެރޭނެއެވެ.

އެމީހާގަނޑު ކުރީރޭ ފުރަތަމަ އުޅުނީ ހައްލާލައިގެން ފާޑެއްގެ ބޭހެއް އަހަރެންނަށް ކާންދޭށެވެ. އެކަމަކު، އަހަރެންނަކީ އެއްވެސް ބައްޔެއްވެގެން އުޅޭ މީހެއް ނޫން ކަމުން ފުރަތަމައިންވެސް އިންކާރުކުރީމެވެ.

"ހާދަ އެކަނިވެރިވެފައި ތިއިންނަނީ؟ ހިނގާ ފޫހިފިލުވަމާ! މިތަނުންވަރަށް މަޖާވާނެ،" އެމީހާ ބުންޏެވެ. އޭނާ ކީ އެއްޗެއް އޮޅުންފިލި ނަމަވެސް އަހަރެން އަނގައިން ނުބުނެ އިނީއެވެ. އެމީހާގެ ކޮނޑުމަތި ބަލައިލުމުން އެއީ އާދައިގެ މީހެއް ނޫންކަން އެނގެއެވެ. އަދި މޫނުމަތި ފެނުމުން އޯގާތެރިކަމެއް ނުހުންނާނެކަންވެސް އެނގެއެވެ.

"އަން. މިބޭސްގުޅަ ކާލާ. އޭރުން ތިކަން ރަނގަޅުވެދާނެ. ތިހެން ބޯގޮވާފައި އިންނާކަށްނުވާނެ،" އޭނާ ވާހަކަ ދައްކަމުން ދިޔައެވެ. އެކަމަކު އަހަރެން ޖަވާބެއް ދޭން ބޭނުން ނެތުމުން ދެންވެސް އިނީއެވެ. އެންމެފަހުން އޭނާ އުޑަފައިން އިށީނދެއްޖެއެވެ. އަދި އަހަރެންގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވަން މަސައްކަތްކުރިއެވެ.

"ޚަބަރުދާރު! ގައިގައި އަތްނުލާތި! އަހަރެންމީ އަންހެނަކަސް ކަލޭމެން ހިތުހުރިހާ ގޮތަކަށް ނެހެދޭނެ. އަހަރެން މިތަނަށް ގެނައީ ކުށެއް ސާބިތުވެގެން ޙުކުމްތަންފީޒު ކުރާކަށް ނޫން. ނޫނީ ކަލޭމެން ހީފިލުވާ ރަޖާގަނޑަކަށް ހަދާކަށްވެސްނޫން. ކަލޭމެންގެ ވާހަކައަކީ އަހަރެމެން ވަރަށް ރަނގަޅަށް ދަންނަ މަޝްހޫރު ވާހަކައެއް. ޒުވާން އަންހެން ކުއްޖަކު ފެންނައިރަށް ކަލޭމެން ތިތިބެނީ ތަލިން ކުޅުހިކިފައި. ގޮތެއްފޮތެއް ނުހުރޭ. އެއީ ކޮން ދީނެއްގެ ކޮން ނަސްލެއްގެ ކުއްޖެއް ކަމެއް ބަލައެއްނުލާ. އަހަރެމެންނަކީ ތިފާޑަށް އުޅޭ ބައެއްނޫނޭ. ހީނުކުރާތި އަހަރެމެންގެ ފުށުން އެއްވެސް ކަމެއް ޙާސިލުވެދާނެއޭ،" އަހަރެން ހިތުތެރޭގައި ހުރި ހުރިހާ އުދާހެއް އެއްފަހަރާ ބޭރުކޮށްލީމެވެ. ނޭވަޔަކަށްވެސް ހުއްޓާނުލައެވެ.

އަހަރެންގެ ވާހަކަ ނިމުނުތަނާ އެމީހާ ކުއްލިއަކަށް އަހަރެންގެ އަނގަމަތީގައި ވަރަށް ބާރަށް ހިފިއެވެ. އަދި އެއްޗެއް ނުބުނެ ތެދުވެގެން ދަމުން ފައިކުރުކޮށްފައި އަހަރެންގެ ބަނޑުގައި ޖެހިއެވެ. އަހަރެން ވަގުތުން ވެއްޓުނެވެ. އިރުއެރީވެސް އެހެން އޮއްވައެވެ.

މިރޭވެސް މިއީ އެ ގަޑިއެވެ. ޔަޤީނެވެ. އޭނާ އެ އަންނަނީއެވެ. ދައްކާނީ ކޮންވާހަކައެއް ހެއްޔެވެ؟ އޭނާ ހިތުން ހުރިހާވެސް ބާރެއް އޮތީ އޭނާގެ އަތުގައެވެ.

ޖީބުން ތަޅުދަނޑިފަތި ނަގައި، ގޮޅީގެ ދަގަނޑު ދޮރު ހުޅުވައިފިއެވެ. މިރޭ އެ އައީ އިތުރު މީހުންވެސް ގޮވައިގެންނެވެ. ޔަޤީނެވެ. އަހަރެންގެ ދުވަސް ދުއްވާލާނެއެވެ.

"މިތަނަށް ވައްދާ! އެތާ ބާއްވާ!" ފަހަތުން އައި މީހުންގެ ގާތު އެ މީހާ ބުންޏެވެ. އެއީ ހަމަ އެ މީހާއެވެ. މާބޮޑު އަލިކަމެއް ނެތެއް ކަމަކު އަޑުއިވުމުން ކަށަވަރުވިއެވެ.

އެމީހުންގެ އަތުގައި އޮތް ގޮދަޑިއެއް ކަހަލަ އެއްޗެއް ކޮޓަރިތެރެއަށް ވައްދައި އަހަރެންގެ ގޮދަޑިއާ ވަރަށް ކައިރީގައި ބޭއްވިއެވެ. އެއަށްފަހު އެމީހުން ދެއްކި ވާހަކަތަކުން އެމީހާގެ ނަންވެސް އަހަންނަށް އެނގިއްޖެއެވެ.

"މީނާ ބަލާތި! ގޮތެއް ވެއްޖިއްޔާ ކަލޭ ޒިންމާވާންޖެހޭނެ!" މިހެން ބުނުމަށްފަހު މީހުންތައް ގޮވައިގެން، އެމީހާ ނުކުމެ ގޮޅި ތަޅުލާފައި ހިނގައްޖެއެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. އޭގައި އެއޮތީ ޒުވާން އަންހެން ކުއްޖެކެވެ. އޭނާގެ ލޯ އޮތީ ކޮންމެވެސް ވަރަކަށް ހުޅުވިފައެވެ. ނަމަވެސް ދެ ލޮލުންވެސް ފައިބަނީ ކަރުނައެވެ. އޭނާ ލައިގެން އޮތް ސްކަރޓް ވަނީ އުނަގަނޑަށްވުރެ ތިރިއަށް ސޮހިފައެވެ. ސްކަރޓް ރަނގަޅު ކޮށްލުމަށްފަހު އަހަރެން އޭނާގެ އިސްތަށިގަނޑު ރީތިކޮށްލައިދިނީމެވެ. އޭނާ އޮތީ ހުމާ ފިހިފައެވެ.

"ޒީންތަ؟ އަހަރެންނަށް ފެންތަށްޓެއް ދީބަލަ!" އެކުއްޖާ މަޑުއަޑަކުން ބުންޏެވެ. އެކަމަކު އެއީ ކޮން ކުއްޖެއްކަމެއް އަހަންނެއް ނުދަންނަމެވެ. އަނެއްކާ މިތަނަކު ބޯފެނެއް ނުވެސް ނެތެވެ.

"ބޯފެނެއް ނެތް މިތަނަކު. ބުނެގެން ގެންނަން ޖެހޭނީ. ބުނެބަލަ ތީކާކުތަ؟" އަހަރެންގެ ނަން އޭނާއަށް އެނގުމުން ހައިރާންވެގެން އެހީމެވެ.

"ޒީނާއަކަށް ނޭނގޭނެ. އެކަމަކު އަހަރެން ޒީނާ ދަންނަން. ދޮންބެވެސް ދަންނަން. ނަމަކީ ހުދާ!" ހިންދިރުވަން ދަތިވެގެން އުޅޭ ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ނަން ބުނުމުން އަހަންނަށް އެނގިއްޖެއެވެ. އެއީ ދޮންބެގެ ކުރީގެ ރައްޓެއްސެކެވެ. ނަމަވެސް އުޅޭލެއް ވިޔާނުދާކަމުން ދޮންބެ ދުރުވީއެވެ. "އާނ. މިހާރު އެނގިއްޖެ." އަހަރެން ބުނީމެވެ. "ކިހިނެއް ވެގެން ތިއުޅެނީ؟ ކޮންއިރަކު މިތަނަށް ގެނައީ؟ ކިހިނެއްވެފަ ތިއޮތީ؟"

ހުދާ އިރުކޮޅަކު ވިސްނަން އޮތެވެ. އެއަށްފަހު ޖަވާބުދޭން ފެށިއެވެ.

"މިތަނުގައި ގެންގުޅޭތާ ފަސް މަސް ވެއްޖެ. އަނެއް ފަރާތުގައި އަހަރެންގެ ގޮޅި ހުންނަނީ. ވީގޮތަކީ… ވީގޮތަކީ…" ހުދާގެ އަރުތެރެއިން އެބަސް ނުކުންނަން އަސްލުގައިވެސް އުނދަގޫވިއެވެ. އެކަމަކު ހިންދިރުވާލުމަށްފަހު ހިތްވަރުކުރިއެވެ. "ހޮޑުލެވެންފެށީ. މޭނުބައި ކުރަންފެށީ. އެކަކު ކައިރީގައި ބުނެބުނެ ޑޮކްޓަރެއްވެސް ނުގެނައި. މިހާރު އެއްޗެއް ނުދިރި އޮންނަތާވެސް ތިން ދުވަސްވެއްޖެ،" ހުދާ އަށް ވާހަކަ ދެއްކަނީ ލަސްލަހުންނެވެ. "ފެންފޮދެއްދީ!" އަނެއްކާވެސް ހުދާ އެދުނެވެ. އަހަރެން ދޮރުކައިރިއަށް ހުއްޓި ބޭރުބައިލީމެވެ. އަދި އިރުއަރާކަށް ކައިރިއެއްވެސް ނުވެއެވެ. އެންމެން ތިބޭނީ ނިދާފައެވެ. އެކަމަކުވެސް ހުދާއަށް އެހީވޭތޯ އަހަރެން ބެލީމެވެ.

"މީހެކޭ މީހެކޭ! ފެންފޮދެއް ދީބަލަ،" އަހަރެން ހަޅޭލަވަން ފެށީމެވެ. އިރުކޮޅެއްނުވެ ޖަވާބުދިނީ ޖެހިގެން ހުރި ގޮޅީގައި އިން މީހާއެވެ. އެއީ ކާކުކަމެއް އަހަންނަކަށް ނޭނގެއެވެ. ޔަޤީންވަނީ އެއީ ފިރިހެނެއްކަމެވެ. ވެގެން އުޅޭ ގޮތް އޭނާއަށް ކިޔައިދިނީމެވެ. ދެން ހަޅޭއްލެވީ ދެމީހުން އެކުގައެވެ. އިރުކޮޅެއްނުވެ ހިސާބުގަނޑުގެ އެންމެން ހޭލައިފިއެވެ. އެކި މީހުން އެކި ރާގަށް ގޮވަން ފެށިއެވެ. ނަމަވެސް ތަނުގެ މީހެއްގެ ހިލަމެއް ނުވެއެވެ.

އަހަރެން ގޮސް ހުދާ ކައިރީގައި މަޑުކޮށްލީމެވެ. އޭރު އޭނާ ލަނީ ދިގު ނޭވާތަކެކެވެ. އެތަން ފެނުމުން އަހަރެން ބިރުގަންނަންފެށިއެވެ.

"ފެން ލިބޭތޯ އެބަ ބަލަން. ލޯ ހުޅުވަބަލަ!" އަހަރެންގެ އުނގުމަތީގައި ހުދާ ބޭއްވުމަށްފަހު ބުނީމެވެ.

ހުދާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އަދި އަހަރެންގެ މޫނުގައި ފިރުމަން ފެށިއެވެ. "ކޮއްކޯ! މިތާ ބޮޑު މީހާ ބޭނުންވަނީ މިކަން ސިއްރު ކުރަން،" ބަނޑުގައި އަތްޖައްސާލުމަށްފަހު ހުދާ ބުންޏެވެ. އެއަށްފަހު ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އެކަމަކު އަހަރެން އެކަމާ ދެކޮޅު ހެދީ. އެނާ ދިން ބޭސްތައްވެސް ނުކައި އުކާލީ. އެހެންވެ އޭނާ މިރޭވެސް އަހަންނަށް އަނިޔާކުރި. ބޫޓުގަނޑުން ނުޖަހާކަށް ތަނެއް ނެތް،" ހުދާ ގިސްލަމުން ކިޔައިދިނެވެ. "އެކަމަކު މިހާލުގައިވެސް އަހަރެން އޮއްވާވެސް މިރޭވެސް އޭނާ އެދިޔައީ އޭނާ ބޭނުން ގޮތެއް ހަދައިފައި. އަހަރެން ރޯން ފެށުމުން އެމީހުން ގެނެސްގެން މިތަނަށް އެ ބަދަލުކުރީ."

ވާހަކަ ދައްކަދައްކާ އޮއްވާ ހުދާގެ ލޯ މަޑުމަޑުން މެރިއްޖެއެވެ. އަހަރެން ހީކުރީ ވަރުބަލިވެގެން ކަމަށެވެ. ނަމަވެސް، މޫނުގައި ހިފާ ތަޅުވަލުމުންވެސް ޚަބަރެއް ނުވިއެވެ. އަހަރެން ރޯން ފެށީމެވެ. ބިރުންނެވެ. ހާސްވެގެންނެވެ. އަހަރެން ކަހަލަ ނިކަމެތި ކުއްޖެއްގެ ފުރާނަ، އަހަރެންގެ ކުރިމަތީގައި ދިޔަ ގޮތުންނެވެ.

ހުދާ ކެތް ގަދައެވެ. ސިއްރުކުރަން އޭނާ ބޭނުން ނުވީމައެވެ. ނަމަވެސް، އެކަން ހާމަވާން ދެން އޮތީ ކޮންގޮތެއް ހެއްޔެވެ؟ ހުރިހާ މަގެއް ބަންދުވީއެވެ. އަހަރުމެން ދައްކާ ވާހަކަ ޤަބޫލު ކުރާނީ ކިތައް މީހުން ހެއްޔެވެ؟ މިކަހަލަ ދަންމަޅީގައި ޖެހި ކިތައް ހުދާ ދުނިޔެ ދޫކޮށްފައި ދާނެ ހެއްޔެވެ؟

އެ ދުވަހު އިރު އެރުމާއެކު މީހުންތައް އައިސް ހުދާ ނެރެގެން ގެންދިޔައެވެ. އަހަރެންގެ ފިންގަރ ޕްރިންޓް ނަގައި އެކި ގޮތްގޮތަށް ތަޙުލީލު ކުރިއެވެ. އެއާއެކު އަހަންނަށް ލިބެމުންދިޔަ އަދަބު ވީ ބޮޑެވެ. ހުދާގެ މަރުގެ ޒިންމާ އުފުލަން މި ޖެހުނީވެސް އަހަންނަށެވެ. އެކަމަކު އެކަން ކޮންމެވެސް ދުވަހަކުން އެނގޭނެއެވެ. ނަމަވެސް އޭގެ ކުރިން އަހަރެންގެ އަގު ވެއްޓި، މީހުންގެ ކުރިމަތީގައި ޤާތިލަކަށް ވާނެއެވެ. ނޫސްތަކުގެ ފަލަ ސުރުޚީގައިވެސް ލިޔާނީ މިވާހަކައެވެ. ރާއްޖޭގައި ތިބި އަހަރެންގެ ޢާއިލާގެ މީހުންނަށާއި ރައްޓެހިންނަށް ވެސް ކަމުގެ ޙަޤީޤަތެއް ނޭނގޭނެއެވެ. އަހަރެން ހައްޔަރުކޮށްފައިވަނީ އިންޑިޔާގައެވެ. ތެދުވެރި ކަމުގެ އެއްވެސް އަގެއް ނެތް ކިއްލާއެއްގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *