...

Support Us

"ކުޑަގޮޅި" ވާހަކައިގެ ނުދައްކާ ހުރި ވާހަކަތައް- 25 އަހަރު ފަހުން…

"އަންނަ ހަފުތާގައި އަހަންނަށް ވާހަކަ ލިޔެވޭނެހެނެއް ހިޔެއްނުވޭ. ޗުއްޓީއެއްގައި ރަށުން ބޭރަށް ދާންވެގެން މިއުޅެނީ. އެހެންވެ ކުރީ ބައިގައި އެ ވާހަކަ ބުނެލީ،" ބިންމާ އިބްރާހިމް ވަހީދު ބުންޏެވެ.

މީގެ 25 އަހަރު ކުރިއެވެ. އެއީ 1997 ޖަނަވަރީ މަހުގެ މެދުތެރެއެވެ. ރޯދަ މަހެވެ. އަޅުގަނޑުގެ އުމުރުން 26 އަހަރެވެ. ހަވީރު އެސިސްޓެންޓް އެޑިޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ހަވާލުވެފައި އޮންނަ އެއް ޒިންމާއަކީ ވާހަކަ ސަފުހާ ބެލެހެއްޓުމެވެ. އޭރު ވާހަކަ ލިޔާނީ ބިިންމާ އިބްރާހިމް ވަހީދެވެ. ޖަނަވަރީ 1994 ގައި ބިންމާ ހަވީރަށް ތައާރަފުކުރީ ވެސް އަޅުގަނޑެވެ. އަދި ބިންމާގެ އެންމެ މަޝްހޫރުވި އެއް ވާހަކަ ކަމަށްވާ "ފަތިސްހަނދުވަރު"ގައި ވެސް އަޅުގަނޑުގެ ކުޑަ ނަމަވެސް އެހީތެރިކަމެއް އޮންނާނެއެވެ.

"މައްސަލައެއް ނެތް. އަންނަ ހަފުތާއަށް އަހަރެން ވާހަކައެއް ލިޔެލަފާނަން. އެކަމާ ބިންމާ ހާސްވާނެ ކަމެއް ނެތް. ބިންމާގެ ވާހަކަތައް އެޑިޓްކޮށްކޮށް މިހާރު އަހަންނަށް ވެސް ވާހަކައެއް ލިޔެލުން އެހާ އުނދަގޫ ކަމަކަށް ނުވާނެއެއްނު،" ޖަވާބުގައި ބިންމާ ގާތުގައި ބުނީމެވެ.

"ކޮން ވާހަކައެއް ލިޔާނީ؟" ބިންމާ ސުވާލުކުރިއެވެ.

"އަދި ނުވިސްނަން. ލިޔެލާފައި ދައްކާލާނަން. ބިންމާ ބަލައިލީމާ ހިތްހަމަޖެހޭނީ،" އަޅުގަނޑު ބުނީމެވެ.

އެ ދުވަހު ނޫހުގެ މަސައްކަތް ނިންމައިފައި، ކޮންޕިއުޓަރު ކައިރީގައި އިށީނދެފައި، ވާހަކަ ލިޔަން ފަށައިފީމެވެ. މާ އުނދަގޫ ކަމަކަށް ނުވިއެވެ. ވަރަށް ރަނގަޅު ޕްލޮޓެއް ލިބިއްޖެއެވެ. އެހެންވެ، ނޫހުގެ އެންމެ ސަފުހާއަކަށް އަރާ ވަރަށް ކުރު ވާހަކައެއް ލިޔެލައިފީމެވެ. އޭފޯ ސައިޒުގެ ތިން ސަފުހާއެވެ. ޖުމްލަ 850 ލަފުޒެވެ. އަދި ވާހަކަ ރަނގަޅުތޯ ބަލައިލާން އެ ހިފައިގެން ބިންމާ ކައިރިޔަށް، އޭނާގެ ގެއަށް، ހިނގައްޖައީމެވެ.

"ލިއުންގަނޑު ރަނގަޅު. މަސްއަލައެއް ނެތް. އެކަމަކު ނިންމާލަން އެންމެ ފަހަތަށް ދެތިން ޖުމްލައެއް އިތުރުކޮށްލަން ފެނޭ. އޭރުން ވަރަށް ފުރިހަމަވާނެ،" ބިންމާ ބުންޏެވެ.

ބިންމާ އެ ބުނާ ދެތިން ޖުމްލަ އިތުރުކޮށްލީމާ، މުޅި ވާހަކަ އެހެން ދިމާލަކަށް އެނބުރޭތީ އަޅުގަނޑަށް އެހާ ކަމަކު ނުދެއެވެ. އެހެންވެ، އެބައި އިތުރުކުރާކަށް އެހާ ބޭނުމެއްނޫނެވެ. އެހެން ނަމަވެސް، ބިންމާ ބުނަނީ އެބައި ހިމަނަން ވަރަށް ބޮޑަށް ފެންނަ ކަމަށެވެ. އެހެންވެ، ހިތާ ދެކޮޅަށް ނަމަވެސް އެ ތިން ޖުމްލަ ހިމަނައިފީމެވެ.

ވާހަކަ ނިމޭ އެންމެ ފަހު ތިން ޖުމްލަ އަކީ މިއެވެ.

"…ރާއްޖޭގައި ތިބި އަހަރެންގެ ޢާއިލާގެ މީހުންނަށާއި ރައްޓެހިންނަށް ވެސް ކަމުގެ ޙަޤީޤަތެއް ނޭނގޭނެއެވެ. އަހަރެން ހައްޔަރުކޮށްފައިވަނީ އިންޑިޔާގައެވެ. ތެދުވެރި ކަމުގެ އެއްވެސް އަގެއް ނެތް ކިއްލާއެއްގައެވެ."

ވާހަކައިގެ ނަމަކަށް ކީ "ކުޑަގޮޅި" އެވެ. އެހެންވެ ހަވީރުގެ ސުރުޚީތައް އަޅާ އިބްރާހިމް ރަޝީދު ލައްވާ "ކުޑަގޮޅި" ލިއުއްވާފައި، ގަނޑެއްގައި ވޮންޑަމާކަރަކުން އަޅުގަނޑު ރޮނގުތަކެއް ދަމައި، ގޮޅިތަކެއް ހެދީއެވެ. އަދި ގޮޅިތަކުގެ ތެރޭގައި ވާހަކައިގެ ނަމާއި އަޅުގަނޑުގެ ނަން ތަތްކުރީއެވެ. އަދި ޑާކްރޫމުގައި ފޮޓޯ ނެގުމުގެ ތެރޭގައި މުޅި އެތި ނެގެޓިވްކޮށްލީއެވެ. (އެހެން ހެދީމާ، ކަޅުން ހުރި ހުރިހާ ބައެއް ޗާޕުވީމާ ފެންނާނީ ހުދުންނެވެ.)

ހަވީރުގައި ރަސްމީކޮށް ނޫސްވެރިކަމުގެ މަސައްކަތް އަޅުގަނޑު ފަށައިގަތީ 1990 ގައެވެ. އަޅުގަނޑަކީ އާންމުކޮށް ވާހަކަ ލިޔާ މީހެއް ނޫނެވެ. އެހެން ނަމަވެސް، އެ ދުވަހު ކަންތައް ދިމާވި ގޮތުން ވާހަކައެއް ލިޔެލަންޖެހުނީއެވެ. ނޫހުގައި "ކުޑަގޮޅި" ޗާޕުވެގެން ނުކުތީ 19 ޖަނަވަރީ 1997 ވީ އާދިއްތަ ދުވަހު ހަވީރުއެވެ. އޭގެ ފަހުން މިއަދަށް ބަރާބަރު 25 އަހަރު ވީއެވެ.

ވާހަކަ ނުކުތް ދުވަސް ނޫން އަނެއް ދުވަސް- ހޯމަ ދުވަހުގެ- މެންދުރުފަހުގެ ވަގުތެކެވެ. އޮފީސް ނިންމާފައި ގޭގައި ހުއްޓާ ފޯނެއް އައީ ގެއަށެވެ.

20 ޖަނަވަރީ 1997، 11 ރަމަޟާން (ހޯމަ) 

ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އެންގުން

"މިއީ ފުލުސް އޮފީހުން. ކަމަކާ ބެހޭ ގޮތުން ސުވާލެއް ކޮށްލަންވެގެން މިރޭ 10 ޖަހާއިރަށް އޯޑިއޯނަށް ދުރުވެދެއްވަންވެއްޖެ،" ފުލުސް އޮފީހުގެ ކޯލުގައި ބުންޏެވެ. އަޅުގަނޑު އާދޭހޭ ދަންނަވާފައި ފޯނު ބޭއްވީމެވެ.

(އޯޑިއޯނަކީ ފަނޑިޔާރު މަގާއި މަޖީދީމަގުން ވަދެވޭ ގޮތަށް ކުރިން، ސިނަމާ ހިންގި އިމާރާތެކެވެ. ފަހުން އެތަން ބޭނުންކުރީ ފުލުހުންގެ ތަހުގީގު މަރުކަޒެއްގެ ގޮތުގައެވެ. އެއަށްފަހު ގިނަ ދުވަސް ތަކެއްގައި ސިފައިން މެޑިކަލް ސާވިސްގެ ތަނެއްގެ ގޮތުގައި ވެސް ބޭނުންކުރިއެވެ. ދެން އެ ތަން ތަޅާލައިފައި ޓާޓާ ފްލެޓް އަޅަން ވެސް އުޅުނެވެ. ފަހުން އަތުލިއެވެ. އަނެއްކާ މިހާރު ޓާޓާ އަށް ދީފިއެވެ. މިހާރު އެތާ ވަށައިގެން ހުންނަނީ ޓިނު ޖަހައިފައެވެ.)

އަޅުގަނޑު ވަރަށް ހައިރާންވިއެވެ. އެކަމަކު ކުޑަކޮށް ވެސް ހާހެއް ނުވެއެވެ. ފުލުސް އޮފީހަށް ގެންދާވަރުގެ ކަމެއް ކޮށްފައި ނޯންނާނެތީއެވެ. އެހެންވެ، ފުލުސް އޮފީހަށް ދާން އެންގި ވާހަކަ އެއްވެސް މީހަކު ގާތަކު ވެސް ނުބުނަމެވެ. ގަޑި ޖެހެންވާއިރަށް އޯޑިއޯނަށް ދިޔައީއެވެ. އޯޑިއޯނަށް ދިޔައީ ވަރަށް ރަނގަޅަށް ނަލަ ހެދިލައިގެންނެވެ. އޭރު މޯބައިލް ފޯނުގެ ސިގްނަލެއް ނުދެއެވެ. ޖަނަވަރީގައި ސިގްނަލް ދޭން އޮތީ ނިންމައިފައެވެ. އަޅުގަނޑުގެ އަތުގައިވެސް މޯބައިލް ފޯނަކާއި ނަންބަރެއް އޮވެއެވެ. ހިދުމަތް ލިބެންދެން ތައްޔާރުކޮށްފައި އޮތީއެވެ. އަޅުގަނޑުގެ އަތުގައި އޮތީ އެރިކްސަން ފޯނެކެވެ. މޯބައިލް ފޯނު ނެތުމުން އެ ދުވަސްވަރު އެންމެންވެސް ގެންގުޅުނީ ޕޭޖަރެވެ. އަޅުގަނޑު އޯޑިއޯނަށް ދިޔައީ ޕޭޖަރުވެސް ބެލްޓުގައި އަޅުވާލައިގެންނެވެ.

ގަޑިން ހަމަ 10 ޖެހުމާއެކު އަޅުގަނޑަށް ގޮވައިފިއެވެ. ފެންޑާއެއް ކަހަލަ ތަނެއްގައި ހުރި މޭޒެއް ކައިރީގައި އިން ދުވަސްވީ މީހެއް ކައިރިއަށް އަޅުގަނޑު ގެންގޮސްފިއެވެ. އޭނާ ފެނުމާއެކު އެއީ ކާކުކަން އަޅުގަނޑަށް އެނގިއްޖެއެވެ. އެއީ މަޝްހޫރު ވާވު ޅަހުތުއެވެ. ފުލުސް އޮފީހުގައި ބޮޑެތި ސިޔާސީ ކަންކަމުގެ ތަހުގީގުތައް ހިންގާ މީހާއެވެ. އެއީ އޭގެ ކުރިން ދުވަހަކުވެސް އަޅުގަނޑާ ބައްދަލުވި މީހެއް ނޫނެވެ. އެކަމަކު އޭނާއާ ބެހޭ ވާހަކަތައް ކޮންމެވެސް ވަރަކަށް އަޑުއަހަމެވެ.

ބައެއް މީހުން ބުނާތީ އަހަމެވެ. ތަހުގީގުގައި މީހުން އެއްބަސްނުވާތީ، މޭޒުމަތީގައި އޮންނަ ބަރު ދައްކާފައި ޅަހުއްތު ވިދާޅުވާނެއެވެ. ކޮން ދޮގެއް ހަދާކަށްހެއްޔެވެ؟ އެއީ ކަލޭ ކުރި ކަމެއްކަން މި ބަރުވެސް ހެކިދެއެވެ.

އަޅުގަނޑު ހިތަށްއެރިއެވެ. އަޅުގަނޑަށް ހަދާނީ ކިހިނެއްބާވައެވެ؟ ޅަހުއްތުގެ މޭޒުމަތި ބަލައިލިއިރު އެ ބުނާ ބަރެއް ފެންނާކަށް ނެތެވެ. އެހެންވެ ހެކިވެރިޔަކު ނުހުންނާނެތާއެވެ!

ފުލުހުންގެ ތަހުގީގަށް ޝަހީބު ހާޒިރުކޮށް ވާވު ޅަހުއްތު ސުވާލުކުރަމުންދާ ތަނުގެ ކުރެހުމެއް.. -އަދިވެސް އިލަސްޓްރޭޝަން: އީމާ ޝަރީފު

ފުލުހުންގެ ތަހުގީގު ފެށުން

ތަހުގީގު ފެށިއްޖެއެވެ.

ޅަހުއްތު: ޝަހީބު މި ގެނެވުނީ 19 ޖަނަވަރީ 1997ގެ ހަވީރު ނޫހުގައި އޮތް ލިއުމަކާ ބެހޭ ގޮތުން ސުވާލުކޮށްލުމަށް. (އެހެން ބުނުއްވުމާއެކު ނޫހުގެ ވާހަކަ ސަފުހާގެ ފޮޓޯކޮޕީއެއް ޅަހުއްތުގެ މޭޒުމަތީގައި ބޭއްވެވިއެވެ.)

ޅަހުއްތު: މިއީ ކާކު ލިޔުނު އެއްޗެއްތޯ؟

އަޅުގަނޑު: ލިއުނު މީހާގެ ނަން ވަރަށް ބޮޑުކޮށް ޖަހާފައި އޮންނާނެ. އެވަރުން ސާފު ނުވޭތޯ؟ (ޅަހުއްތު އަޅުގަނޑުގެ މޫނަށް ބައްލަވައިލެއްވިއެވެ. ޖަވާބު ހަރުކަށިވީމާހެން ހީވެއެވެ.)

ޅަހުއްތު: މިއީ ކޮން ވާހަކައެއްތޯ؟

އަޅުގަނޑު: ވާހަކަ ކިޔާލީމާ ބޮޑަށް އެނގޭނީ. ޅަހުއްތު ނުކިއުއްވަންތޯ ތިވާހަކަ؟

ޅަހުއްތު: މިއީ ކޮން ކަމަކާ ބެހޭ ވާހަކައެއްތޯ؟

އަޅުގަނޑު: ދެންމެވެސް މި ދެންނެވީނޫންތޯ ވާހަކަ ކިޔާލީމައޭ ބޮޑަށް އެނގޭނީ.

ޅަހުއްތު: އަޅުގަނޑު މި ވާހަކަ ކިޔައިފިން. މިއީ ކޮން ކަމަކާ ގުޅުވައިގެން ޝަހީބު ލިޔުއްވާފައި އޮތް ވާހަކައެއްތޯ؟

އަޅުގަނޑު: ވަކި ކަމަކާ ގުޅުވައިގެނެއް ނޫން. ހަމަ ޚިޔާލަށް އައި އެއްޗެއް ލިޔެލާފަ.

ޅަހުއްތު: މިއީ ޚިޔާލީ ވާހަކައެކޭތޯ ތި ބުނުއްވަނީ؟

އަޅުގަނޑު: އާދެ. އެއްވެސް ޝައްކެއް ނެތް.

ޅަހުއްތު އެ ވަގުތަށް ކުރައްވަން ހުރި ސުވާލުތައް ހުސްވެއްޖެއެވެ. އެހެންވެ އިތުރު ސުވާލެއް މި ވަގުތަށް ނެތޭ، ބޭރުގައި މަޑުކޮށްލާށޭ ވިދާޅުވިއެވެ. އޭރު، އިސްލާމީ މަރުކަޒުގައި ކުރިއަށްދާ އިހުޔާ ޕްރޮގްރާމްގެ އަޑު ރޭޑިއޯއަކުން އިވެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އާއި މުޅި ސަރުކާރު ހާޒިރުވާން މަޖުބޫރު ޖަލްސާއެކެވެ. ހިތާ ދެކޮޅަށް ނަމަވެސް އެންމެހައި ބޭފުޅުން އެތާ ތިއްބަވާނެއެވެ. އެހެންވެ ފުލުހުންގެ އިސް ބޭފުޅުން ވެސް ވާނީ އެތަނުގައިކަން ޔަގީނެވެ. އެކަހަލަ ތަންތަނަށް ވަޑައިގަންނަވާ ވަރަށް ވުރެ ޅަހުއްތު އަދި މައްޗަށް ނުދަނީކަންނޭނގެއެވެ. ބޭރުގައި މަޑުކޮށްލިތާ ގިނަ އިރުތަކެއް ނުވެ، އިހުޔާ ޖަލްސާ ނިމިއްޖެއެވެ. ރޭޑިއޯ އިން އެހެން ޕްރޮގްރާމެއް އަންނަން ފަށައިފިއެވެ. އެއަށްފަހު ގިނަ އިރުތަކެއްނުވެ އަޅުގަނޑު އަނެއްކާ ވެސް އެތެރެއަށް ވައްދައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކުރަން ނިންމުން

ޅަހުއްތު: ތަހުގީގުގައި ޝަހީބު ދޮގު ހަދާ ކަމަށް ބެލެވެނީ. އެހެންވެ ގަސްދުކުރަނީ ޝަހީބު ހައްޔަރުކުރަން.

އަޅުގަނޑު: އެއްވެސް ދޮގެއް ނުހަދަން އަޅުގަނޑެއް. ވަރަށް ސާފުކޮށް ތެދަށް ހުރިހާ ވާހަކައެއް ވެސް މި ދެންނެވީ.

ޅަހުއްތު: ބަންދުކުރާ ވާހަކަ ބުނާށާއި ހެދުމާއި އެއްޗެހި ގެންނަން ކާކަށްތޯ ގުޅަންވީ؟ ނަންބަރު ދެއްވާ؟

އަޅުގަނޑު: އަޅުގަނޑު ފުރަތަމަ ބޭނުންވަނީ ހަވީރުގެ ޗެއާމަން ޒާހިރު ހުސެއިނަށް ގުޅާފައި ދަންނަވަން އަޅުގަނޑު ހައްޔަރުކުރި ވާހަކަ. ދެން އަޅުގަނޑުގެ އަންހެނުންނަށާއި ބައްޕައަށް.

ޅަހުއްތު: ތި އެންމެނަކަށް ނުގުޅޭނެ. ކޮންމެވެސް އެކަކަށް ގުޅޭނީ.

އަޅުގަނޑު: އެހެންވިއްޔާ އަޅުގަނޑުގެ ބައްޕަ އަށް ގުޅުއްވާފައި ނަންނަގޭ ޒާހިރު ހުސެއިނަށާއި އަންހެނުން ގާތުގައި ވެސް ބުނާށޭ. (ދެން ގޭގެ ފޯނު ނަންބަރު ދިނީމެވެ.)

އަނެއްކާ ވެސް ބޭރުގައި ބޭންދީއެވެ. އެހެން އިންނަތާ ލައްކަ އިރު ވީފަހުން އިރުކޮޅަކުން މީހަކު އައިސް ކޮތަޅެއް ދީފިއެވެ. އޭގައި ހުރީ އަންނައުނާއި ފެންވަރާ ސާމާނެވެ. ގެއިން ފޮނުވި ސާމާނެވެ.

ހައްޔަރަށް ގެންދާން ބަހަށް ލާން ބޭރަށް ނެރެފިއެވެ. އޯޑިއޯންގެ ފަނޑިޔާރުމަގު ދޮރުންނެވެ. ބޭރަށް ނުކުތް އިރު ބައްޕައާއެކު ގާތް ތިމާގެ ވަރަށް ގިނަ މީހުން އެތަނުގައި ތިއްބެވެ. އެންމެ ފުރަތަމަ ބައްދާލީ ބައްޕަ ގައިގައެވެ. ބައްޕަ ގާތުގައި ނަންގަތީމެވެ. ނޫހުގައި ލިޔުނު ވާހަކައެއްގެ މައްސަލައިގައި ބަންދުކުރަނީއެވެ. ބައްޕަމެން ދެރަނުވާށެވެ. ބައްޕަ ބުނުއްވިއެވެ. ބައްޕަމެން ހިތްވަރު ގަދަކުރާނަމެވެ. ޝަހީބު ވެސް ހިތްވަރު ގަދަކުރާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.

އަޅުގަނޑުގެ އުނަގަނޑުގައި ހަރުކޮށްފައި ހުރި ޕޭޖަރު ވެސް ނަގައި ބައްޕައާ ހަވާލުކޮށްފީމެވެ. އަދި ސައިކަލްގެ ތަޅުދަނޑި ދީފައި، ސައިކަލް ގެއަށް ގެންދަން ބުނެފީމެވެ.

އޯޑިއޯނުން ނެރުނު ބެޑް ޝީޓަކާއި ބާލީހަކާއެކު އަޅުގަނޑު ވެސް ބަހަށް ލައިގެން، ގެންގޮސް ބޭލީ އޭރުގެ ފުލުސް އޮފީހަށެވެ. މިހާރު އެއީ ޑިފެންސް މިނިސްޓްރީއެވެ. އަޅުގަނޑު ލީ އެތަނުގެ ގޭޓުން ވަދެފައި، އިމާރާތަށް ވަންނައިރު، ކަނާތް ފަރާތުގައި ހުންނަ ކުޑަ ކޮޓަރިއަކަށެވެ. ކޮޓަރިއާ ޖެހިގެން ހުންނާނީ ކައުންޓަރެކެވެ. ދެން ސިޑިއެވެ. އެކި މައްސަލަތަކުގައި އަންނަ މީހުންނާއި ތަހުގީގީގަށް ގެންނަ މީހުން ބައިތިއްބާނީ ކޮޓަރި ކުރިމަތީގައި ހުންނަ ގޮނޑިތަކުގައެވެ. އެތެރެއަށް ދާއިރު ހުންނާނީ ދެ ފާޚާނާއެވެ. އެއް ފާޚާނާ އަކީ އާންމުން ވަންނަ ފާހާނާއެވެ. އަނެއް ފާހާނާ އަކީ ފުލުހުން ވަންނަ ފާހާނާއެވެ. އެ ފާހާނާ ހުންނާނީ ތަޅުލައިފައެވެ. އަޅުގަނޑު ގާތުގައި ބުނީ ކައުންޓަރުން ތަޅުދަނޑި ހިފައިގެން ގޮސް އެ ފާހާނާ ބޭނުންކުރުމަށެވެ.

އެ ކުޑަކުޑަ ކޮޓަރިއަކީ ލައިބްރަރީއެއް ގޮތަށް ބޭނުންކުރަން ހަދައިފައި ހުރި ތަނެއް ކަމަށް ވެއެވެ. އެކަމަކު އެ ތަނުގައި އެނދެއް ހުއްޓެވެ. މޭޒަކާއި ގޮނޑިއެއް ވެސް ހުއްޓެވެ. ޚަތިމެއްވެސް އޮތެވެ. ކޮޓަރީގެ ކުޑަ ދޮރުގެ ފޮތިގަނޑު ކަހާލުމުން ޣާޒީ ބިލްޑިންގު ދޮރުމަތި ފެނެއެވެ.

ފުލުހުންގެ މަރުކަޒުގައި އަޅުގަނޑު ހައްޔަރު ކުރިތާ ގިނަ އިރުތަކެއް ނުވެ، ހާރު ކާން ގެނެސްފިއެވެ. ގަރުދިޔަ އާއި ވަރަށް ހޫނު ފިހުނުމަހާއި ލުނބޯފިޔާމިރުހެވެ.

ހިތަށްއެރިއެވެ. ނުވެސް ކާނަމެވެ. ނުވެސް ބޯނަމެވެ. ހައްދަވައިގެން ކަމަކާ ނުލާ ގެނެސް ހައްޔަރުކުރީއެވެ. އެހެންވެ ދޫކޮށްލަންދެން މިހެން ހަމަ އޮންނާނީއެވެ. ނިދާ އެއްޗެހި ވެސް ބަދަލެއް ނުކުރާނަމެވެ.

އެރޭ ހާރެއް ނުކަމެވެ. ރޯދަ ވީއްލަން އަންހެނުން ކެއްކި އެއްޗެއް ކެއި ގޮތަށް ހުރެ ނިދީއެވެ. އެރޭ ނިދާކަށް އެހާ އުނދަގުލެއް ނުވިއެވެ. ސަބަބަކީ ކުށެއް ނުކުރާ މީހަކު މިގޮތަށް ހައްޔަރުކުރުމުން، ދެރަވުމަށްވުރެ ބޮޑަށް ރުޅި ގަދަވެފައި ހުރީމައެވެ. ނިދަން އުނދަގޫ ވަނީ ދެރަވެ، ފިކުރި ބޮޑުވީމައެވެ. ރުޅި އަޔަކަސް، ދުވަހަކުވެސް ނުނިދިފައެއް ނޯންނަމެވެ. ކުށެއް ނެތް މީހަކު މާކަށް ގިނަ ދުވަހަކު މިތާކު ނުވެސް ބަހައްޓާނެ ކަމަށް ގަބޫލް ކުރެވުނެވެ.

ގަޑިންގަޑިއަށް ނަމާދުކޮށްލައިގެން އެނދުގައި ހަމަ އޮންނަނީއެވެ. ފޫހިވީމާ ކޮޓަރި ދޮރު ހުޅުވާލައިގެން ވެސް ހުންނަމެވެ. ތަހުގީގަށް ގެނެސްފައި ތިބޭ މީހުން ވެސް ފެނެއެވެ. އިރުއޮއްސެން ކައިރިވެފައި ހުއްޓާ ދޮރު ކައިރިއަށް ނުކުމެލި ވަގުތު ނޫސް ބަހާ މީހާ އައިސް ކައުންޓަރަށް ހަވީރު ނޫސްތަކެއް ހަވާލުކޮށްފިއެވެ. ބައިވަރު ނޫސްތަކެކެވެ. އަޅުގަނޑު ހިތަށްއެރިއެވެ. ފޫހިފިލުވާލަން ނޫހެއް ކިޔާލަންވާނެއެވެ. ކައުންޓަރަށް ގޮސް ބުނެލުމާއެކު ވަގުތުން ނޫހެއް ދީފިއެވެ. ދެން ކޮޓަރިއަށް ވަދެ ނޫސް ކިޔަން އޮތީއެވެ. އެ ނޫސް ކިޔަން އުޅުނީ ކޮންމެހެން، ހަވީރުގައި ހިޔާލީ ވާހަކައެއް ލިޔެގެން ހަވީރުގެ ނޫސްވެރިއަކު ހައްޔަރުކުރި ވާހަކަ އޮންނާނެ ކަމަކަށް ނޫނެވެ. އެވާހަކައެއް ނުވެސް ނެތެވެ.

ރޯދަ ވިއްލާ ސާމާނު ގެނެސްފިއެވެ. ކަދުރާއި ފަންޏާއި ބަތާއި ރޮއްޓާއި ރިހަ އާއި މިހެން ގޮސް ލައްކަ ސާމާނެވެ. ހިތަށް އެރިއެވެ. ހަމަ ހިލާ މިއެއް ނުކާނަމެވެ. އަހަރެން ކުށެއް ނުކުރަމެވެ. އެހެންވެ ކަދުރަކުން ރޯދަ ވީއްލައިގެން ހުރީއެވެ.

ބަންދުގައި 7 ދުވަސް:

ދެ ވަނަ ފަހަރަށް ތަހުގީގަށް ގެންދިއުން

ހައްޔަރުކޮށްގެން އޯޑިއޯނުން ކުރީ ރޭ ގެނެސް ސުވާލެއް ވެސް ކޮށްނުލާ ބާއްވައިފައި އޮންނަތާ ހަތް ވަނަ ދުވަހުގެ ހެނދުނެވެ. ބަސް އަތުވެއްޖެއެވެ. ތައްޔާރުވާން އަންގައިފިއެވެ. އިތުރަށް ކޮން ތައްޔާރެއް ހެއްޔެވެ؟ އަޅުގަނޑު މި ހުންނަނީ އަބަދުވެސް ތައްޔާރުގައެވެ. ގެއަށްދާށެވެ. އެކަމަކު މި މީހުން މިއަދު ގެންދަން މި އުޅެނީ ގެއަކަށް ނޫނެވެ. އޯޑިއޯނަށެވެ. ތަހުގީގަށެވެ.

ޅަހުއްތު: ކުރީރޭ ޝަހީބު ބުނުއްވި މިއީ ޚިޔާލީ ވާހަކައެކޭ. ދެން ކީއްވެތޯ މިތާނގައި "ޚިޔާލީ ވާހަކަ" ނުޖަހާ އޮތީ؟

(އެހެން ބުނުއްވާފައި، ނޫހުގައި އެ ސަފުހާއަށް ދީފައިވާ ނަން އޮތް ތަނުގައިވާ "ވާހަކަ"އިގައި ޅަހުއްތު ބޮޅެއް އެޅުއްވިއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. މި ޖެހުނީ ކަންތަކާއެވެ. ސިޔާސީ މީހުންގެ ތަހުގީގު ކުރައްވާ ބޭފުޅަކަށް، ނޫސްވެރިކަމުގެ ނޫނީ ލިއުންތެރިކަމުގެ ބައިތައް އެނގޭކަށް ނުޖެހެއެވެ. މި ކަހަލަ ސުވާލު ޅަހުއްތު މި ކުރައްވަނީ އެހެންވެގެންކަން ޔަގީނެވެ.)

އަޅުގަނޑު: ޅަހުއްތު ކަހަލަ ބޭފުޅަކު ތި ކަހަލަ ސުވާލު ކުރެއްވީމާ އަޅުގަނޑު ވަރަށް ލަދުވެސްގަނޭ. ސަބަބަކީ ތިއީ ލިއުންތެރިކަމާ ގުޅޭ ޓެކްނިކަލް މައްސަލައަކަށް ވާތީ. މި ކަހަލަ އެއްޗެތި ވިސްނައިގަންނަން ޅަހުއްތުމެން ކަހަލަ މިލިޓަރީ ބޭފުޅުންނަށް ވަރަށް އުނދަގޫވާނެ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަފާނަން ވާހަކައެއް. ކުޑަ ފިލާވަޅެއް ނަގައިދޭން މި ޖެހެނީ. ތި ތަނުން ގަނޑެއްގައި ޅަހުއްތު ހިސާބު އަކުރުން "ދޭއް" ޖައްސަވާލަ ބައްލަވާ.

(އެހެން ދެންނެވުމާއެކު ގަނޑެއްގައި ފަންސުރަކުން "2″ ޅަހުއްތު ޖެއްސެވިއެވެ.)

އަޅުގަނޑު: ތިއީ ކޮން ކަހަލަ ދޭއްތޯ؟

ޅަހުއްތު: މިއީ ހަމަ ދޭއް ނޫންތޯ؟ ވަކި ކަހަލަ ދޭކެއް ނޫން މީކީ.

އަޅުގަނޑު: ނޫން ނޫން. ހިސާބު އިލްމުގައި ބުނަނީ ތިއީ ޕްލަސް ދޭއް (2+) ކަމުގައި. އެއީ ތި ދޭއްގެ ކުރިއަށް އެއްވެސް ކަހަލަ ނިޝާނެއް ނާންނާތީ. އަކުރެއްގެ ކުރިއަށް އެއްވެސް ނިޝާނެއް ނާންނަންޏާ އެ ވާނީ ޕްލަސް އަށް. އެހެން ނޫނީ އަންނާނެ މައިނަސް ދޭއް (2-) ނަމަވެސް. އެކަމަކު ޕްލަސް ވިޔަކަސް ޕްލަސް ޖަހައިފައެއް ނޯންނާނެ. މައިނަސް ވީމަ ޖަހާނީ.

ޅަހުއްތު: ދެން ކޮބާތޯ މި ކަމާ މި ވާހަކައާ ހުރި ގުޅުމަކީ؟

އަޅުގަނޑު: ކިހާ ބޮޑު ގުޅުމެއްތޯ މި އޮތީ. ލިއުންތެރިކަމުގައި "ވާހަކަ" އަކީ އަބަދުވެސް ޚިޔާލީ ވާހަކަ. އެހެންވެ އަބަދުވެސް ޖަހާނީ "ވާހަކަ" މިހެން. އެކަމަކު ބައެއް ވާހަކަ ތަކަކީ ހަގީގީ ހާދިސާ ނުވަތަ ހަގީގީ ހާދިސާގެ މައްޗަށް ބިނާކޮށް ލިޔެފައި ހުންނަ ވާހަކަ. އެހެންވެ އެ ކަހަލަ ވާހަކަތަކުގައި ޖަހާނެ އެހެން. އާންމު ވާހަކަތަކުގައި ދުވަހަކުވެސް ނުޖަހާނެ "ޚިޔާލީ ވާހަކަ"އެއް. ޅަހުއްތު ތިހެން ވިދާޅުވިޔަސް، ލަހުއްތަކަށް ވެސް ފެނިވަޑައިގެންފައެއް ނޯންނާނެ "ޚިޔާލީ ވާހަކަ" ޖަހައިފައި އޮތް ލިއުމެއް.

(ޅަހުއްތު ކުޑަކޮށް ވިސްނަވާލެއްވިއެވެ. އަދި ވިދާޅުވިއެވެ.)

ޅަހުއްތު: ތިއީ ވަރަށް ރަނގަޅު ވާހަކައެއް. ވަރަށް ބޮޑު ތެދެއް ތިއީ. ވަރަށް ރަނގަޅު މައުލޫމާތެއް ތި ދެއްވީ.

އަޅުގަނޑު: އަޅުގަނޑު ދައްކާނީ ރަނގަޅު ވާހަކަ. އެއްވެސް ދޮގެއް ހަދާކަށް އަޅުގަނޑު ނެތީން.

(ޅަހުއްތު އަޅުގަނޑާ ސުވާލު ކުރައްވަނީ މޭޒުގެ ވަތްގަނޑު ތެރޭގައި އޮންނަ ކޮންމެވެސް ނޯޓެއް ބައްލަވައިގެންހެން އަޅުގަނޑަށް ހީވެއެވެ. އެކަމަކު އެ ގަނޑުކޮޅެއް ނުދެކެމެވެ. ދޭތެރެ ދޭތެރެއިން އޭނާ އެ ދިމާ ބައްލަވައިލައްވައެވެ. ސުވާލު ކުރައްވަނީ އޭގެ ފަހުންނެވެ.)

ޅަހުއްތު: މިއީ ކޮން ތާކު ހިނގި ހާދިސާއެއްތޯ؟

އަޅުގަނޑު: އިންޑިއާގައި ނޫންތޯ. ވަރަށް ސާފުކޮށް އެއޮތީ ނޫންތޯ އިންޑިއާއޭ ލިޔެފައި ވެސް.

(ބިންމާ ބުނީތީ، ހިތާ ދެކޮޅަށް ނަމަވެސް، އިތުރުކޮށްލި ދެތިން ޖުމްލައިގެ މުހިންމުކަން ޖެހުނުލެއް ލަހެއްނުވިއެވެ. އެ ދެތިން ޖުމްލަ އިތުރުކޮށް ނުލެވުނު ނަމަ، ޅަހުއްތު ކައިރިން ސަލާމަތްވެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެކަން ޔަގީނެވެ. އެއްޗަކުން ބައްލަވައިގެން ނަމަވެސް ފަހަރަކު ސުވާލެއް އޭނާ ކުރައްވަމުން އެ ގެންދަވަނީ "ސިޔާސީ" ގޮޅިއަކަށް އަޅުގަނޑު ފައްތަވަންކަން ހަމަ ޔަގީނެވެ. ނަމަވެސް، ވަރަށް ސާބިތުކަމާއެކު އަޅުގަނޑު މި ދަނީ ހުރިހާ ސުވާލަކަށް ސާފު ބަހުން ޖަވާބު ދީ، ހުއްޖަތް ދައްކަމުންނެވެ.

ޅަހުއްތު: މިއީ އިންޑިއާގައި ހިނގި ހާދިސާއެކޭ ނުޖެއްސެވީ ކީއްވެތޯ ވާހަކަ ފެށުމުގައި؟

(ކިތަންމެ ވަރަކަށް ވެސް ހިނި އާދެއެވެ. އެކަމަކު އަޅުގަނޑަށް ހޭކަށް ނުކެރުނެވެ. ސަބަބަކީ ޅަހުއްތު އެ ކުރައްވަނީ ކޮންމެހެން ޅަހުއްތު ބޭނުންވެގެން ކުރައްވާ ސުވާލެއް ނޫންކަން ވެސް އެނގޭތީއެވެ. ޅަހުއްތު އެ ކުރައްވަނީ ކުޑަ ކުއްޖަކާ ވެސް މީހަކު ނުކުރާނެހާ، މޮޔަ ސުވާލުތަކެކެވެ. އަމުދުން، ސިޔާސީ މީހުންގެ ތަހުގީގު ކުރާ ވާވު ޅަހުއްތާ ގުޅޭ ސުވާލުތަކެއް ވެސް ނޫނެވެ.)

އަޅުގަނޑު: ތިއީ ވާހަކަ ލިއުންތެރިކަމުގެ ހުނަރެއް. ވާހަކައަށް ޝައުގުވެރިކަން އުފައްދައި، އޭގެ ތެރެއަށް ކިޔާ މީހާ ވެއްދުމަށް ބޭނުންކުރާ ހުނަރެއް. ކިޔާ މީހާ ބޭނުން ގޮތަކަށް ހީކުރުމުގެ މިނިވަންކަން އޭނާ އަށް ލިބޭނެ. އެކަމަކު އެންމެ ފަހު ވަގުތު އެނގޭނީ އޭނާއަށް މި ހީކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން. ޅަހުއްތު ހިންދީ ފިލްމު ބައްލަވަންތޯ؟ ވަރަށް ގިނަ ފަހަރު ފެންނާނެ ވަރަށް ލޯބިން ދެ މީހުން އުޅޭ ތަނާއި ތަންތަނަށް ގޮސް މަޖާކޮށް، އުފާކޮށް އުޅޭތަން. އެކަމަކު މާ ފަހުން އެނގޭނީ އެއީ ހުވަފެނެއްކަން. އެކަހަލަ މަންޒަރުތަކެއް ދުވަހަކު ވެސް ބެއްލެވިންތޯ އެއީ ހުވަފެނެއްކަން ކުރިން އެނގިގެން؟ ނޫނީ "ދެން މި ގެނެސްދެނީ ހުވަފެނެއް" ކަމަށް ސްކްރީނަށް އެރުވިތޯ؟ ނާރުވާނެ. އެހެންވެ، މިއީ އިންޑިއާގެ ޖަލެއްގައި ހިނގައިފައި އޮތް ކަމެކޭ ބުނީމާ ކާކުތޯ މި ކިޔާނީ؟ އިންޑިއާ ޖަލުގައި ހިނގާ ކަމަކަށް ދިވެހިންގެ ކޮން ޝައުގުވެރިކަމެއްތޯ އޮންނާނީ؟ އެހެންވެ އަޅުގަނޑު ބޭނުންވީ އެންމެން ލައްވާ ވާހަކަ ކިއުއްވާފައި، އެ މީހަކު ހީކުރާނެ ގޮތަކަށް ހީކޮށްފައި، އެކަމަކު މިއީ އިންޑިއާ ޖަލުގައި ހިނގި ކަމެކޭ ވެސް ބުނަން. އެއީ ހަމަ އަޅުގަނޑުގެ މޮޅުކަން ނޫންތޯ. އަނެއްކާ ނޫހުގައި ވާހަކަ ލިޔާނެ ގޮތާ ބެހޭ ގޮތުން ފުލުސް އޮފީހުން ކޮން ލަފައެއްތޯ ދެވޭނީ؟ ކޮބައިތޯ ތި ބޭފުޅުންގެ ހައިސިއްޔަތަކީ؟ ފުލުސް އޮފީހުން ބޭނުން ގޮތަށްތޯ ނޫހުގައި ވާހަކަ ލިޔަންވާނީ؟

(ޅަހުއްތު އިސް ދަށަށް ޖައްސަވާލައިގެން އިންނަވައި ކުޑަކޮށް ވިސްނަވާލެއްވިއެވެ. އަދި ވިދާޅުވިއެވެ.)

ޅަހުއްތު: ތިއީ ވެސް ވަރަށް ރަނގަޅު ވާހަކައެއް. ވަރަށް ބޮޑު ތެދެއް ތިއީ.

(އަޅުގަނޑު އެއްވެސް ފޮރުވުމެއް ނެތި، ހުރިހައި އެއްޗެއް ކިޔާލުމުން ވެސް ޅަހުއްތު ރުޅި އަންނަ ގޮތެއް ނުވެއެވެ. އިންނަވަނީ ވަރަށް ހަމަޖެހިލައިގެންނެވެ. ވަތްގަނޑާ ދިމާލަށް ބައްލާލައްވައިފައި އަނެއްކާ ވެސް ޅަހުއްތު ސުވާލެއް ކުރެއްވިއެވެ.)

ޅަހުއްތު: މި ވާހަކަ ލިޔަން މައުލޫމާތު ހޯދީ ކޮން ތާކުންތޯ؟

އަޅުގަނޑު: މައުލޫމާތަކީ ބާރެއް. އެހެންވެ އަޅުގަނޑު އަބަދުވެސް މައުލޫމާތުން ބާރު ހޯދަން. މި ވާހަކަ ލިޔާކަށް ވަކި އިތުރު މައުލޫމާތެއް އެއްވެސް ތާކުން ނުހޯދަން. ހަމަ ހިތަށް އަންނަހާ ގޮތަކަށް ލިޔަމުންދިޔައީ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔުނު ވާހަކައެއް ނޫން ވީމާ، އަޅުގަނޑު ބޭނުންހާ އެއްޗެއް ލިޔެވޭނެ ނޫންތޯ؟ ރަށުތެރޭގައި މީހުން ދައްކާ ޔޯލަޔޯލަ ވާހަކަތަކާއި އިވޭ އަޑުތަކާއި ފިލްމުތަކާއި ފޮތްތަކުގައި ހުންނަ އެއްޗެހިން މައުލޫމާތު ހޯދަން އަބަދުވެސް.

ޅަހުއްތު: އެކަމަކު ސިފައިން ހާދަ އަނިޔާވެރިކޮށޭ ކަންތައް ކުރި ކަމަށް މީގައި މި އޮތީ.

އަޅުގަނޑު: ޚިޔާލީ ވާހަކައެއްގައި ތިވަރުވެސް އަދި ކުޑަ ނޫންތޯ. އަނިޔާވެރިކަން އިތުރުވި ވަރަކަށް ތި ވާހަކައިގެ ފޯރި ގަދަވާނީ. އަޅުގަނޑަށް ވީވަރެއް ކޮށްފައި ތި ވަނީ. އިންޑިއާ ސިފައިންނަކީ އެއްވެސް ރަހުމެއް ކުލުނެއް ހުރި ބަޔެއް ނޫނޭ. ވަރަށް އަނިޔާވެރި ބައެއް އެއީ.

(އިތުރު ސުވާލެއް ނުކުރައްވައެވެ. ތަހުގީގު އެ ދުވަހަށް ނިމުނީއެވެ. އަނބުރާ ފުލުސް އޮފީހަށް ގެންގޮސްފިއެވެ.)

ފުލުހުންގެ ކުޑަގޮޅީގައި ހިތްދަތިކަމާއި އެކަނިވެރިކަމާއެކު ޝަހީބު ވަގުތު ހޭދަކުރަމުންދާ ގޮތުގެ ކުރެހުމެއް.. -އަދިވެސް އިލަސްޓްރޭޝަން: އީމާ ޝަރީފު

ބަންދުގައި 13 ދުވަސް:

ހިތަށް ތަދުވާން ފެށުން

ހައްޔަރުކުރިތާ 13 ވަނަ ދުވަހެވެ. އަރާމު ކޮޓަރިއެއްހެން ފުރަތަމަ ހީވިތަން މިހާރު މި ވަނީ ހަމަ ޖަލެއްގެ ކުޑަގޮޅިއެކޭ އެއްފަދަވެފައެވެ. އަނިޔާއަކީ އެކި މީހުންނަށް އެކި ގޮތަށް ދޭ އެއްޗެކެވެ. މިތާކު އެއްވެސް ހިތްހަމަޖެހުމެއް ނެތެވެ. ހަމައަށް ނޭވާއެއް ނުލެވެއެވެ. ފެން ފޮދެއްވެސް ރަނގަޅަށް ނުދިރެއެވެ. ކަންކަމާ ބިރުން މޭގަނޑު އަނގަޔަށް އަންނަ ވާހަކަ ކުރިން އިވެނީ މީހުން ދައްކާތީއެވެ. ނަމަވެސް މި ފަހަރު އެކަން ވެސް ތަޖުރިބާކުރެވިއްޖެއެވެ. ބައެއް ފަހަރު ހިތްދަތިވެގެން ގޮސް މޭގަނޑު ހީވަނީ ލުހިގެން އަރާފާނެހެންނެވެ. ކިތަންމެ މީރަސް، ފަނި ފޮދެއް ވެސް، ބަތްޕެން ފޮދެއްވެސް ނުބޮވެއެވެ. ކުދިން މަތިން މާ ބޮޑަށް ހަނދާންވަނީއެވެ.

ކޮންމެ އިރަކު ކާން މި ގެންނަނީ ވެސް ވަރަށް ފެންވަރުގެ ކޮއްތެކެވެ. ރޯދަ ވީއްލާށާއި ތަރާވީސް ދަމަށާއި ހާރުދަމަށެވެ. އޭގެ ކުރިން ދުވަހަކު ވެސް ނުބޯ ފަންޏެއް މި ތަނުން ބުއީމެވެ. އެއީ ވަރަށް އޮލަކޮށް ގިރާފައި ހުންނަ ތާޒާ އަންނާރު ފަންޏެވެ. ވަރަށް މީރެވެ. ހާރުދަމަށް ގެންނަ ފިހުނު މަސް ވެސް ހީވަނީ ދެންމެ ބާނައިގެން ގެނެސް، ފިހެލައިފައި އޮންނަ މަހެއްހެންނެވެ. އެހާ ވެސް ތާޒާއެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ މަސްކޮޅެއް ކާންވެގެން އުޅޭ އިރަށް ބައްޕާއޭ ކިޔާފައި ގޮވައި، އަތުގައި ހިފާނެއެވެ. އެއީ އަޅުގަނޑުގެ ދެބެން ކަމަށްވާ ޖުމެއިލާއި އިޖޫ އެވެ. ޖުމެއިލްގެ އުމުރުން އޭރު ފަސް އަހަރެވެ. އިޖޫއަށް ދެ އަހަރެވެ. އެ ދެބެންނަށް ނުދީ ކާހިތެއްނުވެއެވެ. އެހެންވެ އަވަހަށް ބަހައްޓަނީއެވެ. އެކަމަކު މިހާރު ބަނޑުހައިވެސް ވެއެވެ. ކާންވެސް ބޭނުމެވެ. އެކަމަކު ކުދިންނާއި އަންހެނުންނާއި މަންމަމެންގެ މަތިން ހިތަށް އަރައިފައި ނުކެވެނީއެވެ. ގޭމަތިން މާ ބޮޑަށް ހަނދާންވަނީއެވެ. ބައްޕަ ނެތިގެން އެ ދެބެން މިސްވާނެ ވަރު ހިތަށްއަރަނީއެވެ.

ނުވެސް ނިދެއެވެ. ހަމަ ރޮވެނީއެވެ. ދުއާ ކުރަމެވެ. ގިސްލާ ރޮމުންނެވެ.

އަލިހޮއްކޮ ރެސްޓޯރަންޓަކީ ކޮބާ؟

ކޮންމެ އިރަކު ކާން ގެންނަ މީހާ ވެސް ވަރަށް ހައިރާންވެފައި ސުވާލުކުރެއެވެ. އެއީ ސިފައިންގެ މީހެކެވެ. ދުވަސްވެ، ބޮލުން ފަތް ގޮސްފައި ހުންނަ މަޑުމަތިރި ބޭބެއެކެވެ.

"ކޮއްކޮ ކީއްވެގެންތަ އެއްވެސް އެއްޗެއް ނުކައި މި ހުންނަނީ؟ ނުބައީތަ؟"

"ބޭބޭ. ކިތަންމެ މީރަސް އަހަރެންނަކަށް ނުދިރޭ. އެހެންވެ ނުކެވެނީ…"

"ބޭބެއާ އަހަރެން ވެސް ސުވާލެއް ކޮށްލަން ބޭނުން. މިތާ ހައްޔަރުކުރާ އެންމެނަށްވެސް މި ކޮއްތުތަ ގެންދަނީ؟"

"ނޫން ނޫން. ތިއީ އޮފިސަރުންގެ މެސް އިން ގެންނަ ކޮއްތު. ވީ.އައި.ޕީ ކޮއްތު. ތިއީ އާދަމް ޒާހިރުމެން ފަރީއްކުޅުވާ ކޮއްތު."

"ދެން ކީއްވެ ތި ފެންވަރުގެ ކޮއްތެއް އަހަންނަށް ތިޔަ ގެންނަނީ؟"

"ސަބަބެއް ބުނާކަށް ބޭބެއަކަށް ނޭނގޭ. އަޅުގަނޑުމެންނަށް އަންގާފައި އޮންނަނީ މިތަނަށް މި ކޮއްތު ގެންނަން. ސަބަބު އެނގިވަޑައިގަންނަވާނީ އެހެން އެންގެވި ބަޔަކަށް ނޫންތޯ؟"

"އެހެންތަ. އަދި އެބަ އޮތް އެއް ވާހަކަ. ފުލުހުންގެ ހައްޔަރުގައި ތިބެފައި ދާ މީހުން ކިޔާނެ އެ މީހުންނަށް ކާންދެނީ އަލިހޮއްކޮ ރެސްޓޯރަންޓުންނޭ. ކޮބައިތަ އެ ބުނާ އަލިހޮއްކޮ ރެސްޓޯރަންޓަކީ."

"އަޅުގަނޑަށް ކިޔަނީ އަލިހޮއްކޮ."

(އެ ބޭބެ އެހެން ބުނުމުން ކުޑަކޮށް ލަދުވެސްގަތެވެ. ހިނިވެސް އައެވެ.)

"އެހެންތަ. ވަރަށް މީރު މި ކެއުންތައް. ދެން ފަހަރަކުން ކެވޭތޯ ބަލާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ ބޭބޭ!"

މާޒިން އާއި ޝަހީބު (ވ)

އެންމެ އުފާވާ ވަގުތުކޮޅު

ބަންދުގައި އެހެން އޮންނައިރު އެންމެ އުފާވާ ވަގުތުކޮޅަކީ ގެއިން ފޮނުވާ އަންނައުނު ހިފައިގެން ކޮއްކޮ އަންނަ ދުވަހެވެ. އެއީ އަޅުގަނޑުގެ ދެ ވަނަ ކޮއްކޮ މާޒިންއެވެ. ކޮތަޅަކަށް ގަމީހަކާއި ފަޓުލޫނެއް ލައިގެން އޭނާ އައިސް، ޕޮލިސް ކައުންޓަރާ ހަވާލުކުރުމުން، ކައުންޓަރުން ވަގުތުން ދޮރު ހުޅުވާފައި އަޅުގަނޑު އަތަށް އެ ކޮތަޅު ދޭނެއެވެ. އޭރު އެތަނުގައި މާޒިން މަޑުކޮށްލައިގެން ހުންނާނެއެވެ. ދެން ދާ އެއްޗެހި ނެރެފައި އަޅުގަނޑު މާޒިން އަތަށް ދެނީއެވެ. އެ ވަގުތު އެ ތަނުގައި ގިނަ ބަޔަކު ނެތިއްޔާ މާޒިންއާ ވާހަކަ ދައްކާލަން މަޑުކޮށްލަން ވެސް ފުރުސަތު ލިބެއެވެ. ކުދިންގެ ހާލާއި މަންމަމެންގެ ހާލު ނޫން އެހެން އެއްޗެއް އެހުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟

ކުޑަގޮލީގައި ވެސް އެންމެ ބޮޑު ބައިވެރިއަކީ ހަވީރު 

ފުލުހުންގެ ކުޑަގޮޅީގައި މިތާ އޮންނައިރުވެސް އަޅުގަނޑުގެ އެންމެ ބޮޑު ބައިވެރިއަކީ ހަވީރު ނޫހެވެ. ޕޮލިސް ކައުންޓަރަށް ގެންނަ ނޫސް ކޮންމެ ދުވަހަކު ވެސް އަޅުގަނޑު ކިޔަމެވެ. އަޅުގަނޑު ބޭނުން އިރެއް ވަންދެން އެ ނޫސް ކިޔަން ބާއްވަމެވެ. ފުރަތަމަ ސަފުހާއިން ފެށިގެން ފަހު ސަފުހާއަށް ހަމައަށް އަޅުގަނޑު ނުކިޔާ އެންމެ އަކުރެއްވެސް ނޯންނާނެއެވެ. ފުރަތަމަ ކިޔަނީ ރޭޑިއޯ އިން ހަބަރާއި އިއުލާން ކިޔާ ގޮތަށެވެ. އެ ގޮތަށް މުޅި ނޫސް ކިޔައި ނިމުމުން، ދެން ފަށަނީ ކޮންމެވެސް ލަވައެއްގެ ރާގަށެވެ. ހުރިހައި ހަބަރަކާއި އިއުލާނެއް ކިޔަނީ ލަވައެއްގެ ރާގަށެވެ. އެކި ދުވަހު އެކި ރާގެވެ. ކުދިވެރިންނާ މެދު ނުވިސްނި އޮވެވެނީ އެކަހަލަ ކަމެއް ކޮށްލީމައެވެ. ގުރުއާން ވެސް ކިޔަވަމެވެ.

އިޝްތިހާރު ސަފުހާތަކާއެކު ނޫހުގައި އާންމުކޮށް އޮންނާނީ ތިރީހަކަށް ސަފުހާއެވެ.

ބަންދުގައި 14 ދުވަސް:

ތިން ވަނަ ފަހަރަށް ތަހުގީގަށް ގެންދިއުން

ވާނުވާއެއް ނޭނގި ކުޑަގޮޅީގައި އޮންނަތާ 14 ވަނަ ދުވަހެވެ. ބަހަށް އަރުވައިގެން އަނެއްކާ ވެސް އޯޑިއޯނަށް ގެންގޮސްފިއެވެ.

ޅަހުއްތުގެ މޭޒުގެ އަނެއް ކޮޅުގައި ފުލުހުންގެ އެހެން އޮފިސަރަކު ވެސް މިއަދު އެބައިންނެވިއެވެ. އެއީ ސްޓާފް ސަރޖަންޓް ނައިބުގޭ މުހައްމަދު ހަލީމެވެ. އަޅުގަނޑު އީ.ޕީ.އެސްގައި އުޅުނު ދުވަސްވަރު ސްކޫލުން ދިމާވި ފަހުން އަދިކިރިޔާ ފެނުނީއެވެ.

އަޅުގަނޑު: މި އަނިޔާއަކަށް އަޅުގަނޑަކަށް ކެތެެއް ނުވާނެ. މި ކުޑަގޮޅީގައި ކަސްތޮޅު އެޅިގެނެއް އަޅުގަނޑަކަށް ނޯވެވޭނެ. ޅަހުއްތު ލިއުއްވާނެ ގޮތަކަށް ބަޔާން ލިއުއްވާފައި ދެއްވާ. އަޅުގަނޑު ސޮއިކުރާނަން. އަޅުގަނޑު ބޭނުން ގެއަށް ދާން. ކުދިންނާ ވަކިންނެއް އަޅުގަނޑަކަށް ނުހުރެވޭނެ.

ޅަހުއްތު: އަސްތާ. ތިއީ އެއްވެސް ގޮތެއް ނޫން. ވާރޭ ހުއްޓާލަނީކަން އެނގިހުރެ، ތެމިގެން ގެއަށް ދިއުމުގެ ބޭނުމެއް ނެތެއްނު. އެހެންވެ އަދި މަޑުކޮށްލައްވާ. (ވަރަށް ޝާއިރީ ބަސްތަކަކުން ޅަހުއްތު ވިދާޅުވިއެވެ.)

އަޅުގަނޑު: ވާރޭ ހުއްޓާލާނެ ކަމަށް ކިހާ އިންތިޒާރެއް ކުރެވިއްޖެތޯ މިހާރު. ދެ ހަފުތާވެއްޖެ ހުއްޓާނުލާ ވެހޭތާ. ނުހިއްޓިއެއްނުންތޯ. އެހެންވެ ތެމިގެން ނަމަވެސް އަޅުގަނޑު ބޭނުންވަނީ އަވަހަށް ގެއަށް ދާން. ގެއަށް ގޮސްފައި ގައިހިތްކާލީމާ އެކަން ނިމުނީ.

ޅަހުއްތު: ނޫން ނޫން. ޝަހީބު ކަހަލަ ރަނގަޅު ޒުވާނަކު ލައްވާ ތިޔަ ކަހަލަ ބަޔާނެއްގައި އަޅުގަނޑު ސޮޔެއް ނުކުރުވާނަން. އަޅުގަނޑަށް ފާހަގަވީ ޝަހީބަކީ ވަރަށް އަޚުލާގު ރަނގަޅު، ވިސްނުން ތޫނު، މޮޅު ނޫސްވެރިއެއްގެ ގޮތުގައި. އެހެންވެ ޖަޒުބާތުގައި ޖެހި މިތަނުގައި ސޮއިކޮށްލާ އެއްޗަކުން މުޅި މީހާގެ ކުރިމަގާއި ދިރިއުޅުން ހިނގައިދާނެ. އެހެންވެ ޝަހީބު ލައްވާ އެކަހަލަ ކަމެއް ކުރާކަށް އަޅުގަނޑު ހިތްވަރެއް ނުދޭނަން. އަދި ސޮޔެއް ވެސް ނުކުރުވާނަން.

އަޅުގަނޑު: ޅަހުއްތު ވިދާޅުވަމުނޫންތޯ ދޮގު ހަދާކަމަށް ބަރުވެސް ހެކިދޭ ވާހަކަ. ކޮބާތޯ އެ ބަރު؟ ކީއްވެތޯ އަޅުގަނޑު ތެދު ބުނާ ކަމަށް އެ ބަރު ހެކި ނުދެނީ؟ އަޅުގަނޑު ދޮގު ހަދަނީއޭ ކިޔައިފައި އަދަބު ބޮޑުކޮށް، އެހެން ގޮޅިއަކަށް ބަދަލުކޮށް، ކޮއްތާ އެއްޗެތިވެސް ބަދަލުކުރައްވަފާނެނޫންތޯ؟

ޅަހުއްތު: ބަރުގެ ވާހަކަ މިހާރު ނުދައްކަވާ. މި މައްސަލަ އަޅުގަނޑުގެ އަތުގައި އޮތްހާ ދުވަހަކު ޝަހީބު ތި އޮންނެވި ތަނަކަށް އަދި ކޮއްތަކަށްވެސް އެއްވެސް ބަދަލެއް ނާންނާނެ. ޝަހީބު އަތުން އެއްޗެއް ސާފުކުރާކަށް ކޮންމެހެން އަދަބެއް ދޭކަށް ނުޖެހޭ. ތިތަނުގައި މަޑުކޮށްލެއްވުމުން ވެސް އެކަންކަން ސާފުވާނެ.

އަޅުގަނޑު: އަދި އެބައޮތް އެއް ވާހަކަ ދަންނަވާލަން. ތިޔަ ބޭފުޅުންނަށް އެންމެ ރަނގަޅުވާނީ ވީހާ އަވަހަކަށް އަޅުގަނޑު މިތަނުން ދޫކޮށްލެއްވުން. މިހެން މި ދެންނެވީ އަޅުގަނޑަކީ ބިންމާ ވަހީދެއް ނޫން. އަޅުގަނޑު ލިޔާ ވާހަކައެއް މީހަކު ނުވެސް ކިޔާނެ. އެކަމަކު ތި ހައްދަވާ ގޮތުން މިހާރު ރަށުތެރޭގައި އެންމެން ކިޔާނެ ނޫހުގައި ވާހަކައެއް ލިޔެގެން ހަވީރުގެ ނޫސްވެރިއަކު ހައްޔަރުކޮށްފިއޭ. ދެން ބަލާނެ އެއީ ކޮން ވާހަކައެއްތޯ. ބަލާއިރު އެއީ މި ވާހަކަ. ދެން އެންމެން ހީކުރާނީ މިއީ ހަމަ ތެދެކޭ. ރާއްޖޭގައި ހިނގައިގެން އުޅޭ ކަމެކޭ މިއީ. ހަމަ ހަގީގަތޭ މިއީ. މިހާރު ތި ހައްދަވާ ގޮތަކުން ބައިކޮޅަށް ގޯލް ތިޖައްސަވަނީ އަމިއްލަ ބޮލުން.

ޅަހުއްތު: އަޅުގަނޑަށް ވެސް ގަބޫލްކުރެވޭ ގޮތުގައި މިއަށްވުރެ ބޮޑެތި ކަންކަން އެބަހުރި ގައުމުގައި އިސްލާހުކުރަން. ޝަހީބު މިތާ ބައިންދާކަށް އަޅުގަނޑުވެސް ހިތެއް ނުރުހޭ. އެހެން ނަމަވެސް އަދި ކުޑަކޮށް މަޑުކޮށްލައްވަންވާނެ.

އަޅުގަނޑު: ޅަހުއްތު ސާފުކުރައްވަން ބޭނުން ހުރިހާ ކަމެއް އަޅުގަނޑު ސާފުކޮށްދޭނަން. ސުވާލު ކުރެއްވީމަ ރަނގަޅަށް ޖަވާބު ދޭނަން.

ޅަހުއްތު: އެންމެ ރަނގަޅު. މި ވާހަކައާ ދޫނިދޫ ޖަލުގައި ޒުވާން އަންހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅުމެއް ވާނެތޯ؟

އަޅުގަނޑު: ގުޅުން އޮންނާނެ. ވަރަށް ބޮޑަށް ވެސް އޭގެ އަސަރު ހުންނާނެ. އަދި ހަމަ ޖާސޫސް ކުރިއޭ ކިޔައިގެން އިންޑިއާގެ ޖަލުގައި ހައްޔަރުކޮށް އަނިޔާކުރި މަރިޔަމް ރަޝީދާ އާއި ފައުޒިއްޔާގެ ވާހަކައާ ވެސް ގުޅުން އޮންނާނެ.

ޅަހުއްތު: ކީއްވެގެން ދޫނިދޫ ޖަލުގައި މަރުވި ކުއްޖާގެ ވާހަކަ ގެނައީ؟

އަޅުގަނޑު: ދޫނިދޫ ޖަލުގައި އަންހެން ކުއްޖަކަށް ސިފައިން އަނިޔާކޮށް މަރާލީއޭ ކިޔައިގެން އަޑު ފެތުރުނީ. އެއީ މ. ލޮނުމިދިލިގޭ ސުދާ. (ކުޑަގޮޅި ވާހަކައިގައި އުޅެނީ ހުދާ ކިޔާ ކުއްޖެކެވެ.) އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް ނިންމީ ސުދާ މަރުވީ ސިފައިން އަނިޔާކޮށްގެން ނޫން ކަމަށް. (އޭރު ސިފައިންނާއި ފުލުހުން އޮންނަނީ އެއްކޮށެވެ.) އެހެންވެ އާންމުން ދެއްކީ ދޮގު ވާހަކަތަކެއްކަން އެ ހިސާބުން ސާބިތުވެއްޖެ. ދިވެހި ސިފައިންނަކީ އެއް އިރެއްގައި ވެސް ކުށްވެރީންނަށް އަނިޔާކުރި ބައެއް ނޫނެއްނޫންތޯ. އެހެންވެ ދިވެހި ސިފައިން ކުއްޖަކަށް އަނިޔާކުރި ވާހަކަ އަޅުގަނޑެއް ނުލިޔާނެނޫންތޯ. ދެން ވާހަކަ ލިޔަން ފެށިތަނާ ހިތަށް އެރީ އެ ދުވަސްވަރު ދެކެވުނު އެއްވެސް ހަގީގަތެއް ނެތް ވާހަކައިގެ އަސަރުވެސް ހިމަނާލަން. އެހެންވެ ވަރަށް އަނިޔާވެރިކޮށް އެބައި ހިމަނައިފައިވާނެ. ޚިޔާލީ ވާހަކައެއްގައި ހަމަ ކޮންމެ އެއްޗެއްވެސް ހިމަނަންނަވީ ނޫންތޯ. އަނެއްކާ އެއީ އިންޑިއާ ޖަލެއްގައި ހިނގި ކަމެއް.

(ޅަހުއްތު ފުން ނޭވާއެއް ލެއްވިއެވެ. އަދި ވިދާޅުވިއެވެ.)

ޅަހުއްތު: ކީއްވެގެންތޯ ތި ވާހަކަތައް ކުރިން ނުބުނުއްވީ؟

އަޅުގަނޑު: ޅަހުއްތު ކުރައްވާ ސުވާލަށް އަޅުގަނޑު ޖަވާބު ދެމުން މި އަންނަނީ. ވަރަށް ދުރުދުރުން ސުވާލުތައް ކުރެއްވީ. ސީދަލަށް ސުވާލެއް ކުރެއްވީމަ ހަމަ އެހާ ސީދަލަށް ޖަވާބު ވެސް މި ދިނީ ނޫންތޯ؟ އަދިވެސް އެބައޮތްތޯ ސުވާލެއް؟

ޅަހުއްތު: ޝަހީބަށް މި ވާހަކަ ކިޔައިދިނީ ކާކު؟ އެ ގޮޅީގައި އިން ކުއްޖާ (މ. ފީރޯޒުގޭ، ލިއުޝާ) އާ ބައްދަލުވިތަ؟

އަޅުގަނޑު: ބައްދަލެއް ނުވޭ.

(ފަހުން އެނގުނު ގޮތުގައި އަޅުގަނޑު ހައްޔަރުކޮށްފައި ބަހައްޓައިފައި ލިއުޝާ ފުލުހަށް ހާޒިރުކޮށް، ޝަހީބާ ބައްދަލުވެ އެ ފަދަ ވާހަކަތަކެއް ދެއްކިންތޯ ސުވާލުކުރި ކަމަށް ވެއެވެ. ލިއުޝާ ބުނި ކަމަށް ވަނީ ޝަހީބު ނުދަންނަ ކަމަށެވެ. އެއީ ހަމަ ހައްގު ތެދެވެ. ފީރޯޒުގެއަށް އަޅުގަނޑު މަދުމަދުން ދިޔައަސް، އޭނާއާ ބައްދަލެއް ނުވެއެވެ. އަދި އެ ފަދަ ވާހަކައެއް އޭނާ އަޅުގަނޑު ގާތުގައި ދުވަހަކުވެސް ނުދައްކައެވެ.)

އަޅުގަނޑުގެ ފުރަތަމަ ބަޔާން ނަގައިފިއެވެ. ބަޔާން ލިޔުއްވަނީ ހަލީމެވެ. އެކަމަކު އޭނާ އެ ލިޔުއްވާ ގޮތުން އަޅުގަނޑު ސަލާމަތްވެވޭކަށް ނޯވެއެވެ. އެހެންވެ އަޅުގަނޑު ޝަކުވާ ކުރުމުން ޅަހުއްތު ވިދާޅުވީ ޝަހީބުގެ ބަޔާން ލިޔާނީ ޝަހީބު އަމިއްލައަށް ކަމަށެވެ. ޝަހީބު ލިޔުނީމާ ރަނގަޅުވާނެ ކަމަށެވެ.

(ހަލީމު ބަޔާން ލިޔުއްވަނީ ތަހުގީގީ/ ގާނޫނީ ބަޔާންތައް ލިޔާ އުސޫލުން ކަމަށް ވެދާނެއެވެ. އެކަމަކު އެ ގޮތަކާ އަޅުގަނޑު އެހާ ގަބޫލެއް ނުވެވެއެވެ.  އަޅުގަނޑު ގޮޅިއަކަށް ފައްތަން ޅަހުއްތު ނޫޅުއްވައެވެ. ނަމަވެސް ބަޔާން އޮންނަނީ އެހެނެއް ނޫނެވެ. އެހެންވެ އޭރުއްސުރެ ހަލީމް ދެކެ ވަރަށް ހިތްހަމަނުޖެހެއެވެ. މަގެއް މަތިން އޭނާ ފެނުނަސް އަޅުގަނޑު އަވަހަށް އެހެން ދިމާލަކަށް އަނބުރާލަނީއެވެ. އެކަމަކު ފަހުން ފަހުން ވާހަކަ ދައްކަމެވެ.)

ދެ ފަރާތުން ބޭނުންވާ ގޮތަށް ބަޔާން ދީ، ސޮއިކޮށްފީމެވެ.

3 ފެބްރުވަރީ 1997، 25 ރަމަޟާން (ހޯމަ) 

ބަންދުގައި 15 ދުވަސް:

އީދު އަންނަނީ، އަވަހަށް ދޫކޮށްލައްވާ!

މިހާރު ފުލުހުންގެ ބަންދުގައި ހުންނަތާ ދެ ހަފުތާވީއެވެ. ޅަހުއްތުމެން ބޭނުންވާ ހުރިހައި ސުވާލަކަށް ޖަވާބުވެސް ދީ، ބަޔާން ވެސް ދީފީމެވެ. އެކަމަކު ވެސް އަދިވެސް ދުލެއް ނުކުރެއެވެ. އަނެއްކާ ދެތިން ހަތަރު ދުވަސް ފަހުން އީދަށް ބަންދުވާނެއެވެ. އެހެންވެ އީދަށް ބަންދުވުމުގެ ކުރިން ދޫކޮށްނުލައިފިއްޔާ ދެން ދޫކޮށްލާނީ ވަރަށް ފަހުންނެވެ. އީދުގައި ކުދިވެރިން ކައިރީގައި ހުންނަން ކިތަންމެހާ ވެސް ބޭނުމެވެ. އެހެންވެ އީދަށް ބަންދުވުމުގެ ކުރިން ދޫކޮށްލާތޯ އާދޭސް ދެންނެވުމަށް އަމިއްލަ އަށް އެދިގެން ޅަހުއްތުއާ ބައްދަލުކޮށްފީމެވެ. ޅަހުއްތު ވިދާޅުވީ އެކަމާ އެބަ އުޅުއްވާ ކަމަށެވެ.

ފޮލިސް ކޮމިޝަނަރ އާދަމް ޒާހިރު (މ) އަރިހަށް ޝަހީބު ހާޒިރުކުރި ދުވަހުގެ ކުރެހުމެއް. ކުރެހުމުގެ ކަނާތްފަރާތުގައި ވާވު ޅަހުއްތު. -އަދިވެސް އިލަސްޓްރޭޝަން: ހުސެއިން އުނައިޝް އަބްދުﷲ

5 ފެބްރުވަރީ 1997 (ބުދަ)

ބަންދުގައި 17 ދުވަސް: އާދަމް ޒާހިރު ބައްދަލުކުރެއްވުން!

ކުއްލިއަކަށް މީހަކު އައިސް ބުނެފިއެވެ. މައްޗަށް ދާންވީއެވެ. ވީ ކީއްކަމެއް، ކުރަން އުޅެނީ ކީއްކަމެއް ނޭނގެއެވެ. އަޅުގަނޑު ހުރީ ދާން ތައްޔާރަށެވެ. ގެންގޮސް ވެއްދީ ކޮމިޝަނަރ އޮފް ޕޮލީސް އާދަމް ޒާހިރުގެ ކޮޓަރިކޮޅަށެވެ. އެތަނުގައި ޅަހުއްތުވެސް އިންނެވިއެވެ.

އެކަކު ވެސް އަޅުގަނޑާ ސަލާމެއް ނުކުރައްވައެވެ. އާދަމް ޒާހިރަކީ ވެސް އަޅުގަނޑާ ވަރަށް ގާތް ބޭފުޅެކެވެ. އެކަމަކު މިއަދު "ސިޔާސީ ބޮޑު ކުށްވެރިއަކަށް" ވާތީ ދަންނަ ކަމަށް ވެސް ހައްދަވަން ބޭނުންނުވީ ކަންނޭނގެއެވެ. އެ ގޮތް ވެސް އެހާ ގޯހެއް ނޫނެވެ.

އަޅުގަނޑު ފުރަތަމަވެސް އަޅައިގަތީ އާދަމް ޒާހިރުގެ މޭޒުމަތީގައި އޮތް މޯބައިލް ފޯނެވެ. ފޯނުގައި ހުންނަ ކުރު އެންޓަނާ ކައިރިން ފެހި ބޮތްކެއް ނިވިދެއްލެމުންދިޔައެވެ. އެއީ އަޅުގަނޑުގެ އަތުގައިވެސް އޮތް ކަހަލަ އެރިކްސަން މޯބައިލް ފޯނެކެވެ. އަޅުގަނޑު ފުލުހުންގެ ހައްޔަރުގައި މިވީ 17 ދުވަސް ތެރޭގައި މޯބައިލް ސިގްނަލް ރާއްޖެއަށް ދޫކުރުމުން، ގިނަ ބަޔަކު މޯބައިލް ފޯނު ބޭނުންކުރަން ފެށީއެވެ. އަޅުގަނޑަށް މޯބައިލް ފޯނު ބޭނުން ކުރެވުމާއި ނުކުރެވުން އޮތީ އާދަމް ޒާހިރުގެ އަތްމަތީގައެވެ. ގެއަށް ދޫކޮށްލާއިރަށް ގޮސް ފޯނު ހުޅުވާނަމޭ ހިތަށް އެރިއެވެ.

އަޅުގަނޑު ގެންދަވައި، އާދަމް ޒާހިރު ވިދާޅުވީ، ޝަހީބު ކަހަލަ ޒުވާން ކުއްޖަކު ދިވެހި ސިފައިންނަށް ނިސްބަތްކޮށް ވަރަށް މޮޅަށް ލިޔެފައި ވަނީ ވަރަށް އަނިޔާވެރި ވާހަކަތަކެއް ކަމަށެވެ. އެއީ މީގެ ކުރިން އެއްވެސް އިރަކު ދިވެހި ސިފައިންނަށް ނިސްބަތްކޮށް ރާއްޖޭގެ ދުވަހު ނޫހެއްގައި ލިޔެފައި ނެތް ފަދަ އަނިޔާވެރި ލިއުމެއް ކަމަށެވެ. އަދި އެއީ އާންމުންގެ ހިތުގައި ސިފައިންގެ މީހުންނާއި ސަރުކާރާ މެދު ނަފުރަތު އުފެއްދުމަށް ލިޔެފައިވާ ލިއުމެއް ކަމަށް ގަބޫލް ކުރެއްވޭ ކަމަށާއި ނަމަވެސް ޝަހީބަކީ އެކަހަލަ ލިޔުމެއް ލިޔެފާނެ މީހެއް ކަމަށް ގަބޫލް ނުކުރެއްވޭ ކަމަށާއި ޝަހީބު އެކަން ކޮށްފައި ވަނީ ބަޔަކު މީހުން އަޑީގައި ތިބެގެން ކަމަށް ގަބޫލްކުރެއްވޭ ކަމަށް ވެސް އާދަމް ޒާހިރު ވިދާޅުވިއެވެ. ވީމާ އެއްވެސް މީހަކު ބުންޏަސް، އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އާދަމް ޒާހިރު ނަސޭހަތް ދެއްވިއެވެ. އަދި މިއަދު ގެއަށް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ޖަވާބުގައި އަޅުގަނޑު އެއްވެސް ވާހަކައެއް ދައްކާނެ ފުރުސަތެއް ނުދެއްވައެވެ.

އަޅުގަނޑު ލިޔުނު ޚިޔާލީ ވާހަކަ މި ބައިމީހުން އަނބުރާލި ގޮތް ހިތަށް އަރައިފައި ވަރަށް ބޮޑަށް ހައިރާންވިއެވެ.

ދެން އަނެއްކާ ވެސް ތިރިޔަށް ގެނައީއެވެ.

5 ފެބްރުވަރީ 1997، 27 ރަމަޟާން (ބުދަ) 

ބަންދުގައި 17 ދުވަސް: 

ގޭ ބަންދަށް ބަދަލުކުރުން!

ފުލުހުންގެ ބަންދުގައި ހުންނަތާ 17 ވަނަ ދުވަހު، ގެއަށް ބަދަލުކުރަން ނިންމުމާއެކު އަޅުގަނޑު މާތް ﷲއަށް ހަމްދުކޮށް، އުފަލުން ފޮޅުނެވެ. ކޮއްކޮ މާޒިން އިއްޔެ ގެނައި ސާމާނު އަދިވެސް އެ ހުރީ ހުރި ގޮތަށެވެ. އެ ކޮތަޅު ހިފައިގެން ދިޔައީމާ އެ ނިމުނީއެވެ. ގެއަށް ގެންދާނެ މާކަށް ގިނަ އެއްޗިއްސެއް މިތާކު ނުހުންނާނެއެވެ.

ގެއަށް ގެންދަން ބަހަށް އަރުވައިފިއެވެ. ގެންދަންވީ ކޮން ގެއަކަށްތޯ ޑްރައިވަރު އެއްސެވެ. އަޅުގަނޑު ބުނީ ގެންދަންވީ އަޅުގަނޑު ދިރިއުޅޭ، ހ. ޖަވްޒާ އަށް ކަމަށާއި އެކަމަކު އެ ގެއަށް ދާ މަގުމަތީގައި، މަޖީދިއްޔާ ކައިރިއަށް، ރީތިގަސްދޮށުގެއަށް މަޑުކޮށްލައި، މަންމަ އާއި ބައްޕަ ދެކެލަން 30 ސިކުންތު ދިނުން ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އޭނާ ބުނީ އެއީ ގަވައިދުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އެކަން ކޮށްދޭނެ ކަމަށެވެ.

ގެއަށް ވަން އިރު ބައްޕަ އަސުރަށް ދުރުވަން ނުކުންނަވަނީއެވެ. ބައްޕަ ވެސް މަންމަ ވެސް ވަރަށް އުފާވިއެވެ. އަލްހަމްދުލިﷲއެވެ.

ގެއަށް ގޮސް ކުދިވެރިންނާއި އަންހެނުން ފެނުމުން އަދި މާ އުފާވިއެވެ. ކުދިވެރިން ހީވަނީ އެހެން ފަދަ ކަމެއްހެންނެވެ. އަލްހަމްދުލިﷲއެވެ.

ރައްޓެހިންގެ ޒިޔާރަތްތައް

"ކުޑަގޮޅި" ކިޔާ ޚިޔާލީ ވާހަކައެއް ލިޔެގެން ފުލުހުންގެ ހަގީގީ ކުޑަ ގޮޅިއެއްގައި 17 ދުވަހު ހައްޔަރުކޮށްފައި ބޭއްވުމަށްފަހު ގޭބަންދަށް ބަދަލުކުރުމުން އެކުވެރިންނާއި ގާތް ތިމާގެ މީހުން އަބަދުމެ ގެއަށް ޒިޔާރަތް ކުރެއެވެ. ފޫހިވާކަށް ވަގުތެއް ނުލިބެއެވެ. ގޭގެ ޖަބުރޯލް ގަސްދޮށުގައި ހުންނަ ތިން ޖޯލިފަތި ފުރެންދެން ވެސް ބައެއް ރޭ މީހުން ތިބެއެވެ. މަޖާ ވާހަކަތައް ދެއްކުމާއި ކެއުމުގައެވެ. އެއީ މެހެމާނުންނެކޭ ބުނާ ހިތެއް ނެތެވެ. އެކަމަކު އެއީ އެންމެ ގާތް ރައްޓެހިންނެވެ. ކުރިންވެސް އަދި މިހާރުގެވެސް އެވެ. މި ލިއުމުގައި ނަންތައް ލިޔެފައި ވެސް އުނިކޮށްލީ، ފަހަރުގައި ވެސް އެންމެ ނަމެއް އުނިވިޔަސް، އެކަކުވެސް ހިތްބުރަކަމެއް ބާއްވަފާނެތީއެވެ.

އިބުރާއާ ބައްދަލުވުން

ގޭ ބަންދުކޮށްފައި ހުއްޓާ އެއް ދުވަހެއްގެ ހަވީރު ދޮރާށި ކައިރިޔަށް ނުކުމެ ހުއްޓައި، ވޭނެއްގައި މީހަކު އައިސް މަޑުކޮށްލައިފިއެވެ. ސަލާމްކޮށްލަން އަތްދިއްކޮށްލުމުން ބަލައިލި އިރު މިއީ ބޯގަންވިލާ އިބްރާހިމް އިސްމާއިލް (އިބުރާ) އެވެ. އިބުރާއާ ކުރިންވެސް ރައްޓެއްސެވެ. އެކަމަކު އެ ދުވަހު އިބުރާ ފެނުނީ ވަރަށް ގާތްކޮށެވެ. އިބުރާ ވިދާޅުވީ "ކުޑަގޮޅި" ވާހަކަ ވަރަށް މޮޅު ކަމަށާއި ވަރަށް ފުރިހަމަ ކަމަށާއި ރައްޔިތުންނަށްޓަކައި ކޮށްދީފައި އެ އޮތީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެކަން ރައްޔިތުން ބަލައިގަންނަ ކަމަށާއި އެކަމުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށެވެ. އަދި ޝަހީބަކީ ގައުމީ ބަތަލެއް ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. އެއްވެސް ކަމަކު ބޭނުންވެއްޖިއްޔާ ގުޅާލުމަށާއި ކޮންމެ ކަމެއް ވެސް ކޮށްދެއްވާނެ ކަމަށެވެ.

އަޅުގަނޑު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންވެ ހަމަ އެކަނި ބުނެލެވުނީ ޝުކުރިއްޔާއޭ އެވެ. (އެކަމަކު ފަހުން ވެސް، ދުވަހަކު ވެސް އިބުރާއަކަށް އަޅުގަނޑު ނުގުޅަމެވެ.)

ފުލުހުންގެ ހައްޔަރުގައި އަޅުގަނޑު ހުއްޓާ ގެއަށް، އަންހެނުނަށް މީހަކު ސިޓީއެއްވެސް ފޮނުވި އެވެ. އޭގައި ވެސް ހުރީ އިބުރާ ދެއްކެވި ކަހަލަ ވާހަކަތަކެކެވެ. ކުދިންނަށް ވެސް އަދި އާއިލާ އަށް ވެސް އެއްވެސް ކަމެއް ބޭނުންވެއްޖެ ނަމަ، ގުޅުމަށް ނަންބަރެއް ވެސް ދީފައި އޮތް ކަމަށް އަންހެނުން ބުންޏެވެ. އެ ސިޓީ އަޅުގަނޑަށް ފެނުނު ހަނދާނެއް ނުވެއެވެ.

5 މާޗު 1997

ބަންދުގައި 45 ދުވަސް

ފުލުހުންގެ ބަންދާއި ގޭބަންދުގައި ހުންނަތާ 45 ވަނަ ދުވަހު އަޅުގަނޑު ބަލައި ބަސް އަތުއްވެއްޖެއެވެ. ފުލުހުންގެ އިދާރާއަށް ގެންގޮސްފައި ބުނީ ބަންދުން ދޫކޮށްލީ ކަމަށެވެ. ނަމަވެސް ރަށުން ބޭރަށް ދަންޏާ ފުލުހުންނަށް އެންގުމަށެވެ.

ޖެހިގެން އައި ދުވަހު ހެނދުނު އޮފީހަށް ނުކުމެއްޖައީމެވެ.

"ކުޑަގޮޅި" ވާހަކަ އޮތް ނޫސް ޗާޕުކުރި ޕްލޭޓު ހިމެނޭ ފްރޭމް ހިފައިގެން ޝަހީބު (2022 ޖަނަވަރީގައި)

6 މާޗު 1997

ނޫސް ޗާޕުކުރި ޕްލޭޓް ފްރޭމްކޮށްފައި ހަދިޔާކުރުން

ޖުމްލަ 45 ދުވަހުގެ ބަންދަކަށްފަހު ހަވީރަށް ނުކުތުމުން ހުރިހައި އެންމެންވެސް ވަރަށް އުފާކޮށް، ސަލާންގަލާންކޮށް ހެދިއެވެ. އަޅުގަނޑަށް އެންމެ ބޮޑު ސަޕްރައިޒެއް ދިނީ ނޫސް ޗާޕުކުރާ ބައިގައި އުޅޭ އިބްރާހިމް މޫސާ (އިއްބެ) އެވެ.

"ކުޑަގޮޅި" ވާހަކަ ޗާޕުކުރަން މެޝިނުގައި އެޅުވި އެލުމިނިއަމް ޕްލޭޓް އޭނާ އޮތީ ނަގައި، ސާފުކޮށް ފްރޭމްކޮށްފައެވެ. އަޅުގަނޑު ޗާޕު ބަޔަށް ގެންގޮސް، ޗާޕު ބައިގެ ހުރިހާ ކުދިން ފަރާތުން އިއްބެ އެ ފްރޭމް އަޅުގަނޑަށް ހަދިޔާކުރިއެވެ. އިއްބެ ބުނީ ޝަހީބު ބަންދުކުރި ވާހަކަ އިވުމާއެކު އެ ޕްލޭޓް ނަގައި، ސާފުކޮށްފައި ބޭއްވީ ކަމަށެވެ. ގިނަ ދުވަސްތަކެއް ނުވެ ސަލާމަތްވެގެން ޝަހީބު އޮފީހަށް ނުކުންނާނެކަން އެނގޭ ކަމަށާއި އެ ދުވަހަކުން އެ ޕްލޭޓް ހަދިޔާކުރަން ރައްކާކުރީ ކަމަށެވެ.

އަޅުގަނޑު ގަބޫލްކުރާ ގޮތުގައި ނޫސްވެރިކަމުގެ ހަޔާތުގައި އަޅުގަނޑަށް ލިބުނު ފުރަތަމަ އެވޯޑަކީ އެއީއެވެ. އެއީ އޭގެން ކިތަންމެ ކަމެއް ރަމްޒުކުރެވިދާނެ އެވޯޑެކެވެ. އެކަމަކު އެ ލިސްޓް މިތާނގައި އަޅުގަނޑު ލިޔާކަށް ނެތީމެވެ. އިއްބެ ދިން އެވޯޑަކީ އަޅުގަނޑުގެ ހަޔާތުގެ މުހިންމު އެވޯޑަކަށް ވާތީ، އަޅުގަނޑުގެ ގޭގައި އެ ފްރޭމް އަބަދުވެސް ހަރުކޮށްފައި ހުންނާނެއެވެ. ގައުމީ އިނާމުތަކާއި ރަނާއި އަލިމަސް ގަލަންތަކާ އެއް ހަމައެއްގައެވެ.

ހަވީރުގެ އިބްރާހިމް މޫސާ (އިއްބެ) އާއެކު ޝަހީބު ނަގައިފައިވާ ސެލްފީއެއް (19 ޑިސެމްބަރު 2021ގައި)

ބޯވަ ނެގުމަށާއި ފީނައިގެން މަސް ހިފުމަށް ވަރަށް ކުޅަދާނަ އިއްބެއަކީ ވެސް ހަވީރުގެ އާއިލާގެ އެކުވެރިންގެ ތެރެއިން އަދިވެސް ދެގޮތެއްނުވެ ހުރި އެކުވެރިއެކެވެ. ދޭތެރެ ދޭތެރެއިން ބައްދަލުވެ، ކޮފީ ބޮމެވެ. އެންމެ ފަހުން ދިމާވީ މީގެ ބަރާބަރު އެއްމަސް ކުރިން، ހުސްވި ޑިސެމްބަރު 19 ގައި، ކޮފީއަކުންނެވެ. އެ ދުވަހު ސެލްފީއެއް ނެގީވެސް، އެ ތާރީހީ ފްރޭމްގެ ހަނދާންތައް އާކުރަމުންނެވެ. ނޫސްވެރިކަމުގެ ފުރަތަމަ އެވޯޑް އަޅުގަނޑަށް ދިނީތީ އިއްބެއަށް އަދިވެސް އެއްފަހަރު ޝުކުރިއްޔާއެވެ.

މައްސަލަ ޝަރީއަތަށް ފޮނުވުން

ބަންދުގައި 45 ދުވަސް ހަމަކޮށް ދޫކޮށްލުމުން އޮފީހަށް ނުކުންނަން ފެށިތާ ގިނަ ދުވަސްތަކެއް ނުވެ، ކޯޓުން ޗިޓެއް އަތުވެއްޖެއެވެ. ދައުލަތުގެ ފަރާތުން ދައުވާ ކުރާ މައްސަލައެއްގައި ކޯޓަށް ހާޒިރުވުމަށް އަންގައެވެ. އަޅުގަނޑު ވަރަށް ކަންބޮޑުވިއެވެ. އަދި ހާސްވިއެވެ. ހިތަށްއެރިއެވެ. މިކަމުގައި ޖެހޭނީ ރަނގަޅު ގޮތެއް ވޭތޯ ބަލާށެވެ. އެހެންވެ، ގާތް ރައްޓެހިންގެ ލަފައާއި އިރުޝާދު ހޯދައިފީމެވެ. ގެއަށް އަންނަ ހުރިހައި ރަހުމަތްތެރިން ހިމެނޭ ކޮމިޓީގެ ލަފާ ވެސް ހޯދައިފީމެވެ. ކޯޓަށް ދާން އޮތީ ޖެހިގެން އައި ދުވަހު ކަމަށް ވާތީ، ކޮމިޓީގެ ލަފާ ލިބުނީ ކޯޓަށް ނުގޮސް، މެޑިކަލް ހުށަހެޅުމަށެވެ. އެހެންވެ އެގޮތަށް ހަދައިފީމެވެ. ކޮމެޓީން ދެން ނިންމީ މާފަށް އެދި ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ލިއުމަށެވެ. އެ ހުށަހެޅުން ކޮމިޓީއަށް އަންނަނީ މާ މަތިންނެވެ. އެކަމަކު އެއީ އަޅުގަނޑަށް އެހާ ފަސޭހަ ކަމަކަށްނުވިއެވެ. ސަބަބަކީ މައާފަށް އެދެންޖެހޭނީ ކުށެއް ކުރެވިގެން ކަމަށް ވާތީއެވެ. އަޅުގަނޑު ކުރި ކުށެއް ނޯންނާނެއެވެ. "ކުޑަގޮޅި" ލިއުމުގައި އެއްވެސް ކުށަކަށް އަރައިގެންފައިވާނެ ކަމަކަށް ބަޔާނަކުވެސް ނޯންނާނެއެވެ. ވީއިރު އަޅުގަނޑު މާފަށް އެދެންޖެހޭ ސަބަބެއް ނެތެވެ. އެކަމަކު މާފަށް ނޭދި ފަރުޖެހޭކަށް ވެސް ނެތެވެ. އެކަން ކުރަންވެސް މަޖުބޫރެވެ. އެހެންވެ، އެ ސިޓީ ލިޔެފައި ފޮނުވައިފީމެވެ.

ރައީސުލްޖުމްހޫރިއްޔާ މާފު ދެއްވުން

ޖެހިގެން އައި ހަފުތާގައި، ކޯޓަށް ގުޅައިފީމެވެ. އަޅުގަނޑު ބަލި ރަނގަޅުވެއްޖެ ކަމަށާއި އެހެންވެ ކޯޓަށް ދާން ތައްޔާރަށް ހުރި ވާހަކަ ބުނެފީމެވެ. ކޯޓުން ބުނީ "އެ މައްސަލަ މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް އަނބުރާ ގެންދަވައިފި" ކަމަށެވެ. އެހެންވެ އިތުރަށް ކޯޓުން ޗިޓް ނުފޮނުވާނެ ކަމަށެވެ.

ދެން އަޅުގަނޑު ގުޅީ އެޓާނީ ޖެނެރަލްގެ އޮފީހަށެވެ. އެތަނުން އެކަމާ ބެހޭ ބޭފުޅަކީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ދިވެހި އަދަބިއްޔާތުގެ ފަންނުވެރިޔާ މުހައްމަދު ޝާހިދު ހަލީމެވެ. އޭނާ ގާތުގައި ކޯޓުން މިހެން ބުނި ވާހަކަ ދަންނަވައިފީމެވެ. ޝާހިދު ހިނިގަނޑެއް ޖައްސަވައިފައި ވިދާޅުވީ "ވެގެން އުޅޭ ގޮތް ޝަހީބަށް ހަމަ ރަނގަޅަށް އެނގޭނެ" ކަމަށާއި "އެ މައްސަލަ މިހާރު މި އޮފީހުގައިވެސް ނެތް" ކަމަށެވެ. އަޅުގަނޑު ޝުކުރިއްޔާއޭ ދަންނަވައިފައި ފޯން ބޭއްވީއެވެ.

އޭގެ ފަހުން ކޯޓަކަށް ނުކިޔައެވެ. އެކަމަކު އަޅުގަނޑު ފޮނުވި ސިޓީގެ ޖަވާބެއް ވެސް ނުލިބެއެވެ. އޭގެ އަހަރުތަކެއް ފަހުން އެއް ދުވަހަކު އަޅުގަނޑު ކޮންމެވެސް އޮފީހަކަށް ގެންދިޔައެވެ. ބޮޑަށް ހަނދާންވަނީ އެއީ ޑިފެންސް މިނިސްޓްރީ ހެންނެވެ. ގެންގޮސް ފޮތެއްގައި އޮތް ލިއުމެއް ދައްކައިފައި އޭގައި ސޮއިކުރަން ބުންޏެވެ. އޭގައި އޮތް ހުރިހާ އެއްޗެއް ހަނދާނެއް ނެތެވެ. ހަމަ ގައިމުވެސް އެ މައްސަލަ ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، މިވެނި އެވެނި ކަހަލަ އަދަބުތަކެއް ލިބޭނެ ވާހަކަ އޮތެވެ. ދެން ނިންމާ ބައިގައި އޮތީ "…މުހައްމަދު ޝަހީބަށް މައާފު ދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި" ވާހަކައެވެ.

އަޅުގަނޑު ކުށެއް ނުކުރަމެވެ. އެކަމަކު މާފަށް އެދުނީމެވެ. މާފު ދެއްވިއެވެ. ޝުކުރިއްޔާއެވެ.

"ކުޑަގޮޅީ"ގެ ތަހުގީގު ކުރެއްވި ވާވު ޅަހުއްތު އާއެކު ޝަހީބު (ވ) 2022 ޖަނަވަރީގައި

ވާވު ޅަހުއްތުގެ އޯގާތެރިކަން ދުވަހަކުވެސް ހިތަކުން ނުފިލާނެ

ފުލުހުންގެ ބަންދުން ވީއްލި، އަދި ފަހުން މާފު ވެސް ދެއްވިތާ އެތައް ޒަމާނެއް ފަހުން އަނެއްކާ ވެސް ވާވު ޅަހުއްތާ ދިމާވެއެވެ. އޭރު އޭނާ ހުންނެވީ ސިފައިންގެއިން ރިޓަޔަރ ކުރައްވައިގެން، ގޭގައެވެ. ޅަހުއްތުއާ ބައްދަލުވުމަކުން ވެސް ތަހުގީގުގެ ވާހަކައެއް އަޅުގަނޑު ނުދައްކަމެވެ.

އަޅުގަނޑަށް ފާހަގަވީ ވާވު ޅައްހުއްތަކީ ވަރަށް ހިތްހެޔޮ، އަޚުލާގު ރަނގަޅު ބޭފުޅެއްގެ ގޮތުގައެވެ. އެހެން ނޫން ނަމަ، އޭނާ ދެއްކެވި ކޮންމެ ލިއުމެއްގައި ސޮއިކުރަން އަޅުގަނޑު ދިޔަ ދުވަހު އޭގެ ފައިދާ އޭނާ ނެންގެވީހެވެ. ކުށެއް ނުކުރާ މީހެއްކަން އެނގިހުރެމެ، އެހެން ނަމަވެސް ވެރިންގެ ރުހުން ހޯދަން ވެސް ފުލުހުންގެ ކިތަންމެ ތަހުގީގެއްގައި މައުސޫމް މީހުން ގޮޅިގޮޅިއަށް ފައްތައި، ގަންބާލައިފައިވަނީ ކިތަންމެ ފަހަރަކުއެވެ. ސިޔާސީ މީހުންނާއި ސިޔާސީ ނޫން މީހުން ވެސްމެއެވެ. އަޅުގަނޑުގެ ރުހުމުގައި އެކަން ކުރައްވަންވެސް ޅަހުއްތަށް އެ ދުވަހު ފުރުސަތު ދިނީމެވެ. އެހެން ބުނެވުނީ ބޯ ގޮވައިފައި ހުރި ވަރުންކަން އެނގުނީ ވެސް މާ ފަހުންނެވެ. ނަމަވެސް، ޅަހުއްތު އަޅުގަނޑާ ދޭތެރޭ ބެހެއްޓެވި އޯގާތެރިކަން ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ.

މި ރިޕޯޓުގައި ޅަހުއްތުގެ ބަހެއް ހިމަނާލުމަށާއި ސެލްފީއެއް ނެގުމަށް ދާދި ފަހުން ޅަހުއްތުއާ ބައްދަލުކުރީމެވެ. ޖުމްލަ 33 އަހަރު ސިފައިންގޭގައި ހިދުމަތް ކުރެއްވި ޅަހުއްތުގެ މިހާރުގެ އުމުރަކީ 74 އެވެ.

މީގެ 25 އަހަރު ކުރިން އަޅުގަނޑު ހައްޔަރުކޮށް، ތަހުގީގެއް ހިންގެވި ކަމެއް ޅަހުއްތު އެހާ ބޮޑަކަށް މިހާރު ހަނދާނެއް ނެތެވެ. ނަމަވެސް އަޅުގަނޑު އެ ވާހަކަތައް ދައްކާލުމުން، "އާނ މިހާރު އެބަ ހަނދާންވެއޭ" ވިދާޅުވިއެވެ. ދުވަސްވުމުން ޅަހުއްތު މިހާރު ވަރަށް ހަނދާން ބަލި ކަމުގައި ޅަހުއްތުގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެ ދުވަހު ޅަހުއްތު ބޭނުންފުޅު ގޮތަކަށް ބަޔާނުގައި ސޮއިކުރަން އަޅުގަނޑު ތައްޔާރަށް ހުރިއިރު، އެފަދަ ބަޔާނެއް ނުނަންގަވައި، އިންސާފުން ކަންތައް ކުރެއްވީތީ ޅަހުއްތުއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރީމެވެ. އެހެން ނޫން ނަމަ އަޅުގަނޑަށް ވެސް ބޮޑު ހުކުމެއް އައިސް، ފަތްފުށް ވަރަށް ހުތުރުވީސްކަން ޔަގީނެވެ. އަދި އެ ދުވަހު ޅަހުއްތު އަޅުގަނޑާ ސުވާލުތައް ކުރެއްވީ ކޮންމެވެސް ނޯޓެއް ބައްލަވައިގެން ކަމަށް ގަބޫލްކުރެވުނު ކަމުގައިވެސް ދެންނެވީމެވެ. ޅަހުއްތު ހިނިގަނޑެއް ޖައްސަވައިލެއްވިއެވެ. އަދި ވިދާޅުވިއެވެ. "އޭރު އެކަހަލަ ކަންކަން އޮންނާނީ އެހެންތާ ދޯ؟"

ދެން ދެތިން ސެލްފީ ނެގުމަށްފަހު، ޅަހުއްތުއާ ސަލާންކޮށްފައި ނުކުތީއެވެ. ޅަހުއްތު އަށް ދުޅަހެޔޮ ސިއްހަތަކަށް އެދި ދުއާކުރަމުންނެވެ.

"ކުޑަގޮޅީ"ގެ ތަހުގީގު ބަޔާން ލިއުއްވި ނައިބުގޭ މުހައްމަދު ހަލީމާއެކު ޝަހީބު (ވ) 2022 ޖަނަވަރީގައި

ހަލީމާ ބައްދަލުވުން

އެރޭ ޅަހުއްތުއާ ބައްދަލުވުމުގެ ކުރިން ހަލީމާވެސް ބައްދަލުކޮށްލީމެވެ. ކޮފީއަކުންނެވެ. ހަލީމަކީ ވެސް 26 އަހަރު ސިފައިންގޭގައި ހިދުމަތް ކުރެއްވުމަށްފަހު 2013 ގައި ރިޓަޔަރ ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ހަލީމާ ދޭތެރޭ ކުރިން އަޅުގަނޑު އެހާ ހިތް ރަނގަޅު ނޫން ކަމަށާއި ނަމަވެސް މިހާރު އޯކޭ ކަމަށް ދެންނެވީމެވެ. އަދި އޭރުގެ ކަންކަން ހުންނަ ގޮތް ކޮންމެވެސް ވަރަކަށް ދެންމެ ވިދާޅުވުމުން، ހިތުގައި މިހާރު އެއްވެސް ބަރުކަމެއް ނެތް ކަމަށް ދެންނެވީމެވެ. އަދި ކޮފީ ބޯން ތިބެގެން ސެލްފީވެސް ނެގީމެވެ.

ކުށެއް ނެތި ހައްޔަރުކޮށް އަދަބު ދިނުން

އަދިވެސް ތަކުރާރުކުރަމެވެ. އަޅުގަނޑު ކުށެއް ނުކުރަމެވެ. އެއީ ޚިޔާލީ ވާހަކައެކެވެ. އިންޑިއާ ޖަލުގައި ހިނގި ކަމެކެވެ. ރާއްޖެއަކާ އެއްވެސް ގުޅުމެއް ނެތެވެ. އެކަމަކު، އަޅުގަނޑު ހައްޔަރުކޮށް، އަނިޔާއަށް އަނިޔާ ދިނެވެ. ކޮންމެ ފަހަރަކު އަނިޔާ ދެނީކީ ކޮންމެހެން ތަޅައި މަރައިގެނެއް ނޫނެވެ. ރޯދަ މަހެއްގެ 17 ދުވަހު ފުލުހުންގެ ކުޑަގޮޅިއެއްގައި ބަންދުކޮށްފައި ބޭއްވުން އެއީ ވަކިން ކުޑަ އަނިޔާއެއްތޯއެވެ؟ އެކަމަކު އެއީ މީގެ 25 އަހަރު ކުރިން ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތައް އޮތް މިންވަރެވެ. ހިތަށް އެރުމުން ހައްޔަރުކުރަންވީއެވެ. އަދަބު ދޭންވީއެވެ. ދިވެހި ނޫސްވެރިކަމުގައި އެ ލިބުނު ބޮޑު އަނިޔާ އާއި "ކުޑަގޮޅީ"ގައި ކުރެވުނު ހިތްދަތި ތަޖުރިބާގެ މަތިން ދުވަހަކުވެސް އަޅުގަނޑު ހަނދާނެއް ނުނެތޭނެއެވެ. އެކަމަކު "ކުޑަގޮޅި"އާ މެދު އަބަދުވެސް އަޅުގަނޑު ފަޚުރުވެރިވާނަމެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
341
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. 1989 އޯގަސްޓު މަހުގެތެރޭގައި އަޅުުގަނޑަށް ވެސް ތިޔަ ތަޖުރިބާ ކުރަންޖެހުނެވެ. ޅެމެއް ހެދިގެންނެވެ. ވ. ޅަހުއްތުއާއި އާދަމް ޒާހިރާއި އެނޫން ވެސް ބައެއް ބޭފުޅުންނާ ތަހުގީގުގައި ބައްދަލުވިއެވެ. ހުރިހާ ބޭފުޅުން ވެސް މިހާރު އަޅުގަނޑަށް ވ. ހެޔޮކޮށް ހިއްތަވައެވެ. އެއްވެސް ބޭފުޅަކަށް އެއްވެސް ހިތްބަރުކަމެއް އޭރު ވެސް މިހާރު ވެސް ނެތެވެ. 5 މަސް ދުވަހުގެ އެ ތަޖުރިބާ ދަތުރު ވެސް އެކަމަށް އޭރު އޮތް އުސޫލުގެ މަތިން ނިމުނީއެވެ. "ޝުއޫރުގެ ދަތުރު" ފޮތް އޮތީ ނިމުމުގެ މަގުމަތީގައެވެ.

  2. ޢެއީ ވާ ދުވަސްވަރެއް….އަޅުގަނޑު ވެސް ހައްޔަރުވި…ޅެން ނޫހުގައި ޖަހައިދީގެން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.