...

Support Us

ކޮލަމް ކަލާވެހި: "ބިކިނީ ބީޗް"އާ ބެހޭގޮތުން އަޅުގަނޑުގެ ޚިޔާލެއް

މިރާއްޖެއިން މިހާރަކަށްއައިސް އިވޭ އަޑަކާއި ފެންނަ މަންޒަރެކެވެ. މީހުން އުޅޭ ރަށްރަށުގައި ހަދައިފައި ހުންނަ ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރީންގެ ތެރޭގައި ހިމެނޭ އަންހެނުން މޫދަަށް އެރިލައި، އަތިރިމަތީގައި އަވީލެވި، މިކަހަލަ ކަންކަން ކޮށްލާން އެ ރަށްރަށުގެ އަތިރިމަތީން ބައެއް ޚާއްޞަކުރާން ޖެހޭ ވާހަކައެވެ. ސަބަބަކަށް ވަނީ، ނުވަތަ ސަބަބެއް ކަމުގައި ބުނެވެނީ، މިދެންނެވި ޒާތުގެ އަންހެނުން ބިކިނީލައިގެން އަތިރިމަތީގައި އުޅޭ ވާހަކައެވެ. ބިކިނީގެ ނިވާކަން ކުޑަކަމުން ދިވެހިރާއްޖޭގެ ތަފާތު އެކި ހަމަތަކަށް ހުރަސްއެޅޭ ވާހަކައެވެ. މައިންދަރީންނަށް ލޯހުޅުވައިލާން ނުކެރޭ ވާހަކައެވެ. ދެންވެސް ހުރި އެހެން ކަންކަމަށް ހުރަސްއެޅޭ ވާހަކައެވެ.

އަޅުގަނޑު މިދެންނެވި ގޮތަށް ބިކިނީ ލައިގެން އަތިރިމައްޗަށް ނިކުމެލައި، އަވީލެވި، އަރާމުކޮށްލައި ހެދުމަކީ އެމީހުން ދިވެހިރާއްޖެޔަށް ޒިޔާރަތްކުރުމުގެ މައިގަނޑު އެއް މަޤްޞަދަށް ވާތީ، އެކަމުން އެމީހުން މަޙުރޫމްކޮށްފިއްޔާ ގެސްޓްހައުސްތައް ހިންގާ ރަށްރަށުން ރަންބިސްއަޅާ ކުކުޅު މުޅީން ހުސްވެދާނެތީ ދެން ފެނުނީ އެ ރަށްރަށުގައި ”ބިކިނީ ބީޗް“ގެ ނަމުގައި  ތަންތަން ހެދިގެން ދިޔަތަނެވެ. ނޫން! އަދި މިދެންނެވުނީ މުޅީން ރަނގަޅަކަށް ނޫނެވެ. ރަނގަޅު ގޮތަކީ، މިދެންނެވި ކަހަލަ ރަށްރަށުގައި  އެންމެން މޫދަށް އެރިލައި، ފަތައިލައި، ކުޑަކުދީން ވެއްޔާކުޅެލައި، މުސްކުޅީން ގައިގައި ވެލިދަމައިލައި ހަދައިލާން އޮންނަ އެންމެ ސާފު، އެންމެ ހިމުން ދޮންވެލި އޮންނަ، ގަލާއި އަކިރި މަދު ވެލިގަނޑާއި އެޔާ އިންވެގެން އޮންނަ އެންމެ ލޮނުގަނޑުވެސް ރީތި، ހުއި މަދު މޫދު ރަށުގެ ޢާންމު ރައްޔިިތު އެންމެނަށް ބަންދުވެގެން ދިޔަތަނޭ ދެންނެވިއްޔާއެވެ. ”ބިކިނީ ބީޗް“ގެ ނަމުގައެވެ. ވާނީވެސް އެހެން ނޫންތޯއެވެ! ”ބިކިނީ ބީޗް“ ހަދާނޭ ތަނެއް ނިންމަން ތިއްބަވާނީ ރަށުގެ ކަމުވޮށިގެންވާ މީހުންގެ ތެރެއިން އެންމެ ފޯރާ، އެންމެ ބާރުވެރި، އެންމެ ނުފޫޒުގަދަ މީހުން ވިއްޔާއެވެ.

މިހިސާބަށް ދަންނަަވައިފައި، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހައިރުވެސް ޢާންމުންނަށް ބަންދުކުރެވިފައި އެހުރި ”ބިކިނީ ބީޗް“ތަކުގެ ސަބަބުން އެ ހިސާބުތަކުގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ތެރެއިން ކުދި، ބޮޑު، ނިކަމެތި، ތަނަވަސް އެންމެނަށް ހަމަހަމަކަމާއެކު ލިބެނީ ފައިދާތޯ ނުވަތަ އޭގެ ތެރެއިން ކޮންމެވެސް ބަޔަކަށް ބަދަލުގައި މާ ބޮޑު އެއްޗެއް ނުލިބި ވަނީ ގެއްލުންތޯ ސުވާލުކުރާކަށް އަޅުގަނޑު ނެތީމެވެ. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން އެކަމާ މެދު ޑިމޯކްރަސީގެ ހެޔޮ ނަޒަރަކުން ވިސްނަން ޖެހޭ ކަމެއްހެން އަޅުގަނޑަށް ބައެއް ފަހަރު ހީވެޔޭ ދަންނަވައިފައި ހުއްޓައިލާނަމެވެ.

އެހެންނަމަވެސް، ރާއްޖޭގައި އަލަށް މިފެށުނު ”ހޯމް ސްޓޭ“ ފަތުރުވެރިކަން، ޔަޢުނީ ދިވެހީން ދިރިއުޅޭ ގޭގޭގައި ފަތުރުވެރީން ބައިތިއްބައިގެން އުޅުމާ ބެހޭގޮތުން ނޫސްތަކުގައި މިހައިރަކަށް އައިސް ލިޔެވިފައި ހުންނަ ބައެއް މަޒުމޫނާއި އެ މަޒުމޫނުތަކާ ވިދިގެން ފޫހިފިލާކަހަލަ މަޖާ ނަންނަމުގައި މީހުން ލިޔެލައިފައި އެހުންނަ ބައެއް ރައުޔު ނުވަތަ ”ކޮމެންޓް“ ކިޔައިލީމައި  އަނެއްކާ އަނެއް ފަހަރު އެއްކަލަ ވަސް ދުވަން ފަށައިފިއެވެ. ދިވެހީން ދިރިއުޅޭ ގޭގޭގައި ފަތުރުވެރީން ބައިތިއްބާ ރަށްރަށުގައިވެސް ”ބިކިނީ ބީޗް“ ހަދަން ޖެހޭނެޔޭ ކޮންމެވެސް ބަޔަކު ބުނަން ފަށައިފިއެވެ! އަޅުގަނޑު ދެކޭގޮތުގައި މިއީ އަދި އެއްފަހަރު ވިސްނައިލަން ޖެހޭނޭ ކަމެކެވެ.

އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގައި އަލަށް މިފެށުނު ”ހޯމް ސްޓޭ“ ފަތުރުވެރިކަމުގައި، ދިވެހީން ދިރިއުޅޭ ގޭގޭގައި ފަތުރުވެރީން އަންނާނީ، އަދި އަންނަންވާނީވެސް، ރާއްޖޭގެ ރައްޔިތުންގެ ޢާންމު ދިރިއުޅުން ތަޖުރިބާކޮށްލައި، ޘަޤާފީގޮތުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ދިވެހިވެލައި، މިހެން އުޅެލާށެވެ. ރިސޯޓުތަކާއި މީހުން ދިރިއުޅޭރަށްރަށުގައި މުއްސަނދީން އަޅައިގެން އުޅޭ ގެސްޓްހައުސް ތަކުގައި އެ ހުންނަ ކޮޓަރިތަކަށްވުރެ އަގުހެޔޮ ކޮޓަރި ހޯދައިގެން، އެ މީހުން ބޭނުންހައި ގޮތަކަށް އުޅޭކަށް ނޫނެވެ.  އެގޮތަށް އުޅޭ ބަޔަކު ބޭނުންވާނެހެން ހީވާހައި ކަމެއް ކުރަން ރައްޔިތު އެންމެންގެ އަތިރިމަތީން ބައެއް ބަންދުކުރަން ވެއްޖިއްޔާ ދެން މިތަނަށް އަންނާނީ މުޅީން އެހެން ކަހަލަ ފަތުރުވެރީން ތަކެކެވެ. އެއީ އެ ބަޔަކަށް މަރުޙަބާ ކިޔުމަށްވުރެ ނުކިޔުން ރަނގަޅުވާނޭ ޒާތުގެ ފަތުރުވެރީންނެވެ.

އެހެންނޫނީ ދެންއޮތީ މުޅީން އެހެން ރާގަކަށް ވާހަކަދެއްކުމެވެ. ސުވާލެއް ކޮށްލުމެވެ. އެއީ ”ހޯމް ސްޓޭ“ އަށް އަންނަ މީހުންނަށް ބިކިނީ ލައިގެން ”ބައިނިވައި“ކޮށްގެން އުޅެވޭނޭ ”ބިކިނީ ބީޗް“ ހަދައިދެންޏާ، އެމީހުން ރާފޮދެއް ބޮއިލަން ބޭނުންވާ ދަނޑިވަޅުވަޅާއި ހިނދުކޮޅުކޮޅުގައި ވަދެލާނޭ އައްޑާ ހަދައިދިނުމާއި، ހުވަފެނީ ދުމެއް އަރުވައިލަން ބޭނުންވެއްޖިއްޔާ އެކަން ކުރާނޭ ހޮހަޅަތައްވެސް ހަދައިދިނުމާއި، އަޅުގަނޑުމެންގެ މީހުން އުޅޭ ރަށްރަށުން ފައުޅުގައި ޢާންމު ކޮށް ގަންނަން ނުލިބޭ ބައެއްކަހަލަ އެއްޗިހި ވިއްކާ ކަޑަތައްވެސް ހުޅުވުމާ ބެހޭގޮތުންވެސް ހަމަ ވާހަކަ ދައްކަންވީތޯއޭ އެވެ! ހަމަ ހިލާވެސް އެހެނެއް ނުވާނެއެވެ.

މިހުރިހައި އެއްޗެއް ދަންނަވައިފައި އަޅުގަނޑު ނިންމައިލާނީ އުފާވެރި ވާހަކަޔެއް ދަންނަވާފައެވެ. ”ހޯމް ސްޓޭ“އާ ބެހޭ ޚަބަރެއް ލިޔެފައި އޮތް ނޫހެއްގައި އޮތް ފޮޓޯއެއް ފެނިފައި ހިތަށްއެރި އެއްޗެއް ދަންނަވައިލައިފައެވެ. ދިވެހީން ދިރިއުޅޭ ގެއެއްގައި ހުރެލަން އައި ފަތުރުވެރި އަންހެނަކު ދިވެހިލިބާސް ލައްވައިފައި، ބޮލުގައި ރުމާފަޅިއެއްވެސް އަޅުވައިފައި، މިއީ އަހަރުމެންގެ ޘަޤާފަތޭ ބުނެލީމައި އޭނާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ހާދަ ރީއްޗޭ ދަންނަވައިލާފައެވެ. އަދި ކޮންމެ ފަހަރަކު އެ ހިސާބަށް ނުދިޔަޔަސް، ގޭގައި ހުރެލަން އަންނަ މެހުމާނާޔަށް ހެނދުނު ހުނިލީ ރޮށްޓާ މަސްހުންޏާ ކާންދީފައި، ބިކިނީ އަކަށްވުރެ ތަންކޮޅެއް ދިވެހިވަންތަ ، ނިވާވުމުގެ ގޮތުން ހަމަ އެންމެ ރަނގަޅު ހެދުމެއް އޭނާ ލައްވައިގެން، ދަރީންވެސް ގޮވައިގެން އެންމެންގ އަތިރިމައްޗަށް ނިކުމެލުން މާ ރަނގަޅުވާނެޔޭ ދަންނަވާފައެވެ. އަހަރުމެން ދިވެހީން މޫދަށް އެރިއުޅެނީ މިގޮތަށޭ، އަޅެ ތަޖުރިބާކޮށްލަ ބަލާށޭ ބުނެލުން މާ ރީތިވާނޭވެސް ދަންނަވައިލާފައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.