Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ- މަސްލަހަތުގެ މައްޗަށް ބިނާވާ ގުޅުން

ބައެއް ފަހަރު ހިޔަޅަށް ވެސް އޭގެ ޝިކާރައަކީ އޭގެ ލޯބިވެރިޔާކަން ދައްކަން ޖެހެއެވެ. ނަމަވެސް، ފަހަރެއްގައި ވެސް، ހިޔަޅަކަށް، އޭނާގެ ހަގީގީ މަގުސަދު އޮޅިފައެއް ނޯވެއެވެ. އޭނާގެ މަގުސަދަކީ އެންމެ ކުރިން ވެސް އަދި އެންމެ ފަހުން ވެސް އޭނާގެ ޝިކާރަ ކާލުމެވެ. ހިތާމައަކީ ވަރަށް ގިނަ ފަހަރަށް ހިޔަޅުގެ ޝިކާރައަށް މިކަން ނުވިސްނޭތީއެވެ. ހިޔަޅު ކިޔައިދޭ ލޯބީގެ ލަވަތައް އަޑުއަހައި ހިޔަޅު އުޅެނީ އޭނަ ދެކެ ހަމަ ރަނގަޅަށް ވެސް ލޯބިވެގެން ކަމަށް ހީކޮށް ހިޔަޅުގެ އުރުތެރެއަށް، ހިޔަޅުގެ ޝިކާރަ ވެއްޓޭ ގޮތް ވާތީއެވެ!

މި ދުވަސްވަރަކީ ހިޔަޅު، އޭގެ ޝިކާރަ ދެކެ ލޯބިވާ ކަމުގެ ތަރާނާތައް ކިޔާ އަޑު ގަދަ ދުވަސްވަރެކެވެ. ހިޔަޅުގެ ޝިކާރައަށް އޮތީ ހިޔަޅެއްގެ މަޅީގައި ނުޖެހިވޭތޯއެވެ! މިކަން ވެވޭނީ ރަނގަޅަށް ވިސްނައި ފިކުރުކޮށް ބުއްދިވެރިވެގެންނެވެ. ބުއްދިވެރިޔަކީ ކޮބައި ހެއްޔެވެ؟ ޅެންވެރިޔާ ވިދާޅުވަނީ:

ހަމަ ބުއްދިވެރިޔެކޭ ވިސްނައި އަގު ވަޒަން ކުރާ

ރަމަތަވެ، ލަދާއި ތަދު ވަކިކޮށް ދަންނަ މީހަކީ

 

އިޔަހޫދި ރަނުގެ ގިރިޓީ ކުރަމުން އެދާ ކޮކާ

ހިޔަލަށް ކަލޭގެ ގޮސް އެކުރާހާ ސުއާލަކީ

 

ވަގުތީ މަޒާއެކޭ އެކި މާމަލުން ހޮވާ

އަގު ކުޅައުމޭ ވަޒަން އެ ސުއާލުގެ ޖަވާބަކީ

 

ދޫނުކުރުމޭ ތިމާގެ ގަދަރު އެކި އެދުންތަކަށް

ހޫރުން ފަދައިން ތިމާ މޮޅުވާ އިމްތިޔާޒަކީ

 

ވެއްޓިއްޖެ ނަމަ ބުނާ މި ގަދަރު ދޫވެ ފައި ދަށަށް

ގެއްލިއްޖެ ޝަރަފު ނިކަމެތި ވިއްޔޭ ޚަސީސަކީ

 

އަނބުރާ ލިބޭނެ އެއްޗެއް ނޫނޭ ތެދޭ އިނގޭ

ގަބުރާއި އެކުވެ ދިޔަޔަސް ގެއްލިއްޖެ އަބުރަކީ

 

އާދެ، ޅެންވެރިޔާ ވިދާޅުވަނީ، ހިޔަޅު ދައްކާ ލޯތްބާ މެދު، ވިސްނާލުން މުހިއްމުކަމެވެ. އޭނާގެ ވާހަކަތަކަކީ އޮޅުވާލުމުގެ ވާހަކަތަކެކެވެ. ގިރިޓީކޮށް، ރަނުގެ ކުލަ ޖެއްސިފައިވާ ފަދަ ހަގީގަތެއް ނެތް ވާހަކަތަކެކެވެ. މިފަދައިން ވާހަކަދައްކަނީ އޭނާގެ އަމިއްލަ ބޭނުމެއް ފުއްދުމުގެ ނިޔަތުގައެވެ. ހަގީގީ ލޯތްބެއް ވެގެން ނޫނީ އަޅާލާތީކީ އެއްވެސް ނޫނެވެ. މިފަދައިން ހިޔަޅު ކަންތައް ކުރާއިރު، އޭނަގެ ހަގީގީ ބޭނުމަކީ މިއީ ކަން ދެނެގަންނަން ޖެހެއެވެ. އަދި، ތިމަންނާގެ އަމިއްލަ ބޭނުމަކަށްޓަކައި ތިމަންނާގެ އަބުރާއި އިއްޒަތް ވިއްކާލާކަށް ނުވާނެއެވެ. އެހެނީ އެފަދައިން ކަންތައްކޮށް ތިމާގެ އަބުރު ވިއްކާލައި ގެއްލުވާލައިފި ނަމަ، އަނބުރާ އެ އަބުރެއް، ދުވަހެއްގައިވެސް ނުލިބޭނެއެވެ!