Support Us

ކުރު ވާހަކަ: އިސްކޫލެއްގެ އަހަރު ނިމުމުގެ ހަފްލާއާ ބެހޭ ވާހަކައެއް

އިބްތިދާއީ އިސްކޫލެއްގެ ދިރާސީ އަހަރު ނިމުމުގެ ހަފްލާއަށް ތުއްތު ދަރިވަރުން ތައްޔާރުވަމުން ދިޔައެވެ. ހަފްލާގެ އެއް ނަމްބަރަކަށް އޮތީ ނަޝީދެއް ކިޔުމެވެ.

އެ ނަޝީދު ކިޔުމުގައި ބައިވެރިވާ ހުރިހާ ދަރިވަރުން، އެކަމަށް ތައްޔާރުވަމުން ދިޔައެވެ. ކޮންމެ ދުވަހަކު ހަވީރު، ހަފްލާގައި ކިޔަން އޮތް ނަޝީދު ހުރިހާ ކުދިން ވެގެން ކިޔައި ފަރިތަކުރިއެވެ.

އާދެ، އެންމެ ފަހުން، ހަފްލާގެ ދުވަސް އަތުވެއްޖެއެވެ. އިސްކޫލުގެ މުޅި ހޯލުގައި ކުދިންގެ މައިންބަފައިން، ހަފްލާގެ ނަމްބަރުތައް ބެލުމަށް އެއްވެ ތިއްބެވެ.

ނަޝީދު ކިޔުމުގެ ވަގުތު ޖެހިއްޖެއެވެ. އެކަމުގައި ބައިވެރިވާ ހުރިހާ ކުދިން، އިސްޓޭޖު މައްޗަށް އައެވެ. އަދި، އެންމެން އެކުގައި ވަރަށް ވެސް ރީތި ނަޝީދު ކިޔަން ފެށިއެވެ.

ނަމަވެސް، ކުދިންގެ ތެރެއިން އެއްކުއްޖަކު، ނަޝީދު ކިޔުމުގެ ބަދަލުގައި އަތްފައިންނާއި އަދި މޫނު ވެސް ބޭނުންކޮށްގެން އެކި އެކި ހަރަކާތްތައް ކުރަމުން ގެންދިޔައެވެ. އެއްވެފައި ތިބި އެންމެންގެ ސަމާލުކަން މި ދަރިވަރުގެ މައްޗަށް ހުއްޓުނެވެ. އަދި، ކަމާ ބެހޭ އިސް މުދައްރިސާ ވަރަށް ވެސް ލަދުގަނެ ހިތް ހަމަ ނުޖެހި ހުންނެވިއެވެ. އެހެން ވިޔަސް، އެ ދަރިވަރު އިސްޓޭޖުން ބޭލޭނޭ ގޮތެއް ވެސް ނެތެވެ. އެ ވަގުތު އިސްކޫލުގެ ނާޒީރާ ވެސް އިސް މުދައްރިސާގެ ކައިރިއަށް އައިސް މަޑުމަޑުން ވިދާޅުވިއެވެ. މިކުއްޖާއަށް އަދަބުދޭން ޖެހޭނެއެވެ. އޭނާއަށް އެންމެ އެކަށީގެންވާ އަދަބަކީ އިސްކޫލުން ވަކިކުރުމެވެ.

ހަފްލާގެ ނަޝީދުގެ ނަމްބަރު ނިމުމުން، އަތުންފައިނާއި މޫނުން ހަރަކާތްތެރިވި ދަރިވަރު، ވަގުތުން އިސް މުދައްރިސާއާއި ނާޒިރާގެ ގާތަށް ގެނެވުނެވެ. އަދި، އެ ދަރިވަރު ކުރެން، ނަޝީދު ނުކިޔައި، އަތުން ފައިންނާއި މޫނުން ހަރަކާތްތަކެއް ކޮށް، އެ ނަމްބަރު ހުށަހެޅުމަށް ހުރަސް އެޅީ ކީއްވެތޯ އިސް މުދައްރިސާ އެއްސެވިއެވެ.

ދެން، ޖަވާބުގައި އެ މައުސޫމު ދަރިވަރު ބުންޏެވެ. އެފަދައިން ކަންތައް ކުރީ އަޅުގަނޑުގެ މަންމަ ވެސް ހޯލުގައި އިނީމައެވެ.

އިސް މުދައްރިސާ އިތުރަށް ނުރުހުންވެ ވަޑައިގެން، ވިދާޅުވިއެވެ. އެހެން ކުދިންގެ މަންމައިންނާއި ބައްޕައިން ވެސް ހޯލު ތެރޭގައި ތިއްބެވި ނޫން ހެއްޔެވެ؟

ދެން އެ ތުއްތު ދަރިވަރު މުދައްރިސާއަށް ދެންނެވިއެވެ. އަޅުގަނޑުގެ މަންމައަކީ މަންމަނެކެވެ. އެހެންވެ، ނަޝީދުގައި ކިޔާ އެއްޗެއް މަންމަނު ބަހުން އަޅުގަނޑު މަންމައަށް ކިޔައިދެވޭތޯ ބެލީއެވެ. އެހެން މަންމައިން ވެސް އުފާކުރި ފަދައިން އަޅުގަނޑުގެ މަންމަ ވެސް އުފާކޮށްދެވޭތޯއެވެ!

އެ ވަގުތު ބޭއިޚްތިޔާރުގައި އިސް މުދައްރިސާއާއި ނާޒިރާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަދި، ތުއްތު ދަރިވަރު އުރާލާފައި އޭނާ ގާތު ބުންޏެވެ! ކޮއްކޮ ކަންތައް ތިކުރީ ހަމަ ވަރަށް ވެސް ރަނގަޅަށެވެ. އަދި އެކަމުގެ އިނާމު ވެސް ކޮއްކައަށް ހައްގެވެ. އެހެން ވިދާޅުވެފައި، ހޯލުގެ ތެރޭގައި ތިބި އެންމެންނަށް ކަންތައްވީ ގޮތް ސާފުކޮށް ދެއްވައި އެ ދަރިވަރަށް މިސާލީ ތާލިބާގެ އިނާމު ދެވުނެވެ. އެ ވަގުތު، ކަރުނައިން ލޯ ތެއްމާ ނުލާ އެކަކުވެސް، ހޯލުގައި ނެތެވެ.

މި ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ފެންނަ މަންޒަރެއްގެ ސަބަބުން، އެކަމުގެ ހަގީގަތް ހޯދައި، އެކަން އެނގުމުގެ ކުރިން، ގޮތެއް ކަނޑައަޅާ ނިންމައިގެން ނުވާނޭ ކަމެވެ!