Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

"މީހެއްގެ މުލައްދަނޑި ވަރުގަދަ ކުރުމަށްޓަކައި، ގާތް ތިމާގެ މީހުންގެ ތެރެއިން، އެމީހާގެ އަޚުން މާތްރަސްކަލާނގެ އިޚުތިޔާރުކުރައްވައެވެ."

އާދެ، ތަސްވީރުން ފެންނަ މަންޒަރު ބުނެދެނީ މި ވާހަކައެވެ. ކުޑަ ކުއްޖަކު އޭނާގެ ކޮއްކޮއަށް އަޅާލާ ތަނެވެ. އެ ކޮއްކޮއަށް އަޅާލާނޭ އެހެން އެކަކު ވެސް ނެތް އިރު މެއެވެ.

މިފަދަ އަޚުވަންތަކަމުގެ ގުޅުމުގެ ވާހަކަ ކީރިތި ގުރުއާނުގައިވެސް އައިސްފައި ވެއެވެ. މިސާލަކަށް، މޫސާގެފާނަށް އެހީތެރިވުމުގެ ގޮތުން، އެކަލޭގެފާނުންގެ އަޚު ހާރޫނު ހޮއްވެވުނެވެ. މިކަމަށް އިޝާރަތްކޮށް ކީރިތި ގުރުއާނުގައި ބަޔާން ކުރެވިފައި ވެއެވެ.

سنشد عضدك بأخيك ކަލޭގެފާނުންގެ އަޚު މެދުވެރިކޮށް ކަލޭގެފާނުންގެ މުލައްދަނޑި، ތިމަން ރަސްކަލާނގެ ވަރުގަދަ ކުރައްވާހުށީމެވެ.

ހަމަ އެހެންމެ، މިސުރުގައި، ބިންޔާމީންގެ އިސްތަށިފުޅުގައި ވައްކަމުގެ ދޮގު ތުހުމަތު އެޅި، އެކަލޭގެފާނު ބިރުފުޅުގެންފި ހިނދު، ބިންޔާމީނަށް ޔޫސުފުގެފާނު ވިދާޅުވިއެވެ. "إني أنا أخوك فلا تبتئس بما كانوا يعملون" [ކޮއްކޯފުޅާއެވެ!] ހަމަކަށަވަރުން އަހުރެންނަކީ ކޮއިފުޅުގެ އަޚު [ޔޫސުފެވެ]. އެ މީހުން ކަންތައް ކޮށް އުޅޭ ގޮތާ މެދު ކޮއްކޯފުޅު ދެރަވެވަޑައިގެން، ހިތާމަ ނުކުރައްވާށެވެ!

މި މާނައަށް، އާދެ، އަޚުވަންތަ ގުޅުމުގެ މައްޗަށް އިޝާރަތްކޮށް، އުމަވީ ޅެންވެރިޔެއް ކަމުގައިވާ ރަބީއަތު ބިން އާމިރު (މިސްކީނު އައްދާރުމީ) ބުނެފައި އޮވެއެވެ:

أخاك أخاك إن من لا أخ له

ކަލޭގެ އަޚެވެ! ކަލޭގެ އަޚެވެ! (އޭނާ ދޫކޮން ނުލައި، އޭނާއަށް ކަމޭ ހިތައި އޭނާއާއެކުގައި އަބަދުވެސް ވާށެވެ!) އެހެނީ، އެ މީހަކަށް އަޚެއް ނުވާ މީހަކީ

كساع إلى الهيجاء بغير سلاح

ހަތިޔާރެއް ނުލައި ހަނގުރާމައަށް ދާ މީހާ ފަދަ މީހެކެވެ.

އާދެ، މިކަމުން ލިބިދޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ގާތް ތިމާގެ ގުޅުންތައް ދެމެހެއްޓުމުގެ މުހިއްމުކަމެވެ.

[ނޯޓު: الهيجاء ގެ އަސްލު މާނައަކީ ހިރަފުސް އަރުވާލާ އަރުވާލުމެވެ. ހިރަފުސް ބޯ ބިމެއްގައި ހަރަކާތް ގިނަވުމުގެ ސަބަބުން އަރާ ހިރަފުހެވެ. ހަނގުރާމައިގެ މައިދާނަކީ ހަރަކާތް ގިނަ، އަދި އެކަމުގެ ސަބަބުން، ހިރަފުސް ގަނޑު އަރާ ތަނަކަށް ވުމުން، ހަނގުރާމައަށް ހައިޖާއު އޭ ކިޔެނީއެވެ.]