...

Support Us

ކޮލަމް ކޯދު: ތަސްވީރަކާ ބެހޭ ވާހަކައެއް

މަތީގައިވާ ތަސްވީރުން އެ ފެންނަނީ، 2009 ވަނަ އަހަރު، އެމެރިކާގެ އިޑާހޯ އިސްޓޭޓުގައި، ބިޑި އަޅުވައި ހިލިހިލާ ޖަހައިގެން ކޯޓަށް ހާޒިރުކުރެވިފައިވާ، އޭރު އުމުރުން އެންމެ 14 އަހަރުގެ ކުޑަކުއްޖެކެވެ. އެ ކުއްޖާގެ ނަމަކީ ޒަކަރީ ނިއެގަލްއެވެ. އޭނާ ކޯޓަށް ހާޒިރުކުރެވިފައިވަނީ އޭނާ ބައްޕަ ގަޔަށް ބަޑިޖަހައި މަރާލި ކަމުގެ ތުހުމަތުގެ ދައުވާއަށް ޖަވާބުދާރި ކުރުވުމަށްޓަކައެވެ.

މިތާ ފާހަގަކޮށްލަން ބޭނުންވާ ދެތިން ނުކުތާއެއް އެބައޮތެވެ. އޭނާގެ ކުށުގެ ބޮޑުކަމުން، އޭނާއާ ދޭތެރޭ މުއާމަލާތްކުރެވުނީ ބޮޑު މީހެއްގެ ގޮތުގައެވެ. ކޯޓަށް ހާޒިރުކުރެވުނީ ބިޑި އަޅުވައި ހިލިހިލާ ޖަހައިގެންނެވެ. ބިޑި ނާޅުވައި، އަދި ހިލިިހިލާ ނުޖަހައި ބެހެއްޓިޔަސް، އެ ވަރުގެ ކުޑަކުއްޖަކަށް، ވަރުގަދަ ދެތިން ސިފައިންގެ ކުރިމަތީ ދެއްކޭނޭ ބާރެއް ނޯންނާނެ ކަމަށް ބެލެވިދާނެއެވެ. ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބޮޑުކަމުން، ކުޑަކުއްޖަކަށް ވީތީއޭ ކިޔާފައި ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރެވޭ މީހުންނާ ޒަކަރީ ނިއެގަލްއާ ވަކި ތަފާތެއް ނުކުރެވެއެވެ. ތަސްވީރުން ފެންނަ ފަދައިން، އޭނާއާ ވެސް މުއާމަލާތްކުރެވުނީ ހަމަ ބޮޑު މީހެކޭ އެއްގޮތަށެވެ. ކޯޓަށް ހާޒިރުކުރެވުނީ ބިޑިއަޅުވައި ހިލިހިލާ ވެސް ޖަހައިގެންނެވެ.

ދެން އަނެއްކަމަކީ އޭނާއަށް އޭނާގެ ބައްޕަ މަރާލަން ޖެހުނު ސަބަބެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ބައްޕަ އޭނާއަށް ޖިސްމާނީ އަނިޔާ ކުރިއެވެ. އަދި މީގެ އިތުރުން، ޖިންސީ އަނިޔާވެސް ކުރިއެވެ. މި ދައުވާއަކީ ސާބިތުކުރެވެން އޮތް ދައުވާއެއް ނޫނެވެ. އަދި، ކަނޑައެޅިގެން އެއީ ދޮގެކޭ ބުނެވެން އޮތް ކަމެއް ވެސް ނޫނެވެ. ނަމަވެސް، ޒަކަރީ ނިއެގަލްގެ މި ދައުވާގެ ސަބަބުން އޭނާއަށް ހަމްދަރުދީވި އެތައް ބަޔަކު ތިއްބެވެ. ނަމަވެސް، މި ހަމްދަރުދީގެ ސަބަބުން، އޭނާއާ ދޭތެރޭ ގާނޫނާއި ކޯޓުން މުއާމަލާތްކުރި ކުރުމަކަށް ތަފާތެއް ނާދެއެވެ. ކޯޓަށް ހާޒިރުކުރެވެނީ ބިޑިއަޅުވައި ހިލިހިލާ ޖަހައިގެންނެވެ. އަދި، އޭނާގެ ޝަރިއަތް ނިމެންދެން، ޟަމާނަތުގެ ދަށުން ގެއަށް ދޫކުރުމަށްޓަކައި ފައިސާގެ ބޮޑު އަދަދެއް ބެހެއްޓުމަށް ވެސް ކަނޑައެޅުނެވެ. އާދެ، ތިން ލައްކަ ޔޫ.އެސް. ޑޮލަރު ކަނޑައެޅުނެވެ. ހަމަ މިފަދަ މައްސަލަތަކުގައި ބޮޑެތި މީހުންނާ މެދު ވެސް ކަން އޮންނަ ގޮތުގެ މަތިންނެވެ. ޒަކަރީ ނިއެގަލްއަކީ ކުޑަ ކުއްޖެކޭ، އޭނާގެ ކިބައިން މުޖުތަމައުގެ އަފުރާދުންނަށް އޮތް އެއްވެސް ނުރައްކަލެއް ނެތޭ ބުނެ، ޝަރީއަތް ނިމެންދެން، އޭނާގެ ބެލެނިވެރިންގެ ބެލުމުގެ ދަށަށް ދުލެއް ނުކުރެއެވެ.

އޭނާގެ މައްޗަށް ޝަރީއަތްކުރެވި، ތިންވަނަ ދަރަޖައިގެ މެރުމެއް ހިންގި ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވިއެވެ. އަދި، ހަތް އަހަރަށް އޭނާ ޖަލަށް ލެވުނެވެ. މިހުކުމް އިއްވުމުގައި، ލަފާކުރެވޭ ގޮތުގައި، އޭނާގެ އުމުރުގެ މައްޗަށް ބެލެވުނެވެ. އާންމު ގޮތެއްގައި މިފަދަ ކުށެއްގެ ހުކުން އޮންނަނީ ދިހައެއް ނޫނީ ފަނަރަ ވަރަކަށް އަހަރެވެ. ނަމަވެސް، ވިހި ނޫނީ ތިރީސް ނޫނީ ސާޅީސް އަހަރަށް ވެސް އެމެރިކާގެ ބައެއް އިސްޓޭޓުތަކުގައި މިފަދަ މައްސަލަތަކުގައި ހުކުން ކުރެވެއެވެ. މިތަނުގައި ވެސް ފާހަގަކޮށްލަން ޖެހެނީ އޭނާއަށް ލުއި ހުކުމެއް އައީ އޭނާގެ އުމުރުގެ ހަގު ކަމަކުން ނޫނެވެ. އޭނާ އިސްލާހުކުރެވިދާނެކަން ގާޒީއަށް ފެންނާތީއެވެ. އޭނާ އިސްލާހު ކުރެވިދާނޭ ކަން ނުފެންނަ ކަމަށް ވަންޏާ، އޭނާ ކުޑަ ވިޔަސް، އޭނާގެ މައްޗަށް އަންނަ ހުކުން ބޮޑުވާނެއެވެ. މީގެ ހެކި ދެން އޮތް ނުކުތާއިން ފެންނާނެއެވެ.

ފަސް އަހަރު ކުޑަކުދިންގެ ޖަލެއްގައި، އާދެ، ރަސްމީ ނަމުން ނަމަ، ކުޑަކުދިންގެ އިސްލާހީ މަރުކަޒެއްގައި ހޭދަކުރުމަށް ފަހު، ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލެވުނެވެ. އިސްލާހީ ދެ ޕުރޮގުރާމެއް ނިންމައި އިސްކޫލު ނިންމި ސެޓިފިކެޓެއް ވެސް ހާސިލުކުރުމަށް ފަހުއެވެ. އޭނާއަށް ފުރިހަމަ މިނިވަންކަން ލިބެން އޮތީ އޭނާގެ އުމުރުން 30 އަހަރު ވުމުންނެވެ. އާދެ، 2025 ވަނަ އަހަރުއެވެ. އާދެ، ހަމަ ބޮޑު މީހެކޭ އެއްގޮތަށެވެ. އޭނާ ކުޑަކުއްޖަކަށް ވުމުން، އޭނާގެ ޝަރުތުތަކަށް ލުޔެއް ނުގެނެވެއެވެ. ނަމަވެސް، އޭނާ ބެލެވުނީ އިސްލާހުވެފައި ހުރި ކުއްޖެއް ކަމުންނާއި އަދި، އޭނާގެ ފަރާތުން މުޖުތަމައުއަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ނުފެންނާތީ އޭނާއަށް ފުރިހަމަ މިނިވަންކަން 2025ގެ ކުރިން ވެސް ލިބިދާނެއެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި ބޮޑު ކުށެއް ކަމަށް ބެލެވޭ ކުށެއް ކޮށްފި ނަމަ، ބޮޑު މީހެކޭ އެއްފަދައިން އޭނާ ޖަލަށް ގެންދެވޭނެއެވެ. އަދި، އޭނާ އަލަށް ކުރި ކުށުގެ އުގޫބާތުގެ އިތުރުން، ކުރިން އޮތް ހުކުމުގެ ބާކީ ވެސް ޖަލުގައި ހޭދަކުރަން ޖެހޭނެއެވެ.

އާދެ، މިއީ ހަމަ އެންމެ މިސާލެކެވެ. މިކަހަލަ އެތައް މިސާލުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި މުޅި އުމުރު ޖަލުގައި ހޭދަކުރަން، އުމުރަށް ޖަލަށް ލެވިފައިވާ އެތައް ކުދިންނެއް އެމެރިކާގެ ޖަލުތަކުގައި އެބަ ތިއްބެވެ. މިކަންކަމުން އެނގެނީ ބޮޑެތި ކުށްތަކަށް އަރައިގަތުމުން، ތިމަންނާއަކީ ކުޑަ ކުއްޖެކޭ ބުނެފައި ކުށުން ބަރީއަވުމުގެ ފުރުސަތު ނުދިނުމެވެ. ޝައްކެއް ނެތް ގޮތުގައި ކުޑަ ކުދިންނާ ދޭތެރޭ އަމަލު ކުރަން ޖެހޭނީ ހެޔޮކޮށެވެ. އޯގާތެރިކަމާއެކުގައެވެ. ނަމަވެސް، އޭގެ މާނައަކީ އެކުދިން ހިތުހުރި ގޮތަކަށް އަމަލުކުރުމުގެ ހުއްދަ ދިނުމެއް ނޫނެވެ. ވައްކަން ކުރުމާއި މަރާމާރީ ހިންގުމާއި، ޑުރަގު ވިޔަފާރިކުރުމާއި ތަންތަނުގައި ހުޅުޖެހުމަކީ ފަހަރެއްގައި ވެސް އެކަންކަން ކުރުމުން ތިމަންނައަކީ ކުޑަކުއްޖެކޭ ބުނެގެން ސަލާމަތްވުމުގެ މަގު އޮވެގެންވާނޭ ކަމެއް ނޫނެވެ. ގާނޫނުތަކުގައި މިފަދަ ބާގަނޑު ބާނގަޑު ހުރި ނަމަ، އެތަންތަން ފޫބައްދައި ކުޑަކުދިން ކުށް ކުރުމަށް ހިއްވަރު ލިބޭ މަގުތައް ބަންދުކުރަން ޖެހެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.