Support Us

ސަގާފީ ދިވެހި ލިބާހުގައި ލޮބުވެތި ދިވެހި އަންހެން ކުއްޖަކު ހިނިތުންވެފައި -ފޮޓޯ: އާވަކާޑޮޓްކޮމް

އަޅުވެތިކަން ތަޖުރިބާކުރެވުމުން މިނިވަންކަމުގެ މުހިންމުކަން އިހްސާސް ކުރެވިއްޖެތޯ؟

ޙަޤީޤީ މިނިވަން ކަމަށް ޓަކައި ފުދުންތެރި ކަމަކީ ވެސް އެހާ މުހިންމު ކަމެއް

އަޅުގަނޑުމެންގެ މިޖީލަކީ އަޅުވެތިކަމުގެ ހިތިރަހަ ތަޖުރިބާކުރި ޖީލެއްނޫނެވެ. ނަމަވެސް ފުރިހަމަ މިނިވަންކަމަކީ ކިހާ މުހިއްމުކަމެއްކަން އަޅުގަނޑުމެންނަށްވެސް މިއަދު ކޮންމެ ވެސް މިންވަރަކަށް އިހްސާސް ކުރެވިއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭ ސަރަޙައްދުގައި އެންމެ ފުރަތަމަ ކާފިޔު ހިންގީ އޭޕްރީލް 2 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 5 ން ރޭގަނޑު 8 އަށެވެ. މާލޭ ސަރަހައްދުގެ މަގުމައްޗަށް ނިކުމެ އުޅުން އެންމެ ތިން ގަޑިއިރަށް މަނާކުރި ނަމަވެސް އެ ވަގުތުކޮޅުގައިވެސް އަޅުގަނޑުމެންނަށް ގޭގައި ބަންދުވެފައި ތިބުމަށް ދަތިވިއެވެ. އެ ވަގުތުގައި ބޭރަށް ނިކުމެ އުޅުނު 284 މީހަކަށް ފުލުހުން ނަސޭހަތް ދީފައިވެއެވެ.

އަޅުގަނޑުމެންނަށް އިހްސާސް ކުރެވުނީ ކާފިޔު ހިންގައިގެން ބޭރަށް ނުނިކުމެ ތިބެން ޖެހުމުން ދިމާވާ ދަތިތަކުގެ ވަރަށް ކުޑަ މިންވަރެކެވެ. އޭރު އަޅުގަނޑުމެންގެ އަވަށްޓެރި އިންޑިޔާގެ ކަޝްމީރުގެ މުސްލިމް އަޚުންނާ އުޚްތުން އެމީހުންގެ މުޅި ހަޔާތުން ކޮންމެ ދުވަހަކު ގިނަ ވަގުތުތަކެއް ކާފިޔު ހިންގުމުގެ ސަބަބަބުން ގެއިން ބޭރަށް ނުނިކުވެވުމުން ވާ ދަތިތަކާ ބެހޭ ގޮތުން މުޅި ދުނިޔެއާ ސުވާލު ކުރަމުން ދިޔައެވެ:

Dear world, how’s the curfew? – Kashmir

ކާފިޔުއެއްގައި ދެތިން ގަޑިއިރު ހޭދަކޮށްލަން ޖެހުމުން ފުރިހަމަ މިނިވަންކަމަކީ ކިހާ މުހިއްމުކަމެއްކަން އަޅުގަނޑުމެންނަށް އިހްސާސް ނުކުރެވޭތޯއެވެ؟

ކޮވިޑް-19 އަށް މާލެތެރެއިން ފައްސިވި ފުރަތަމަ ބަލިމީހާ ފެނުމާއެކު އޭޕްރީލް 15 ގައި މާލެ ސަރަޙައްދު ފުރަބަންދު ކުރެވުނެވެ. އެ ހިނދު އެއްވެސް ތަނަކަށް ނުދެވި ބަންދުވެފައި ތިބުމަކީ ކިހާ ހިތްދަތި އުނދަގޫ ކަމެއްކަން ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް އިހްސާސް ކުރެވުނެވެ. އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކަށް ފުރަބަންދު ވެގެން ތިބުމަކީ ކެތްވާވަރުގެ ކަމަކަށް ނުވިއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަބަންދުގެ އަމުރާ ޚިލާފުވެގެން 8915 މީހުން ޖޫރިމަނާ ކުރެވުނެވެ.

 

ދެތިން މަސްދުވަހުގެ ފުރަބަންދުވެފައި ޖެހެން ތިބުމުގެ ސަބަބުން އަޅުގަނޑުމެންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައިރު، ޗައިނާގެ އުއީގާރގެ މުސްލިމް އަޚުންނާއި އުޚްތުން އެމީހުންގެ މުޅި ހަޔާތުން ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދާ ފުރަބަންދުގެ އިހްސާސްތަކާ ބެހޭ ގޮތުން މުޅި ދުނިޔެއާ ސުވާލު ކުރަމުން ދިޔައެވެ:

Dear world, how’s the lockdown? – uyghur, China

ފުރަބަންދުގަ ދެތިން މަސް ދުވަސް ހޭދަކޮށްލަން ޖެހުމުން ފުރިހަމަ މިނިވަންކަމަކީ ކިހާ މުހިއްމުކަމެއްކަން އަޅުގަނޑުމެންނަށް އިހްސާސް ނުކުރެވޭތޯއެވެ؟

މުޅި ރާއްޖެ ފުރަބަންދުކުރަން އޭޕްރީލް 18 ވަނަ ދުވަހު ސަރުކާރުން ނިންމައި، އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މަނާކުރިއެވެ. ދަތުރުފަތުރު ނުކުރެވުމުން ވާ އުދަނގޫ އަޅުގަނޑުމެން ތަޖުރިބާ ކުރަމުން ދިޔައިރު އަޅުގަނޑުމެންގެ އެކުވެރި ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުން އެމީހުންގެ މުޅި ހަޔާތުގައި ތަޖުރިބާ ކުރަމުންދާ ދަތުރުފަތުރު ނުކުރެވުމާ ބެހޭ ގޮތުން މުޅި ދުނިޔެއާ ސުވާލު ކުރަމުން ދިޔައެވެ:

Dear world, how’re the travel bans? Palestine

ދަތުރުފަތުރު ނުކުރެވި އެންމެ މަހެއް ހޭދަކޮށްލަން ޖެހުމުން ދަތުރުފަތުރުގެ މިނިވަންކަމަކީ ކިހާ މުހިއްމުކަމެއްކަން އަޅުގަނޑުމެންނަށް އިހްސާސް ނުކުރެވޭތޯއެވެ؟

ކޮވިޑް-19 އަށް ފައްސިވި މީހުންނާއި، އެމީހުންނާ ބައްދަލުވި މީހުން ދަނީ ކަރަންޓީނު ކުރަމުންނެވެ. ލޯބިވާ އާއިލާ އާއި އަދި ރަހްމަތްތެރިންނާ ދުރުގައި އެކަނި މާއެކަނި ހުންނަން ޖެހުމަކީ ވަރަށް ހިތްދަތި ކަމެކެވެ.

ލޯބިވާ ފަރާތްތަކާ ދުރުގައި އަޅުގަނޑުމެންނަށް އެންމެ ދެ ހަފުތާ ވަންދެންވެސް ކެތްނުވެގެން އުޅޭއިރު، އެމީހުންގެ މުޅި ހަޔާތުގައި  ލޯބިވާ އާއިލާއާ ބައްދަލުނުވެ ދުވަސްތައް ގުނަމުންދާ ސޫރިޔާގެ  ލޮބުވެތި އަޚުންނާއި އުޚްތުން މުޅި ދުނިޔެއާ ސުވާލު ކުރަމުން ދިޔައެވެ:

Dear world, how’s separation from loved ones? Syria

ހަނގުރާމައިގެ ސަބަބުން އާއިލާތައް ވިއްސިވިހާލިވެ ލޯބިވާ ފަރާތްތަކާ ދުރުގައި ނުފެނި އުޅެންޖެހޭ ވޭނީ ހިތްދަތި ދިރިއުޅުމުގެ ޒައްރެއްގެ މިންވަރު ވެސް ކަރަންޓީނުގައި ދެހަފްތާ ހޭދަކޮށްލަން ޖެހުމުން އަޅުގަނޑުމެންނަށް އިހްސާސް ކުރެވުނުތޯއެވެ؟

އެ އިހްސާސްތައް އަޅުގަނޑުމެންނަށް ކުރެވުމުން "މިނިވަންކަމުން އަޅުވެތިކަމަށް ދާންނަންހޭ؟ ނުދާނަމޭ، ފިނިހިޔަލަކުން ގަދަހޫނަކަށް ދާނަންހޭ؟ ނުދާނަމޭ ހަމައެކަނި އަނގައިން ބުނެ ފުއްދާލެވޭކަށް ނެތެވެ.

"އިނގިރޭސީންގެ ހިމާޔަތޭ" ކިޔުނު އަޅުވެތިކަމެއްގެ ދަށުގައި 80 ވަރަކަށް އަހަރު އޮތުމަށް ފަހު، އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދަނީ 55 ވަނަ މިނިވަން ދުވަހެވެ. ނަމަވެސް މި ހިސާބުން، އިސްތިއުމާރާއި އަޅުވެތި ކުރުމުގެ ޒަމާން ނިމުނީ ކަމަށް އަޅުގަނޑުމެން ބަލައިގެން ނުވާނެއެވެ. ކަނޑި، ބަޑިން ހަމަލާ ނުދިން ކަމުގައި ވިޔަސް ޅަދަރިންގެ ސިކުނޑި ތަކަށް ވިހަލައިގެން ޑިމޮކްރަސީ އާއި އަންހެނުން ބާރުވެރި ކުރުވާ ޖަމިއްޔާތަކުގެ ނަމުގައި އިސްތިއުމާރުގެ އައު ބާބެއް ވަނީ ފެށި ފައެވެ.

މިއަދުގެ ދުނިޔެ އޮތް ގޮތުންނާއި އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުތަކުގައި ކަންހުރި ގޮތުން ދިވެހިރާއްޖޭގައި ދިވެހިންގެ މިނިވަންކަމަށްޓަކައި، ދިވެހިން ސަމާލުވާންވީ އެންމެ ބޮޑު ކަމަކީ ކެރި ފޯރުމުގެ މަގުތައް ތަނަވަސް ކުރުމެވެ.

އަޅުގަނޑުމެންގެ ކާބަފައިން ފަދައިން ފަޚުރުވެރި ކަމާއެކު
"ދިވެހިންގެ މި ޢިއްޒަތްތެރި ބިމުގާ، ދިވެހިންގެ މުބާރިކު ފެހި ދަނޑުގާ
ދިވެހިންގެ މުރާލިކަމާ އެކުގާ، ރުވަމުންދިޔަ ގަސްތައް ފޯދި ދަނީ"
އޭ ބުނެވޭ ފަދަ ފުދުންތެރި ބަޔަކަށް އަޅުގަނޑުމެން ވެސް ވާން އެބަ ޖެހެއެވެ.

ކާފިޔު އުވާލިޔަސް، ފުރަބަންދު އުވާލިޔަސް، ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ލިބުނު ނަމަވެސް ޙަޤީޤީ މިނިވަން ކަމަށް ޓަކައި ފުދުންތެރި ކަމަކީ ވެސް އެހާ މުހިންމު ކަމެކެވެ.

އަޅުގަނޑުމެންނަކީ މިނިވަންކަމުގެ އަގު ވަޒަންކުރަން ދަންނަ، ނިޢުމަތްތަކަށް ޝުކުރު ވެރިވާ ބަޔަކު ކަމުގައި ލައްވާށި އެވެ. ދިވެހި ރާއްޖެ މިނިވަންކަން މަތީ އަބަދަށް ލަހައްޓަވާށިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *