...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ބިރުވެރި ހޯމްސްޓޭގެ އަނދިރި ފަރާތް!

މިމަންޒަރު ތަސައްވަރު ކޮށްލައްވާށެވެ. ރާއްޖެތެރޭގެ ކުޑަ ރަށެއްގައި ހުރި ގެއެކެވެ. ގޭގައި ހުރި، މީހުން އުޅޭ ދެކޮޓަރީގެ އިތުރުން ހޯމް ސްޓޭ އަށް ހާއްސަ ކޮށްފައިވާ އިތުރު ދެކޮޓަރި އެގޭގައި ހުއްޓެވެ. އެ ދެކޮޓަރި ވިއްކަނީ ޓޫރިސްޓުންނަށެވެ. އެ ދެ ކޮޓަރީގައި ތިބޭ ގެސްޓުން ކައިބޮއެ ހަދަނީ ވެސް އެގޭގެ މީހުުންނާ އެކު، އެއް ސުފުރާ މަތީންނެވެ. ސިޓިންގް ރޫމްގައި ޓީވީ ބަލަން ވެސް އެއްކޮށް ތިބެ އެވެ. އެއް ރެއެއްގެ ދަންވަރު ވަގުތު އެތަނުން އެއް ކޮޓަރީގައި ތިބި ޒުވާން ދެމަފިރިން ކުރެ އަންހެން މީހާ ފެންބޯން ސިޓިންގް ރޫމަށް ނިކުންނަ އިރު ޓީވީ ބަލަން އިންނަނީ ގޭގެ ފިރިހެން މީހާ އެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވެއެވެ. އެ ހިސާބުން ފިތުނައެއް ފެށެއެވެ!

އެހެން ތަސައްވަރެކެވެ. އެއްޖިންސުން "ކައިވެނިކޮށްގެން" އުޅޭ ބިދޭސީ ދެ އަންހެނުން އެގެއަށް، ހޯމް ސްޓޭގެ ދަށުން، އާދެއެވެ. އެގޭގެ ދިވެހި ދެމަފިރިންގެ 15 އަހަރުގެ އަންހެން ދަރިއެއް ހުރެއެވެ. މި ދެއަންހެނުން އެ ކުއްޖާއާ ވާހަކަ ދައްކައެވެ. އެއީ "އިނދެގެން އުޅޭ" ދެ އަންހެނުންކަން އެ ދިވެހި ކުއްޖާ އަށް ވެސް އެނގެއެވެ. މަންމަ އާއި ބައްޕަ ގޭގައި ނޫޅޭ ގަޑީގައި މި ދެ އަންހެނުންގެ ކޮޓަރިއަށް ގޮސް އެމީހުންގެ އައިޕެޑުން އެކުއްޖާ "ފިލްމު" ވެސް ބަލައެވެ. ދަތުރު ނިމޭއިރު އެކުއްޖާ ވެސް ބަދަލު ވަނީ އެއްޖިންސުން ގުޅުން ހިންގާ ކުއްޖަކަށެވެ.

އެހެން ތަސައްވަރެކެވެ. ހޯމް ސްޓޭ ހިންގާ ގޭގެ ފިރިހެން މީހާ އަކީ ކޮންމެ ކަމެއް ކޮށްގެން ވިއަސް ޑޮލަރު ލިބެނިކޮށް އޯކޭ މީހެކެވެ. އެހެން ކަމުން އޭނާގެ ގެއަށް، ހޯމް ސްޓޭ އުސޫލުން، އަންނަ ބިދޭސީ ޓޫރިސްޓުންގެ ތެރެއިން ފިރިހެނުނަށް އޭނާގެ އަނބި މީހާ އާއި އަންހެން ދަރީން ވިއްކުމަކީ އޭނަ ހިންގާ އެންމެ "ފައިދާ ބޮޑު" ވިޔަފާރިއެވެ. ކޮޓަރި ވިއްކައިގެން ލިބޭ އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީ މިކަމުން އޭނަ އަށް ލިބެއެވެ. ގޭގެ ހަތަރު ފާރުން އެތެރޭގައި، ރޭގަނޑު ދޮރު ތަޅުލުމުން، އެގެ ހިންގަނީ ސީދާ ނާސިގެއެއްގެ މިސާލުގައެވެ.

އެހެން ތަސައްވަރެކެވެ. ހޯމް ސްޓޭގެ ވިޔަފާރި ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ފެތުރިއްޖެއެވެ. ޑޮލަރު އޮހެނީ އެވެ. އެގޮތުން ހޯމް ސްޓޭގެ އުސޫލުން ހިންގާ ގެއެކެވެ. އެގޭގެ ވެރިމީހާގެ އާމްދަނީ އަދި މިހާރަށް ވުރެ ވެސް އިތުރު ކުރުމުގެ ގޮތުން އާ ކަމެއް އޭނަ ފައްޓައެވެ. ގޭތެރޭގައި ކުޑަ ކެފޭއެއް ހަދައި، އެތަނަށް ބިދޭސީންގެ ފަސް ވަރަކަށް މީހުންގެ ކޯޓާއެއް ހޯދައެވެ. އެގޮތުން ނޭޕާލާއި އިންޑޮނޭޝިއާ އިން ފަސް އަންހެނުން، ކެފޭގެ ނަމުގައި، ގެނެއެވެ. މި ފަސް އަންހެނުން ބޭނުން ކުރަނީ ހޯމް ސްޓޭގެ ދަށުން އެގޭގައި ތިބޭ ޓޫރިސްޓުންނަށް ހަށި ވިއްކުމަށެވެ. ދައުލަތުގެ އިދާރާތަކަށް މިފަދަ ކަންކަން ބެލޭނެ ގޮތެއް، ކުރެވޭނެ ކަމެއް ނޯވެއެވެ. ބޭރު ފުށުން ހުރިހާ ކަމެއް ހިނގަނީ ޤާނޫނީ މިންގަނޑަށް ފައްތައިގެންނެވެ. އެކަމަކުު ހޯމްސްޓޭގެ ދަށުން އެގޭތެރޭގައި ހިންގަނީ ބޮޑު ނާސިގެއެކެވެ.

އަދިވެސް އެހެން ތަސައްވަރެކެވެ. ހޯމް ސްޓޭގެ އެހެން ގެއެކެވެ. އެގޭގެ ދެމަފިރިންގެ ހަގު ފިރިހެން ދަރިފުޅަށް 17 އަހަރެވެ. އެއީ މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ ކުއްޖެކެވެ. އެކުއްޖާގެ ކަމަކީ އެގޭގައި ތިބޭ ގެސްޓުންނަށް މަސްތުވާ ތަކެތި ސަޕްލައިކޮށްދިނުމުގެ ވިޔަފާރިއެވެ. މީހުން އުޅޭ ރަށްރަށުގައި ރަލުގެ ވިޔަފާރި މަނާކުރެވިފައިވާތީ ގެސްޓުން ބޭނުންވާ ބިޔަރާއި ރާ ވެސް ސަޕްލައިކޮށްދެނީ އެއްކަލަ 17 އަހަރުގެ "ޕާޓޭ" ކުއްޖާ އެވެ. އެގޭގެ ދެމަފިރިންނަށް ވެސް މިކަން އެނގެއެވެ. ނަމަވެސް ގޭގެ ވިޔަފާރި އަށް ހުރަސް އެޅިދާނެތީ އެމީހުން މިކަމާ އަޅައެއް ނުލައެވެ. އެހެން ނޫނަސް އެމީހުންގެ ފިރިހެން ދަރިފުޅަށް ލިބޭ ބޮޑު އާމްދަނީގެ ހެޔޮ އަސަރު އެދެމަފިރިންނަށް ވެސް ކުރާތީ އެމީހުންގެ ފިރިހެން ދަރިފުޅުގެ ޑްރަގާއި ރަލުގެ ވަގު ވިޔަފާރިއަށް އެމީހުން ހުރަހެއް ނާޅައެވެ.

އަދިވެސް އެހެން ތަސައްވަރެކެވެ. ހޯމް ސްޓޭގެ ދަށުން ގެއަކަށް އަންނަނީ ނަސޯރާ ފާދިރީންގެ ދެމީހުންނެވެ. އެ ދެ ފާދިރީން އެގޭގައި ތިބޭ ދެހަފްތާ ތެރޭގައި ރަށުގެ ފަގީރުންނަށް އެހީވެ، ނަސޯރާ ދީނުގެ މީހުންނަކީ ފަގީރުންނަށް އެހީވާ ބައެއްކަން ދައްކައި، ނަސޯރާ ދީނުގެ ރަނގަޅު ވާހަކަ ސިއްރުން ފަތުރައެވެ. ގޭތެރޭގައި އަޅުކަން ވެސް ކުރެއެވެ. ހޯމް ސްޓޭ ބަދަލު ވަނީ ހޯމް ޗާޗަކަށެވެ!

މި ފެށުނު އާ އަހަރާއެކު ރާއްޖެ އަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފް ކުރި ދުވަހުން ފެށިގެން 10 ވަރަކަށް އަހަރު ވާއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ނުރަސްމީ އެތަކެއް ނާސިގެއެއް ހުންނާނެއެވެ. ގޭގޭގެ އަނބީން ތިބޭނީ ފިރިހެން ޓޫރިސްޓުންގެ ހިތް އުފާ ކޮށްދޭން އެމީހުންގެ އެނދުގައެވެ. ފިރީން ތިބޭނީ ދޮން ގެސްޓު އަންހެނުންގެ ހިތްއުފާ ކޮށްދޭން އެމީހުންގެ އުނގުގައެވެ. ދަރީން ތިބޭނީ ގެސްޓުންނަށް ގަޑީގެ ރޭޓުން ވިއްކާފައެވެ. ގޭގައި ގެންގުޅެން ކަމަށް ހަދައިގެން ގެންނަ ނޭޕާލް، އިންޑޮނޭޝިއާ އަދި ނައިޖީރިއާ ފަދަ ޤައުމުތަކުގެ އަންހެނުން، ކަސްބީ އަންހެނުންގެ ގޮތުގައި ރަށްރަށުގައި ވިއްކަމުން ދާނެއެވެ. ޒުވާން ފިރިހެން ކުދީން ތިބޭނީ މަސްތުވާ ހިކި ތަކެއްޗާއި ރަލުގެ ވިޔަފާރީގައި މެކުހަށް ޖަހާފައެވެ. ޒުވާން އަންހެން ކުދީން ތިބޭނީ ބޯ ޑައިކޮށްފައި، ގަޔަށް ބާރު ހެދުން ލާފައި، ގެސްޓުންނަށް "މާކެޓް ކުރަން" ހަވީރު ދަޅައިގައި ބޭރަށް ނެރެފައެވެ. މުސްކުޅިންވެސް ތިބޭނީ މި މަޖަލުގައި ޖެހިފައެވެ. ބިރަކާނުލައެވެ. ރަށްރަށުގެ މިސްކިތްތައް ހުންނާނީ ހުހަށެވެ!

އެދުވަސް އަންނައިރު ދިވެހި ރާއްޖެ ވާނީ ދެކުނު އޭޝިއާގެ ޕްރޮސްޓިޓީއުޝަނާއި ޑްރަގްސްގެ ހާއްޔަކަށެވެ. ދެކުނު އޭޝިއާގެ ބެންކޮކަށެވެ. ހޯމް ސްޓޭ ތައާރަފް ކުރަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި ރައީސް ސޯލިހު ފަދަ ސިޔާސީ ބޭފުޅުން ޖެހޭނީ އެދުވަހަކުން ދިވެހި ރާއްޖެ ވެއްޓިފައިވާ ވޅުގަނޑުގެ ޒިއްމާ ނަންގަވާށެވެ. އެ ފާފަތަކުން ބައެއް ބޮލުގައި އަޅުއްވާށެވެ. ނަމަވެސް އެދުވަހަކުން ބަޔަކު ޒިންމާ ނެގިއަސް ނުނެގިއަސް ވާނެ ކަމެއް ނެތެވެ. ވާނެ އެއްޗެއް އެއިރުން އޮންނާނީ ވެނިމިފައެވެ. ދިވެހި ޤައުމުގެ އެއް ޖީލު އޮންނާނީ އަބަދުގެ އަބަދަށް ލާދީނީވެ، ހޯމް ސްޓޭވެފައެވެ.

ހޯމް ސްޓޭއަކީ ބަޔަކު އަޑީގައި ތިބެގެން، ފަތުރުވެރިކަމުގެ ދަޅަ އާއި ޑޮލަރުގެ ދަޅަ ދައްކައިގެން ހިންގާ ބޮޑުވެގެންވާ ޖަރީމާއެކެވެ. މިއީ އެނގިގެން ވިއަސް ނޭނގި ވިއަސް މިޤައުމުން އިސްލާމް ދީނުގެ ނޫރު ފޮހެލުމުގެ ބިޔަ މަޝްރޫއެކެވެ. މުންކަރާތް ނަހީ ކުރުމުގެ ދަށުން އަޅުގަނޑު މިކަން ކުށްވެރިކުރަމެވެ. "ވަކްތުންވަކްތައް" މިކަންތައް ހުއްޓާލުމަށް ގޮވާލަމެވެ. ދީނަށް ލޯބި ކުރާ އަދި ޤައުމަށް ލޯބި ކުރާ ހުރިހާ ދިވެހިން ބަހާއި އަމަލުން މިކަމާ ދެކޮޅު ހަދަންޖެހެއެވެ. މިއީ ޓުރިޒަމެއް ނޫނެވެ. މިކަމުން ޑޮލަރު ނުލިބޭނެއެކޭ ނޫނެވެ. ޑޮލަރު ހެސްކިޔާފައި ލިބޭނެއެވެ. ނަމަވެސް އަމިއްލަ ޤައުމުގެ މަސްލަހަތާއި އަމިއްލަ ދީނާއި އަނބިދަރީންގެ އަހްލާގާއި ކުރިމަގު އަނދިރި ވަޅުގަނޑަކަށް ވައްޓާލާފައި ލިބޭ ފެހި ނޫޓަކީ އަގެއް ނެތް ބޭކާރު އެއްޗެކެވެ. ލޫތުގެ ފާނުގެ ޤައުމުގެ މީހުން ފަދައިން މި ދިވެހި ޤައުމު ހަރާބްކުރަން ބަޔަކު އުޅުނަސް ދިވެހި ރައްޔިތުން އެކަމަށް ހެއްލިގެން ނުވާނެއެވެ. ހޯމް ސްޓޭ އަށް ވަރަށް ސާފު ބަހުން ނޫނެކޭ ބުނަން ޖެހެއެވެ. އެއީ ހަމަ ބޮޑުވެގެންވާ ޖަރީމާ އެކެވެ. ބޮޑުވެެގެންވާ ލާދީނީ ކަމެކެވެ. މިއީ، މިކަން މިހެން ވާން ދޫކޮށްލައިފި ނަމަ، މި ޤައުމު ހަލާކުވުމުގެ ފެށުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
173111114

3 Responses

  1. ވަރައް ރަނގަޅު ލިޔުމެއް މީހަމަ އެންމެންވެސް ވަރައްބޮޑައް ވިސްނާލަން ޖެހޭ ކަންތައްތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.