Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އަންނަ އަހަރަކީ އެ އަހަރެވެ.

މިއަދަކީ 2022 ވަނަ އަހަރުގެ ފުރަތަމަ ދުވަހެވެ. އަންނަ އަހަރު ދިވެހި ރާއްޖޭގެ ރިއާސީ އިންތިޚާބް އޮންނާނެއެވެ. އެ އިންތިޚާބްގައި ވާދަކުރާނީ ދިވެހި ރާއްޖޭގެ ކެންޑިޑޭޓަކާއި އިންޑިއާގެ ކެންޑިޑޭޓުން ތަކެކެވެ! މި ދިވެހި ޤައުމު ނުރައްކަލުގެ ހަތަރު އަނގޮޅިއެއްގައި އޮތް އިރު ސިޔާސީ ލީޑަރުންގެ ތެރެއިން ދިވެހި ދައުލަތާއި ރައްޔިތުންގެ ދިފާއުގައި ހުންނެވީ މިވަގުތު އެންމެ ލީޑަރެކެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ!

އިންޑިއާ އައުޓް ކެމްޕެއިނަކީ ރައީސް ޔާމީނުގެ މިލްކެއް ނޫނެވެ. އެ މަސައްކަތުގައި މި ވަގުތު އެންމެ އިސްކޮށް ހުންނެވި ލީޑަރަކީ ރައީސް ޔާމީން ކަމުގައި ވިއަސް އެއީ އަންނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުން ނަގާނެ ކޮޅު ބަޔާން ކުރުމަށް ފަށައިފައިވާ ކެމްޕެއިނެެކެވެ. މިސަރުކާރުން އިންޑިއާއަށް މިޤައުމު ވިއްކައި، އަޅުވެތިކުރަމުންދާ ކަމުގެ ތަފްސީލް މިތަނުގައި ނުލިއުނަސް އެއީ އެތައް ފަހަރަކު މިކޮލަމުގައި ވެސް ލިއެފައިވާ ވާހަކަ ތަކެކެވެ. އައްޑޫ އާއި ލާމު އަތޮޅުގެ ވާހަކަ އެވެ. ހަނިމާދޫ އާއި އުތުރު ތިލަފަޅުގެ ވާހަކަ އެވެ. ރާއްޖޭގެ ކަނޑު އަޑީގެ ޗާޓްތައް ކުރެހުމަށް އިންޑިއާ އަށް މިޤައުމުގެ ކަނޑުތައް ހިތަކަށް ދިން ވާހަކައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފާރަލުމަށް އިންޑިއާ ސިފައިންގެ ރާޑަރުތައް ބެހެއްޓި ވާހަކައެވެ. އިންޑިއާގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓުގެ ވާހަކައެވެ. ރާއްޖޭގެ އެންމެ މުހިއްމު ދިފާއީ އަދި އިގްތިސޯދީ ސަރަހައްދު ތަކުގައި އިންޑިއާ ސިފައިން ރުކުރުވާލެވެމުންދާ ވާހަކައެވެ. އިންޑިއާ ސިފައިންނަށް ފުރިހަމަ ޑިޕްލޮމެޓިކް އިނާޔަތް ރާއްޖެއިން ދީފައިވުމުން އެމީހުން މިޤައުމަށް ހަތިޔާރު ގެނެސް ޖަމާކޮށްފައި ހުއްޓަސް ދިވެހި ސިފައިންނަށް ނޭނގޭނެ ކަމުގެ ވާހަކައެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ކޮންމެ ރައްޔިތަކީ "ބޮޓެއް" ކަމަށް ދިފާއީ ވަޒީރު މާރިޔާ ވިދާޅުވެ، ދިވެހީންނަށް މަލާމާތް ކުރެއްވި ވާހަކައެވެ. އިންޑިއާ ބޭނުންނަމަ ދިވެހި ޤައުމު ހިފުމަކީ އިންޑިއާ ސިފައިންނަށް ދާދި ފަސޭހަ ކަމެއް ކަމުގައި ވިދާޅުވެ އެމް.އެން.ޑީ.އެފްގެ ސިފައިންނަށް މާރިޔާ މަލާމާތް ކުރެއްވި ވާހަކަ އެވެ.

މި ދައުލަތުގެ ރައީސާއި ދިފާއީ ވަޒީރާއި ޚާރިޖީ ވަޒީރާއި ދާޚިލީ ވަޒީރާއި ރައްޔިތުންގެ މަޖުލީހުގެ ރައީސް ފަދަ އިސް އެތަކެއް ބޭފުޅުން ތިއްބެވީ އިންޑިއާގެ ދިފާއުގައި ނިކުންނަވައިފައެވެ. ވެރިކަން ކުރާ ކޯލިޝަންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައުޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ތިއްބެވީ އިންޑިއާ ފަޅީގައެވެ. ފިކުރީ މި ހަނގުރާމައިގެ ލަޝްކަރު ރުކުރުވާލެވިފައިވާ އިރު ދިވެހި ރައްޔިތުންގެ ކޮޅުން ފެންނަނީ ރައީސް ޔާމީން ގިނިކަންޏާއެވެ. ދެން ހުންނެވީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

މާ ޤައުމީ ބޭފުޅުން ކަމަށް ހެދިވަޑައިގެން އުޅުއްވި މައުމޫނާއި ޤާސިމާއި އިމްރާނަކީ މިވަގުތު ދިވެހި ޤައުމަށް ސީދާ ޤައްދާރުވެ ވަޑައިގެން ތިއްބެވި ތިން ބޭފުޅުންނެވެ. އެހެނީ މިތިން ބޭފުޅުން އިންޑިއާގެ އަޅުވެތިކަމަށް ނޫނެކޭ ވިދާޅުވެއްޖެ ނަމަ މިހާރުވެސް މިކަން ނިމޭނެއެވެ. އިންޑިއާގެ އަޅުވެތިކަން ނިންމުމުގެ ފުރުސަތު އެތިން ބޭފުޅުންނަށް އޮވެމެ އިންޑިއާ ކޮޅު ނަންގަވައިގެން، ރައްޔިތުންނާއި ޤައުމަށް ވުރެ އަމިއްލަ ސިޔާސީ މަސްލަހަތު އިސްކުރެއްވުމަކީ ސީދާ ޤައުމާއި ރައްޔިތުންނަށް ވެވޭ ޤައްދާރު ވުމެކެވެ.

 

މޭ 1، 2015 ގައި އޮތް "މޭޑޭ މުޒާހަރާ"ގައި ޝެއިހް އިމްރާން ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ސިޔާސީ މީހުންގެ ތަފްސީލް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމުގެ ހެއްކާއި ލިއުން ހުރި ކަމަށެވެ. އެ ލިއުން ބަންޑެލިވެސް އެ ދުވަހު ދެއްކެވިއެވެ. މިހާރު އިމްރާނަކީ ހޯމް މިނިސްޓަރެވެ. މޭޑޭ މުޒާހަރާ އަށް ފަހު ހަ އަހަރު ވީއެވެ. އެ ވިދާޅުވާ ހެއްކެއް ނުދެއްކެވުނެވެ. ސިޔާސީ ބޭނުމަށް ސާބިތުނެތް ވާހަކަ ދައްކަވާފައި މިއަދު އިމްރާން ވިދާޅުވަނީ އިންޑިއާ އައުޓް ގޮވާ މީހުންނަކީ ޑްރަގް ވިއްކާ މީހުން ކަމަށެވެ. އަޅުގަނޑުވެސް މިގޮވަނީ އިންޑިއާ އައުޓެވެ. އަޅުގަނޑަކީ ހަމަ ގައިމުވެސް ޑްރަގް ބޯމީހެއްވެސް އަދި ވިއްކާ މީހެއްވެސް ނޫނީމެވެ. އިމްރާންމެން ކިތައްމެ ވަރަކަށް ދެބޯގެރި ދުއްވިއަސް އިންޑިއާ އައުޓްގެ ޖޯޝެއް ނުކެނޑޭނެއެވެ. ސަބަބަކީ އެއީ ދިވެހި ރައްޔިތުންގެ ހިތުގެ ޝުއޫރު ކަމަށް ވާތީއެވެ.

އިންޑިއާ އައުޓް ކެމްޕެއިންގެ ބާރު ގަދަވާން ފެށުމުން ރައްޔިތުންގެ ފޯކަސް ގެއްލުވާލަންވެގެން އެމް.ޑީ.ޕީގެ މަޖުލީސް މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައްޑޫ ސިޓީ ދެފަޅި ކޮށްލައްވައި ހުޅުމީދޫ އާއި އައްޑޫ ވަކިކުރަން ޖެހޭ ކަމަށެވެ. ދެބޯގެރި ދުއްވުމަށެވެ! މާފަންނު މެދު ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު އިބްރާހިމް ރަޝީދު ދުއްވެވި ދެބޯގެރި އަކީ މާލޭ ސިޓީގެ ދަރަޖަ "ސިޓީ" އަކުން "ރަށަކަށް" ބަދަލު ކުރަން ހުށަހަޅުއްވާނެ ވާހަކައެވެ. އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ވެސް އިންޑިއާ އައުޓް ކެމްޕެއިންގެ ފޯކަސް ގެއްލުވާލައި، ރައީސް ޔާމީން އަލުން ޖަލަށް ލައި، މިވާހަކަ ލިޔާ މަދު ނޫސްވެރިންކޮޅު، ގޮތްނޭނގޭ މަރު ތަކަކުން، މަރާލައި، އިންޑިއާ އަޑީގައި އޮވެެގެން ރާއްޖޭގައި ކޮންމެވެސް ބޮޑު ހަމަނުޖެހުމެއް ހިންގައިގެން ނަމަވެސް ދިވެހި ޤައުމު އިންޑިއާ އަށް ދިނުމަށް ބަޔަކު ނުހަނު މަސައްކަތް އެބަ ކުރެއެވެ. މިވަރުގެ ބޮޑެތި ޤައްދާރުން ތަކެއް މިޤައުމު ދުވަހަކުވެސް ދެކެފައި ނުވެއެވެ. މިކަމަށް ދިވެހި ތާރީހު ކޮންމެވެސް ދުވަހަކުން ހެކިދޭނެ އެވެ.

ޕީ.އެން.ސީގެ ރައީސް އަބްދުއްރަޙީމް (އަދުރޭ) ވިދާޅުވީ ހަމަ ތެދެކެވެ. ރައީސް މައުމޫން ވަނީ މި ދިވެހި ޤައުމަށް ހަމަ ސީދާ ހަރާމް ކޯރުވެވަޑައިގެންފަވެ. ޤާސިމާއި އިމްރާނާއި ކާނަލް ނާޒިމް ވެސް ވަނީ ޤައުމަށް ހަރާމްކޯރުވެވަޑައިގެންފައެވެ. އިންޑިއާ އަށް މަލިކު ދިން ގޮތަށް މި ދިވެހި ޤައުމުގެ ބާކީ އޮތް ބައިވެސް އިންޑިއާ އަށް ދީގެން އަމިއްލަ ސިޔާސީ މަންފާ ހޯދުމަށް ފޫގަަޅުއްވައިގެން ތިއްބެވި އެމް.ޑީ.ޕީގެ އަދި ކޯލިޝަންގެ ބައިވެރީންނާ ދެކޮޅަށް ދިވެހި ރައްޔިތުން އެކަތިގަނޑަކަށް ވާންޖެހެއެވެ. މިޤައުމުގެ މިނިވަންކަން ގެއްލި އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކާރެއް މިތަނުގައި ޤާއިމްކޮށް، ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުން އިންޑިއާގެ ބަޔަކަށް މިތަން ހެދުމަކީ އިންޑިއާގެ ބޮޑު ވަޒީރު މޯދީ އާއި އެމް.ޑީ.ޕީގެ ސިއްރު ރޭވުމެކެވެ. މިކަން ފެއިލް ކޮށްލެވޭނީ ދިވެހީންނަށެވެ. ދިވެހީން އެކަތިގަނޑަކަށް ވެގެންނެވެ.

އިންޑިއާ އައުޓް ކެމްޕެއިންގައި ހުރިހާ ދިވެހި ރައްޔިތުން އެކަތިގަނޑަކަށް ވާއިރު އިދިކޮޅު ކޯލިޝަންގެ ތެރެއިން އިންޑިއާ އައުޓް މަދަނީ އިއްތިހާދެއް ހަދަން ޖެހެއެވެ. އަދި އެ އިއްތިހާދުގެ ކުރީ ސަފަށް އިތުރު ލީޑަރުން ނެރެން ޖެހެއެވެ. އެގޮތުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ޑރ.ވަހީދާއި ނަޒާކީ ޒަކީ ފަދަ ބޭފުޅުން ކުރީ ސަފަށް ނިކުމެވަޑައިގަންނަވަން ޖެހެއެވެ. އުމަރު ނަސީރަކީ ހާއްސަކޮށް މިފަދަ ކަންކަމުގައި ވަރަށް ޤާބިލް، ކެރޭ ލީޑަރެކެވެ. ދެހާސް ތޭވީހުގެ އިންތިހާބްގައި ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ނުވަތަ ޑިފެންސް މިނިސްޓަރަކަށް ލާން އެންމެ އެކަށީގެންވާ ބޭފުޅަކީ ވެސް އުމަރު ނަސީރެވެ.

ތަސައްވަރު ކޮށްލައްވާށެވެ! ރައީސް ޔާމީނާއި ޑިފެންސް މިނިސްޓަރ އުމަރު ނަސީރާއި ފޮރިން މިނިސްޓަރ ޑރ. ވަހީދާއި ހޯމް މިނިސްޓަރ ޑރ. ޖަމީލް 2023 ގައި ޤައުމާ ހަވާލުވެވަޑައިގެންފި ނަމަ އިންޑިއާ ސިފައިން ޖެހޭނީ ހަމަ ފައިބައިގެން ދާށެވެ. އެއީ އިންޑިއާ އައުޓް ކެމްޕެއިންގެ މިސްރާބެވެ. ރައްޔިތުން އެދެނީ އެފަދަ ދުވަހެއް ދެކޭށެވެ. މިޤައުމު އަނބުރާ ދިވެހި ރައްޔިތުންގެ ތަނަކަށް ހެދުމަށްޓަކައެވެ. އަންނަ އަހަރަކީ، އިންޝާﷲ، މިކަން ނިންމާ އަހަރެވެ! އިންޑިއާ އައުޓް ކުރާ އަހަރެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
7

2 Responses

  1. ސާބަހޭ ދަރިޔާ. ގައުމީވަންތަކަން މިލިއުމުން ކިތައްމެހާވެސް ހާމަވެއެވެ. މިލިއުން ކިޔާލުމުން ގައުމީ ޖޯޝް ގެނުވައެވެ އަޅުގަޑު އެދެނީ ބުޝްރީއަށް ފާގަތި ދުވަސްތައް މިންވަރު ކުރެއްވުމެވެ

  2. މީވަރަށް ފުރިހަމަލިއުމެއް
    މީގެފަހުން ވޯޓްދޭނީ ޕީޕީއެމްއަށް އެއީ ގައުމާއި ދީން ހިމާޔަތްކުރާނެ ތަރައްގީގެފަޅި
    އިންޑީއާ އައުޓް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *