Support Us

އެއްބައިވަންތަކަމުގެ ދުވަހުގެ ހަނދާންތައް އާވާ ހިނދު…

އިރުއޮއްސެމުންދާއިރު ދުނިޔެމައްޗަށް އަރަމުންދާ ރަތް ރީނދޫ ކުލަ ރަމްޒުކޮށްދެނީ އިރުކޮޅަކުން އަނދިރީގެ ކަޅުސާލަކުން ދުނިޔެ އަނދިރިކޮށްލާނެކަމެވެ. އިރު ތިރިވެ އޮއްސެމުންދަނީ ހަނދަށް ފުރުޞަތު ދީފައެވެ. ހަނދު އަރައިގެން އަންނައިރު ބައެއް ރޭރޭ ރީތި ހަނދުވަރު ދިން ނަމަވެސް އަނެއްބައި ރޭރޭ ހަނދުގެ އަލިކަމަށް ބަނަ ވިލާތައް ހުރަސް އަޅައެވެ. ކިތަންމެ ރީތި ހަނދުވަރެއް ދީފައި އޮތް ނަމަވެސް އަބަދުވެސް ދުނިޔެ އިންތިޒާރު ކުރަމުންދަނީ ރޭގަނޑުގެ އަނދިރިކަން ފިލައި އަމާން ފަތިހެއްގެ އިރު އަރާނެ ވަގުތަކަށެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 25 ވަނަ ދުވަހުގެ އިރުވެސް އޮއްސުނީ މި ބުނެވިދިޔަ ބީދައިންނެވެ. އަމާން ފަތިހެއްގެ އިންތިޒާރުގައެވެ. ނަމަވެސް ފަތިހުގެ ފިނިކަމާއެކު މުޅި ރަށުތެރަށް އަރައިގެން އައީ ބޮޑުރާޅެކެވެ. އަމާންކަމަށް ކުރި އުއްމީދު ނާމާންކަމާއި ބިރުވެރިކަމަށް ބަދަލުވީއެވެ. ރާޅުތަކުގެ ބަނޑުދަށުލައި އޮއްގާތަކެއް ކަނޑަށް ދަމައިގަންނަހެން ދަމައިގަތީ ރަށުގެ ރައްޔިތުންނާއި ހިފާގެންގުޅުނު ހުރިހާ އެއްޗަކާ ހުރިނަމަ ހުރި މުދަލެކެވެ.

ރާޅުތަކުތެރެއިން އިވެމުންދިޔައީ ރޮމުން ގިސްލަމުން ސަލާމަތަށް އެދި އާދޭސްކުރަމުންދިޔަ މީހުންގެ އަޑެވެ. މަންމަގެ އެހީތެރިކަމަށް އެދި ގޮވަމުންދިޔަ ތުއްތު ކުދީންގެ އަޑެވެ. ނަމަވެސް ސުނާމީގެ ރާޅާއެކު އެތައް ބައެއްގެ އަޑު ހިމޭންކުރުވިއެވެ. އެތައް މަޔަކަށް އެމީހުންގެ ދަރީން އަބަދަށް ގެއްލުނެވެ. އެތައް ދަރީންނެއް ޔަތީމު ކުރުވިއެވެ. އެތައް ބައެއްގެ ގެދޮރާ މުދާ އެރާޅު ދިރުވާލިފަދައެވެ. ދިރިއުޅުން ސުމަކުން ފަށަންޖެހުނު އެތައްބައެއް އަހަރެމެންގެ ތެރޭގައިވެސް އެބަ ތިއްބެވެ.

އެ ދުވަހު ދިވެހީންގެ ފަރާތުން ފެނުނީ އެއްބައެއްވަންތަކަމުގެ ސާފު ރީތި ނަމޫނާއެކެވެ. ތާރީޚުން ހެކިދޭ ގޮތަށް އެކެއްގެ ގޭ ބަދިގޭ ތެލީ ފޫ ކަހައިލާ އަޑަށް، އެގެޔަށް ގޭގައި ހުރި ބަތްތެލީން ބަތް ކޮޅު ގެންދާ އުޞޫލުން ދިވެހީން ޙަރަކާތްތެރި ވާންފެށިއެވެ. އަތުގައި ދެވެން އޮތް ކޮންމެ އެއްޗެއް ސުނާމީގައި ހާލުގައި ޖެހުނު ދިވެހީންނަށް ފޯރުކޮށްދިނީ އަމިއްލަ އެދުމެއްނެތި ޚާލިސް ލޯތްބާއެކުއެވެ. ތިމާ ބަނޑުހައި ފިލުވައިގެން ހުރިނަމަ އަނެކާވެސް ހުންނާނީ ކައިގެންނޭ ބުނާފަދައިންނެވެ. ރަށްރަށަށް ގޮސް ރަށްތައް ސާފުކޮށްދީ އެހީތެރިވީ އަމިއްލަ ކަންކަން ކަމުގައި ބަލައިގެންނެވެ. އެންމެގެ ހަށީގައިވެސް ހިނގަނީ އެއްލޭކަމަށް ޤަބޫލުކޮށްގެންނެވެ. އެއްބައެއްވަންތަ ބައެއްކަމަށް ދެކިގެންނެވެ.

ހިތާމައަކީ މިއަދު ދިވެހީންގެ އެއްބައިވަންތަކަން ވީ ހިސާބު ނޭނގޭތީއެވެ. ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހޭ ބުނެ، ދުވަހެއް ފާހަގަ ކުރުމުގެ ހަޤީޤީ ބޭނުން ގިނަ ދިވެހީންނަށް ނޭނގޭތީއެވެ. މި ދުވަސް ފާހަގަ ކުރަނީ ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި ދިވެހިންގެ ހަނދާން އައުކުރުން އެކަނި ނޫންކަމާއި އެ ދުވަހުގެ ހިތްދަތި ހަނދާންތައް އައު ކުރުން އެކަނި ނޫންކަމަށް ކަން ގިނަ ދިވެހީންނަށް ނުވިސްނޭތީއެވެ.

ވިސްނާ ހަނދާން ކުރަންޖެހެނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ޝިއާރަކަށް ވާންވީ ހުރިހާ މަޢުނައެއްގައި ދިވެހީން އެއްބައިވަންތަ ބަޔަކަށް ވުމެވެ. ގޭތެރޭގެ ދިރިއުޅުމުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި އުޅުމެވެ. މުޖުތަމަޢުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި އުޅުމެވެ. ޤައުމީ ކަންކަމުގައި ހިތާ ރޫޙުން ބައިވެރިވެ އެއްބައެއްވަންތަކަން ދެއްކުމެވެ. ނަމަވެސް ހިތާމައާއެކު ބުނަން ޖެހެނީ އެއްބައިވަންތަ ބަޔެކޭ ބުނެ އަހަރެމެން ކިޔަމުންދާ ލަވަ އާ މަންޒަރު ދިމާ ނުވާ ވާހަކައެވެ. ފިތުނަވެރިކަމުގެ މޫ ހިތުގައި ލައި އުފެދި ބޮޑުވެ އެއްބަނޑު އެއްބަފާ އަޚުން އުޚުތުންގެ ހައްޤުތަކަށް އަރައިގަންނަން ފަސްނުޖެހޭ ތަން ފެންނަ ވާހަކައެވެ. ބޮޑެތި ކަންކަން ދިމާވާ ހިނދު އެއްބަޔަކު އަނެއްބަޔަކަށް ހަޖޫޖަހައި، ކުށްދެއްކުން އާއްމުވަމުންދާ ވާހަކައެވެ. މިފަދަ ކަންކަން ގިނަ ވަމުންދާނަމަ އެތަނެއް ދާނީ ހަލާކާ ދިމާއަށް ދަތުރުކުރަމުންނެވެ. އުއްމީދަކީ ހަލާކާ ދުރަށްގޮސް ދިވެހިންނަކީ އަބަދުވެސް އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ލެއްވުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *