...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ﷲ ދެއްވާ ނަސްރު! އައުޓްވާންވީ އިންޑިއާ އެކަންޏެއް ނޫނެވެ. އެކަމަކު…

"އިންޑިއާ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ޝުއޫރުތަކާ ކުޅެން ހިންގާ ނޭއްގާނީ އަމަލެއް ކަމަށް ބުނެ އަދާލަތު ޕާޓީން ހުކުރު ދުވަހު މާ ވަރުގަދަ ބަޔާނެއް ވަނީ ނެރެފައެވެ. އެ ބަޔާނުގައި އަދާލަތުން ބުނީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަދާލަތުން ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އިސްތިގްލާލާއި މިނިވަންކަން ދިފާއު ކުރަނީ ދިވެހީންގެ ވޯޓަކުން އެންމެ އިންތިހާބެއްވެސް ކާމިޔާބު ނުކުރެވޭ، އެއްވެސް ސިޔާސީ އުރައްޕެއް ނެތް ޕާޓީ އަކުން ބާވައެވެ؟ ދިވެހީންގެ އިސްތިޤްލާލް ދިފާއު ކުރަނީ މުސްލިމުންގެ ޤާތިލް މޯދީގެ އުނގަށް ވެއްޓިފައިވާ ޕާޓީ އަކުންތޯއެވެ؟ އަދާލަތަކީ ނަމުން ދީނީ ޕާޓީ، އަމަލުން ހިންދޫން ދިފާއު ކުރާ ޕާޓީއެވެ. އެމް.ޑީ.ޕީ އަކީ ނަމުން ޑިމޮކްރެޓިކް، އެކަމަކު އަމަލުން ޙުދުމުހްތާރު ޕާޓީ އެވެ. ދިވެހި ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތަސް ރައީސް ސޯލިހު ރައީސަކަށް ބަހައްޓައިގެން ސަރުކާރުގެ ހޯމް މިނިސްޓަރު ކަމާއި ޗީފް އޮފް ސްޓާފްކަން އަދާލަތަށް ހޯދައިގެން ތިބި ބައެކެވެ. ޤައުމުގެ އިސްތިގްލާލް ދިފާއު ކުރާނީ އަދާލަތު ކަހަލަ ފުޅިމަދު އުނގުރި ޕާޓީއަކުން ނޫނެވެ. އެކަން ކުރާނީ ދިވެހި ރައްޔިތުންނެވެ. އިންޑިއާ އައުޓް ގޮވަން ރައްޔިތުން މަގުމައްޗަށް ނިކުތީ އެހެން ވެގެންނެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ ސިޔާސީ ބޭނުމެއްގައި ރައްޔިތުންގެ އިހްސާސްތަކާ ކުޅޭ ނޭއްގާނީ އަމަލެއް ކަމަށް އަދާލަތުން ބުނި އިރު ސިޔާސީ ބޭނުމުގައި ރައްޔިތުންގެ އިހްސާސްތަކާ އެންމެ ގިނައިން ކުޅޭ ދެ ޕާޓީ އަކީ އަދާލަތު ޕާޓީ އާއި އެމް.ޑީ.ޕީކަން ދިވެހި ރައްޔިތުންނަށް އޮޅިފައެއް ނެތެވެ. ދާދި ފަހުން އުފެދުނު އެމް.އެން.ޕީ އަކީ ވެސް ހަމަ އެކަހަލަ ޕާޓީ އެކެވެ. އަޑިއަޑިން އިންޑިއާ އިން ފަންޑް ހޯދައިގެން، އެކަމަކު އިންޑިއާއާ ދެކޮޅު ކަމަށް ހެދިގެން އުޅުނަސް ކާނަލް ނާޒިމްގެ ޕާޓީ އަކީ ހަމަ ރައީސް ސޯލިހުގެ ޕާޓީއެކެވެ. އިންޑިއާގެ ޕާޓީއެކެވެ. ރިޔާސީ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވައި ރައީސް ސޯލިހު ފެއިލްވެއްޖެނަމަ ދެވަނަ އޮޕްޝަނަކަށް އިންޑިއާ އިން ތައްޔާރުކުރާ ޕާޓީއެކެވެ.

ދިވެހި ޤައުމު ދެކެ ލޯބިވާ އެއްވެސް ރައްޔިތަކު ޝެއިހް އިމްރާނާއި އަލީ ޒާހިރުގެ ބަސް އަހަން ހެޔޮނުވާނެއެވެ. އަދާލަތު ޕާޓީގެ މިހާރުގެ ލީޑަޝިޕްގެ ބަސް އަޑު އަހަން ހެޔޮ ނުވާނެއެވެ. މޭޑޭގައި އިމްރާނު ހެއްދެވިހާ ދޮގުތައް ވެސް މިއަދު ވަނީ ފަޅާއަރައިފައެވެ. ވެރިކަމަށްޓަކައި ކޮންމެ އެއްޗެކޭ ވެސް އިމްރާނުމެން ވިދާޅުވެދާނެއެވެ. އެއީ ދިވެހިންނަކަށް އާ ކަމެއް ނޫނެވެ.

ކާނަލް ނާޒިމްގެ ބަސް އަޑު އަހަން ވެސް ހެޔޮނުވާނެއެވެ. ނާޒިމްގެ ޕާޓީ އެމް.އެން.ޕީ އަށް ވޯޓު ލާން ވެސް ހެޔޮ ނުވާނެއެވެ. ދިވެހި ޤައުމު ދެކެ ލޯބިވާ، އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތަކު ރައީސް ނަޝީދާއި ރައީސް ސޯލިހާއި އެމް.ޑީ.ޕީ އަށް އިތުބާރުކުރަން ހެޔޮ ނުވާނެއެވެ. އިންޑިއާގެ ފައިސާ މި ޤައުމުގެ ސިޔާސީ މައިދާން ގަނެލަން މިހާރު އޮތީ އޮއްސައިފައެވެ. އިންޑިއާ ސަރުކާރުގެ ފައިސާގެ އިތުރުން އިންޑިއާގެ ބައެއް މަހުޖަނުންގެ ފައިސާވެސް މެއެވެ. އިންޑިއާގެ މަލްޓި ބިލިއަނަރެއް ކަމުގައިވާ ލަކްޝްމީ މިޓަލްއާ ސިއްރިޔާތުގައި ރައީސް ނަޝީދު މި ޑިސެމްބަރު މަހު ބައްދަލުކުރެއްވި ކަމީ މީގެ ހެއްކެކެވެ.

"ދެތިން ބޮޓުން" ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން މުޅި ޤައުމަށް ފެތުރެމުން ދާތީ އިންޑިއާ އާއި ދިވެހި ސަރުކާރުން ވަރަށް މޭ ކަރައިފިއެވެ. ބިރުގަނެއްޖެއެވެ. ދިވެހި ރައްޔިތުންނަށް ހަޤީގަތް އެނގިދާނެތީއެވެ. މީކީ ހަމައެކަނި ރައީސް ޔާމީންގެ ކެމްޕެއިނެއް ނޫނެވެ. ރައީސް ޔާމީން ފަދަ ކުރީގެ ރައީސަކު، އަދި ބޮޑު ޕާޓީއެއްގެ ލީޑަރަކު މިކަމުގައި އިސް ނެންގެވުމުން މި ހަރަކާތަށް އިންތިހާ ދަރަޖައިގެ ދިރުން ލިބުނުކަން ޔަޤީނެވެ. ނަމަވެސް ހަޤީގަތަކީ ރައީސް ޔާމީނަށް ސަޕޯޓް ނުކުރާ އެތައް ދިވެހީންނެއްވެސް އިންޑިއާ އައުޓް ކެމްޕެއިނުގައި ޔާމީންގެ ފަހަތަށް އަރަމުންދާ ކަމެވެ. މިއީ ޤައުމީ ކަމެކެވެ. ޝެއިހް އިމްރާން ވިދާޅުވާ ފަދަ "ނޭއްގާނީ" އަމަލެއް ނޫނެވެ. އަދި ކާނަލް ނާޒިމް ވިދާޅުވާ ފަދަ "ޖަރީމާ" އެއް ވެސް ނޫނެވެ.

ނޭއްގާނީ އަމަލު ހިންގަނީ އިމްރާންމެންގެ އެހީގައި މިހާރު ދެމިއޮތް ސޯލިހުގެ ސަރުކާރުންނެވެ. މި ޤައުމުގެ އިސްތިގްލާލާއި މިނިވަންކަން އޮޔާ ދުއްވާލަނީ އިމްރާންމެންގެ ކޯލިޝަން ވެރިކަމުންނެވެ. ޖަރީމާ ހިންގަނީ ކާނަލް ނާޒިމް މެންނެވެ. އެއީ ދިވެހި ޤައުމުގެ އެންމެ މަތީ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ސަލާމަތަށް ވުރެ ބޭރު ޤައުމެއްގެ މަސްލަހަތު އިސްކުރާތީ އެވެ. އިސްތިގްލާލޭ، ކަރާމަތޭ، ޚާރިޖީ ސިޔާސަތޭ، އިންޑިއާ ކަނޑޭ ކިޔައިގެން އިމްރާނާއި ނަޝީދާއި އަލީ ޒާހިރާއި ކާނަލް ނާޒިމާއި ރައީސް ސޯލިހާއި އަބްދުﷲ ޝާހިދާއި މާރިޔާމެން އެކުރާ މަސައްކަތަކީ އިންޑިއާގެ އޯޑަރަށް އިންޑިއާގެ މަސްލަހަތު ދިފާއު ކުރުމެވެ. އަދާލަތުގެ ބަޔާނަކީ ވެސް އިންޑިއާގެ ޕްރެޝަރުން ނެރުނު ބަޔާނެކެވެ. އަދި އަލީ ޒާހިރާއި ސަރުކާރުގެ އިސް ފަރާތްތަކުން ނެރޭ ބަޔާންތަކަކީ ވެސް ހަމަ އިންޑިއާއިން ނަގުލަށް ފިތުމުން ކުރާ ކަންކަމެވެ.

އިންޑިއާ އައުޓް ކެމްޕެއިން މުޅި ރާއްޖެ އަށް ފެތުރި، އައްޑޫ ސިޓީގައި ވެސް މުޒާހަރާ ކުރުމުން އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ އިދިކޮޅުން މަސައްކަތް ކުރަނީ އައްޑޫގައި އިންޑިއާ އިން ހިންގާ ޕްރޮޖެކްޓްތައް ހުއްޓުވަން ކަމަށެވެ. ނިހާދުމެންގެ މިފަދަ ވާހަކަ ތަކުގައި މާބޮޑު ޗަސްބެއް، ހަޤީގަތެއް ނެތްކަން ރައްޔިތުންގެ ގިނަ ބަޔަކަށް މިހާރު އެނގެއެވެ. އިންޑިއާގެ އޯޑަރަށް ދިވެހި ސަރުކާރާއި އެމް.ޑީ.ޕީގެ ގިނަ މެމްބަރުން ހޭބޯނާރައި މަސައްކަތް ކުރިއަސް މިއަދު މިރާއްޖޭގައި ކުޅެމުން މިދާ ސިޔާސީ ގޭމް ވަރަށް ސާފެވެ. ރައީސް ޔާމީން މިކެމްޕެއިންގައި ބައިވެރިވެ ވަޑައިގަންނަވަނީ ކޮންމެ ސަބަބަކާ ހުރެ ކަމުގައި ވިއަސް ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވަނީ ޤައުމަށް ޓަކައެވެ. އެކަން ނިހާދު މެންނަށް އޮޅުވައެއް ނުލެވޭނެއެވެ.

މަތީގައި އެވަނީ 2018 ވަނަ އަހަރު ރައީސް ނަޝީދު ކުރެއްވި ޓްވީޓެކެވެ. އޭރުގެ ރައީސް، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވުމަށް އިންޑިއާ އަށް ގޮވާލައި ނަޝީދު ކުރެއްވި ޓްވީޓެކެވެ. މި ޓުވީޓުން ނުފެންނަ "ނޭއްގާނީ" ކަމެއް "ޖަރީމާ"އެއް ނޫނީ ގައުމު އަޅުވެތިކުރުމެއް އެހެން އެއްވެސް ކަމަކުން އެބަ ފެނޭބާވައެވެ؟ ނަޝީދުވެސް ލަދުވެތިވީ "އިންޑިއާ އައުޓް" ޖަހައިފައިވާ ޓީޝާޓެއް ރައީސް ޔާމީން ތުރުކުރައްވައިގެން ހުންނެވީމައެވެ. މި ކަހަލަ ޓްވީޓުތައް ކުރައްވައިފައި އޮތް ހަނދުމަފުޅެއް ނުވެއެވެ. ފަހެ މިއީ ދިވެހި ރައްޔިތުން ލަދު ނުގަންނާނެ ޓްވީޓެއްތޯއެވެ؟

ދެހާސް އަށާރައިގެ އިންތިހާބަށް އިންޑިއާ އިން ނުފޫޒު ފޯރުވިކަމަށް ރައީސް ޔާމީން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުވެސް އެކަމަށް މާކުރިން ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. އިންޑިއާގެ ނުފޫޒު މިޤައުމުގައި ވަރަށް ގަދައެވެ. އިންޑިއާގެ އެންމެ އޯޑަރަކަށް ރައީސް ސޯލިހާއި ނަޝީދާއި އިމްރާނާއި ކާނަލް ނާޒިމާއި އަލީ ޒާހިރާއި މަޖުލިސް މެމްބަރުންނާއި ދިފާއި ވަޒީރާއި ހާރިޖީ ވަޒީރު ކުޑަކަކޫ ޖަހައި ތަބާވެއެވެ. ދިވެހި ސަރުކާރުގެ ވެރިންނަށް އޯޑަރު މިހާރު އަންނަނީ ސީދާ ނިއުދިއްލީންނެވެ. އެހެން ނަމަވެސް އިންޑިއާ ހަމަ އައުޓެވެ! އައުޓްވާންވީ އިންޑިއާ އެކަންޏެއް ނޫނެވެ. ނަޝީދާއި ސޯލިހާއި އިމްރާނާއި އަލީ ޒާހިރާއި ކާނަލް ނާޒިމާއި މާރިޔާ އާއި ޝާހިދާއި އެމް.ޑީ.ޕީ ވެސް އައުޓްވާން ޖެހެއެވެ.

މިހިސާބަށް ޤައުމުގެ ހާލަތު ދިއުމުން ޔާމީނޭ، ޕީ.ޕީ.އެމް އޭ ނުކިޔައި ހުރިހައި ރައްޔިތުން މިކަމާ ދެކޮޅަށް ތެދުވަން ޖެހެއެވެ. އެކަމުގައި ލީޑް ކުރައްވަނީ ރައީސް ޔާމީން ކަމުގައި ވުމަކީ އިއްތިފާގަކަށް ވިއަސް މިއީ ދިވެހި ރައްޔިތުންގެ ކަމެކެވެ. މާރިޔާ ވިދާޅުވާ ފަދަ "ބޮޓުން"ގެ ކަމެއް ނޫނެވެ. ކާނަލް ނާޒިމް ވިދާޅުވާ ފަދަ ޖަރީމާއެއް ވެސް ނޫނެވެ. އަދާލަތުން ބުނާ ފަދަ ނޭއްގާނީ ކަމެއް ވެސް ނޫނެވެ. އަލީ ޒާހިރުމެން ފުރުސަތު ދިނަސް، ނުދިނަސް، އިންޝާﷲ، މިކަން ކުރިއަށް ދާނެއެވެ. ޕޯޗްގީޒުންގެ އަލުވެތިކަމުން މިނިވަންވި ދުވަހާއި، ތަމަޅަ ޓައިގަރުންގެ ކިބައިން މިނިވަންވި ދުވަހާއި، އިނގިރޭސީންގެ އިސްތިއުމާރުން މިނިވަންވި ދުވަހުވެސް ދިވެހީންނަކީ ބަލިކަށި، މީސްކޮޅު މަދު ބައެކެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި އެދުވަސް ތަކުގައި ދިވެހީންނަށް ނަސްރު ލިބުނީ ދިވެހީންގެ މޮޅުކަމަކުން ނޫނެވެ. އެއީ ﷲ ދެއްވި ނަސްރެވެ. އިންޑިއާގެ އަޅުވެތިކަމުގެ ވަކިތަކުން މިޤައުމު، އިންޝާ ﷲ، ސަލާމަތްވާނީ ވެސް އެފަދަ ނަސްރަކުންނެވެ. އެކަމާ މެދު، އިންޝާﷲ އެއްވެސް ޝައްކެއް ނެތެވެ.