...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: އުލުބޭންދިއަސް ހަމަ އިންޑިއާ އައުޓެވެ!

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީނު އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕެއިން ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ފުލުހުން އެކަން ހުއްޓުވަންޖެހޭ ޤާނޫނީ ސަބަބެއް ނުދައްކަވައެވެ. ނަޝީދަކީ މިޤައުމުގެ ޤާނޫނަށްވުރެވެސް މަތީގައި އުޅުއްވާ ބޭފުޅެކެވެ. ނަމުން "ޑިމޮކްރެސީގެ ބައްޕަ"އެވެ. ބަހުން ފެންނަނީ ޚުދްމުހްތާރު ކަމެވެ. ނަޝީދު ރުހިވަޑައިނުގަންނަވާ ކަމެއް ނަމަ ފުލުހުން އެކަމެއް ހުއްޓުވަން ޖެހެއެވެ!

ނަޝީދަށް ތާއީދުކުރާ އެމް.ޑީ.ޕީ މެމްބަރުން ބައިވެރި ކުރައްވައިގެން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަކީ ސީދާ އިންޑިއާގެ އޯޑަރަށް ކުޅުއްވި ޑްރާމާއެކެވެ. އިންޑިއާގެ ބިލިއަނަރުގެ ފަންޑިންގް ނަޝީދުގެ ރިއާސީ ކެމެޕްއިނަށް ލިބިވަޑައިގަންނަވާނީ އިންޑިއާ ރުއްސައިގެންނެވެ. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ފަދަ ހަރުކަށި މެމްބަރުން ބޭނުން ކުރައްވައިގެން ނަޝީދު މަސައްކަތް ކުރެއްވީ ދިވެހި ރައްޔިތުންނަށް އޮޅުވާ ލައްވާށެވެ. އެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ އިންޑިއާ އައުޓޭ ގޮވާ މީހުންނަށް ހަމަލާދޭން ޖެހޭނެ ކަމަށެވެ. އެފަދަ މީހުންގެ "ކަންފަތްމަތީ ޖަހަން ޖެހޭނެ" ކަމަށެވެ.

ހަޤީގަތަކީ ރައީސް ޔާމީނު ވިއަސް އަދި އެންމެ އާދައިގެ ރައްޔިތުމީހާ ވިއަސް ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނެކަމެވެ. ރާއްޖޭގައި ބޭރުގެ ސިފައިން ތިބެން ނޭދޭ ރައްޔިތަކު ތިބިނަމަ އެފަދަ ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަކީ އަސާސީ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަޝީދަކަށްވެސް އަދި ފުލުހުންނަކަށް ވެސް އެކަމެއް ނުހުއްޓުވޭނެއެވެ. ފުލުހުން ނިކުމެ މީހަކު ހުއްޓުވާނަމަ އެންމެ ފުރަތަމަ ހުއްޓުވަން ޖެހެނީ ރައީސް ނަޝީދެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން އިންޑިއާ ސިފައިން މިޤައުމަށް ފޮނުވަން ގޮވާލެއްވީވެސް ރައީސް ނަޝީދެވެ. ކުރީގެ ނައިބު ރައީސް އަދީބަކީ، ޔާމީން ސަރުކާރުގައި ފަނި އަޅުވަންވެގެން ތިމަން މަނިކުފާނު ފޮނުއްވި އެޖެންޓެއް ކަމަށް ވިދާޅުވީ ވެސް ހަމަ ނަޝީދެވެ.

އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކަވަމުން ގޮސް ރައީސް ނަޝީދަށް ވިދާޅުވެވޭ ނުވެވޭ އެއްޗެއްވެސް އެނގިވަޑައިނުގަންނަވާ ކަހަލައެވެ. ރާއްޖެއަށް ރިޒުޤް ލިބެނީ އިންޑިއާ ކަނޑުން ކަމަށާއި އެހެން ކަމުން އިންޑިއާ އައުޓޭ ނުގޮވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ރާއްޖެއަށްވެސް އަދި އެހެން ޤައުމުތަކަށް ވެސް ރިޒުޤް ދެއްވަނީ މާތް ﷲ އެވެ. އިންޑިއާ ކަނޑެއް ނުވަތަ އިންޑިއާއެއް ނޫނެވެ. ރާއްޖެ އޮތް ކަނޑަށް "އިންޑިއާ" ކަނޑޭ ކިޔަނީ އެކަނޑަށް އިންޑިއާގެ މިލްކުވެރިކަން އޮވެގެނެއް ނޫނެވެ. އެކަނޑަށް އިންޑިއާ އަށް އޮތް ހައިސިއްޔަތެއް ދިވެހި ރާއްޖެއަށް ވެސް އޮންނާނެއެވެ. އިންޑިއާ ކަނޑަކީ އިންޑިއާގެ ކަނޑެއް ނޫނެވެ. އޮޅުވާލައްވަން ނޫޅުއްވާށެވެ. ރާއްޖޭގައި އޮންނަ ކާށިދޫ ކަނޑަކީ ވެސް ކާށިދޫ ރައްޔިތުންގެ ކަނޑެއް ނޫނެވެ. އަދި ކާށިދޫ ދާއިރާގެ މެމްބަރުގެ ކަނޑެއް ވެސް ނޫނެވެ. (ކާށިދޫ ކަނޑުގެ މިލްކުވެރިކަން ހޯދަން ކާށިދޫ ދާއިރާގެ މެމްބަރު ނޫޅުއްވައިފިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ.)

އެމް.ޑީ.ޕީ އަށް ނިސްބަތްވެވަޑައިގަންނަވާ، ހޯރަފުށީ ދާއިރާގެ މަޖުލިސް މެމްބަރ އަހްމަދު ސަލީމް ވިދާޅުވީ އަދި މާމޮޅު ވާހަކައެކެވެ! އިންޑިއާގައިވެސް ދިވެހި ސިފައިން އެބަތިބި ކަމަށާއި އެކަމުގެ ސަބަބުން އިންޑިއާގެ އިސްތިގްލާލަށް އުނިކަމެއް ނާންނަ ކަމަށެވެ. އިންޑިއާގައި ހިންގާ ކޮންމެވެސް ކޯހެއް ފުރިހަމަ ކުރަން ގޮސް ތިބި ދިވެހި ސިފައިންނާއި، އިންޑިއާ އަށް ބޭހަށް ގޮސްތިބި ދިވެހި ސިފައިންނަކީ އިންޑިއާ ސަރުކާރާ އެކު އެގްރީމެންޓް ހަދައިގެން އިންޑިއާގައި ބޭސްކޮށްފައި ތިބި ދިވެހި ސިފައިންނެއް ނޫނެވެ. ރާއްޖޭގެ ކަނޑުގެ ޗާޓް ކުރަހަން ދިނީ އިންޑިއާ ސިފައިންނަށެވެ. އުތުރު ތިލަފަޅު އިންޑިއާ ސިފައިންނަށެވެ. ބާވެފައި އޮތް ހެލިކޮޕްޓަރަކާއި ޑޯނިއާ ބޯޓެއް ދުއްވުމުގެ ބަހަނާ ދައްކާފައި އިންޑިއާގެ 75 ސިފައިން ރާއްޖޭގައި އެބަތިއްބެވެ. އައްޑޫ ގަމާއި، ލާމު އަތޮޅާއި ހދ. ހަނިމާދޫގައި އިންޑިއާ ސިފައިން އެބަތިއްބެވެ. މުޅި ދިވެހި ޤައުމުގައި އިންޑިއާގެ ބާރެވެ. އެކަމަކު ސަލީމްމެން ކަހަލަ މެމްބަރުން ދިވެހިންނަށް ހަޖޫ ޖައްސަވާފައި ދިފާއު ކުރައްވަނީ އިންޑިއާއެވެ. އިންޑިއާ އަށް ބަހެއް ބުނެފި ދިވެއްސެއް ނަމަ އެމީހެއްގެ ކަންފަތްމަތީގައި ޖަހާށޭވެސް އެބަބުނެއެވެ. މިއީ ދިވެހި ރައްޔިތުން ތަމްސީލް ކުރާ ދިވެހި ރައްޔިތުން ބާވައޭވެސް ސުވާލު އުފެދެއެވެ.

ރައީސް ޔާމީންގެ ލީޑަޝިޕްގެ ދަށުން އިންޑިއާ އައުޓް ކެމްޕެއިން ފެށުމުން އިންޑިއާ ވެސް އަދި ދިވެހި ސަރުކާރުވެސް ވަރަށް މޭކަރައިފިއެވެ. ރައީސް ނަޝީދާއި ހަރުކަށި ބައެއް އެމް.ޕީ އިން ހަރުކަށި ވާހަކަ މި ދައްކަވަނީ ހެދުނު ކޮންމެ އެއްޗެއް ހަދައިފައިވެސް އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ޓަކައެވެ. މިއީ ސީދާ އިންޑިއާގެ އޯޑަރަށް ކުރާ ކަމެކެވެ. ﷲ އިރާދަފުޅު ކުރެއްވިއްޔާ މިނުބައި ރޭވުން ކާމިޔާބެއް ނުވާނެއެވެ.

ދިފާއީ ވަޒީރު މާރިޔާ ދީދީ ވެސް ވިދާޅުވީ އިންޑިއާ އައުޓް ގޮވަނީ ސޯޝަލް މީޑިއާގައި އުޅޭ މަދު "ބޮޓުން" ކޮޅެއް ކަމަށެވެ. އެހެންވިއްޔާ މަދު ބޮޓުން ކޮޅަކު ކިޔާ އެއްޗެއް މާސީރިއަސްކޮށް ސަރުކާރުން ނަގަނީ ކީއްވެގެން ބާވައެވެ؟ ހަޤީގަތަކީ ޚުދު އެމް.ޑީ.ޕީގެ ވަރަށް ގިނަ މެމްބަރުންވެސް ތިބީ އިންޑިއާ އައުޓްވުމަށް އެދިގެންނެވެ. ރައީސް ނަޝީދު ދައްކަވާ ބިރަކަށް ރައީސް ޔާމީނު ސިހިވަޑައިގަންނަވާނެ ކަމަކަށް ހިއެއްނުވެއެވެ. އިންޑިއާ އައުޓް ގޮވަނީ ބޮޓުންނެއް ނޫނެވެ. އަޅުގަނޑުވެސް މިގޮވަނީ ހަމަ އިންޑިއާ އައުޓޭއެވެ. އަޅުގަނޑަކީ ބޮޓެއް ނޫނެވެ. ދިވެހި ރައްޔިތަކީމެވެ. މިކަހަލަ އެތައް ހާސް ރައްޔިތުންނެއް އެބަތިއްބެވެ. ނަޝީދުމެން ދައްކާ ބިރަކަށް ރައްޔިތުން މިއަދަކު ނުސިހޭނެއެވެ. ފުލުހުންނޭ ބުނާއިރަކަށް ވެސް ނުސިހޭނެއެވެ. ކަންފަތްމަތީގައި ޖަހާފާނަމޭ ފަލާހުމެން ބުނާއިރަކަށް ރައްޔިތުން ސިހޭކަށް ނުޖެހެއެވެ. މީގެން އެނގެނީ ރައީސް ނަޝީދުމެން ޤާނޫނަށް ހުރުމަތެއް ނެތްކަމާއި ފަލާހުމެން އަމިއްލައަށް ހަދާ ޤާނޫނަށް ފަލާހުމެންގެ ވެސް ހުރުމަތެއް ނެތްކަމެވެ. އެނގެނީ އެފަދަ މީހުންގެ އަމިއްލަ ޖާހިލުކަމެވެ.

އެމް.އެން.ޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމްވެސް މަސައްކަތް ކުރައްވަނީ ދިވެހި ރައްޔިތުންގެ ޕާޓީއެއް ކަމަށް ދެއްކިގެން ތިބެ، އަޑިއަޑިން އިންޑިއާ ޕްރޮމޯޓް ކުރައްވާށެވެ. އިންޑިއާ އައުޓް ކެޕްޕެއިނަކީ ޤައުމީ ކެމްޕެއިނެއް ނޫން ކަމަށާއި އެއީ ޖަރީމާއެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. ވާނީވެސް އެހެންތާއެވެ. އުތުރު ތިލަފަޅު އިންޑިއާ އަށް ދިން އެގްރީމެންޓް އެކުލަވާލެވުނީ ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެންވިއްޔާއެވެ.

އިންޑިއާ އައުޓް ކެޕްޕެއިނުން ދިވެހި ރައްޔިތުންނަށް އެއްކަމެއް ސާފުވެއްޖެއެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހާއި އެމް.ޑީ.ޕީ ލީޑަރުންނަކީ ދިވެހި ރައްޔިތުންނަށް ވުރެ އިންޑިއާ ދެކެ ލޯބިވާ ބައެއްކަން އެނގިއްޖެއެވެ. އެމް.އެން.ޕީގެ ރައީސަކީ ވެސް ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ވުރެ އިންޑިއާ އަށް އިސްކަން ދެއްވާ ބޭފުޅެއްކަން އެނގިއްޖެއެވެ. މިއީ ހައްތާވެސް "އިންޑިއާ" މީހުންނެވެ. ދިވެހި ރައްޔިތުންގެ ގޮތުގައި ތިބި އިންޑިއާ މީހުންނެވެ. އިންޑިއާ ދިފާއުކުރާ މީހުންނެވެ.

ކިތަންމެ ބިރެއް ދެއްކެވިއަސް، ކަންފަތްމަތީގައި ޖެއްސަސް، އުލު ބޭންދިއަސް، އަދި އިންޑިއާގެ ސިއްރު ސިފައިން ފޮނުވައިގެން މެރިއަސް ހަމަ އިންޑިއާ އައުޓް ގޮވޭނެއެވެ. ރައްޔިތުން އެކަމެއް ނުހުއްޓާނެއެވެ. ރައީސް ޔާމީންވެސް ހުއްޓައެއް ނުލައްވާނެކަން ޔަޤީނެވެ. މިއީ ނަޝީދާއި ފަލާހުގެ އެކަނި ޤައުމެއް ނޫނެވެ. ނަޝީދާއި ފަލާހާއި މާރިޔާ އާއި ނާޒިމާއި ސަލީމަށް ވުރެ މިޤައުމު ދެކެ ލޯބިވަނީ ކޮން ބައެއްކަން ވަރަށް ސާފެވެ. އެއީ ހަމަ އިންޑިއާ އައުޓް ގޮވާ ދިވެހި ރައްޔިތުންނެވެ. އިންޑިއާ ހަމަ އައުޓެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.