Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދިވެހީންގެ ލޮލުގައި އަނދުންއަޅުވަން ހަދާ "ތަވީދު ލޯގޯ"!

ދިވެހި ރާއްޖޭގެ ފަތުރުވެރި ކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ އަހަރު ބޭނުން ކުރަން ނިންމި ރަސްމީ ލޯގޯ ޑިޒައިން ކުރީ އިންޑިއާއިން ބާވައޭ ހިތަށް ނާރަންވީ ސަބަބެއް ނެތެވެ. އިންޑިއާ އާއި ބޫޓާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ދެ ޤައުމުގެ ފަތުރުވެރިކަމާ ބެހޭ އިދާރާއިން ބޭނުންކުރި ރަސްމީ ލޯގާ އާއި ދިވެހި ރާއްޖޭގެ ލޯގޯ އެހާވެސް އެއްގޮތެވެ. ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތް ކުރަނީ އިންޑިއާ އިން ކަމަށް ވުމުން ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ ލޯގޯ އިންޑިއާއާ ގުޅުވާލީތާއެވެ!

އެ ލޯގޯ ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ރަމްޒުވާ ސިފަތައް ހިމަނައިގެން ކަމަށް ރައީސް އޮފީހުން ވެސް ބުނާއިރު އެ ލޯގޯއާ ދިވެހި ފަތުރުވެރިކަމާ ހުރި ގުޅުމަށްވުރެ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް "އަޅުވެތިކަމުގެ" ގުޅުން ދައްކަން މަސައްކަތް ކޮށްފައިވާތަން ފެނެއެވެ. މިފަދަ ލޯގޯއެއް ދިވެހިވަންތަކޮށް ފަރުމާކޮށްލެވޭނެ ވަރަށް ހުނަރުވި ދިވެހި ޒުވާނުން ބައިވަރު ތިބިއިރު، އެއިން ޒުވާނަކަށް ފުރުސަތު ނުދީ މި ލޯގޯ ފަރުމާކޮށްފައި ވަނީ އިންޑިއާގެ ކުރީގެ ސަފީރު ސަންޖޭ ސުދީރު ކަމަށް ވުން ވަރަށް ގާތެވެ. ނޫނީ އެއީ ސުދީރުގެ ލަފާގެ މަތިން ކުރި ފަރުމާއަކާ ހާދަ ވައްތަރެވެ. ވާނީވެސް އެހެންތާއެވެ. އިންޑިއާގެ ނުފޫޒު ނުވަތަ އިންޑިއާގެ ފިކުރީ ހަނގުރާމަ ނުވަންނަ އެއްވެސް ދާއިރާއެއް ދިވެހި ރާއްޖޭގައި މިހާރަކު ނެތެވެ. ލޯނެއް ނެގިއަސް އިންޑިއާ އިންނެވެ. ޕްރޮޖެކްޓެއް ދިނަސް އިންޑިއާއަށެވެ. ހުރިހާ ކަމެއްގައި އިންޑިއާ ފަސްޓެވެ!

ވަށައިގެން ކަނޑުގެ އައްސޭރިއެއް އެއްވެސް ގޮތަކަށް ނެތި، ލޭންޑް ލޮކްވެފައިވާ ފަރުބަދަމަތީގެ ކުޑަ ތިން ޤައުމު ކަމުގައިވާ ބޫޓާން، ނޭޕާލް، އަދި ސިއްކިމްގެ މައްޗަށް އިންޑިއާގެ ނުފޫޒު ފޯރުވަން ކުރާ އިގްތިސޯދީ އަދި ފިކުރީ ހަނގުރާމައެކޭ އެއްގޮތަށް ދިވެހި ރާއްޖެ އިންޑިއާގެ މުށުތެރެއަށް ލުމަށް ވެސް ދުރު ރާސްތާގެ ބޮޑެތި މަސައްކަތް ތަކެއް އިންޑިއާއިން ކުރަމުންދާތާ އެތަކެއް އަހަރު ވެއްޖެއެވެ. އިންޑިއާ އެދޭ ގޮތަށް މިކަން މިހާރު ކުރެވިފައި މިވަނީ ދިވެހި ޤައުމަށް ވުރެ އިންޑިއާގެ މަސްލަހަތަށް އިސްކަންދޭ ސަރުކާރެއް ދިވެހި ރާއްޖޭގެ ވެރިކަމަށް 2018 ވަނަ އަހަރު އައި ހިސާބުންނެވެ.

ރާއްޖޭގެ އާބާދީ އާއި ބޫޓާންގެ އާބާދީއާ މާބޮޑު ތަފާތެއް ނެތެވެ. ބޫޓާންގެ އާބާދީ އަކީ ހަތް ލައްކައެވެ. ބޫޓާންގެ ސިފައިން ތަމްރީންކޮށް، ބޫޓާންގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބަލަހައްޓައިދެނީ އިންޑިއާގެ ވައިގެ ސިފައިންނެވެ. ރާއްޖޭގެ ދެކުނުން އައްޑޫ ގަމާއި ލާމު އަތޮޅު ކައްދޫ އާއި އުތުރުން ހަނިމާދޫގައި އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓާ އެކު އިންޑިއާ ސިފައިން ބައިތިއްބައިގެން އިންޑިއާ އިން ފަށައިގަނެގެން އުޅޭ މިލިޓަރީ ހަރަކާތަކީ ކުޑަކުޑަ ފެށުމެކެވެ. މިކަމުގެ ހަޤީޤީ ޕްރޮޖެކްޓް އަދި އޮތީ އެވެ. ދެހާސް ތޭވީހުގެ ފަހުންނެވެ! އުތުރު ތިލަފަޅު ޕްރޮޖެކްޓާއި އައްޑޫ ސިޓީގައި އިންޑިއާ އިން އަޅާ މިލިޓަރީ މަރުކަޒު ނިމުމުން އިންޑިއާގެ މަގްސަދަކަށް ވާނީ ދިވެހި ރާއްޖޭގެ ވައިގެ ސަރަހައްދާއި ކަނޑުތައް އިންޑިއާ ސިފައިން ބަލަހައްޓާ ގޮތަށް ހެދުމެވެ. ދިވެހީންނަކީ ޤާބިލްކަމެއް، ފޯރުންތެރިކަމެއް ނެތް "ބޮޓުން" ތަކެއް ކަމަށް ވަކާލާތުކުރާ މީހަކު ރާއްޖޭގެ ދިފާއީ ވަޒީރަކަށް ލުމުގެ ބޭނުމަކީ އެމް.އެން.ޑީ.އެފް ބަލިކަށިކޮށް، ދަތް ނެތް ސިންގާ އަކަށް އެމް.އެން.ޑީ.އެފް ހަދައި، ދިވެހި ރާއްޖޭގެ ދިފާއީ ބާރު އިންޑިއާ އަށް އައުޓްސޯސް ކޮށްލުމެވެ. ދިވެހީން މޮޔަކަމުން އެމް.ޑީ.ޕީއަށް ދެވަނަ ދައުރެއް 2023 ގައި ދީފި ނަމަ 2028ގެ ކުރިން އިންޑިއާއިން މިކަން ކުރާނެކަން ޔަޤީނެވެ. މިއީ ދިވެހި ރާއްޖެއާ މެދު އިންޑިއާ އިން ދެކޭ ވިޝަން 2030ގެ އެއްބައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ވެރިކަމުގެ ހިޔާލް ތަފާތުވިއަސް މިއިން ކޮންމެ ބޭފުޅަކަށް 2023ގެ އިންތިހާބް ކާމިޔާބު ކުރެއްވުނަސް ހުރިހާ މޮޅެއް އޮތީ އިންޑިއާއަށެވެ. އެމް.ޑީ.ޕީއަކީ އިންޑިއާއަށްް ވާގިވެރިވާ ޕާޓީއެކެވެ. އަދި ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ވެސް ރާއްޖެއަށް ވުރެ ބޮޑަށް އިންޑިއާގެ މަސްލަހަތު އިސް ކުރައްވާ ދެ ބޭފުޅުންނެވެ. ދިވެހީންނަށް އަނބުރާ ދިވެހި ރާއްޖެ ލިބެން އޮތީ 2023 ގައި އެމް.ޑީ.ޕީއާ އެކީ ސޯލިހާއި ނަޝީދުވެސް ބޭރުކޮށްގެންނެވެ.

މި ޑިސެމްބަރު މަހު ކުރީކޮޅު އިންޑިއާގެ ބިލިއަނަރު ލަކްޝްމީ މިޓާލްއާއި ރައީސް ނަޝީދު ސިއްރިޔާތުގައި، މިޓާލްގެ ލަގްޒަރީ ޔޮޓްގައި ބައްދަލު ކުރެއްވިކަން ދިވެހި މީޑިއާއަކުން ވަނީ ފަޅާއަރުވާލާފައެވެ. މިއީ 2023ގެ ރިއާސީ ކެމްޕެއިނަށް ރައީސް ނަޝީދު ފަންޑް ހޯއްދަވަން ބޭއްވެވި ބައްދަލުވުމެއް ކަމަށް އެނޫހުގައި ވެއެވެ. އިންޑިއާގެ ބިލިއަނަރެއް އަތުން މިލިއަނުން ފައިސާ ހޯދައިގެން، ކެމްޕެއިން ކޮށްގެން ވެރިކަމަށް އައިސް ވެރިކަން ކޮށްދޭނީ ދިވެހީންނަކަށް ނޫނެވެ. އިންޑިއާއަށެވެ. މިވަރުގެ ވެރީންނަށް ވޯޓު ދޭނީ ދިވެހީންގެ ތެރެއިން މޮޔަ ބައެކެވެ. ނުވަތަ ޤައުމަށް ގައްދާރު ވެފައިވާ ބައެކެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހާއި އެމް.ޑީ.ޕީ ވެސް ވެރިކަމުގެ ބާރު ތަކުން މިހާރު ދުރުކުރަން ޖެހެއެވެ. އެމް.އެން.ޑީ.އެފްގެ އަގުވެއްޓޭ ގޮތަށް ތަކުރާރުކޮށް ވާހަކަ ދައްކަވާ ދިފާއި ވަޒީރު މާރިޔާ ދީދީ ވެސް އެމަޤާމުން ދުރުކުރަން ޖެހެއެވެ.

އައްޑޫ އާއި ހައްދުންމައްޗާއި ތިލަދުންމަތިން އަދި އުތުރު ތިލަފަޅުން އިންޑިއާ ސިފައިންނާއި އިންޑިއާގެ ސިއްރު ބާރުތައް ބޭރުކުރަން ޖެހެއެވެ. އިންޑިއާގެ ދިފާއީ ހެލިކޮޕްޓަރާއި ވައިގެ ސިފައިންގެ ބޯޓުތައް ރާއްޖެއިން ބޭރުކުރަން ޖެހެއެވެ. ސިއްކިމް އާއި ބޫޓާނަށް ވީގޮތަށް ދިވެހި ރާއްޖެ އިންޑިއާގެ ދަށުވެ ނުނިމެނީސް ދިވެހި ރާއްޖެ ސަލާމަތްކުރަން ޖެހެއެވެ. އެކަން ކުރަން ލިބޭ އެންމެ ފަހު ފުރުސަތަކީ 2023 އެވެ. އިންޑިއާ އައުޓް ކުރުމަށް ގޮވާލައި ދިވެހީން ހިންގާ ކެމްޕެއިނަށް ރައީސް ސޯލިހާއި ރައީސް ނަޝީދާއި ދިފާއި ވަޒީރު މާރިޔާ އާއި ހާރިޖީ ވަޒީރު ޝާހިދުގެ "ހޫނު" ރައްދުތައް ތަކުރާރުކޮށް އާދެއެވެ. އިންޑިއާ އައުޓް ހަރަކާތުގައި ކޮންމެ ސިޔާސީ ޕާޓީއެއް އިސްނެގި ކަމުގައި ވިއަސް މިކަމަކީ ހަޤީގަތުގައި ސިޔާސީ ކަމެއް ނޫނެވެ. މިއީ ޤައުމީ ކަމެކެވެ.

އެމް.ޑީ.ޕީން 2018ގެ ރިއާސީ ކެމްޕެއިންގައި ބޭނުން ކުރި ލޯގޯ އިން ފެށިގެން ފަތުރުވެރިކަމުގެ ރަން ޔޫބީލް ލޯގޯއާ ހަމައަށް ވެސް ބޭނުން ކުރަމުން މި އަންނަނީ ދިވެހީންނަށް މާނަ ނޭނގޭ، ސިހުރެއް ފަދަ ނަމްބަރުތަކެއް އަތުރާލެވިފައިވާ ތަވީދުތަކެކެވެ. ފަތުރުވެރިކަމުގެ ރަން ޔޫބީލް އަހަރު ފާހަގަކުރާ ލޯގޯވެސް ހަމަ އެފަދައެވެ. މިއީ ހައްތާވެސް "ތަވީދު ލޯގޯ" އެވެ. ސިޔާސީ "ސިހުރެވެ!"

މިފަދަ ތަވީދުތަކުން ދިވެހީންގެ ބޯކާލައި، ދިވެހީން އޮޅުވާލައި، އަނދުން އަޅުވައި، ދޮގުތަކެއްގެ އަވާގައި ޖައްސަން އެމް.ޑީ.ޕީން ކުރާ މަސައްކަތަށް އިންޑިއާ އިން ހެސް ކިޔައިފައި ފަންޑު ކުރެއެވެ. ހުރިހާ ބާރަކާއި ފައިސާ އޮތީ އެމް.ޑީ.ޕީ އަތުގައެވެ. ދިވެހި ރާއްޖެ ސަލާމަތް ކުރެވެން އޮތީ ފައިސާ އަށް ވޯޓު ނުވިއްކައި، ދީނާއި ޤައުމަށްޓަކައި 2023 ގައި އިންޑިއާއާ ދެކޮޅަށް ދިވެހީން ވޯޓު ދީގެންނެވެ. ދިވެހި ޤައުމުގެ ފަހު ނޭވާގައި މި ޤައުމުގެ ހާލުގެ ދުލުން ކުރާ އާދޭސް ދިވެހީން ޤަބޫލްކޮށް، އަޑު އަހައި، އެގޮތަށް އަމަލު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
61

4 Responses

    1. 2023 އަށް ޔާމީނަށް ކޮށްދޭ ކެމްޕެއިނަކާ ވަރަށް ވައްތަރު މިލިޔުން. ބުސްރީ ރަނގަޅުވާނެ ޔާމީނުގެ ކެމްޕެއިން މެނޭޖަރަކަށް.

  1. ދިވެހި ފަސްގަނޑުގަ ދިވެހިރާއްޖޭގަ އެވަރުކަމެއް ކުރަން އެނގޭ ފަދަ ދިވެއްސަކުނެތީމަ ދިވެހިވަންތަކަން ދައްކައިދޭނެ ލޯގޯއެއް ހެދޭވަރު. ރާއްޖޭގެ ރައްޔިތުން މިތިބެވެނީ ހާދަ ދަށުދަރަޖައެއްގައޭ. ވ ދެރަ

  2. އޯކޭ… 2023 އަށް ރައީސް ޔާން އަށް ކެމްޕެއިން ކުރަނީއޭ ބުނެ، ކުޅަދާނަ ދިވެހި ޤައުމީ ވަންތަ ވަރަށް މޮޅު ނޫސްވެރިޔާ ބުޝްރީއަށް ރައްދު ދިނީމާ އަހުރެން ބުނަމެވެ. ދިވެހި ރާއްޖޭގެ ގަވަރުނަރުގެ މައްޗަށް އަމުރުކުރުމަށް އިންޑިޔާ ރޯއެއްް، ދިވެހި ރާއްޖޭގެ ފިނޭންސް މިނިސްޓަރުގެ މައްޗަށް އަމުރު ކުރުމަށް އިންޑިޔާ ރޯއެއް، ދިވެހި ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓަރުގެ މައްޗަށް އަމުރު ކުރުމަށް އިންޑިޔާ ރޯއެއް، ހުރިހާ ފައިސާ ވަންނަ މީރާގެ އެންމެ މަތީ މީހަކަށް އިންޑިޔާ ރޯއެއް، އުތުރު ތިލަފަޅުގަ އެތިބި އިންޑިޔާ 75 އިންޑިޔާ ރޯއިން ނަން ހުރިހާ ޚަރަދެއް ދިވެހި އަހުރެމެންގެ ޚަޒާނާއިން ޚަރަދު ކުަރަމުން އެދަނީ./.. ސަރުތެއްނެތި… މީވަރަށް ކުޑަމިންވަރެއް، ކައެއަށް އެނގުނީ ކޯންޗެއް؟ ހެހެހެ ގޯހީ ބުޝްރީ. @އިންޑިޔާ ބީޖޭޕީ އައުޓު. މިލިޔުން ޖަހާލައްޗޭ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *