Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ހިތަކަށް ކެތެއްނުވެއެވެ!

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރުމަށް ފަހު ފާއިތުމިވީ ހަފްތާއެއްހާ ދުވަސް ތެރޭ ދިވެހި ސަރުކާރު އެއްކޮށް މި ފެންނަނީ ޑިފެންސަށް ކުޅޭ ތަނެވެ. ރައީސް ޔާމީނުގެ ޕާސްޕޯޓް ހިފަހައްޓަން މަސައްކަތް ކޮށްފިއެވެ. ހިޔާ ފްލެޓްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ރައީސް ޔާމިން ބައްދަލު ކުރައްވަން ބާއްވަން އުޅުއްވި ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދޭން އެޗް.ޑީ.ސީން ނިންމައިފިއެވެ. ޔާމީންގެ މައްޗަށް އިތުރު ދައުވާ ތަކެއް އުފުލައިފިއެވެ. ޔާމީންގެ ރަނިންގްމޭޓްކަން ލިބުމުގެ ފުރުސަތު އޮތް، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް އުފުލައިފިއެވެ. ސަބަބަކީ އެންމެ ސަބަބެކެވެ. އިންޑިއާ އެވެ!

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ މިއޮށް ހުރިހާ ދުވަހު "އިންޑިއާ އައުޓް" ގޮވަމުން، ރޮމުން ދިޔަ ދިވެހި ރައްޔިތުންގެ ހިތުގެ އުދާސްތަކަށް ތަސައްލީއެއް ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކަވައިފައެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ވަރަށް އިންޑިއާގެ ނުފޫޒު ގަދަކޮށް، އިންޑިއާގެ ބާރު ރާއްޖޭގެ މައްޗަށް ހިންގަން މަސައްކަތް ކުރަމުންދާ ކަމަށާއި މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ޖެހޭނީ ފައިބަން ކަމަށް ރައީސް ޔާމީން ހަރުކަށި އިބާރާތުން ވިދާޅުވުމަކީ މި ދިވެހި ޤައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން އެންމެ އަޑުއަހަން ބޭނުންވެފައި ތިބި ބަސްތަކެކެވެ. ޔާމީން ވިދާޅުވީ ރާއްޖޭގެ ރައީސަކަށް ހުންނަވަނީ އިންޑިއާގެ ގަވަރުނަރެއް ނޫންކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ވަނީ "ޚިޔާނާތްތެރި ރޭވުމެއްގެ ދަށުން" ކަމަށެވެ. ދިވެހި ރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫންކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވަނީ 2023 ގެ ރިއާސީ އިންތިހާބްގެ މައުލޫ އެކަތައިން ކަނޑާ ނަންގަވާފައެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރެއް ކަމުގައިވާ އަބްދުއްރަހީމް ވިދާޅުވެފައިވާ ފަދައިން 2023 ގައި ދިވެހި ރައްޔިތުން ވޯޓުލާނީ ވަކި ކެންޑިޑޭޓަކަށް ނޫނެވެ. ދިވެހިން ވޯޓުލާނީ އިންޑިއާ އަށް ނުވަތަ ދިވެހި ރާއްޖެއަށެވެ.

"ރަސްމީކޮށް މި ދަންނަވަނީ، ކުރީގެ ރައީސްކަން ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައް ހާސް ރައްޔިތުން ތަމްސީލު ކުރާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހަކު ވެސް، އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް،" އެތައް ހާސް ބަޔަކު ބައިވެރިވެގެން ކާނިވާ ސަރަހައްދު ފުރައިލި ޖަލްސާގައި ޔާމީން ވިދާޅުވިއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ މަޖުލީހުގެ ހުއްދަވެސް ރަސްމީކޮށް ނުހޯދައި، ޤާނޫނު އަސާސީއާ ވެސް ޚިލާފަށެވެ. އަދި ދިވެހި ސަރުކާރުގެ ދިފާއީ ވަޒީރާއި، ޗީފް އޮފް ޑިފެންސް ފޯސް އާއި، ހާރިޖީ ވަޒީރުގެ ކަމަކީ ދިވެހީންނަށް ބަދު ބަސް ބުނެ، ދިވެހީން ނިކަމެތިކޮށްފައި، އިންޑިއާގެ ދިފާއުގައި ވާހަކަ ދެއްކެވުމެވެ. މިކަމާ ގުޅިގެން ދިވެހި ސަލާމަތީ ބާރުތަކުގެ މެމްބަރުންނަށް ރައީސް ޔާމީން ވަނީ އެބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވާ ހަނދާން ކޮށްދެއްވާފައެވެ. އެބޭފުޅުން ހުވާ ކުރައްވައިގެން ތިއްބެވީ ގައިރު ޤާނޫނީ އަމުރު ކުރައްވާ ވެރިން ދިފާއު ކުރައްވަން ނޫންކަމަށާއި ދިވެހި ދައުލަތާއި ރައްޔިތުން ހިމާޔަތް ކުރަންވަންކަން ހަނދާން ކޮށްދެއްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ކިތައްމެ މިސްޓޭކެއް ހައްދަވާފައި ވިއަސް، މި ސަރުކާރުން ދިވެހި ޤައުމު އިންޑިއާ އަށް އަޅުވެތި ކުރަމުން މިދާ ދިއުމާ އަޅާބަލާއިރު، އިންޑިއާ އައުޓް ކުރުމަށްޓަކައި ރައީސް ޔާމީން ކުރައްވާ މަސައްކަތަށް ކޮންމެ ދިވެހި ރައްޔިތަކުވެސް އެއްބާރުލުމާއި ތާއީދު ދޭން ޖެހެއެވެ. މިއީ ސިޔާސީ ކަމެއް ނޫނެވެ. ޤައުމީ ކަމެކެވެ.

ދިވެހި ދައުލަތް ރަނޑާލި ކޫޑިއަކަށް މި ސަރުކާރުން ހަދައިފިއެވެ. ހަރުމުދާތައް ރަހުނުކޮށްފިއެވެ. އިންޑިއާއިން އެތަކެއް ލޯނު ނަގައި ޤައުމު އިންޑިއާއަށް ދަރުވާލައިފިއެވެ. މިހާރު ނުވެ އޮތް ކަމަކީ ބަނގްލަދޭޝް އިން ލޯނު ނެގުމެވެ. އެކަމަށް ވެސް އެދިއްޖެއެވެ. އަދި ސޯމާލިއާ އާއި އިތިއޮޕިއާއިން ލޯނުނަގަން ވެސް މާލީ ވަޒީރު އިބްރާހިމް އަމީރު ވަޑައިގަންނަވާނެއެވެ. ލޯނު ނަގައިގެން ހިންގާ މަޝްރޫއުތަކަށް ސިޔާސީ ފަރާތްތަކުން އެތަކެއް ބޮޑު ކޮމިޝަން ލާކަމަށް ޝައްކު ކުރެވެއެވެ. އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގުހެދުމުގެ މަޝްރޫއަށް އިންޑިއާއިން އައްޑިހަ މިލިއަން ޑޮލަރުގެ ލޯނުނަގާފައިވެއެވެ. މީގެ ތެރެއިން 30 މިލިއަން ޑޮލަރުވެސް އައްޑޫ ސިޓީއަށް ވަދެއްޖެއްޔާ ރަނގަޅެވެ. ބޮޑުބައި ދާނީ އިންޑިއާ ކޮޅަށާއި، ކޮންމެވެސް ސިޔާސީ ދިވެހި ބައެއްގެ ޖީބަށް ކަމަށް ވަރަށް ބޮޑަށް ޝައްކެވެ. ރާއްޖެއަކީ މިހާރު ބަނގްލަދޭޝްގެ ޕްރޮވިންސެއް ފަދައެވެ. އަހަރުތަކެއް ފަހުން މިޤައުމުގައި ދިވެހީންނަށްވުރެ ގިނަވާނީ ބަންގްލަދޭޝް މީހުންނެވެ. އިންޑިއާ އަތުން މިހާރު ނަގާ ލޯނުތައް އެއިރުން ދައްކާނީ ބަންގްލަދޭޝް މީހުންތާއެވެ. ހުރިހާ ގޮތަކުންވެސް، ހުރިހާ ކޮޅަކުންވެސް މި ސަރުކާރުން ދިވެހި ޤައުމު އަޅުވެތިކޮށް ނިކަމެތިކޮށްފިއެވެ.

އެމް.ޑީ.ޕީގެ ސަރުކާރުން މި ދިވެހި ދައުލަތް ވައްޓާލާފައި މިވާ ލަދުވެތި، ނިކަމެތި ވަޅުގަނޑުން ނަންގަވާނެ ލީޑަރަކަށް ޤައުމު ބޭނުންވެފައިވާ ދަނޑިވަޅުގައި ޖަލުން މިނިވަންވެވަޑައިގެން ރައީސް ޔާމީނާއި އިދިކޮޅު ލީޑަރުން ދެއްވަމުން ގެންދަވާ މެސެޖްތައް ވަރަށްވެސް މުހިއްމެވެ. ވަރަށް ސަރީޙަ އިބާރާތުން ރައީސް ޔާމީން ވިދާޅުވި އެންމެ މުހިއްމު ވާހަކަ އަކީ ދިވެހި ރާއްޖެ އަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި އިންޑިއާ ސިފައިން ޖެހޭނީ މިޤައުމުން ފައިބަން ކަމަށެވެ. މިއީ އެމް.ޑީ.ޕީ ސަރުކާރަށާއި އިންޑިއާ ސަރުކާރަށް ލިބޭނެ ބޮޑު ސިހުމަކަށް ވާނެކަން ޔަޤީނެވެ.

އެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައިވަނީ ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކުގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އިންޑިއާ ކަނޑުގެ ޖިއޯ ޕޮލިޓިކްސްގެ ތެރޭގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު "ރަހީނުވާތަން" ފެނުމަކީ ހިތަށް ކުޅަދާނަވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. ދިވެހި ޤައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުންގެ ހިތުގެ ޝުއޫރަކީވެސް ހަމަ އެއެވެ. ހިތަކަށް ކުޅަދާނައެއް ނޫނެވެ. މިސާލަކަށް އައްޑޫ ސިޓީގައި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އައިސް މުޅި އައްޑޫ ފުރާލާފައިވާ އިންޑިއާ މީހުންތަކުގެ ބާރު އައްޑޫގައި މިހާރު އައްޑޫ މީހުންނަށް ވުރެ މާގަދައެވެ. ޕާކްތަކާއި ފިނި މައިޒާންތައް އިންޑިއާ މީހުން ހިފައިފިއެވެ. ދިވެހި ޤައުމަކީ އިންޑިއާގެ އަވަށެއް ނޫނެވެ. އައްޑޫ އަކީ އިންޑިއާގެ ވިލެޖެއް ވެސް ނޫނެވެ.

އިންޑިއާ އައުޓް ގޮވީމަ ގެއްލުންވާނީ ދިވެހީނަށް ކަމުގައި ހިތަދޫ އުތުރު ދާއިރާގެ މަޖުލިސް މެމްބަރ މުހައްމަދު އަސްލަމް ވިދާޅުވިއަސް އެއީ ފެތެމުންދާ އޮޑިއެއްގެ ކައްޕިއަކު ދައްކާ ކަހަލަ ދެކޮޅުނުޖެހޭ ވާހަކައެކެވެ. ދިވެހި ރައްޔިތުން ތިބީ އިންޑިއާ އިން ސިއްކިމް ހިފައި އިންޑިއާގެ ބަޔަކަށް ހެދި ގޮތަށް ދިވެހި ރާއްޖެ އިންޑިއާގެ ބަޔަކަށް ހެދިޔަދޭ ގޮތަކަށް ނޫނެވެ. ޕޯޗްގީޒުން އަތުން ދިވެހި ޤައުމު މިނިވަން ކޮށްދެއްވަން ބޮޑުތަކުރުފާނު ނިކުންނެވި ގޮތަށް ދިވެހީންގެ އެދުމަކީ ރައީސް ޔާމީންގެ ލީޑަޝިޕްގެ ދަށުން އިންޑިއާ ހަމަ އައުޓް ކުރުމެވެ.

ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ޔާމީން ބައްދަލު ކުރެއްވުމަށް ބާއްވަން ހަމަޖެހުނު ޖަލްސާ އަށް ސަރުކާރުން ހުރަސް އެޅިއަސް އެކަން ކުރަން ޖެހެއެވެ. ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭރުކުރަން ގޮވާލައި، އިދިކޮޅުން އިސްވެ ފަށައިފައިވާ ހަރަކާތުގެ ދަށުން "އިންޑިއާ އައުޓް" ޕެޓިޝަނަށް ސޮއި ހޯދުމަށް ރައީސް ޔާމީން ރަށްރަށަށް ދަތުރުކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން އިއުލާން ކޮށްފައިވާ ގޮތަށް އެކަން ވެސް ކުރަން ޖެހެއެވެ. "މިނިވަން ކަމުގެ ދިފާއުގައި" އުފައްދާފައިވާ އިންޑިއާ އައުޓް ޕެޓިޝަނުގައި ހުރިހާ ސިޔާސީ ފިކުރެއްގެ ދިވެހިންވެސް ސޮއިކޮށް، ރައީސް ސޯލިހާއި މާރިޔާ އާއި ޝާހިދަށް މީ ދިވެހީންގެ ޤައުމެއްކަން ދައްކަން ޖެހެއެވެ. ދިވެހި ރާއްޖެ އަކީ އިންޑިއާގެ ހިމާޔަތް ހޯދައިގެން، އިންޑިއާ އަށް ސަލާން ޖަހައިގެން އުޅެން ޖެހޭ ވަރަށްވުރެ ވަސީލަތް ގިނަ، ވިސްނުން ތޫނު ރައްޔިތަކު ތިބި ތަނެކެވެ. ދިވެހީންގެ ދީނާއި ޤައުމަށް ޓަކައި ތެދުވާނީ ދިވެހީންނެވެ. އިންޑިއާ އެއް ނޫނެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލައި، އިދިކޮޅުން އިސްވެ ފަށައިފައިވާ ހަރަކާތް ވަރުގަދަ ކުރަން ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިދިޔަ ހަފްތާގައި ވިދާޅުވުމަކީ މި މަސައްކަތަށް ލިބޭނެ ކުރިއެރުމެކެވެ. އިދިކޮޅު ކޯލީޝަނުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ޝިޔާމް ގޮވާލައްވާފައިވަނީ އިންޑިއާގެ "އަޅުވެތިކަމުން ސަލާމަތްވާން" ދިވެހީން މަގުމައްޗަށް ނިކުތުމަށެވެ. އަތޮޅުތަކަށް ދަތުރު ކުރަން ޖެހެއެވެ. ރައްޔިތުންނާ ބައްދަލު ކުރަން ޖެހެއެވެ. ހަރަކާތްތައް ވަރުގަދަ ކުރަން ޖެހެއެވެ. މަގުމައްޗަށް ނިކުންނަން ޖެހެއެވެ. އިންޑިއާ އައުޓް ކުރަން ޖެހެއެވެ. ދިވެހި ޤައުމު ދިފާއުކުރަން ޖެހެއެވެ. ޤައްދާރުންގެ ހީލަތްތެރި ރޭވުމަށް ފުރުސަތު ބަންދު ކުރަން ޖެހެއެވެ. ރައްޔިތުން ހޭލަން ޖެހެއެވެ. ސިޔާސީ ފިކުރު އެއްކިބާ ކުރަން ޖެހެއެވެ. ދިވެހި ޤައުމު އަނބުރާ ދިވެހީންގެ ތަނަކަށް ހަދަން ޖެހެއެވެ. ހިތަކަށް ކެތެއް ނުވެއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
8112

2 Responses

  1. ކީރިތިވަންތަ މާތް ﷲ، މި ދިވެހި ލޮބުވެރި ޤައުމު ޣައްދާރުންގެ ޣަދަރުވެރިކަމުންނާއި ޚާއިނުންގެ މަކަރުވެރިކަމުން މިންޖުކުރައްވައި ޣައްދާރުންނާ ގުޅިގެން އިންޑިއާއިން މި ޤާއުމު ނިކަމެތިކުރާން ކުރާ މަސައްކަތުން މި ޤައުމު ސަލާމަތްކުރައްވާދޭންވެ! އަދި ތާޖުއްދީންގެ މުޙުޔިއްދީނާއި ޝަމްސުއްދީނު ފަދަ، އަދި ނުވަވަނަ ޙަސަން ތާޖުއްދީން ފަދަ ޚާއިނުންގެ ލިސްޓުން އިބްރާހީމް މުޙަންމަދު ޞާލިޙު ޖާގަ ހޯއްދަވަން ކުރައްވާ މަސައްކަތް ނާކާމިޔާބުކުރައްވާނދޭވެ! އަދި އޭނާއަށް ހެޔޮ ވިސްނުން ދެއްވާންދޭވެ!

  2. "ވަޠަން އެދޭ ގޮތަށް ދަމާ،" ކުރާށަ އިންޑިއާ އައުޓް
    "ވަޠަންގެ އާ ޒުވާނުނޭ" ކުރާށެ އިންޑިއާ އައުޓް
    "ހިތުގެ އަޑީން ޢަޒުމްތަކެއް އެކީއެކަށް އެކަށައަޅައި
    އިހުގެ ބަޠަލްތަކުން ފަދައިން" ކުރާށެ އިންޑިއާ އައުޓް
    "އަލުން ނުދީ ފުރާނަތައް މި ޤައުމު އައުވެވޭށިތޯ
    ވަޠަންގެ މާތް ދަރީންތަކެއް" ކުރާށެ އިންޑިއާ އައުޓް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *