...

Support Us

މުދާ ޙިމާޔަތްކުރުމުގައި ވަޤުފުގެ ދައުރު

މުދަލުގެ މާނަ

މުދަލަށް ޢަރަބި ބަހުގައި ކިޔަނީ المال އެވެ. އޭގެ ލަފުޒީ އެއް މާނައަކީ އެ މީހެއްގެ ملكياتގައިވާ ހުރިހާ އެއްޗެކެވެ. ނުވަތަ އަގެއް ހުރި ކޮންމެ އެއްޗެކެވެ. ޢަރަބި ބަހުގައި المال އެވެ ބުނެވިއްޖެނަމަ އޭގެ އަސްލުމުރާދުކަމުގައި ކުރީގައި ބެލެވިފައި އޮތީ ރަނާއި ރިއްސެވެ. ދެން އެއަށްފަހު ބޭނުން ހިފެވޭ ހުރިހާ ވައްތަރެއްގެ ތަކެއްޗަށް އެނަން ބޭނުން ކުރެވޭންފެށިއެވެ. ޢަރަބިންގެ ގާތުގައި المال އެވެ ބުނެވިއްޖެނަމަ އޭގެ މާނަ ކަމުގައި ބެލެވެވިފައި އޮތީ ޖަމަލަށެވެ. ސަބަބަކީ އެއީ އެ ދުވަސްވަރުގެ އެ މީހުންގެ އެންމެ އަގުބޮޑު މުދާކަމަށްވާތީއެވެ.

އިޞްޠިލާޙުގައި المال ގެ (މުދަލުގެ) މާނަ علمވެރީން ތަފާތު ގޮތްތަކަށް ކުރައްވާފައިވެއެވެ. البحر الرائق ގައިވެއެވެ. محمد بن الحسن ވިދާޅު ވެއެވެ. މުދަލަކީ: އެއީ ނަޤުދުންނާއި ތަކެތީންނާއި ޖަނަވާރުން މީސްތަކުންނަށް ملكވެރިކަން ލިބެވޭ ކޮންމެ އެއްޗެކެވެ.

ޒަކާތުގެ ބާބުގައި ابن عابدين ވިދާޅުވިއެވެ. المالގެ (މުދަލުގެ) މުރާދަކީ މުރާދަކީ السائمة ފިޔަވައި ދެންހުރި ތަކެއްޗެވެ. އެހެނީ ދެންހުރި ތަކެއްޗަކަށް ޒަކާތެއް ކަނޑައެއް ނޭޅެއެވެ.

الشاطبي ވިދާޅު ވިއެވެ. المال (މުދަލަކީ) އެއީ އެ އެއްޗެއްގެ މައްޗަށް ملكވެރިކަން ސާބިތުކުރެވޭ އަދި އެ އެއްޗެއް ހުއްދަ މަގުން ހޯދާ މީހާ ފިޔަވައި އެހެން ފަރާތެއް އޭގައި ނުހިމެނޭ ތަކެއްޗެވެ. އެ ތަކެތީގައި ހުރިހާ ވައްތަރެއްގެ ކާތަކެއްޗާއި ބޯތަކެއްޗާއި އޮނުފޭރާމާއި އަދި އެމޭރުއިން އިއާދަކުރެވޭ އެންމެހާ ތަކެތި ހިމެނެއެވެ.

الشافعي ވިދާޅުވިއެވެ. މުދަލަކީ: އަގެއްހުރެފައި އެއަކުން ގަނެނުވިއްކޭ އެއްޗަކަށް މުދަލެކޭ ނުކިޔޭނެއެވެ. އަދި އެމާނައިގައި ނުބެލެވޭނެއެވެ. އަދި އެ އެއްޗެއް މީހަކު ހިންގައިފި ނަމަ ކުޑަ ނަމަވެސް އަގެއް އެއެއްޗަކުން އަންނަންޖެހެއެވެ. މީސްތަކުން އެމީހުންގެ މުދަލުގެ ތެރޭގައި އަގެއްގެ ގޮތުގައި ނުބަލާ ކަހަލަ ތަކެތި، މިސާލަކަށް އެންމެ ލާރިއެއް ފަދަ ތަކެތި ނުހިމެނެއެވެ.

ޙަންބަލީ ބައެއް ބޭކަލުން ވިދާޅުވިއެވެ. މުދަލަކީ: އެއީ އެ އެއްޗަކުން ޢާއްމުކޮށް މަންފާ ނެގުން ހުއްދަވާ ތަކެއްޗެވެ. އަދި މުހުތާދެއް ނެތްނަމަ އޭގެ ބޭނުމެއް ނުހިފޭ ތަކެއްޗެވެ.

މުދާ ޙިމާޔަތްކުރެވޭ ވަސީލަތްތައް

ހ- ރިޒުޤު ހޯދަން މަސައްކަތްކުރުން:

މާތް ﷲ ވަޙީކުރެއްވިއެވެ. :{هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ وَإِلَيْهِ النُّشُورُ} މާނައީ: އެ ކަލާނގެއީ، ތިޔަބައިމީހުންނަށް ޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެ ތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެ ކަލާނގެ ދެއްވި ރިޒުގުން ކާށެވެ! އަދި އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެ ކަލާނގެ حضرةއަށެވެ. (سورة الملك، رقم الآية، 15.)

އެބަހީ ތިޔަބައި މީހުން ބޭނުންވި ކޮންމެ ސަރަހައްދަކަށް ދަތުރުކުރާށެވެ. އަދި އެތަންތާނގެ ރަށްތަކާއި އަވަށްތަކުގައި ފެތުރިގަނެގެން ތަފާތު ވައްތަރުގެ އާމުދަނީތަކާއި ވިޔަފާރިތަކަށް ހުރަހެޅިގަންނާށެވެ. އަދި ހަނދާނުގައި ބަހައްޓާށެވެ. ތިޔަބައިމީހުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިކަމުގައި ވިޔަސް ﷲ ދެއްވި ލުޔަކުން މެނުވީ އެއްޗެއް ނުލިބޭހުށްޓެވެ. ابن كثير އެ އާޔަތުގެ ތަފުސީރުގައި ވިދާޅުވި ބަސްފުޅުގެ މުރާދަކީ އެއީއެވެ. (ابن كثير، تفسير القرآن العظيم، ج4، ص 424.)

ށ- މުދަލުން އިސްރާފުނުކުރުން

މާތް ﷲ ވަޙީކުރެއްވިއެވެ. {وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ} (سورة الأعراف، رقم الآية 31.) މާތް ﷲ ވަޙީކުރެއްވިއެވެ .{وَآتِ ذَا الْقُرْبَى حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلَا تُبَذِّرْ تَبْذِيرًا} (سورة الإسراء، رقم الآية 26.)

ނ- ވިޔާނުދާ ޚަރަދުކޮށް، އިސްރާފުކޮށް އުޅޭމީހުންގެ އަތަށް މުދާ ނުދިނުން

މާތް ﷲ ވަހީ ކުރެއްވިއެވެ. (وَلَا تُؤْتُوا السُّفَهَاءَ أَمْوَالَكُمُ الَّتِي جَعَلَ اللَّهُ لَكُمْ قِيَامًا وَارْزُقُوهُمْ فِيهَا وَاكْسُوهُمْ وَقُولُوا لَهُمْ قَوْلًا مَعْرُوفًا) މާނައީ: އަދި، ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ ޚަރަދުކޮށް، އިސްރާފުކޮށް އުޅޭ މީހުންގެ އަތަށް) ތިޔަބައިމީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި اللَّه ތިޔަބައިމީހުންނަށް ލައްވާފައިވާ އެއްޗެކެވެ. އަދި، ތިޔަބައިމީހުން އެއިން، އެއުރެންނަށް ކާންދޭށެވެ! އަދި އެއުރެންނަށް އަންނައުނު ދޭށެވެ! އަދި، ތިޔަބައިމީހުން، އެއުރެންނަށް ހެޔޮބަސް ބުނާށެވެ! (النساء 5)

މީގެ އިތުރުން ވައްކަންކުރާ މީހުންނާއި މަގުފޭރޭ މީހުންގެ މައްޗަށް ޙައްދު ޤާއިމުކުރުމަށް ދީނުގައި އަމުރު ކުރައްވާފައިވަނީ މުދާ ޙިމާޔަތްކުރުމަށެވެ. އަދި މީސްތަކުންގެ މުދާ ނަހަމަ ގޮތުގައި ނެގުމާއި ބޭނުންކުރުން حرام ކުރައްވާފައި ވަނީ ވެސް މުދާ ޙިމާޔަތްކުރުމަށެވެ. އަދި މީހެއްގެ މުދަލަކަށް ގެއްލުމެއް ދީފި މީހެއްގެ މައްޗަށް އޭގެ ބަދަލު ދިނުން އިސްލާމީ ޝަރީއަތުގައި ލާޒިމު ކުރެއްވީ ވެސް މުދަލުގެ ޙިމާޔަތަކަށެވެ.

ހއ. އުލިގަމުގެ ހަމަހިމޭން، ސާފު މަގެއް… -ފޮޓޯ އަލީ ރަމީޒު/ އެފް.ބީ

މުދާ ޙިމާޔަތްކުރުމުގައި ވަޤުފުގެ ދައުރު

އެއްޗެއް ވަޤުފުކުރުމަކީ އެއިން މުދާ ހިމާޔަތްކުރެވޭނެކަމެކެވެ. މިސާލަކަށް އިމާރަތެއް ވަޤުފުކޮށްފިނަމަ އެއިން އުފެދޭ ވަޒިފާތަކާއި، ލިބޭ އާމުދަނީ އަކީ މުދަލަށް ލިބޭ ޙިމާޔަތެކެވެ. އަދި އެފަދަ ތަނަކުން ލިބޭ ހިލޭގެ ޚިދުމަތަކީ ވެސް މުދަލަށް ލިބޭ ޙިމާޔަތަކެވެ. އެއީ އެ ލިބުނު ޚިދުމަތު އަގު އެމީހަކަށް ރައްކާކުރެވޭތީއެވެ. އެ ގޮތުން މުޖުތަމަޢުގެ ފުދުންތެރިކަން އިތުރުވެ، ފަޤީރުކަންމަދުވެ، އަތްމަތި ތަނަވަސްވެގެން ދެއެވެ.

ވަޤުފު ނަމޫނައަކަށް ބަލައިގެން ހުޅަނގުގައި ބޭނުން ކުރަނީ "އެންޑޯމެންޓް" ނުވަތަ "ޓުރަސްޓް" ނުވަތަ "ފައުންޑޭޝަން" ފަދަ ލަފުޒުތަކެވެ. އިސްވެ ދެންނެވުނު ފަދަ ނަންތައް ބޭނުންކޮށްގެން ހުޅަނގުގައި ފުޅާ ދާއިރާއެއްގައި އިޖުތިމާޢީ އަދި އިގުތިސާދީ ހަރަކާތްތައް ހިންގައެވެ. ދެހާސް ހައެއްގެ ދުވަސްވަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެމެރިކާގައި އެކަނި އެފަދަ މަސައްކަތް ކުރާ ސާދަ ލައްކަ، ހަތާވީސް ހާސް، ހަތަރު ސަތޭކަ، ފަންސަވަންނަ ތަންތަން (ކުލަބު، ޖަމުޢިއްޔާ، ޖަމާޢަތްތައް) ހުށްޓެވެ. އިނގިރޭސިވިލާތުގައި ދެ ލައްކަ ތަން ހުއްޓެވެ. ކެނަޑާގައި އަށްޑިހަ ހާސް ތަން ހުށްޓެވެ. (عمر، محمد عبد الحليم، نظام الوقف الإسلامي والنظم المشابهة في العالم الغربي،)

ހުޅަނގުގެ ވަރަށް ގިނަ ޔުނިވަރސިޓީތައް ކުރިއެރުވުމަށް ބޭނުންކުރާ އެއް އުކުޅަކީ ވަޤުފާއި އެއްވައްތަރުގެ މަޝްރޫޢުތައް (ޕްރޮޖެކުޓްތައް) ބޭނުންކުރުމެވެ. އެ ގޮތުން އެމެރިކާގެ ފަންސާސް ޔުނިވަރސިޓީއަކަށް ކުރެވިފައިވާ ވަޤުފުތައް ފާހަނގަކުރެވެއެވެ. ވަޤުފަކީ އިސްލާމީ އުފެއްދުމެކެވެ. ނަމަވެސް އެމެރިކާގެ ހަމައެކަނި ޔުނިވަރސިޓީތަކަށް ކުރެވިފައިވާ ވަޤުފުގެ އަގު މުޅި އިސްލާމީ ދުނިޔޭގައި ތިބި ހުރިހާ ވަޤުފެއް (މިސްކިތްތަކާއި ސަހަރާތައް ފިޔަވައި) އެއްކުރި ކަމުގައި ވިޔަސް އެއްވަރުނުވާކަން ފާހަނގަވެއެވެ.  އެމެރިކާގެ ޔުނިވަރސިޓީތަކަށް ކުރެވިފައިވާ ވަޤުފުތަކުގެ އަގު 2004 ގައި އުޅުނީ 132 ބިލިއަން ޑޮލަރުގައެވެ. މިސާލަކަށް ހާވާރޑް ޔުނިވަރސިޓީގެ ވަޤުފުގެ މިނަކީ 22.6 ބިލިޔަން ޑޮލަރެވެ. ވަޤުފުގެ ގޮތުން އެންމެ ދަށުގައި އުޅެނީ 1.049 ބިލިޔަން ޑޮލަރާއެކު ޔުނިވަރސިޓީ އޮފް މިޝިގަން އެވެ. މި ކާމިޔާބީގެ ސިއްރަކީ ރަނގަޅު ކަންތައްތަކަށް ހޭދަކުރުމުގެ ޝައުޤުވެރިކަން އެ މީހުންގެ  ފިކުރުގައި ހުރުމެވެ. ދެހާސް ހަތަރެއްގެ ތަފާސް ހިސާބު ދައްކާ ގޮތުން މުޖުތަމަޢުގެ 80 ޕަސެންޓް މީހުންނަކީ މުޖުތަމަޢު ބިނާކުރުމަށް ޓަކައި ހުޅުވައިލެވޭ މަޝްރޫޢުތަކަށް ޙިއްޞާ ދޭ މީހުންނެވެ.

ސައްތައިން ސައްތަ މުސްލިމު ދިވެހިރާއްޖޭގެ ފުރަ މާލޭގައި ހުރި ވަޤުފު ބިންތައް 1970ގެ ދުވަސްވަރު އުފެއްދުނު ޤާނޫނެއްގެ ބާރުގައި ރަށްފުށަށް ވަނީ ބަދަލުކޮށްފައެވެ. އެދުވަސްވަރު ރަށްފުށުގެ ބިންތަކަކީ އުމުރާނީގޮތުންނާއި އިޤްތިޞާދީ ގޮތުން ތަރައްޤީ ކުރުމުގެ މާބޮޑު ފުރުސަތުތަކެއް އޮތް ތަނެއްނޫނެވެ. އޭގެ ނަތީޖާއަކަށްވީ ރާއްޖެއިން ވަޤުފުގެ ނަންވެސް ނެތި ގެއްލި ވަޤުފެއްގެ ގޮތުގައި ހަމައެކަނި މިސްކިތްތަކާއި ސަހަރާތައް ހިމެނުމެވެ. ވީމާ އަލުންބަލުން ވަޤުފު ދިރުވުމާމެދު ފިކުރުކުރަމާ ހިނގާށެވެ.

ކަވަރ ފޮޓޯ: ހއ. އުލިގަމުގެ މިސްކިތް -ފޮޓޯ އަލީ ރަމީޒު/ އެފް.ބީ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.