Support Us

ނަސްލު ޙިމާޔަތްކުރުމުގައި ވަޤުފުގެ ދައުރު

ނަސްލު ޙިމާޔަތްކުރުމަކީ ޝަރުއީ މަޤުޞަދެކެވެ.

ޢަރަބި ބަހުގައި "نسل"ގެ ލަފުޒު ތަފާތު މާނައިގައި އައިސްފައިވެއެވެ. އެ ގޮތުން އޭގެ މާނައިގައި "ދުނިޔެއަށް އުފަންވުން" ހިމެނެއެވެ. އަދި އޭގެ މާނައިގައި "ދަރިފަސްކޮޅު"ގެ މާނަ ހިމެނެއެވެ. އަދި ބައެއް ފަރަށް نسلގެ ލަފުޒު ބޭނުންކުރެވޭ އެއް މާނައިގެ ގޮތުގައި "އަވަސްވެގަތުން" ވެސް ހިމެނެއެވެ. (އައްރާޒީ، މުޚްތާރުއްޞިޙާޙު،. ޖ1، ސ 274)

ނަސްލުގެ اصطلاحيމާނައަކީ "ދަރިން" ނުވަތަ "ދަރިފަސްކޮޅެ"ވެ. ފިޤުހު علمވެރީންގެ ދުލުން "ނަސްލު"ގެ ލަފުޒު ބުނެވިއްޖެނަމަ އޭގެ މުރާދަކީ "ދަރީން"ނެވެ. އަދި އެއީ އިންސާނުންގެ ދަރީން ނުވަތަ ޙައިވާނުންގެ ދަރީންކަމުގައި ވިޔަސް މެއެވެ. އަދި ބައެއް ފަހަރަށް މި މާނަ މާބަނޑުވުމަށް ވެސް ބޭނުންކުރެވެއެވެ. (އަލްމައުސޫޢަތުލް ފިޤިހިއްޔަތިލް ކުވައިތިއްޔާ، ޖ40، ސ 260)

2- ނަސްލު ޙިމާޔަތްކުރެވޭ ވަސީލަތްތައް

ނަސްލު ޙިމާޔަތްކުރުމަށް ޓަކައި إسلام دينގައި ކަނޑައެޅުނު އެއް ވަސީލަތަކީ ކައިވެނީގެ ވަސީލެތެވެ. ނަސްލު ޙިމާޔަތްކުރުމަށް ޓަކައި إسلام دينގައި މަނާކުރެވުނު ކަންތައްތަކެއްވެއެވެ. އޭގެ ތެރޭގައި ކައިވެނި އަޅާފައި އަޅުކަމުގެ ނަމުގައި ތިބުން ނަހީ ކުރެއްވުން ހިމެނެއެވެ. (އެބަހީ الرهبانيةގެ ނަމުގައި ކައިވެނި ނުކޮށްތިބުމެވެ.) އަދި ޢަރަބިންގެ ބައެއް ޤަބީލާތަކުން މަޢީޝަތުގެ ގޮތުން ދަތިވެދާނެކަމުގެ ބިރުން ވެސް އަންހެން ކުދިން މަރަމުން ގެންދިޔަ އަމަލު މަނާކުރެއްވިއެވެ. ޖާހިލިއްޔަ ޒަމާނުގައި ޢަރަބިންގެ ބައެއް ޤަބީލާތަކުން ކުރިމަތި ވެދާނެ ލަދަކުން ސަލާމަތް ވުމަށް އަންހެން ދަރީން ޤަތުލުކުރަމުން ގެންދިޔަ ޢަމަލު ނަހީ ކުރެއްވިއެވެ. އަދި ޒިނޭގެ ފާހިޝް ޢަމަލާ ކައިރިވުން ނަހީކުރެއްވިއެވެ. އަދި ލިވާޠުގެ ފާހިޝު ޢަމަލު ނަހީކުރެއްވިއެވެ. އަދި ނަސްލު ޙިމާޔަތްކުރުމަށް ހުރަސް އެޅިދާނެ ބައެއް ވަސީލަތްތައް މިސާލަކަށް ޝަރުޢީ ޢުޒުރަކާ ނުލައި ހައްޔަރުން ނެއްޓުވުން (އެބޯޝަން)، ނުވަތަ ޝަރުޢީ ޢުޒުރަކާ ނުލައި ނުވިހާ އޮޕަރޭޝަން ކުރުން ފަދަ ޢަމަލު ނަހީކުރެއްވިއެވެ. (الغزالي، المستصفى من علم الأصول، ج2، ص 418.)

3- ނަސްލު ޙިމާޔަތްކުރުމުގައި ވަޤުފުގެ ދައުރު

އިސްލާމީ ޙަޟާރަތަށް ބަލައިލުމުން ވަޤުފުން ނަސްލު ޙިމާޔަތްކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ފެނެއެވެ. ابن بطوطة ޝާމުކަރަޔަށް ކުރެއްވި ދަތުރުނާމާގައި ލިޔުއްވިއެވެ. "ދިމިޝްޤުގެ ވަޤުފުތައް އެހާމެ ގިނައެވެ. އޭގެ ވައްތަރުތަކާއި ޚަރަދުކުރެވޭ ކަންކަން ގުނާ ވިޔަނުކުރެވެއެވެ. އޭގެ ތެރޭގައި ޙައްޖުގެ އަޅުކަން ކުރުމަށް ޖިސްމާނީ ގޮތުން ނުކުޅެދޭ މީހުންގެ ބަދަލުގައި ޙައްޖެއް ކޮށްދޭ މީހުންނަށް ޚަރަދުކުރުމަށް ޓަކައި ވަޤުފެއް ހުށްޓެވެ. އަދި އޭގެ ތެރޭގައި ކައިވެނި ކުރެވޭހިނދު ފަޤީރުކަމުގެ ސަބަބުން ޒީނަތްތެރިވުމުގެ މާލީ ކުޅަދާނަކަން ލިބިފައިނުވާ އަންހެންކުދީން ޒީނަތްތެރިކުރުމަށް ވަޤުފެއް ހުއްޓެވެ. އަދި އަސީރުން މިނިވަންކުރުމަށް ވަޤުފެއް ހުއްޓެވެ. އަދި ދަތުރުވެރީންނަށް ބޭނުންވާ ކެއިން ބުއިމާއި އެނބުރި ރަށަށް ދާނެ ޚަރަދު ދިނުމަށް ވަޤުފެއް ހުށްޓެވެ. އަދި މަގުތައް މަރާމާތު ކުރުމަށް ވަޤުފެއް ހުށްޓެވެ. އަދި މީގެ އިތުރުން ހެޔޮކަންތައްތަކަށް އެތަކެއް ވަޤުފުތަކެއް ހުއްޓެވެ." (رحلة ابن بطوطة، ص 75)

ޚުލާސާއަކީ: ވަޤުފު ބޭނުންކޮށްގެން ނަސްލު ހިމާޔަތްކުރުމަށް ޓަކައި ބޭނުންވާ ކަންތައްތައް ކުރުމަށް މާލީ އެހީތެރިކަން ހޯދިދާނެއެވެ.