Support Us

ފައިޒަރުގެ އެގްޒެކެޓިވް ރައީސް އެލްބަރޓް ބޮރްލާ (ކ) އާއި އެމެރިކާގެ ރައީސް ބައިޑްން

ފައިޒަރު ކުންފުންޏަށް އަހަރު ދުވަހުގެ ތެރޭގައި 36 ހާސް މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ

ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުންނާއި މި ވައިރަހާ ދެކޮޅަށް ހަނގުރާމަކުރުމުގައި ފައިޒަރު ކުންފުނި ކުޅެމުންދާ ރޯލުގެ ސަބަބުން އެ ކުންފުނީގެ އެގްޒެކެޓިވް ރައީސް އެލްބަރޓް ބޮރްލާގެ ނަން ދުނިޔޭގެ އެންމެ ބާރުގަދަ ޒަޢީމުންގެ ފެންވަރުގައެވެ. މި ދިޔަ ޖޫން މަހު ކެނެޑާގައި ބޭއްވުނު ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދީ ޖަމާޢަތު (ޖަމާޢަތް 7)ގެ ސަމިޓަށް ބޮރްލާ ވަޑައިގެންނެވި މަތިންދާބޯޓު ހުއްޓައިފައި ވަނީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ މަތިންދާބޯޓުކޮޅު ކައިރީގައެވެ.

ޖަޕާނުން ހޫނު ތަރްޙީބެއް

އޭގެ ހަފުތާތަކެއް ފަހުން ބޮރްލާ ޖަޕާނަށް ވަޑައިގެންނެވުމުން އޭނާއަށް މަރްޙަބާ ވިދާޅުވީ ޖަޕާނުގެ އޭރުގެ ބޮޑުވަޒީރެވެ. އޭނާއަށް މެހެމާންދާރީ އަދާކުރުމަށް ޓަކައި އޭނާ ބަހައްޓައިފައި ވަނީ ދައުލަތުގެ މެހެމާނުންގެ ޚާއްޞަ ގަނޑުވަރެއް ކަމުގައިވާ އަކަސާކާ ގަނޑުވަރުގައެވެ. މިއީ ކުންފުންޏެއްގެ ރައީސަކު މި ގަނޑުވަރުގައި ބެހެއްޓުނު ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑްން ބޮރްލާ ސިފަކުރައްވަމުން ވިދާޅުވިއެވެ. "އެއީ އަޅުގަނޑުގެ ވަރަށް ގާތް ރަޙްމަތްތެރިއެކެވެ."

ފައިޒަރު ކުންފުނިން ކޮވިޑް 19އާ ދެކޮޅަށް އުފެއްދި ވެކްސިނަކީ ވަރަށް ނަތީޖާ ރަނގަޅު ވެކްސިނެއް ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުންޏެވެ. މި ކުންފުނީގެ މި ވެކްސިންގެ ސަބަބުން ބައި މިލިއަނެއްހާ މީހުން މަރުން ސަލާމަތް ކުރެވުނުކަމަށް ވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުންޏެވެ.

އިންޓަރނެޓް މެދުވެރިކޮށް އޭނާ ފޮނުއްވި މެސެޖުތަކުގައި ދުނިޔޭގެ ޒަޢީމުންނަށް ވެކްސިން އަވަހަށް ހޯއްދެވުމަށް ނަސޭހަތް ދެއްވައިފައިވެއެވެ. އޭނާއާ އެންމެ ގިނައިން ގުޅުއްވި އެއް ބޭފުޅަކީ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަތަންޔާހޫއެވެ. އޭނާ ފައިޒަރު ކުންފުނީގެ ރައީސާ 30 ފަހަރު ގުޅުއްވައިފައި ވެއެވެ.

ފަޤީރުންނަށް ތަފާތު

ހުޅަނގުގެ ސިޔާސީން ބޮރްލާއާއެކު މުޢާމަލާތު ކުރައްވަމުން ގެންދަވާއިރު ފަޤީރު ޤައުމުތަކުގެ ޒަޢީމުން ވަނީ ފައިޒަރު ކުންފުނި ދެކެ ކޯފާވެފައެވެ. އެއީ އެބޭފުޅުންނަށް ވެކްސިން ލިބިވަޑައިނުގަންނައިގެން އެ ބޭބޭފުޅުންގެ ޤައުމުތަކުގެ ރައްޔިތުން މަރުވަމުންދާތީއެވެ. ޒިމްބާބުވީގެ މިލިޔަނޭރެއް ކަމުގައިވާ ސްޓްރައިފު މަސީޔޫ ވަދާޅުވިއެވެ. "ފެނުގެތެރެއަށް ގެނބި ޣަރަޤުވާން އަހުރެމެން ވަނީ ދޫކޮށްލައިފައެވެ." މަސީޔޫއަކީ އެފްރިކާގެ އިއްތިޙާދުގެ ޤައުމުތަކަށް ވެކްސިން ހޯދާދިނުމަށް މަސައްކަތްކުރާ ކޮމެޓީގެ ވިލަރެސް ވެރިޔާއެވެ.

ވިހިވިހި ވަނަ އަހަރު މަސީޔޫ ވަނީ ފުރަތަމަ ޑޯޒުގެ ދެ މިލިއަން ޑޯޒު އެފްރިކާއަށް ފޮނުވާ ދިނުމަށް ފައިޒަރު ކުންފުނީގެ ކިބައިން އެދިވަޑައިގަންފައެވެ. މިއީ އެ ބައްރުގައި ޞިއްޙި ދާއިރާގައި މަސައްކަތް ކުރާ ފަސް މިލިއަން މީހުންގެ ތެރެއިން ބައެއް މީހުންނަށް ވެކްސިން ދިނުމަށް ޓަކައި ބޭނުންވި ވެކްސިނެކެވެ. އެ ކުންފުނިން އެފްރިކާއަށް މި ވެކްސިން ފޯރުކޮށްދޭނެކަމަށް އެފްރިކާ އުންމީދު ކުރިއެވެ. ނަމަވެސް މި ކަމާ ބެހޭ ކޮންޓްރެކްޓްގެ ދެލިކޮޕީ އަދިވެސް އޮތީ ސޮއި ނުކުރެވިއެވެ.

މަސީޔޫ ވިދާޅުވިއެވެ. "އެމީހުން މި އަންނަ ހަފުތާގައޭ ކިޔަކިޔާ ތިބީއެވެ.އެޕްރިލް މަސް ފާއިތުވެ ހިނގައްޖެއެވެ. މޭ މަހުގައި ފެނުނީ ޔޫރަޕްގެ އިއްތިޙާދާއެކު 1.8 ބިލިއަން ޑޯޒުގެ އެއްބަސްވުމެއް ހެދިތަނެވެ." މިކަމާހެދި އޭނާ ވަރަށް ކޯފާވެފައި އިޙްތިޖާޖުގެ ސިޓީފުޅެއް ފޮނުއްވިއެވެ. އެއްބަސްވުން ލަސްވާ ސަބަބާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އެފްރިކާއަށް ޑޯޒުކޮޅެއް ލިބުނީ ރައީސް ބައިޑްންގެ ހެޔޮފުޅުކަމުން އެއްޗެއް ދެއްވީމައެވެ.

ކޮރޯނާ ވެކްސިންގެ ސަބަބުން ފައިޒަރު ކުންފުނީގެ ސިޔާސަތަށް ވެސް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ. ޖުލައި 2018ގައި، ބޮރްލާގެ ކުރިން އެ މަޤާމުގައި ހުންނެވި ބޭފުޅާއަށް އެ މަޤަމުން އިސްތިޢުފާ ދެއްވަން މަޖްބޫރުވެ ވަޑައިގަތީ ވެކްސިންގެ އަގު ބޮޑު ކަމުން ރައީސް ޓްރަމްޕް އެއީ "މަލާމާތް ރައްދުވާ" ކަމެއް ކަމަށް ސިފަކުރައްވާ ޓްވީޓެއް ކުރެއްވުމުންނެވެ. ކޮރޯނާގެ ކުރިން ފައިޒަރު މަޝްހޫރުވެފައި ވަނީ ވައިގަރާއާ ހެދިއެވެ.

ރެކޯޑު ފައިދާއެއް

އިނިގިރޭސިވިލާތުގެ ފައިނަންޝަލް ދުވަހު ނޫސް އިއްޔެ ޝާއިޢު ކުރި ރިޕޯޓެއް ބުނާގޮތުގައި ކޮރޯނާގެ ސަބަބުން އެމެރިކާގެ މި ކުންފުންޏަށް އެއް އަހަރުގެ ތެރޭގައި ރެކޯޑް ފައިދާއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މި އަހަރު އެ ކުންފުންޏަށް 36 ހާސް މިލިއަން ޑޮލަރުގެ ވެކްސިން ވިއްކައިލެވޭނެ ކަމަށް އުންމީދު ކުރެއެވެ. މިއީ މި ކުންފުންޏާ އެންމެ ބޮޑަށް ވާދަކުރާ މޮޑާރނާ ކުންފުނިން ވިކޭ ވެކްސިނަށްވުރެ ދެ ގުނަ އިތުރު ޢަދަދެކެވެ. ކޮރޯނާގެ މައިދާނުގައި ފައިޒަރުގެ އުފެއްދުން ވަނީ ވަރަށް ބޮޑަށް ފުޅައުވެފައެވެ. މި ދިޔަ އޮކްޓޯބަރަށް ބަލާއިރު ޔޫރަޕްގެ އިއްތިޙާދުގެ ވެކްސިން ބާޒާރުގެ 80 އިންސައްތަ އޮތީ ފައިޒަރުގެ ބާރުގެ ދަށުގައެވެ. އަދި އެމެރިކާގެ ބާޒާރުގެ 74 އިންސައްތަ ލިބިފައި ވަނީ ފައިޒަރަށެވެ.

މަޢުލޫމާތު ސިއްރު ކުރުން

ފައިޒަރު ކުންފުނި ދެކޭގޮތުގައި އެ ކުންފުނީގެ ހޯދުންތަކާއި ކުރިމަގުގައި ރާވާފައިވާރޭވުންތަކަކީ އެ ކުންފުންޏަށް ޚާޢްޞަ ސިއްރު މަޢުލޫމާތުތަކެކެވެ. މި ކުންފުނިން ކުރާ ވިޔަފާރީގެ ކޮންޓްރެކްޓްތަކުން ވަރަށް ގިނަ މަޢުލޫމާތުތައް އުނިކުރަމުންދާ ކަން ވެސް ފާހަގަ ކުރެވެއެވެ. މި ކުންފުނީގައި މަސައްކަތްކުރާ ސައެންސީންނަށް އެއްބަސްވުންތަކާ ބެހޭގޮތުން ވާހަކަ ނުދެއްކުމަށް ވެސް ކުންފުނިން ޝަރްޠު ކުރާތަން ފެނެއެވެ.

ކޮރޯނާ ވައިރަސްގެ ޑޯޒާ ބެހޭގޮތުން ކުންފުނީގެ އެއްވެސް މަސްއޫލުވެރިއަކު ނޫސްތަކަށް ބަޔާންތައް ދެއްވުމާ ދެކޮޅު ހައްދަވައެވެ. ނޫސްވެރީންގެ ހުރިހާ ސުވާލުތަކަކަށް ވެސް ޖަވާބު ދެނީ ކުންފުނީގެ ރަސްމީ ތަރްޖަމާނު މެދުވެރިކޮށެވެ. ރަސްމީ ތަރްޖަމާނު ބުންޏެވެ. "ފައިޒަރު ކުންފުނި އެ ކުންފުނީގެ" އަރުތަތަކާމެދު ވަރަށް ފަޚްރުވެރިވެއެވެ. މިހާތަނަށް އެ ކުންފުނިން ދެ ބިލިއަނަށްވުރެ ގިނަ ޑޯޒް އުފައްދައިފައިވާނެ ކަމަށް އޭނާ ބުންޏެވެ. މި ކުންފުނީގެ އަރުތަތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ވަނީ މަރުން ސަލާމަތް ކުރެވިފައެވެ.

ފައިނަންޝަލް ޓައިމްޒް ބުނާގޮތުގައި މި ކުންފުނީގައި މަސައްކަތްކުރި މީހުންނާއި މަސައްކަތް ކުރަމުންދާ މީހުންގެ ތެރެއިން ފަސްދޮޅަހަކަށް މީހުންނާ މި ނޫހުން ބައްދަލު ކުރިއެވެ.މި ހުރިހާ އެންމެން ވެސް ބުނިގޮތުގައި ކުންފުންޏަށް ވަނީ އަމާންކަންބޮޑު އޭގެ ތާސީރު ރަނގަޅު ވެކްސިނެއް ހޯދިފައެވެ.
ޖޯރޖް ޓައުން ޔުނިވަރސިޓީގެ ޢާލަމީ ޞިއްޙަތާބެހޭ ޤާނޫނުގެ އުސްތާޒެއް ކަމުގައިވާ ލޮރެންސް ޖޮސްޓޭން ވިދާޅުވާގޮތުގައި ފައިޒަރު ކުންފުންޏާއި އެހެނިހެން ކުންފުނިތަކުން ވާހަކަ ދައްކާއިރު ވަރަށް "ހަރުކަށިކަން" ފާހަގަ ކުރެވެއެވެ. އެކަމުގެ ސަބަބަކީ ސިޔާސީން އެ ވާހަކަތަކަށް ރައްދު ދެއްވާނެތީއެވެ.ޖޮސްޓޭން ވިދާޅުވިއެވެ. "އަޅުގަނޑު އެއްވެސް ކުންފުންޏަކާ ދެކޮޅެއް ނުވަމެވެ. އެމީހުން މި ވަނީ މުޢުޖިޒާތެއްފަދަ މަސައްކަތެއް ކޮށްފައެވެ. އެމީހުން މި ވަނީ ޢިލްމީ ކާމިޔާބުތަކެއް ޙާޞިލުކޮށްފައެވެ. އެހެނަސް މި ކުންފުނިތަކުން އެމީހުންގެ ބާރު އިންސާފުވެރިކޮށް ބޭނުންކުރަމުންދާ ކަމަށާއި ދެ ފުށް ފެންނަގޮތަށް ޢަމަލުކުރަމުންދާ ވަހަކައަކާ އެއްބަސްވެވޭކަށް ނެތެވެ."

އަގާ ބެހޭގޮތުން ވާހަކަ ދެއްކުން

އެމެރިކާ ސަރުކާރުން 2020ގެ ހޫނު މޫސުމުގައި ފައިޒަރު ކުންފުންޏާއެކު އަގާ ބެހޭގޮތުން ވާހަކަ ދެއްކިއިރު ޑޯޒަކަށް 100 ޑޮލަރު ކަމަށް ބުންޏެވެ. މި ވާހަކަ ދެއްކުންތަކުގައި ރައީސް ޓްރަމްޕް ޝަޚްޞީގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ކޮވިޑް ވެކްސިންގެ މަސްއަލައާ ބެހޭގޮތުން ވާހަކަދެއްކުމަށް ޓަކައި އެމެރިކާ ސަރުކާރުން އިސްކުރި ވިލަރެސްވެރިޔާ މުންސިފުއްސައްލާވީ ވިދާޅުވާގޮތުގައި ފައިޒަރު ކުންފުނިން އެހާ ބޮޑު އަގެއް ކީމާ އޭނާ އެކަމާ ވަރަށް ޙައިރާންފުޅު ވިއެވެ. ސައްލާވީ ވިދާޅުވިގޮތުގައި އޭނާ ފައިޒަރު ކުންފުންޏަށް ސަމާލުވުމަށް އަންގަވާ ވިދާޅުވިއެވެ. ސައްތައަކުންސައްތައަކުން ފާޅުވާ މިފަދަ ޢާލަމީ ރޯގާތަކުން ފައިދާ ނަގަން ފައިޒަރު މަސައްކަތް ކުރުން ހެޔޮ ނުވާނެއެވެ."

އެމެރިކާ ސަރުކާރުގެ މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި ފައިޒަރު ކުންފުނިން މަސައްކަތް ކުރަމުން އެ ދަނީ "ޤައުމީ އިމަރޖެންސީގެ ޙާލަތާ ކުޅުމަށެވެ."

ސައްލާވީ ވިދާޅުވިގޮތުގައި މިފަދަ ބޮޑު އަގެއްގެ ސަބަބުން އެ ކުންފުނީގެ ރީތި ނަން ހަޑިވެގެން ހިނގައިދާނެ ކަން ފައިޒަރު ކުންފުނީގެ ރައީސް ބޮރްލާއަށް ވިސްނިވަޑައިގަތެވެ.މޮޑަރނާ ކުންފުނިން އެއަށްވުރެ ކުޑަ އަގެއް ހުށައެޅުމުން ފައިޒަރު ކުންފުނިން އެމެރިކާއާއެކު ހެދި ފުރަތަމަ ކޮންޓްރެކްޓްގައި ޑޯޒެއް 19.5 ޑޮލަރަށް ދިނުމަށް އެއްބަސްވިއެވެ. މިއީ ޖޯންސަން އެންޑް ޖޯންސަންގެ ޑޯޒުގެ އަގަށްވުރެ ހަތަރު ގުނަ ބޮޑު އަގެކެވެ. އެއީ އެސްޓަރްޒަނީކާ ޑޯޒަށްވުރެ ފަސްގުނަ ބޮޑު މިންވަރެކެވެ.

ޖުލައި 2020ގައި ޔާހޫ ފައިނަންސަށް ބޮރްލާ ވިދާޅުވިގޮތުގައި "އަހުރެން ލިބޭ އެއްޗަކަށް ނުބަލަމެވެ. ކުންފުނީގެ މާލީ ޙާލަތު ވަރަށް ރަނގަޅުކަމަށް ޤަބޫލު ކުރެވެއެވެ. އަހުރެން ރެސްޓޯރެންޓަކަށް ދިޔުމުން ލިބޭ ހޫނު ތަރްޙީބުން އެނގެނީ އަހުރެމެންގެ މަސައްކަތް ޢާންމުން ބަލައިގަންނަ ކަމެވެ. އެއީ އަހުރެމެންގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްކުރެވެމުންދާކަން އެމީހުން ޤަބޫލު ކުރާތީއެވެ."

ފައިޒަރު ކުންފުނިން ކޮރޯނާ ވެކްސިން ވިއްކަނީ އެކި ޤައުމުތަކަށް އެކި އަގަށެވެ. އެންމެ ފަޤީރު ޤައުމުތަކަށް ވިއްކަނީ ޑޯޒެއް 6.75 ޑޮލަރަށެވެ. މެދުމިންވަރުގެ އާމްދަނީއެއް ލިބޭ ޤައުމަކަށްނަމަ ޑޯޒެއް ވިއްކަނީ 10 ޑޮލަރާ 11 ޑޮލަރާ ދެމެދުގެ އަގަކަށެވެ. އެއީ މޮޑަރނާ ވެކްސިނަށްވުރެ އަގުހެޔޮ މިންވަރެކެވެ. އެހެނަސް އެއީ އެސްޓަރުޒެނިކާ ޑޯޒަށް ވުރެ އަގު ބޮޑު މިންވަރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *