...

Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ގައުމުގެ ކުރިމަގަށް އުއްމީދުގެ ދޮރެއް ހުޅުވުނު ދުވަސް

މިއަދަކީ، އާދެ، 30 ނޮވެމްބަރ 2021 އަކީ ދިވެހި ރާއްޖޭގެ ކުރިމަގަށް މުހިއްމު ދޮރެއް ހުޅުވުނު ދުވަހެކެވެ. ކުޑަކުޑަ ދިވެހި ރާއްޖެއަށް މުހިއްމު ކާމިޔާބެކެވެ. ބިޔަ ބޮޑު އިންޑިއާ ބިރުން ސިހޭނެ ދުވަހެކެވެ. މިއަދަކީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމާ އެކު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު ރައީސް ޔާމީނަށް ހުުޅުވުނު ދުވަހެވެ. ކުރިމިނަލް ކޯޓުން 2019 ނޮވެމްބަރު 28 ވަނަ ދުވަހު އިއްވި މި ހުކުމާ ވިދިވިދިގެން ޖުމްލަ 733 ދުވަސް ރައީސް ޔާމީން ވަނީ މާފުށީ ޖަލުގަ އާއި ގޭބަންދުގައި ހޭދަ ކުރައްވައިފައެވެ. ޔާމީނަށް ތާއީދު ކުރާ އެތަކެއް ރައްޔިތުންނާއި ޕީ.ޕީ.އެމް އަދި ޕީ.އެން.ސީގެ އެތަކެއް މެމްބަރުންނާއި ލީޑަޝިޕުގެ ބޭފުޅުން އުފަލުގެ ކަރުނަ އޮއްސައިލި ދުވަހެވެ. މިއީ ހަމައެކަނި އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ އަށް ލިބުނު ކާމިޔާބެއް ނޫނެވެ. އަދި ކިއެއްތަ މިއީ ދިވެހި ދައުލަތަށް، އަދި ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބެކެވެ.

ސަބަބަކީ ހުރިހާ ދިވެހި ރައްޔިތުން ރައީސް ޔާމިނަށް ތާއީދު ކުރާތީއެއް ނޫނެވެ. ނަމަވެސް ޔާމީނަށް ސިޔާސީ ގޮތުން ކުރިން ތާއީދު ނުކުރާ ރައްޔިތުންވެސް މިހާރު ޤަބޫލް ކުރާ ގޮތުގައި އިންޑިއާގެ ދަހިވެތި ވަކިތަކުން މި ދިވެހި ޤައުމު މިވަގުތު ސަލާމަތް ކޮށްދެވޭނެ އެންމެ ވަރުގަދަ ސިޔާސީ ލީޑަރަކީ ރައީސް ޔާމީނެވެ. އަޅުގަނޑަކީ ވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުގެ ވެރިކަމަށް ފާޑުކީ މީހަކީމެވެ. ނަމަވެސް 2023 ގައި މިޤައުމުގެ ރައީސަކަށް ވުމަށް އަޅުގަނޑު މިވަގުތު އެދެނީ ހަމަ ރައީސް ޔާމީނެވެ. އެމް.ޑީ.ޕީގެ މި ސަރުކާރުން އިންޑިއާއާ އެކު ޤާއިމްކުރަމުންދާ ސިއްރު އެއްބަސްވުންތަކުގެ ސަބަބުން ކަންބޮޑުވެ، ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސްގެން ތިބި އެމް.ޑީ.ޕީގެ ބައިވަރު މެމްބަރުންވެސް މިއަދު ތިބޭނީ ހިތްހަމަޖެހުމުގެ ނޭވާއެއް ލައިގެންކަން ޔަޤީނެވެ. މިއީ ސިޔާސީ ފިކުރާއި ޒާތީ ކަންކަމަށްވުރެ ޤައުމު އިސްކުރަންވީ ދުވަހެކެވެ. މިއީ އިންޑިއާ އައުޓް ކެމްޕެއިނަށް ހަޤީޤީ އުއްމީދެއް އާވި ދުވަހެކެވެ. މިއީ މި ދިވެހި ފަސްގަނޑުގައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންނާއި ރައްޔިތުންގެ މަޖުލީހަށް ސިއްރުކޮށްގެން މިސަރުކާރުން ދިވެހި ޤައުުމު އިންޑިއާއަށް ވިއްކަމުންދާ ވިއްކުމަށް ނިމުން ގެނައުމުގެ ފެށުން ކަމަށް ޤަބޫލްކުރަން ޖެހެއެވެ.

ރައީސް ޔާމީނަކީ ކަނޑަން ޖެހުނީމަ ކޮމަންވެލްތާ އެކު އޮތް ގުޅުންވެސް ކެނޑުއްވުމުގެ ކެރުންތެރިކަން ދެއްކެވި ރައީސެކެވެ. އަދި 2023 ގައި ރައީސްކަން ލިބިވަޑައިގެންފި ނަމަ އިންޑިއާ ސިފައިން ބާލަން އަމުރު ކުރައްވައި، ނުފާބައިފިނަމަ އިންޑިއާއާ އެކު އޮތް ސިޔާސީ ގުޅުންވެސް ކަނޑުއްވާ ލައްވަން ކެރިވަޑައިގަންނަވާނެ ރައީސެއްކަން ކަށަވަރެވެ. އިންޑިއާގެ ކިބައިން ސަލާމަތްވެ، މިޤައުމުން އިންޑިއާ ސިފައިން ބާލައި، އިންޑިއާގެ އިގްތިސޯދީ އަޅުވެތިކަމަށް ވެއްޓިފައި އޮތް އޮތުމުން ރާއްޖެ މިންޖުކޮށް، ދިވެހި ދައުލަތް އަމިއްލަ ފައިމައްޗަށް ތެދުކުރެއްވޭނެ ލީޑަރަކީ މިވަގުތު ހަމަ ރައީސް ޔާމިނެވެ.

ދެހާސް ތޭވީހުގައި ރައީސްކަން ލިބިވަޑައިގެންފި ނަމަ ރައީސް ޔާމީންގެ ކުރީގެ ދައުރުގެ މިސްޓޭކްތަކުން ފިލާވަޅު ހާސިލް ކުރައްވައި، ކޮރަޕްޓް ފަރާތްތައް ދުރު ކުރައްވައި، ތެދުވެރި، ނަޒާހަތްތެރި ލީޑަރުންތަކަކާއި، ޓެކްނޯކްރެޓުންތަކަކާ އެކު މިޤައުމު އާ ހަރުފަތަކަށް ގެންދަން ޖެހެއެވެ. މިސަރުކާރުން އިސްލާމީ ކަންކަމަށް ފަރުވާކުޑަކޮށްފައި އޮތްއޮތުން ބަދަލުކޮށް، ފުރިހަމަ އިސްލާމީ ދައުލަތަކަށް މިތަން ހަދަންޖެހެއެވެ. ރައްޔިތުންގެ މޫނަށް ހިނިތުންވުން އަންނަ ފަދަ ގޮތަކަށް އިގްތިސޯދު ރަނގަޅުކޮށް، ފުދުންތެރި ކުރުވަން ޖެހެއެވެ. ކޮވިޑްގެ ނަމުގައި ބިދޭސީ ބާރުތަކުގެ އަޅަކަށް ވެފައި އޮތް އޮތުން ބަދަލުކޮށް، އަމިއްލަ ވިސްނުމުގެ ބޭނުން ހިފައިގެން މި ހާލަތުން ސަލާމަތްވާން ޖެހެއެވެ.

މިއަދުގެ ހުކުމުން ސަލާމަތްވެ ވަޑައިގަތަސް، މިސަރުކާރުން ވަނީ ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދެ ދައުވާއެއް އުފުލާފައެވެ. އެހެން ކަމުން މިއަދު މި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، އިތުރު ހުކުމެއް ނާންނަނީސް ޕީ.ޕީ.އެމް އަދި ޕީ.އެން.ސީ ކޯލިޝަންގެ ރިއާސީ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ޔާމީނުގެ ކެމްޕެއިން ލޯންޗްކުރަން ފެނެއެވެ. އެއިރުން ދެން ޖަލަށް ލިއަސް ލާން ޖެހޭނީ ރިއާސީ ކެންޑިޑޭޓެކެވެ. އެކަން ބަލައިގަންނަން ބައިނަލްއަޤްވާމީ މުޖުތަމައު އަށް ވެސް ދަތިވާނެއެވެ.

ރައީސް ޔާމީން 2023 ގައި ރައީސް ކަމަށް ވާދަކުރައްވާއިރު ރަނިން މޭޓަކަށް ވުމުގެ އުއްމީދުގައި ވަރަށް ގިނަ ބޭފުޅުން ތިއްބެވިކަން ޔަޤީނެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު، ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ފަދަ ބޭފުޅުން މި ލިސްޓުގައި ހިމެނެއެވެ. ރައީސް ޔާމީނުގެ ރަނިން މޭޓަކަށް އެންމެ އެކަށީގެންވާ ބޭފުޅެއް ކަމަށް އަޅުގަނޑަށް ޤަބޫލް ކުރެވެނީ ޑރ. ވަހީދު ނުވަތަ އުމަރު ނަސީރެވެ. މީގެ ތެރެއިން ކޮންމެ ބޭފުޅަކަށް އެފުރުސަތު ލިބިވަޑައިގަތަސް ދެން ތިއްބެވި ބޭފުޅުން އެޓީމުގެ ފަހަތަށް އަރުއްވަން ޖެހެއެވެ. މިވަގުތަކީ އަމިއްލަ ފައިދާ އާއި މަސްލަހަތަށް ވުރެ ޤައުމީ ފައިދާ އާއި ޤައުމީ މަސްލަހަތު އިސްކުރަން ޖެހޭ ވަގުތެވެ. ދެހާސް ތޭވީހަކީ ޕީ.ޕީ.އެމް. އަދި ޕީ.އެން.ސީ ވެރިކަމަށް ގެނައުމަށް ވުރެ ބޮޑަށް ދިވެހި ޤައުމު އަނބުރާ ދިވެހި ރައްޔިތުންނަށް ހޯދައިދެއްވުމަށް ރައީސް ޔާމީން ފައްޓަވާ ދަތުރަކަށް ވާން ޖެހެއެވެ. އިންޑިއާގެ ވަކިތަކުން ޤައުމު ސަލާމަތްކޮށް، ބަލިކަށި ވެފައިވާ އިސްލާމީ ވަހުދަތު ވަރުގަދަކޮށް، އިސްލާމީ ޝަރީއަތުގެ ބިންގާ އަޅަންވީ ވަގުތެވެ. ވެރިކަމާއި އާރާއި ބާރާއި މަޤާމަކީ ކީރިތި ﷲ ދެއްވާ އެއްޗެއް ކަމާއި، އެކަން ގެންދަވަނީ ވެސް އަދި ދެއްވަނީ ވެސް ﷲ ކަން ޤަބޫލް ކުރަން ޖެހެއެވެ.

އެކި މީހުން އެކި ގޮތަށް މިއަދު ވާހަކަ ދައްކާނެ އެވެ. އެއްބަޔަކު އުފަލުގެ ކަރުނަ އަޅާއިރު އަނެއް ބަޔަކު ހިތާމައިގެ ކަރުނަ އަޅާނެއެވެ. މިހުރިހާ ފިކުރެއްގެ ތެރެއިން ރައީސް ޔާމީން ވަރަށް ކެރިވަޑައިގެން، ސާފު ހިތަކައިގެން، އިޙްލާސްތެރިކަމާ އެކު ތެދުވެވަޑައިގެން، ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތް ސަލާމަތްކޮށް ދެއްވަން ޖެހެއެވެ. މިއީ އެ ވަގުތެވެ. އެ ފުރުސަތެވެ. ހިކުމަތާއި ކެރުމާއި ތެދުވެރިކަމުގެ ވަގުތެވެ. ރައްޔިތުންނާއި މުޅި ދުނިޔެވެސް އޮތީ ބަލާށެވެ. އަލްހަމްދުލިﷲ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.