Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ދިވެހި ޤައުމު އަނބުރާ ހޯދުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހާއްސަކޮށް ހަމަޖެއްސެވި ވަގުތީ ގެކޮޅު، މުރައިދޫގޭގެ ސަރަހައްދަކީ އާއްމު ރައްޔިތު މީހާއަށް ހިނދުކޮޅަކަށްވެސް ޕާކްކޮށްނުލެވޭ ރެޑް ޒޯނަކަށް ހަދައިފިއެވެ. މުރައިދޫގެ ހަދައި ނިމެންދެން ނަޝީދު ހުންނެވީ ދުވާލަކަށް ބައިލައްކަ ވަރަކަށް ރުފިޔާ ދައުލަތުން ހަރަދު ކޮށްގެން ހޮޓެލް ޖެންގައެވެ. ނަޝީދު ބޮޑުވަޒީރުކަން ބޭނުންފުޅުވުމުން މުޅި ޤާނޫނު އަސާސީ ބަދަލުކޮށްގެން ދައުލަތް ހިންގުމުގެ ނިޒާމް ބަރުލަމާނީ ކުރަންވެސް ޖެހިއްޖެއެވެ. މުޅި ދިވެހި ދައުލަތް އެންމެ ފަރުދެއްގެ މަސްލަހަތަށް ހިންގާ ތަނަކަށް ހަދައިފިއެވެ. ނަޝީދުގެ ސެކިއުރިޓީ އުތުރު ކޮރެއާގެ ޚުދުމުހްތާރު ރައީސް ކިމް ޖޮންގ އުންގެ ސެކިއުރިޓީއެކޭ އެއްވަރުވެއްޖެއެވެ.

ނަމަވެސް ތިރީސް ހާސް ދިވެހީންގެ އާބާދީ އަކަށް ތައްޔާރު ކުރި ހިޔާ ފްލެޓްތައް ޑްރަގްގެ ހާއްޔަކަށް ބަދަލުވެ، ޒުވާނުން މަސްތުވެގެން ލާހޫރޭ ބިރުވެރި ހޮހަޅައަކަށް އެތަން ބަދަލުވީއިރު ދިވެހި ސަރުކާރަށާއި ދިވެހި ފުލުހުންނަށް އެތަނުގެ ސެކިއުރިޓީއެއް ނުބެލެހެއްޓުނެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ވިޔަފާރިކުރުން ނަމަކަށް މަނަލެވެ. ބިދޭސީން އެތާނގައި ވިޔަފާރި ކުރުމުން ދިވެހީން ހިންގާ ގޮޅިތައް ބަނގުރޫޓް ވަނީއެވެ. ނަމަވެސް ސަރުކާރަކަށް ވެސް، އަދި ފުލުހުންނަކަށް ވެސް، އަދި މާލޭ ސިޓީ ކައުންސިލަކަށް ވެސް މިކަމެއް ނުހުއްޓުވުނެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ބިޔަ ޚިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ސަރުކާރުން ކުޅެނީ ޕިންގޕޮންގ ބޯޅަ އެވެ. ޕީ.ޖީ ޝަމީމް ބޯޅައެއް ޖެއްސެވުމުން ފުލުހުން އެބޯޅަ އޭ.ސީ.ސީ ކޮޅަށް ޖަހައެވެ. އޭ.ސީ.ސީން ހައިކޯޓަށް ބޯޅަ ޖަހައެވެ. އަދި މި މައްސަލާގައި ސަރުކާރަކީ ރެފްރީ އެވެ. އެންމެ ބޮޑު ރެފްރީ އަކީ މައްސަލާގައި ތުހުމަތުގެ އިނގިލި ދިއްކުރެވޭ ބޭފުޅެކެވެ. ކަޅު ދަބަހުގައި ފައިސާ އުފުއްލެވި ކަމަށް ތުހުމަތު ކުރެވޭ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހެވެ. ދެން މިމައްސަލަ ދުވަހަކުވެސް ބަލައި ނިމޭނެތޯއެވެ؟

މިޤައުމުގައި މިހާރު ޚާރިޖީ ވަޒީރެއް ނެތެވެ. ޚާރިޖީ ވަޒީރުގެ މުސާރަ ނަންގަވައިގެން މިނިސްޓަރ ޝާހިދު ކުރައްވަނީ ޔޫ.އެންގެ މަސައްކަތެވެ. ހުންނަވަނީ ނިއުޔޯކްގައެވެ. ޤާނޫނީ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި މިއީ ޤާނޫނު އަސާސީއާ ވެސް މުޅިން ޚިލާފް ކަމެކެވެ. އަޑުއަހާނެ މީހެއް ނެތެވެ.

އިންޑިއާއާ އެކު ދިވެހި ސަރުކާރުން ހަދަމުންދާ ސިއްރު އެއްބަސްވުން ތަކުން ދިވެހި ރާއްޖެއަށް އިންތިހާ އަށް ގެއްލުންވާ ކަމަށް އެތައް ބަޔަކު ގޮވަމުން ދިޔައަސް، އަދި "އިންޑިއާ އައުޓަ"ކީ ސޯޝަލް މީޑިއާގައި ދިވެހީންގެ ތެރޭގައި އެންމެ ޓްރެންޑްވާ ހޭޝްޓެގް ކަމަށް ވިއަސް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި ދިވެހި ރައްޔިތުންގެ މަޖުލީހުގެ ރައީސާއި ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރާއި މާލީ ވަޒީރު ތިއްބެވީ އިންޑިއާ ކޮޅަށެވެ. ދިވެހި ރައްޔިތުންގެ އަޑު އައްސަވާ ގޮތަކަށް ނޫނެވެ. މިޤައުމުގައި މިހާރު ދިވެހި ރައްޔިތުންނަކީ ދެވަނަ ދަރަޖައިގެ ބައެކެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ވެސް އަދި ވެރިކަމުގެ ބާރުތައް ދެމިއޮތީވެސް އިންޑިއާ އަތުގައެވެ.

ބަޖެޓް ފޫބެއްދުމަށް ގިނަ އަދަދަކަށް އަލުން ފައިސާ ޗާޕް ކުރުމުން ސްރީލަންކާގެ އިންފްލޭޝަން ހެސް ކިޔައިފައި މައްޗަށް ގޮސް ތަކެތީގެ އަގު އަތްނުފޯރާ ފަށަށް ގޮސްފައިވާއިރު ދިވެހި ސަރުކާރުން މިފަދަ ކަންކަމުން ފިލާވަޅު ނެގުމުގެ ބަދަލުގައި ސޯލިހުގެ ސަރުކާރުގެ މިސްރާބް ހުރީ ދިވެހި ރުފިޔާ ގިނަ އަދަދަކަށް ޗާޕް ކުރުމާ ދިމާލަށެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުން ބިކަވެ، ޤައުމު ބަނގުރޫޓުވިއަސް ހެވެވެ.

އަޅުގަނޑު މާގަޔާވާ ގޯއްޗެއް ގަންނަން އުޅެ، އެގޯތީގެ ވެރިފަރާތުން އެގޯތި އަޅުގަނޑަށް ނުވިއްކުމުން، އެގޯތި އެންމެ ފަސޭހައިން އަތުއަޅުވާލެވޭނެ ގޮތަކީ ގޯތީގެ ވެރިމީހާ ބަނގުރޫޓު ކޮށްލުމެވެ. އެއިރުން ނުއަގުގައި އަޅުގަނޑަށް ގޯތި ވިއްކަން އެމީހާއަށް މަޖުބޫރު ވާނެއެވެ. ހަޤީގަތުގައި ދިވެހި ޤައުމު ބަނގުރޫޓު ވުމަކީ އިންޑިއާ އެދޭގޮތެވެ. ދިވެހި ދައުލަތް ބަނގުރޫޓު ވުމުން އެތަނުގެ މެދަށް އިންޑިއާ އައިސް، ޤައުމަށް ހެޔޮ އެދިގެން އެހީވުމުގެ ނަމުގައި ޤައުމުގެ ހަރު މުދާތައް ގަނެ، ޤައުމަށް ވެރިވެގަންނާނެއެވެ. މިސްރާބު ހުރީ އިގްތިސޯދު މެނޭޖްކުރަން ނޭނގޭ ސަރުކާރަކުން މިޤައުމު ބަނގުރޫޓް ކޮށްލުމާ ދިމާލަށެވެ. އިންޑިއާ އޮތީ ހެވިފައި ބަލާށެވެ.

ދިފާއީ ވަޒީރު މާރިޔާގެ ކަމަކީ ދެއިރު ދެދަޅައަށް ބޭހެއްކާހެން އިންޑިއާ އަށް ރަސްމީ ދަތުރު ކުރެއްވުމެވެ. މިދަތުރުތަކުގައި ދައްކަވަނީ ކޮން ވާހަކައެއް ކަމެއް ރައްޔިތުންނަކަށް ނޭނގެއެވެ. ދެޤައުމުގެ ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ވާހަކަތައް ދެއްކެވި ކަމަށް ވިދާޅުވުމުން އެނިމުނީއެވެ. ދިވެހި ޤައުމުގެ އިސްތިޤްލާލާއި އިއްޒަތް ވެއްޔާ މޮޑެލެވިއްޖެއެވެ. މިއީ މިހާރު އެއްވެސް އަގެއް ނެތް، އިންޑިއާގެ ޕަޕެޓް ދައުލަތެކެވެ. ޕަޕެޓް ސަރުކާރެކެވެ. އިންޑިއާއިން ހަމަ ބުނާއިރަށް މާރިޔާމެންނަށް ޖެހިވަޑައިގަންނަވާނީ ކުކުޅަށް ކާން އަޅާފައި "ކާކާކާ" އޭ ގޮވާލުމުން ކުކުޅުތައް ދުވާހެން ދުވެވަޑައިގެން އިންޑިއާ އަށް ވަޑައިގަންނަވާށެވެ. މިއީ މިއަދު މިޤައުމުގެ ހާލެވެ.

ދިވެހި ރައްޔިތުންގެ ޖީލެއް މުސްކުޅިވެ، އަނެއް ޖީލު ފުރާ ފުރިހަމަވަމުން މިދާނީ އިންޑިއާއިން ފޮނުވާ ކުނި ކުކުޅު ބިހާއި ކުނި ފިޔައާއި ކުނި އަލުވި ކައިގެންނެވެ. އަދި އިންޑިއާގައި އުފައްދާ ތިންވަނަ ދަރަޖައިގެ ފޭކް ބޭސް ކައިގެންނެވެ. ކުނި ނޫން ބިހެއް، ކުނި ނޫން ފިޔައެއް، އަދި ކުނި ނޫން އަލުއްވެއް ލިބެނީ މަދު ދިވެއްސަކަށެވެ. ދިވެހި ރާއްޖެއަކީ އިންޑިއާ މީހުން ކައިފައި، ކުނިވާން ކައިރިވުމުން އުކާލާ އަގުހެޔޮ ބިހާއި ފިޔައާއި އަލުވި ޑަމްޕް ކުރަން އޮތް މާކެޓެކެވެ. ދިވެހި ސަރުކާރަށް މިނޫން ގޮތެއް ދިވެހީންނަށް ހޯދައެއް ނުދެވުނެވެ. ސިޔާސީ ގޮތުންވެސް އަދި އިގްތިސޯދީ ގޮތުންވެސް، އަދި ސިއްހީ ގޮތުންނާއި ދިފާއީ ގޮތުން ވެސް ދިވެހީން އިންޑިއާ އަށް އަޅުވެތިކޮށްފިއެވެ.

ހ. ލޮނުގަމުގޭ ހަސަން ޒިޔާދު ކުޅުޖެހި ޚަތިމު އަދި ފުލުހުން އޭނާ ގެންދަނީ

ކީރިތި ޤަރުއާނަށް ކުޅުޖަހައި، މިސްކިތަށް ކުޑަކަމުދިޔަ މީހާއަށް އެންމެ ފަހުން ދައުވާ ކުރިއިރު، މައްސަލަ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އަންނާނެ އެންމެ ބޮޑު ހުކުމަކަށް އޮތީ ދެމަސް ދުވަހަށް ޖަލަށް ލުމެވެ! މިއީ މިސަރުކާރުން އިސްލާމް ދީނަށް ކުރާ "އިހްތިރާމް" ރަމްޒު ކޮށްދޭ މިސާލެކެވެ. މިސްކިތަށް ވުރެ ރައީސް ނަޝީދުގެ މުރައިދޫގެ "މާތް"ވެއްޖެ އެވެ. ކީރިތި ރަސޫލާއަށް ވުރެ ރައީސް ނަޝީދުގެ އަގު މި ސަރުކާރުގެ ކުރިމަތީގައި މަތިވެއްޖެ ފަދައެވެ.

އެންމެ ގިނަ ރަށުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރަނީ މިސަރުކާރުން ކަމަށް ވިދާޅުވެ، މިއީ އެންމެ "ސާފު ތާހިރު" ސަރުކާރު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ނަރުދަމާތައް ހަދާފަ އެރަށް ތަކަށް އިންޑިއާ މީހުން ގެނެސް އަޅާ ފުރާލައި، އިންޑިއާގެ ތަނަކަށް ދިވެހި ރާއްޖެ ހެދުމުން އެތަންތަން ވާނީ ނަޖިހެވެ. ޤައުމު ބަނގުރޫޓް ވަނީއެވެ. ރައްޔިތުން ބިކަވަނީއެވެ. ނަރުދަމާ އެޅުން ގިނަވުމުން މިއީ އެންމެ ސާފުތާހިރު ސަރުކާރު ކަމަށް ބުނެވިދާނެއެވެ. ޤައުމު ބަނގުރޫޓް ވުމުން މިއީ އެންމެ ކޮރަޕްޓް، ނާޤާބިލް، އެންމެ އަނިޔާވެރި، އެންމެ ޤައްދާރު ސަރުކާރޭވެސް ބުނެވިދާނެއެވެ. ކުރިއަށް އޮތީ ޑިސެމްބަރު މަހެވެ. އެއަށްފަހު ޖެނުއަރީ މަސް ފެށުމުން ދެން ބުނެވޭނީ "އަންނަ އަހަރު" ރިއާސީ އިންތިހާބް އޮންނާނެ ކަމަށެވެ. އެ ދުވަހަކުން ރައްޔިތުން އެއް އަޑަކުން ބުނާނީ އަންނަ އަހަރު މިކަން ނިމްމަން ޖެހޭނެ ކަމަށެވެ. މިކަމާމެދު ޝައްކެއް ނެތެވެ. ދިވެހި ޤައުމު އަނބުރާ ހޯދަން ބޭނުންނަމަ މިކަން ނިންމަންޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51

2 Responses

  1. ޢިންޑިޔާ އަށް ރާއްޖެ ދީފައި ދެ ރައީސުން ތިބެގެން ހޭވަރެއް. މި އޮތީ މާމޮޅު ކަމެތް ކުރެވިފާވިއްޔަ. ދެން ހޭނެންނު

  2. ވަރަށް ފުރިހަމަ. ޝުކުރިއްޔާ ބުޝްރީ ތިޔަ ކުރައްވާ މަސައްކަތައް. ތިޔައީވެސް ގައުމުގެ ހައްގުގައި ކުރެވޭ ޖިހާދެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *