Support Us

ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކަތެރިކަން ކަށަވަރު ކުރުމުގެ މުހިންމުކަން

މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްސާ މިކުރަނީ އެއްވެސް ޙާލެއްގައި ފުލޯކު ވާހަކައަކާ ގުޅިފައިވާ މައުޟޫޢެއް ނޫނެވެ. އަދި ޚިޔާލަކަށް ގެންނަ އަންދާސީ ވާހަކައެއް ވެސް ނޫނެވެ. އަދި ކިއެއްތަ! މިއަދުގެ އަޅުގަނޑުގެ މި ޝުޢޫރަކީ ދާދި ފަހުން ދިވެހި ރާއްޖޭގެ މާ ކަނޑެއްގައި (އާދެ! މާލެއިން ފުރައިގެން ވ. ފުލިދުއަށް ކުރި ކަނޑު ދަތުރެއްގައި) ހިނގައިދިޔަ ހިތާމަވެރި ހާދިސާއަކާ ގުޅިގެން ދެ ފުރާނައެއް އެ ކަނޑުގައި ޣަރަޤުވެގެން ދިޔަ ވަގުތު ތިމަންމެން ސަލާމަތްކޮށްދޭށޭ ކިޔައި އާދޭސް ކުރަމުން ދިޔަ އިރުވެސް އެފަދަ ވަގުތުގައި ފުރާނަ ސަލާމަތް ކޮށްދެވޭނެ ފަދަ ޤާނޫނެއް ދިވެހި ފަސްގަނޑުގައި އުފަންކުރެވިފައި ނުވާތީވެ އެކަމުގެ ހިތާމަވެރި ޝުޢޫރެވެ. އަދި އެ ދުވަހު އެ ދެ ފުރާނަ ކަނޑަށް ޢަރަޤުވެގެން ދިޔަ ވަގުތުގައި ފުރާނަ ސަލާމަތް ކޮށްދެވޭނެ ވަސީލަތްތައް މިސާލަކަށް ލައިފު ޖެކެޓު ފަދަ ތަކެތި އެ ދެ މީހުންނާ ހަމަޔަށް ފޯރުކޮށް ދޭނެ މަސްއޫލުވެރި ފަރާތެއް ދިވެހި ބިމުގައި ނެތަތީވެ ނުވަތަ ހުއްޓަސް ފުރިހަމަ މާނާގައި މަސައްކަތްނުކުރާތީވެ އެކަމުގެ ހިތާމަވެރި ޝުޢޫރެވެ. އިތުރު އެއްވެސް ބަހެއް މިމޭރުން ބުނުމުގެ ކުރީގައި އަޅުގަނޑު ﷲގެ ޙަޟުރަތުގައި ދުޢާ މިދަންނަވަނީ "އޭ ހައްދަވައިގެންގުޅުއްވާ އިލާހ! އިބަ އިލާހުގެ ތަނަވަސް ރަޙުމަތުން އެ ދެ މައިންނަށް ރަޙުމަތް ލައްވާނދޭވެ! އަދި އެ ދެމައިންގެ އެ މަރަށް ޝަހީދެއްގެ ދަރަޖަ މިންވަރު ކުރައްވާނދޭވެ! އަދި މަހުޝަރުގެ މައިދާނުގައި އެއްވެސް ހިސާބުކިތާބަކާ ނުލައި އެ ދެ މައިން ސުވަރުގަ ވައްދަވާނދޭވެ." އާމީން ޔާ ރައްބަލްޢާލަމީން!

ކަނޑު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކަތެރިކަން ކަށަވަރު ކުރުމަކީ އަޅުގަނޑު ހިތުން ހުރިހާ ބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާނެ ހަގީގަތަކެވެ. އެއީ ދެބަސް ވެރިވުމެއް އުފެދޭނެ ކަމެއްނޫނެވެ. ސަބަބަކީ ދަތުރުގެ މާނަ ގޮސް ހުއްޓެނީ އުނދަގުލާއި ނުރައްކަލާއި ބުރަ އުފުލުމުގެ މަފުހޫމުގެ މައްޗަށް ކަމަށް ވާތީއެވެ. އެ މަފުހޫމު ކީރިތި ރަސޫލާ ﷺ ގެ ޙަދީޘުފުޅަކުން އެނގެއެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. السفر قطعة من العذاب މާނައީ: ދަތުރަކީ ޢަޒާބުން ބައެކެވެ. ދަނެއު، މިތާނގައި އަޒާބުގެ މާނައަކީ އުނދަގުލުގެ މާނައެވެ.

ދަތުރަކީ ބުރަ ކަމަކަށް ވެފައި އަދި ނުރައްކަލަކާ ކުރިމަތިލުމަކަށް ވާތީވެ މާތް ވެގެވާ އިސްލާމް ދީން އިރުޝާދު ދެއްވަނީ ކޮންމެ ފަދަ ދަތުރެއްގައި ވެސް ސަލާމަތާއި ރައްކަތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށެވެ. މިސާލަކަށް: ގެއިން ނިކުމެގެން ތަނަކަށް ދިއުން އެއީ ވެސް ދަތުރެކެވެ. އެފަދަ ވަގުތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭނެކަން ދީނީ އިރުޝާދުތަކުން އެނގެއެވެ. ޙަދީޘެއްގައި ވެއެވެ. إذا خَرج من بَيتِه-: بِسم الله تَوَكَّلتُ على اللهِ، وَلاَ حول ولا قُوَّة إِلَّا بالله، يُقَال له: هُدِيتَ وَكُفِيتَ وَوُقِيتَ، وَتَنَحَّى عَنه الشَّيطَان». زاد أبو داود: «فيقول -يعني: الشيطان- لِشَيطان آخر: كَيف لَك بِرَجلٍ قَد هُدِيَ وكُفِيَ ووُقِيَ؟».  މާނައީ: މީހަކު ގެއިން ނިކުންނަ ހިނދު (بِسم الله تَوَكَّلتُ على اللهِ، وَلاَ حول ولا قُوَّة إِلَّا بالله،ގެ) ދުޢާ ކިޔައިފި ނަމަ އެ މީހަކަށް ޓަކައި ބުނެވެއެވެ. "ތިބާއަށް ރަނގަޅު މަގު ދެއްކިއްޖެއެވެ. (އެބަހީ ގައިޑު ކުރެވިއްޖެއެވެ.) ތިބާ ދިފާޢު ކުރެވިއްޖެއެވެ. ތިބާއަށް ރައްކައުތެރިކަން ލިބިއްޖެއެވެ." އެހިނދު އެ މީހެއްގެ ކިބައިން ޝައިޠާނާ ދުރުވެދެއެވެ. އަބޫ ދާއޫދު އިތުރުކުރެއްވިއެވެ. (ޝައިޠާނާ ހުރަސްއަޅާތަން ފެނުމުން) އެހެން ޝައިޠާނަކު އެ ޝައިޠާނާއަށް ބުނެއެވެ. ކަލޭއަށް (ﷲގެ ޙަޟުރަތުން) ރަނގަޅު މަގު ދެއްކިފައިވާ އަދި ދިފާޢުކުރެވިފައިވާ އަދި ރައްކައުތެރިކަން ލިބިފައިވާ މީހަކަށް ހުރަސް އެޅޭނީ ކިހިނެއް ހެއްޔެވެ؟(އަބޫދާއޫދު 5095، އަލްބާނީ ޞައްޙަކަމަށް ނިންމެވި)

އެއްގަމުގައި އުޅަނދަކަށް އަރައިފިއްޔާ އެއީވެސް ދަތުރެކެވެ. ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރަން ޖެހެއެވެ. ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރަން ޖެހޭކަން ޔަގީންވާ ދަލީލެއްގެ ގޮތުން ދަތުރު ފަށައިގަންނަ އިރު ކިއުން މުސްތަހައްބުވެފައިވާ ދުޢާ ފުދެއެވެ.

ދަންނަވަންތޯއެވެ. މިއީ ކިޔަން ޖެހޭ ދުޢާގެ ވާހަކަ، އިނގޭތޯއެވެ. ދުޢާ ކިއުމުގެ އިތުރުން ދަތުކުރާ އުޅަނދުގެ ރައްކާތެރިކަން ވެސް ކަށަވަރުކުރަން ޖެހެއެވެ. ކުރީ ޒަމާނުގައި އެއްގަމު ދަތުރު ކުރުމަށް ބޭނުންކުރަނީ ޖަނަވާރުތަކެވެ. ޖަނަވާރެއް ގެންގުޅެފިއްޔާ އެ އަށް ކުރަން ޖެހޭ ޚަރަދުބަރަދު އެ އެތި ގެންގުޅޭ މީހެއްގެ މައްޗަށް ވާޖިބު ވާނެ ވާހަކަ ނުބުނާ ހަމަ އެއްވެސް ފިޤުހުގެ ބޯދާ ފޮތެއް ނޯންނާނެ ނުވަތަ މަދުވާނެއެވެ.  މިއަދުގެ ހާލަތަށް އެވާހަކަ ބަދަލުކޮށް ފިއްޔާ ނެގޭނެ މާނައަކީ ނުވަތަ އެ ވާޖިބުވުން ބަދަލުވާނީ ތިމާ ގެންގުޅޭ އުޅަނދުގެ ރައްކާތެރިކަމަށް ޓަކައި ކުރަންޖެހޭ ޚަރަދުތަކަށެވެ. މިސާލަކަށް ނަމަ އަޑީ ތެޔޮ ހެޔުވަރުކޮށް ހުރިތޯ ބެލުން، އިންޖީނުގެ ތަންތަން ޗެކުކޮށް ރަނގަޅަށް ހުރިތޯ ބެލުން ފަދަ ޚަރަދުތަކެވެ. އެ ކަންކަމުގެ ރައްކާތެރިކަން ކަށަވަރު ކުރުން އުޅަނދުގެ ވެރި ފަރާތަށް ދީނީ އަދި ޤާނޫނީ ގޮތުން ވާޖިބުވެއެވެ. ދަލީލަކީ ޖުމުހޫރު ފިޤުހު ޢިލްމުވެރީންގެ ރައުޔަކީ ގެންގުޅޭ ޖަނަވާރަށް ޚަރަދުކުރުމަށް މަޖުބޫރުކުރުން ޤާޟީއަށް ނުވަތަ ޝަރީޢަތަށް ހުއްދަ ލިބެއެވެ. (ބައްލަވާ: އައްނަވަވީ، ޝަރަޙަ މުސްލިމު، ޖ14، ސ241)

ދަތުރުފަތުރުގެ ނުރައްކަލުގެ މޭރުމުން ބަލައި ފިނަމަ ކަނޑުގެ ދަތުރުގައި ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހެއެވެ. އެކަން ވެސް އަޅުގަނޑު މެންނަށް ނަބަވީ އިރުޝާދުތަކުން އެނގެއެވެ. ޙަދީޘެއްގައި ވެއެވެ. مَنْ رَكِبَ الْبَحْرَ عِنْدَ ارْتِجَاجِهِ فَمَاتَ فَقَدْ بَرِئَتْ مِنْهُ الذِّمَّةُ މާނައީ: ކަނޑު ގަދަވެފައިވަނިކޮށް ކަނޑުގެ އުޅަނދަކަށް ސަވާރުވާ މީހާ ފަހެ މަރުވެއްޖެނަމަ (ޣަރަޤު ވެއްޖެނަމަ) ފަހެ އެ މީހެއްގެ މައްޗަކަށް ޒިންމާއެއް ނުވެއެވެ. ދަނެއު، މިތާގައި ޒިންމާއެއް ނުވެއޭ އޮތް ބަސްފުޅުގެ މުރާދަކީ "އެ ހިނދު އެމީހަކު އެހުރީ އެ މީހެއްގެ ނަފުސު ހަލާކުގެ ތެރެއަށް ވައްޓައިލައިގެންނެވެ. އެހެންކަމުން އެމީހަކަށް މަރުގެ ދިޔައިގެ ޙައްޤެއް ނުވެއެވެ. އަދި އެ މީހެއްގެ ވާރިސުންނަކަށް މަރުގެ ދިޔައިގެ މައްޗަކަށް ދަޢުވާއެއް ކުރުމުގެ ހައްގެއް ނުވެއެވެ. އަދި އޭނާ އެހުރީ އެ އަމަލު ކޮށްގެން ﷲގެ ރައްކައުތެރިކަމުން ދުރަށް ޖެހިގެންނެވެ." ދަނެއު، ކަނޑު ގަދަވާ ވަގުތުގެ މުރާދަކީ އެ ގަދަވުމަކުން ހަލާކެއް ކުރިމަތިވެދާނެކަމަށް ބުރަވެވޭ ފަދަ މިންވަރަކަށް ކަނޑު ގަދަވުމެވެ. ( ބައްލަވާ: އަލްބާނީ، ޞަޙީޙުއްތަރުޣީބި، 3078)

އިސްވެ ދެންނެވުނު ނަބަވީ ބަސްފުޅުތަކުންނާއި މިއުއްމަތުގެ ދަންނަބޭކަލުން ނެރުއްވާފައިވާ ފިޤުހުގެ ޙުކުންތަކުން ދެ ކަމަކަށް އިރުޝާދު ލިބެއެވެ. ފުރަތަމަ ކަމަކީ: ހަލާކެއް ކުރިމަތިވެދާނެކަމަށް ބުރަވެވޭ ފަދަ މިންވަރަކަށް ކަނޑު ގަދަވެފައި ވަނިކޮށް ދަތުރުފަތުރު ނުކުރުމެވެ. ދެވަނަ ކަމަކީ: ދަތުރުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

 ދެންނެވުނު ދެ ކަމަށް ރިޢާޔަތްކޮށް ދިމާވެފައި ހިތާމަވެރި ހާދިސާ އިންސާފު ކުރަމާތޯއެވެ؟   

ދަންނަވަންތޯއެވެ؟ ދައުލަތެއް ގާއިމުވެފައި އޮތުމުގެ އެއް ބޭނުމަކީ ނުވަތަ ބޮޑު އެއް ވާޖިބަކީ އެ ތާނގައި ތިބޭ ބަޔެއްގެ ފުރާނަ ރައްކާތެރިކުރުމެވެ. ކަނޑު ގަދަވާ ވަގުތު ދަތުރު ކުރުމަކީ ދީނީ ގޮތުން މަނާ ކަމެއްކަމުގައި ވީ ހިނދު ނުވަތަ ކަނޑު ގަދަވާ ވަގުތު ދަތުރު ކުރުމަކީ ނުރައްކާތެރި ކަމެއްކަމުގައި ގަބޫލުކުރާ ނަމަ  އެފަދަ ގަދައިގައި ކަނޑުގެ ދަތުރުކުރުން މަނާ ކުރާނެ ގާނޫނެއް ހެދިފައި އޮންނަން ޖެހެއެވެ. އަދި އެ އާއި ޚިލާފަށް އަމަލުކޮށްފި ނަމަ އަޅާނެ ފިޔަވަޅުތަކެއްވެސް ކަނޑައެޅިފައި އޮންނަން ޖެހެއެވެ. ނަމަވެސް ހިތާމައަކީ މި ދިވެހި ދައުލަތުގެ އުމުރުން ގަރުނުތަކެއް ފާއިތުވީ އިރުވެސް އެފަދަ ގާނޫނެއްގެ އިރު ދުވަހަކު ވެސް ގާނޫނު ހަދާ މަޖިލިހުގެ ތެރެއަށް ފާއްދާލެވިފައި ނުވާތީއެވެ.

އެނގިލައްވާތޯއެވެ! އަޅުގަނޑު ހިތުން ކަނޑު ދަތުރު ކުރާ އުޅަނދުތަކުގައި ސަލާމަތީ ކަންތައްތައް ހުރި މިންވަރާއި ފެންވަރު ބަލައި އެކަމަށް ފާރަލާނެ މުއައްސަސާއެއް ހުރުމަކީ ކޮންމެހެން ވެސް ލާޒިމު ކަމެކެވެ. އެފަދަ މުއަސްސަސާއެއް ދިވެހިރާއްޖޭގައި ހުރިނަމަ ހުރީ ހަމައެކަނި ނަމެއްގައި ކަމަށް ބެލެވެއެވެ. ނޫން ނަމަ އިސްވެދިޔަ ފަދަ ހިތާވެރި ހާދިސާގައި ދަތުރު ކުރި މީހުން ލައިފު ޖެކެޓު ބޭނުން ކުރިކަން ނުވަތަ ނޫންކަން ކަށަވަރު ވީހެވެ.

ކަންމިހެން އޮތުމާއެކު ކަނޑު ދަތުރުފަތުރުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަދަ ޤާނޫނެއް ހެދިފައިނުވާތީވެ އިސްވެދިޔަ ހިތާމަވެރި ހާދިސާގެ ހުރިހާ މަލާމާތެއް ދިވެހި ސަރުކާރަށް ރައްދުކުރަމެވެ. އަދި ހަމަ އެހެންމެ ކަނޑު ދަތުރު ކުރާ އުޅަދުތަކުގައި ސަލާމަތީ ކަންތައްތައް ހުރި މިންވަރާއި ފެންފަރު ބަލައި އެކަމަށް ފާރަލާނުލާތީ އިސްވެދިޔަ ހިތާމަވެރި ހާދިސާގެ ހުރިހާ މަލާމާތެއް އެ މުއައްސަސާތަކަށް ވެސް ރައްދު ކުރަމެވެ.

ސަމާލުކަމަށް ޓަކައި ދަންނަވަމެވެ. މިއަދު މި އުފުލައިލެވޭ އަޑަކީ ދަތުރުތަކަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމެއްކަމުގައި ވީހިނދު އަދި ދަތުރުކުރާ އުޅަނދުތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ދީނީ ވާޖިބެއްކަމުގައި ވީހިނދު ދިވެހިރާއްޖޭގައި ހިނގަމުންދާ ކަނޑުގެ ހިތާމަވެރި ހާދިސާތަކުން ސަލާމަތްވުމަށް ޓަކައި ކަނޑު ގަދަވާ ވަގުތުތަކުގައި ދަތުރުކުރުން މަނާ ކުރާނެ ގާނޫނެއް ހެދިފައި އޮންނަން ޖެހޭނެ ކަމަށް އުފުލައިލެވޭ އަޑެކެވެ. އަދި ކަނޑު ދަތުރު ކުރާ އުޅަނދުތަކުގައި ސަލާމަތީ ކަންތައްތައް ހުރި މިންވަރާއި ފެންވަރު ބަލައި އެކަމަށް ފާރަލައި މުއައްސަސާތައް މިހާރަށްވުރެ ބޮޑަށް ޒިންމާދާރު ކުރުވަން ޖެހޭނެ ކަމަށް އުފުލައިލެވޭ އަޑެކެވެ. މި ގޮވައިލުމުގެ ތެރެއަށް ކުޑަކުދީން މޫދަށް އެރި އަރައި އުޅުމުގެ މައްޗަށް ވެސް ޤާނޫނީ ސަމާލުކަމެއް ދިނުމަށް އަޑު އުފުލަމެވެ.

ނިންމައިލަމުން އަޅުގަނޑުގެ އިލްތިމާސަކީ އިސްވެދިޔަ ކަނޑުގެ ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް މަރުގެ ދިޔައިގެ މިންވަރުގެ މާލީ އެހީއެއް ދައުލަތުން ފޯރުކޮށްދިނުމެވެ. އެއީ ކަނޑު ދަތުރުފަތުރުގެ ނިޒާމުގައި ދައުލަތުގެ އިހުމާލުތައް ހުރިކަން ގަބޫލުކުރެވޭތީއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. ފަރުދީ ޒިންމާގެ ވާހަކަ ނުދައްކާ ގޯހީ ސަރުކާރޭ ކިޔީމަ ހަމައެއް ނުޖެހޭ… ސަރުކާރާ ދެކޮޅުވިޔަސް ތީ ބޮޑުވަރު…. ބަލާނެ މުއައްސަސާވެސް ހުރޭ.. ބަލަންވެސް ބަލާ.. ޖޫރިމަނާވެސް ޖުރޭ.. ފަހަރުގާ ތިބޭފުޅާއައް އިނގިފަ ނެތުމަކީ ސަރުކާރުގެ ކުށެއްނޫބް… ބޯހަލާކު .. ނިކަހަލަ ދެކޮޅުނުޖެހޭ ނީހުން ހަބަރު ލިޔާތީ…..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *