Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ފުރޮޅުލީ ގޮނޑި ދުއްވަން އިންޑިއާގެ 75 ސިފައިން؟

އިންޑިއާއިން ރާއްޖޭގައި ބޭނުންކުރާ ޑޯނިއާ މިލިޓަރީ މަތިންދާބޯޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮޮމެޓީގައި ނޮވެމްބަރ 12 ވަނަދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޖަވާބުދާރީ ވެވަޑައިގަންނަވަމުން ދިފާއީ ވަޒީރު މާރިޔާ ދީދީ ވިދާޅުވެފައިވަނީ ސަލާމަތް ބުއްދި ހުރި ކޮންމެ ދިވެއްސަކު ވެސް ކަންބޮޑުވާނެ ވާހަކައެކެވެ. ނަމަވެސް ދިވެހީންގެ ދިފާއުގައި ވަކާލާތު ކުރައްވަން ހުންނެވި ދިފާއީ ވަޒީރު މިކަމަކާ ކަންބޮޑުވެ ވަޑައެއް ނުގަންނަވައެވެ. އިންޑިއާއިން ހދ. ހަނިމާދޫގައި ގާއިމްކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓާއި އިންޑިއާގެ މިލިޓަރީ ހެލިކޮޕްޓަރ ދުއްވަން އިންޑިއާގެ 75 ސިފައިން ތިބޭ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެއީ މައްސަލައެއް ނޫންކަން ދޭހަވާ ގޮތަށް މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ރައްޔިތުންގެ މަޖުލީހުގެ ކޮމިޓީގައި ވާހަކަ ދެއްކެވިއެވެ. މިވަރުވާ އިރުވެސް ބައެއް ދިވެހީންނަށް މިވާނުވާ ރޭކާނުލާތީ ހައިރާން ވެއެވެ.

ކުޑަކުޑަ ޑޯނިއާ މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް ދުއްވަން އިންޑިއާގެ 75 ސިފައިން ތިބުމަކީ ބޮޑު ޖޯކެކެވެ. އަޅުގަނޑުމެން ކުޑައިރު ކިޔާ ޖޯކެއް އޮވެއެވެ. އާދައިގެ ގެއެއްގެ އެއް ބޮކި ބަދަލު ކުރަން އިންޑިއާގެ ކިތައް މީހުން ބޭނުންވާނެތޯ އަހައެވެ. ޖަވާބަކީ 100 އެވެ. ބޮކި ބަދަލު ކުރަން އިންޑިއާ އެކަކެވެ. އަނެއް 99 އިންޑިއާ މީހުންނަކީ ބޮކި ބަދަލު ކުރާ މީހާ އަށް މުނިފޫހިފިލުވައިދޭން އަންބާ ކިޔަން ތިބޭ މީހުންނެވެ! ރާއްޖެއަށް އެހީވާށޭ ކިޔާފައި ސެކަންޑް ހޭންޑް ޑޯނިއާ މަތިންދާ ބޯޓެއް ދީފައި، އޭތި ދުއްވަން 75 އިންޑިއާ ސިފައިން ބޭތިއްބުމަކީ ފަގީރު ގެއެއްގެ ނުކުޅެދޭ ކުއްޖަކަށް ފުރޮޅުލީ ގޮނޑިއެއް ހަދިޔާ ކޮށްފައި، އޭތި ބަލަހައްޓައި އޭތި ދުއްވަން 75 މީހުން ތިބެން ޖެހޭނެ ކަމަށް ބުނެ އެ ގެއިން ކޮޓަރިއެއް ހޯދައި، އެގެއިން އެމީހުންގެ ކެއުމާއި ބުއިންވެސް ހަމަޖެއްސުން ކަހަލަ ދެކޮޅު ނުޖެހޭ ކަމެކެވެ.

ކުރީގެ އެޓަރނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރާ ކުރީ ދުވަހަކު ފޯނުން ބައްދަލުވިއެވެ. ވިދާޅުވީ އައްޑޫ އާއި ހަނިމާދޫ އާއި ލާމު އަތޮޅާއި އަދިވެސް އެހެން އަތޮޅުތަކުގައި އިންޑިއާ ސިފައިން ތިބުމުގެ ނުރައްކަލެކޭ އެއްވަރުގެ އެހެން ކަމެއްވެސް ރާއްޖޭގައި އެބަ ހިނގާ ކަމަށެވެ. އެއީ ގިނަ ބަޔަކަށް ރޭކާނުލާ ގޮތަށް މަޑުމަޑުން މުޅި މުޖުތަމައުގެ ހުރިހާ ކަމެއްގެ ތެރެއަށް އިންޑިއާ މީހުން ވަންނަމުންދިއުމެވެ. ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތަކުގެ އެކައުންޓެންޓުންނަކީ އިންޑިއާ މީހުންވެ. ދިވެހިންނާ ގުޅިގެން ދިވެހިންގެ ނަމުގައި އިންޑިއާ މީހުން ވިޔަފާރިވެސް ކުރަނީ އެވެ. ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު ހަދާ ގިނަ އެއްބަސްވުންތައް ކުރިއަށް ދަނީ އިންޑިިއާ މީހުން މެދުވެރިކޮށެވެ. ރިސޯޓް ތަކުގެ މެނޭޖްމެންޓް ފެންވަރުގައި އިންޑިއާ މީހުން އެހާ ގިނައެވެ. ދިވެހިންނާ އިނދެގެން ވެސް އެހާ ގިނަ އިންޑިއާ މީހުން އެބައުޅެއެވެ. ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭ ރާއްޖެ އޯވަޓޭކް ކުރަން އިންޑިއާ ފަލިޖަހާތާ، އަދި މަޅި ޖަހާތާ ވަރަށް ދުވަސް ވެއްޖެއެވެ. ސިއްކިމް އަށް އިންޑިއާ ވެރިވެގަތް ގޮތަށެވެ. މިހާރު މިއޮތް ސަރުކާރަކީ ދިވެހީންގެ ކުރިމަގަށް ވުރެ ބޮޑަށް އިންޑިއާ ދިފާއުކޮށް، އިންޑިއާގެ މަސްލަހަތު ކުރިއަށް ނެރޭ، ދިވެހީންނަށް ގައްދާރުވެފައިވާ ސަރުކާރެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ޗާޓުތައް ކުރަހުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އިންޑިއާއާ އެވެ. ޗާޓް ކުރެހުމުން ދިވެހީން އެޗާޓް ގަންނަން ޖެހެނީ އިންޑިއާ އަށް ލާރި ދީފައި އިންޑިއާ އަތުންނެވެ. މީވެސް ބޮޑު ޖޯކެކެވެ. މިއީ ދިވެހީންނަށް ވުރެ ބޮޑަށް އިންޑިއާ އަށް އިސްކަންދޭ ސަރުކާރަކުން ހަދާފައިވާ ގައްދާރު އެއްބަސްވުމެކެވެ. މިކަމާ ރައްޔިތުންގެ މަޖުލީހުން ސުވާލު ކުރުމުންވެސް ދިފާއީ ވަޒީރު މާރިޔާ ދީދީ ވިދާޅުވެފައިވަނީ ޗާޓް ކުރަހައި ވިއްކުމާ ބެހޭގޮތުން އިންޑިއާއާ އެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން ހެދީ އިންޑިއާ އާއި ރާއްޖެއަށް ވެސް ފައިދާ ވާގޮތަށް ކަމަށެވެ. ނަމަވެސް ސަލާމަތް ބުއްދި ހުރި ކޮންމެ ދިވެއްސަކަށް ވެސް ސާފުވެ ހާމަވާ ގޮތުގައި މި އެއްބަސްވުމުން ފައިދާ ވާނީ އިންޑިއާ އަށެވެ. ރާއްޖެއަށް އޮތީ ގެއްލުމެވެ. އަމިއްލަ ގޭގެ ތިޖޫރީ ފޮރުވާފައި ހުރި ތަނަށް ދާންދެން އެނގޭ ގޮތަށް ގޭގެ ޗާޓް ކުރަހަން ވަގަކާ ހަވާލު ކުރުމެކޭ މިއެކޭ ތަފާތެއް ނެތެވެ. މިފަދަ ގައްދާރު އެގްރީމެންޓް ހަދާފައި، އޭގެ ތަފްސީލް ސިއްރުކޮށްގެން ތިބެ، ތަފްސީލް ހާމަކުރަން މަޖުބޫރުވުމުން، މިނުބައި އަމަލުގެ ދިފާއުގައި ވާހަކަ ދައްކަވާ ދިފާއީ ވަޒީރަކާއި ޚާރިޖީ ވަޒީރަކަށް ވުރެގައްދާރު ބަޔަކު ތިބޭނެތޯއެވެ؟

މިވެރިކަން ބަދަލުވާ ދުވަހަކުން މިޚާއިނުންނާ ދެކޮޅަށް ހައި ޓްރީސަންގެ ދައުވާ ކުރެވެން ޖެހޭނެއެވެ. މިއީ ސީދާ ގައްދާރުންނެވެ. ޤައުމުގެ އަދުއްވުންނެވެ. އެންމެ ބޮޑު ގައްދާރަކީ ލުތުފީއެއް، ސަގަރު ނާސިރެއް، އަދި އަނދިރި އަނދިރީންނެއްވެސް ނޫނެވެ. ރާއްޖެ މިހާތަނަށް ދުއް އެންމެ ބޮޑު ގައްދާރުންނަކީ އިންޑިއާގެ ދިފާއުގައި، އިންޑިއާ އަށް މިޤައުމު ސީދާ ވިއްކަމުންދާ ގައްދާރުންނެވެ. ރައީސަކަށް ހުންނެވި ބޭފުޅާވެސް ހިމެނޭ ގޮތަށެވެ. އިންޑިއާއާއެކު ހަދާފައިވާ، އަދި ހަދަމުންދާ މިފަދަ އެއްބަސްވުން ތަކުގެ ދިފާއުގައި ދެކޮޅުނުޖެހޭ ވާހަކަ ދައްކަވަން މިބޭފުޅުން ލަދުވެތިވެ ވަޑައިގަންނަވަން ޖެހޭނެއެވެ. ދިވެހީންނަކީ މޮޔައިންނެއްނޫނެވެ. އައްޑޫ ސިޓީ އާއި ހަނިމާދޫ އާއި ލާމު އަތޮޅާއި އުތުރުތިލަފަޅު އިންޑިއާ އަށް ދީފިއެވެ. ތިލަ-މާލެ ބްރިޖާއި ގުޅީފަޅާއި ތިލަފަޅާއި އައްޑު ގަން އެއާޕޯޓާއި، އައްޑު ހޮސްޕިޓަލް ވެސް އިންޑިއާ އަށް ދޭނެއެވެ. އިންޑިއާގެ ޕްލޭނަކީ ކުރިއަށް އޮތް ދިހަ ވަރަކަށް އަހަރު ތެރޭ ދިވެހި ރާއްޖެ ދިރުވާލުމެވެ! އިންޑިއާގެ ބަޔަކަށް ހެދުމެވެ.

"މިނިވަންކަމުގެ ދިފާއުގައި" އިދިކޮޅު ދެ ޕާޓީ، ޕީޕީއެމް/ޕީއެންސީން ނޮވެމްބަރ 12 ވަނަ ދުވަހު ހަވީރު މާލޭގައި ބޭއްވި ހިނގާލުމަކީ ސަރުކާރަށް ދިން މެސެޖެކެވެ. އިންޑިއާ ސިފައިން މިޤައުމުން ބޭރުކުރަން ދިވެހީންގެ ގިނަ ބަޔަކު ބޭނުންވާ ކަމުގެ މެސެޖެވެ. ނަމަވެސް މިވަރަކުން ނުފުދެއެވެ. ދެހާސްތޭވީސް އަންނަންވާ އިރަށް މިޤައުމު އެއްކޮށް އިންޑިއާ އަށް ހިބައިން ލިބޭ ފަދަ ނުރައްކާތެރި އެގްރީމަންޓުތަކުގައި މިސަރުކާރުން އެދަނީ ސޮއި ކުރަންމުންނެވެ. ދެހާސްތޭވީސް އަންނަންވާ އިރު ރާއްޖޭގެ ވެރިރަށް މާލޭގެ ޖުމްހޫރީ މައިދާނުގެ ބޮޑު ދިދަ ދަނޑީގައި އިންޑިއާ ދިދަ ނެގުމަކީ މި މީހުންގެ އަމާޒެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން އޭރު ތިބޭނީ ރުކުރުވާލެވިފައެވެ. ދެހާސްތޭވީސްގެ އިންތިހާބުން އެމް.ޑީ.ޕީ ބަލިވިއަސް އިންތިހާބުގައި މަކަރު ހެދީ ކަމަށް ބުނެ އެމް.ޑީ.ޕީން އިންޑިއާގެ މިލިޓަރީ އެހީ އަށް އެދުމުން ރާއްޖޭގެ ސިފައިންނާ ގުޅިގެން އިންޑިއާ ސިފައިން މިޤައުމުގެ ބާރުތައް ނަގާފައި އެމް.ޑީ.ޕީއާ ހަވާލު ކުރާނެއެވެ. އިންޑިއާ އައުޓް ކުރެވެން އޮތީ ރައްޔިތުންގެ އަޑު މިހާރުން މިހާރަށް އިއްވައިގެނެނެވެ. އިތުރަށް އަޅުވެތި ނުވަނީސް މިކަން ހުއްޓުވިގެންނެވެ. އިންޑިއާ އައުޓް ކުރުމާ އެކު އެމް.ޑީ.ޕީ ވެސް ވެރިކަމުން އައުޓް ކުރެވިގެންނެވެ.

އިންޑިއާ އާއި އެމް.ޑީ.ޕީ އަކީ ދިވެހި ދައުލަތުގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ. މިދެކަމުން ޤައުމު ސަލާމަތް ކުރެވެން އެބަޖެހެއެވެ. ހަމައެކަނި ޓްވީތަކަކުން ނުވަތަ ހިނގާލާ ހިނގާލުމަކުން ނުފުދޭނެއެވެ. މިޤައުމަށް ބޭނުންވަނީ އަދުލު އިންސާފް ޤާއިމްކޮށް، ކޮރަޕްޝަން ނައްތާލައި "އިންޑިއާ ފަސްޓް" ސިޔާސަތުގެ ބަދަލުގައި "ދިވެހި ޤައުމު ފަސްޓް" ސިޔާސަތު ކުރިއަށް ނެރޭނެ ލީޑަރުން ތަކެކެވެ. އެފަދަ ލީޑަރެއް ނުވަތަ ލީޑަރުން ތަކެއް ތެދުވެ އެންމެން ގުޅިގެން މި ނުރައްކަލުން ޤައުމު ސަލާމަތް ކުރުން އަވަސްކުރަން ޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2

2 Responses

  1. މެމްބަރުންނާ ސަރުކާރުން ދައްކަނީ ބޭސްކުރަންދާ ވާހަކަޔާ ފިޔާ ހަނޑޫ ފަދަ މުދާ އިންޑިއާއިން ގެންނަވާހަކަ. ޢެއީ ހިލޭދޭވއެއްޗެތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *