ކީރިތި ރަސޫލާ ﷺ ހުކުރުވިލޭރޭ ފަތިސް ނަމާދުގެ ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް ދެވަނަ ރަކްޢަތުގައި އަލްއިންސާނު ސޫރަތް ކިޔަވާ ވިދާޅުވެފައި ވެއެވެ. އެކަލޭގެފާނު މި ގޮތަށް ޢަމަލު ކުރެއްވުމުން އަޅުގަނޑުމެން މުސްލިމުންނަށް މި ކަން ކުރުން މުސްތަޙައްބުވެގެން ދާނެއެވެ.
މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ((أنَّ رسولَ اللهِ ﷺ كان يَقرَأُ في صَلاةِ الفَجرِ يَومَ الجُمُعَةِ: تَنزيلُ، السَّجدَةَ، وهل أَتى على الإنسانِ -ރަސޫލާ ﷺ ހުކުރުވިލޭރޭ ފަތިސްނަމާދުގެ ފުރަތަމަ ރަކްޢަތުގައި އައްސަޖްދާ ސޫރަތް ދެވަނަ ރަކްޢަތުގައި هل أَتى على الإنسانِ ސޫރަތް ކިޔަވައި ވިދާޅުވިއެވެ.)) މި ޙަދީސް އަބޫހުރައިރަތުގެފާނާއި އިބްނު މަސްޢޫދުގެފާނު ވެސް މި ގޮތަށް ރިވާކުރައްވައިފައި ވެއެވެ. މި ޙަދީސްފުޅުތަކަށް ބައްލަވައި ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ހުކުރުވިލޭރޭ ފަތިސް ނަމާދުގައި މި ދެ ސޫރަތް ކިޔެވުން ސުންނަތްވެގެން ވެއެވެ.
ފުރަތަމަ ރަކްޢަތުގައި އައްސަޖްދާ ސޫރަތް ކިޔަވަން އެންގެވީ މި ސޫރަތުގައި ސަޖިދަ ވަޅެއް އޮންނާތީ ނޫން ކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. އެހެނަސް އެއީ މި ދެ ސޫރަތުގައި ހިމެނޭ ޙިކްމަތްތެރި ބަސްފުޅުތަކާ ހެދިއެވެ. މި ސޫރަތުގައި އާދަމުގެފާނު މަށިން ހެއްދެވި ވާހަކަ އައިސްފައި ވެއެވެ. އެއަށްފަހު އާދަމުގެފާނުގެ ނަސްލު ހައްދަވާގޮތުގެ ވާހަކަ ބަޔާން ކުރައްވައިފައި ވެއެވެ. ﷲ ވަޙީ ކުރެއްވިއެވެ. ((ثُمَّ جَعَلَ نَسْلَهُ مِنْ سُلالَةٍ مِنْ مَاءٍ مَهِينٍ * ثُمَّ سَوَّاهُ وَنَفَخَ فِيهِ مِنْ رُوحِهِ وَجَعَلَ لَكُمُ السَّمْعَ وَالأَبْصَارَ وَالأَفْئِدَةَ قَلِيلًا مَا تَشْكُرُونَ -މާނައަކީ: ދެން އެކަލާނގެ އެ އިންސާނާގެ ދަރިފަސްކޮޅު ދެރަވެގެންވާ ފެނެއްގެ خلاصة އަކުން ހެއްދެވިއެވެ. (8) ދެން އޭނާޔަށް ފުރިހަމަ ސިފަ ދެއްވައި، އެކަލާނގެ روح ފުޅުން އޭނާޔަށް ފުމެލެއްވިއެވެ. (އެބަހީ: ފުރާނަ އެޅުއްވިއެވެ.) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ހިތްތައް ލެއްވިއެވެ. ތިޔަބައިމީހުން شكر ކުރަނީ ވަރަށްވެސް މަދުންނެވެ.)) އެއަށް ފަހު އިންސާނާގެ ނިމުމާ އޭނާ ދުނިޔޭގައި ކުޅަ ޢަމަލުތަކަށް ޖަޒާ ދެއްވާނެ ވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އެހެންކަމުން މިއީ އިންސާނާ އެކަމާމެދު ވިސްނައި އޭނާގެ ނަފްސު ނަޖާކުރުމަށް ޓަކައި މަސައްކަތް ކުރުމަށް ދެވިފައިވާ ނަސޭހަތުގެ އިލާހީ ބަސްފުޅުތައް ހިމެނޭ ސޫރަތެކެވެ.
ދެވަނަ ސޫރަތަކީ އަލްއިންސާނު ސޫރަތެވެ. މި ސޫރަތަށް އައްދަހްރު ސޫރަތުގެ ނަން ވެސް ދެވިފައި ވެއެވެ. މި ސޫރަތް ފެށެނީ އިންސާނާ ހެއްދެވުމާ ބެހޭގޮތުންނެވެ. އޭނާ ހެއްދެވުމުގެ ކުރީގެ ވާހަކަތަކުންނެވެ. އަލްއިންސާނު ސޫރަތް ފަށްޓަވަމުން ވަޙީ ކުރެއްވިއެވެ. ((هَلْ أَتَىٰ عَلَى ٱلْإِنسَٰنِ حِينٌ مِّنَ ٱلدَّهْرِ لَمْ يَكُن شَيْـًٔا مَّذْكُورًا- ނަންގަނެވިގެންވާ އެއްޗެއްކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ.)) މި އާޔަތުގައި މާތްﷲ އިންސާނާއަށް މި އިންޒާރު ކުރައްވަނީ މި ބިންމަތީގައި ބޮޑާވެ ނުގަތުމަށެވެ. އޭނާ ވުޖޫދުގައި ވެލިކޮޅެއްގެ ގޮތުގައި ވެސް ނުވާ ދުވަސްތަކެއް ވާކަން އެންގެވިއެވެ. މާތް ﷲ އިންސާނާ ހައްދަވަން އިރާދަކުރެއްވީ އެ ގޮތަށް ދުނިޔެ އެތައް އަހަރުތަކެއް ވަންދެން އޮތުމަށް ފަހުގައެވެ. އެއަށްފަހު އިންސާނާ (އާދަމުގެފާނު) ވެލިކޮޅަކުން ހެއްދެވީއެވެ. އިންސާނާ ފަހެ ހަނދުމަކުރާ ހުށިކަމެވެ. އަލްއިންސާނު ސޫރަތުގައި ﷲއަށް ކާފިރުވާ އިންސާނުންނަށް ހުރި ވޭނާއި ޢަޒާބުގެ ވާހަކަ ބަޔާން ކުރެއްވިއެވެ. އޭނާއަށް ޢަޒާބު ދެއްވުމަށް ޓަކައި ގަދަފަދަ ހިލހިލާތަކުން ކަސްތޮޅު އެޅުވޭނެތެވެ. އެއަށްފަހު ގަދައަށް އަނދަމުންދާ ނަރަކައަށް އޭނާ އެއްލައިލެވޭނެތެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. ((ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافر ންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ.))
މި ސޫރަތުގެ ބޮޑު ބައިގައި އޮތީ މުއުމިނުންގެ ވާހަކަތަކެވެ. އެމީހުންނަށް ހުރި މަތިވެރި ނިޢުމަތްތަކުގެ ވާހަކައެވެ. މާތް ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَيُطَافُ عَلَيْهِم بِـَٔانِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا۠ ﴿١٥﴾ قَوَارِيرَا۟ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا ﴿١٦﴾ وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا ﴿١٧﴾ عَيْنًا فِيهَا تُسَمَّىٰ سَلْسَبِيلًا ﴿١٨﴾ ۞ وَيَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا ﴿١٩﴾ وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا ﴿٢٠﴾ عَٰلِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ ۖ وَحُلُّوٓا۟ أَسَاوِرَ مِن فِضَّةٍ وَسَقَىٰهُمْ رَبُّهُمْ شَرَابًا طَهُورًا ﴿٢١﴾ إِنَّ هَٰذَا كَانَ لَكُمْ جَزَآءً وَكَانَ سَعْيُكُم مَّشْكُورًا ﴿٢٢﴾- އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެއެވެ. (15) ރިހީގެ ބިއްލޫރި ތަކެކެވެ. އެއުރެން عدد ކޮށް، އެ ތަކެތި މިންވަރު ކުރާނެތެވެ. (އެބަހީ: އެ ތަށިތަކުގެ ބޮޑުކުޑަމިނާއި އެ ތަށިތަށްޓަށް އަޅާފައިވާ ތަކެތި، އެއުރެން ބޭނުންގޮތަކަށް ކަނޑައަޅާނެތެވެ.) (16) އަދި އެތާނގައި އެއުރެންނަށް ރާތަށްޓެއް ބުއިމަށް ދެއްވާނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗެއްކަމުގައި ވަނީ، زنجبيل އެވެ. (17) (އެއީ) އެތާނގައިވާ سلسبيل އޭ ނަމަކަށް ކިޔޭ އާރެކެވެ. (18) އަދި ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. ތިބާޔަށް އެކުދިން ފެނިއްޖެނަމަ، އެކުދިންނީ، އެތަންމިތަނަށް ވިހުރުވައިލާފައިވާ ރަން މުތްތަކެއްހެން ތިބާޔަށް ހީވާނެތެވެ. (19) އަދި ތިބާޔަށް އެތަން ފެނިއްޖެނަމަ (ސިފަނުކުރެވޭފަދަ) نعمة އާއި، ބޮޑުވެގެންވާ ވެރިކަމެއް ތިބާޔަށް އެތަނުން ފެންނާނެތެވެ. (20) ފެހިކުލައިގެ سندس ފޭރާމާއި، إستبرق ފޭރާމުން އެއުރެންގައި ފޭރާން ލައްވާނެތެވެ. އަދި ރިހި އުޅާތަކުން އެއުރެން ގަހަނާ އަޅުއްވާނެތެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް ސާފު طاهر ބުއިމެއް ބޯންދެއްވާނެތެވެ. (21) (އަދި އެއުރެންނަށް އަންގަވާނެތެވެ.) ހަމަކަށަވަރުން، މިކަންތައްވަނީ، ތިޔަބައިމީހުންނަށް (ހެޔޮ) ޖަޒާއެއް ކަމުގައެވެ. އަދި ތިޔަބައިމީހުންކުޅަ މަސައްކަތަކީ، شكر ލިބެނިވި ކަމެއްކަމުގައި ވެއެވެ. (22)))
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. ((ހުކުރު ޚުޠުބާތަކުގައްޔާއި ޢީދު ޚުޠުބާތަކުގައި މުއުމިނުންނަށް ޚާއްޞަވެގެން ނުވާ ކަންތައްތައް އެކަނި ހަނދާންކޮށްދީފައި ޚުޠުބާ ނިންމައިލައިގެން ނުވާނެއެވެ. ރަސޫލުބޭކަލުން ޚަބަރު ދެއްވި ގޮތަށް އާޚިރަތްދުވަހުގެ މަތިން ހަނދާންކޮށްދޭން ވާނެއެވެ. ކީރިތި ރަސޫލާ ﷺ ދެއްވި ޚުޠުބާތަކުގައި ق ސޫރަތް ވިދާޅުވަނީ މިހެންވެގެންނެވެ. ހުކުރު ދުވަހު އައްސަޖްދާ ސޫރަތާއި އަލްއިންސާނު ސޫރަތް ވިދާޅުވަނީ މިހެންވެގެންނެވެ. މި ދެ ސޫރަތުގައި ޚަލްޤުކުރެއްވުމާ އަލުން ދިރުއްވާ ވާހަކަ ވެއެވެ. އާދަމުގެފާނު ޚަލްޤު ކުރެއްވި ވާހަކައާއި ޤިޔާމަތުގެ ވާހަކަ އައިސްފައި ވެއެވެ.
ހުކުރު ދުވަހާ ބެހޭގޮތުން ވާރިދުވެފައިވާ ބަސްފުޅުތަކަށް ބަލާއިރު އާދަމުގެފާނު ހެއްދެވީ ހުކުރު ދުވަހެއްގައެވެ. އެކަލޭގެފާނު މި ބިމަށް ފޮނުއްވީ ވެސް ހަމަ ހުކުރު ދުވަހެއްގައެވެ. ޤިޔާމަތް ވާނީ ހުކުރުދުވަހެއްގައެވެ. އެހެންކަމުން ހުކުރުދުވަހާ މި ދެ ސޫރަތުގައި އައިސްފައިވާ ވާހަކަތަކާ ވަރަށް ގުޅުން ބޮޑެވެ.




advertisment
One Response
ސުރުޚީގައި "އައްސަޖްދާ" އޮތްއިރު ޖަވިޔަނީގައި ސުކުން ކޮށްފައި އެވަނީ ރަނގަޅަށްތޯ؟ ޖަވިޔަނީގައި އޮންނަންޖެހޭނީ އިބިފިއްޔެއް ނޫންތޯ؟