Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: ރާއްޖޭގެ ބީރްބަލް ވަޒީރު

ދިވެހި ރާއްޖޭގެ ދިފާއީ ވަޒީރަކަށް މިހުންނެވި މާރިޔާ ދީދީ އަކީ ބީރްބަލް ވަޒީރެއްތާއެވެ. ދައްކަވަނީ ބީރްބަލް ވަޒީރު ދައްކަވާ ކަހަލަ މޮޅެތި ވާހަކަ ވިއްޔާއެވެ! ނަސްރުގެ ދުވަހާ ގުޅިގެން ނޮވެމްބަރ 3 ވަނަ ދުވަހު ހެނދުނު އޮތް ޓީވީ ޕްރޮގްރާމެއްގައި ދިފާއީ ވަޒީރު ވިދާޅުވީ 3 ނޮވެމްބަރ 1988 ގައި ސްރީލަންކާގެ ތަމަޅަ ބާގީން ކުއްލި ގޮތަކަށް ރާއްޖެ އަރައި ރާއްޖެ ހިފަން އުޅުނު ގޮތަށް މިހާރު އެއްވެސް ބަޔަކަށް ދެން ރާއްޖެއަށް "ސިހުމެއް ލިބޭނެ ގޮތަށް" ރާއްޖެއަކަށް ނޭރޭނެ ކަމަށެވެ. މިއަހަރު މޭ މަހުގެ 6 ވަނަ ދުވަހު ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖުލީހުގެ ރައީސް އަށް ބޮމުގެ ހަމަލާއެއް ދިން އިރު މާރިޔާއަކަށް ސިހުމެއް ލިބިވަޑައެއް ނުގަންނަވައެވެ. އެއީ "ސިހުން" ލިބިވަޑައިގަންނަވާ ވަރުގެ ކަމެއް ނޫނެވެ. ރާގޮނޑި ހިފާހެން 100 ކިލޯ އިން 300 ކިލޯއިން ޑްރަގް ހިފަހައްޓާއިރުވެސް ދިފާއީ ވަޒީރު ސިހިވަޑައެއް ނުގަންނަވައެވެ. ބީރްބަލް ވަޒީރަކީ ވަރަށް ކޫލް ބޭފުޅެކެވެ.

ޤައުމުގެ އިގްތިސޯދީ ސަރަަހައްދަށް ސްރީލަންކާގެ ފީވެފައި އޮތް މަސްބޯޓެއް ވަނަސް މާރިޔާގެ ޑިފެންސް ލަޝްކަރަށް އެކަން އެނގެނީ ކޮންމެވެސް ދިވެހި މަސް ދޯންޏަކުން ރިޕޯޓް ކުރުމުންނެވެ. އެހެންވީމަ ސިހިވަޑައެއް ނުގަންނަވާނެތާއެވެ. ތަމަޅަ ޓައިގަރުންނޭ ވިދާޅުވިއިރު އެއީ ހަޤީޤީ ސިފައިންނެއްވެސް ނޫނެވެ. މުންޑު އަރުވާ ޖަހައިފައި ތިބި ފަންސާހަކަށް ތަމަޅަ ކުލީ ސިފައިންނެވެ. ލަޝްކަރަކަށްވާ ކަހަލަ ލަޝްކަރެއް އަރައިފިއްޔާ މިޤައުމުގެ ހާލު 1988 އަށްވުރެވެސް މިހާރު ދެރަވާނެއެވެ. ޤައުމުގެ ރައީސަކަށް 1988 ގައި ހުންނެވީ ޚުދްމުހްތާރަކަސް ސިޔާސީ ގޮތުން ދުނިޔެއަށް ލޯހުޅުވިފައި ހުންނެވި ލީޑަރެކެވެ. މިހާރު މިޤައުމުގެ ރައީސަކަށް ހުންނެވި ކަހަލަ ރައީސެއް ނޫނެވެ. އެއްދުވަހު ދައްޕަރު އަތުލައިފައި ރައްޔިތުން ހަޅޭއްފަޅޭއް ލަވައިގަތީމާ އަނެއްދުވަހު ދައްޕަރު އަނބުރާ ދޭކަހަލަ "ދީފައަތުލާ ފީފާބުރިއެއް" ނޫނެވެ. އެއްދުވަހު އިމްރާން އަތުން ފުލުހުންގެ ބާރުތައް ނަގައިފައި، އިމްރާން އިސްތިއުފާގެ ބިރު ދައްކާލާއިރަށް ބިރުން، އަމޭ ކިޔައިފައި، އަނެއްކާ ފުލުހުންގެ ބާރުތައް އިމްރާނާ ހަވާލު ކުރާ ކަހަލަ ޝަހުސިއްޔަތެއް ނެތް ރައީސެއް ނޫނެވެ.

ނޮވެމްބަރު 3، 1988ގައި ރާއްޖެ އެރި ތަމަޅަ ޓައިގަރުންނަކީ ލުތުފީ އާއި ސަގަރު ނާސިރުގެ ބަހަށް އައި ބައެއް ނޫން ކަމަށާއި އެކަމުގެ އަޑީގައި ކޮންމެވެސް އެހެން ބަޔަކު ތިބޭނެ ކަމަށް ރިޓަޔާޑް ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. ވަރަށް ގިނަ ބަޔަކު މިކަމުގައި ޝައްކުގެ އިނގިލި ދިއްކުރަނީ އިންޑިއާގެ ސިއްރު ސިފައިންނާ ދިމާއަށެވެ. އިބްރާހިމް ދީދީ އަށް އެހެން ވިދާޅުވާން ކެރިވަޑައިނުގަތަސް ނޮވެމްބަރ 3 ގެ އަޑީގައި ވަނީ އިންޑިއާގެ ސިއްރު ފުލުހުންގެ ޖަމާއަތް، "ރޯ" ކަމަށް ގިނަ ބަޔަކު ޝައްކު ކުރެއެވެ. ތިނެއް ނޮވެމްބަރުގައި ތަމަޅައިންގެ ކިބައިން ދިވެހި ރާއްޖެ ސަލާމަތް ކުރަން ކަމަށް ބުނެ ރާއްޖެ އައި އިންޑިއާ ސިފައިން ހީކުރީ ރައީސް މައުމޫނަށް އޮޅުވާލައިގެން ރާއްޖޭގައި އިންޑިއާ ސިފައިންނަށް ދާއިމަށް ތިބެވިދާނެ ކަމަށެވެ. ނަމަވެސް އޭރުގެ އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާނދީއަށް ވުރެ ރައީސް މައުމޫނު މާ ބޮޑަށްވެސް ސްމާޓެވެ. ވާނުވާ ވެސް ނާންގާ އިންޑިއާ ފައުޖުތައް ދިވެހި ރާއްޖެއިން ފޮނުވާލެއްވީއެވެ. ހިތާމައަކީ އިންޑިއާ ސިފައިން މިހާރު އެހެން އުކުޅަކުން ރާއްޖެއަށް ގަދަވެގަންނަ އިރު ރައީސް ސޯލިހުގެ ކޯލިޝަން ތެރެއިން ރައީސް މައުމޫން ޗުއްޕުވެސް ވިދާޅުނުވެ ހުންނެވުމެވެ. އެމް.ޑީ.ޕީ ހަރުގެއިން "ތިޔައީ ޒައީމޭ އަދު ޤައުމު ފަޚުރުވެރިވާ"ގެ އަޑު ގުގުމާނެ ކަމަށް ހީކުރާނީ ކޮން ދިވެއްސެއްތޯ އެވެ؟ އެކަން ވެސް ވެއްޖެއެވެ. އެހެންވީމަ ރައީސް މައުމޫންގެ "އިންޑިއާ-އައުޓް" ޓްވީޓެއް ފެނުމަކީވެސް ހަމަ ވުން ވަރަށް އެކަށީގެންވާ ކަމެކެވެ.

ދިވެހި ރާއްޖެއަކީ އިންޑިއާއިން އަބަދުވެސް އަޅުވެތިކުރަން ބޭނުން ތަނެކެވެ. ވޯރާ ވިޔަފާރިވެރިން އިން ފެށިގެން ގޮސް ހޮޅީންނާއި ތަމަޅަ ޓައިގަރުންވެސް ކުޅުނީ އެއް ގޭމެކެވެ. ރާއްޖެއަށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭށޭ ކިޔައިގެން އައިސް މިހާރު އަތްގަދަ ކުރަމުންދާ އިންޑިއާ ސިފައިންވެސް އެ ކުޅެނީ ހަމަ އެ ގޭމެވެ. ރާއްޖެ ޖަހައިގަތުމުގެ ގޭމެވެ. ރާއްޖެ އަޅުވެތި ކުރުމުގެ ގޭމެވެ. މާރިޔާމެން ބީރްބަލް ވަޒީރު ހެދިފައި މޮޅު ވާހަކަ ދައްކަދައްކާ ތިއްބާ ޤައުމު އަޅުވެތިވެ ނިމެނީ އެވެ. މިޒަމާނުގައި ޤައުމުތައް ހިފަނީ މުންޑު އަރުވާ ޖަހާފައި އަންނަ ކުލީ ސިފައިންނެއް ނޫނެވެ. އަދި ޤައުމުތަކުގެ ކޮމާންޑޯ ލަޝްކަރަކުންވެސް ނޫނެވެ. މިކަހަލަ ހަނގުރާމަތައް މިހާރު ކުރަނީ ފިކުރީ ގޮތުންނާއި އިގްތިސޯދީ ގޮތުންނެވެ. އެ ދެ ގޮތުންވެސް ރާއްޖެ މިވަނީ މިހާރު އިންޑިއާ އަށް އަޅުވެތިވެފައެވެ.

މާރިޔާމެން އެކަމަކާ ނުސިހޭނެއެވެ. މިއީ މާރިޔާމެންނާ ގުޅިގެން، މާރިޔާމެންނަށް އެނގިގެން ހިންގާ ޖަރީމާއެއް ވިއްޔާއެވެ. ސިހެންވީ ސަބަބެއް ނެތެވެ. އިންޑިއާ ސިފައިން ރާއްޖެ ހިފަން ބޭނުންނަމަ ދާދި ފަސޭހަ ކަމާއެކު އެކަން ކުރާނެ ކަމަށް ބުނީވެސް މާރިޔާ އެވެ. ޤައުމެއްގެ ދިފާއީ ވަޒީރަކަށް ހުރެ އެފަދަ ވާހަކައެއް ދެއްކުމުން ވަޒީރުކަން ނުގެއްލި ހުރި ދުނިޔޭގެ ޤައުމެއްގެ ހަމައެކަނި ދިފާއީ ވަޒީރަކީ ވެސް މާރިޔާއެވެ. މަޖިލިސް މެމްބަރުކަން ކުރެއްވި އިރު ގާނޫނު އަސާސީ ފައިދަށުލައިގެން، އޭގެ މައްޗަށް ކޮޅަށް އަރައި ހުންނެވި ބޭފުޅަކަށް ޤައުމުގެ ދިފާއީ ވަޒީރުކަން ހަވާލުކުރާނީ ކާކުތޯއެވެ؟ ދިފާއީ ވަޒީރަކަށް މާރިޔާ ކަހަލަ ބީރްބަލް ވަޒީރަކު ލުމެކޭ އެމް.އެމް.އޭގެ ތިޖޫރީ ބެލެހެއްޓުން ރާމާމަކުނަކާ ހަވާލު ކުރުމެކޭ މާބޮޑު ތަފާތެއް ނެތެވެ. އެކަމަކު ވެސް ހިކްމަތްތެރި ރައީސް އަށް މުހިއްމު ވަނީ ރައީސްގެ ސިޔާސީ ފްރެންޑުންނެވެ. ޤައުމެއް ނޫނެވެ. މިނިސްޓަރު އަލީ ވަހީދުގެ ކަންތައް ދިޔަ ގޮތާއި، މިނިސްޓަރ މަހްލޫފްގެ ކަންތައް ދިޔަ ގޮތާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއެކު ހެދުނު ޑީލް އާއި، މާރިޔާގެ ނާޤާބިލް ކަމަށް ފިޔަވަޅެއް އަޅުއްވަން ރައީސް ސޯލިހަށް ކެރިވަޑައިނުގަތުމަކީ މީގެ ކުޑަކުޑަ މިސާލެކެވެ.

ޑުބާއީ އިން، ސްކޮޓްލޭންޑުން، ލަންޑަނުން ރައީސް ސޯލިހު ބުރު ތަޅުއްވަނީއެވެ. ބޮޑު ރަސްމީ ވަފްދަކާ އެކުގައެވެ. ފަހަތުން ރައީސް ނަޝީދުވެސް ސްކޮޓްލޭންޑަށް ވަޑައިގަތެވެ. ދެ ރަހްމަތްތެރީންގެ ސިޔާސީ ދެކޮޅުވެރިކަން ނިމުމަކަށް އަތުވެއްޖެހެން ވަރަށް ހީވެއެވެ. އިންޑިއާ އަށް ދިވެހި ރާއްޖެ އަޅުވެތި ކުރެވެން އޮތީ މި ދެ ރަހްމަތްތެރިން އެއްގަލަކަށް އަރުވައިގެންނެވެ. އިންޑިއާއިން އެކަން ކުރާނެއެވެ. ޝާހިދަށް އ.ދގެ މަޤާމް ހޯދައިދިން ގޮތަށް ނަޝީދަށް ބޮޑު ވަޒީރުކަން، އަދި ރައީސް ސޯލިހަށް ރައީސްކަން އިންޑިއާ އިން ހޯދައިދޭނެއެވެ. މި ދެ ރަހްމަތްތެރިންގެ މުށުތެރޭގައި، އެމް.ޑީ.ޕީގެ ބާރުގެ ދަށުގައި، މިޤައުމު ކުރިއަށް އޮތް ވިއްސަކަށް އަހަރު ބާއްވައިގެން މި ޤައުމު އިންޑިއާގެ ބަޔަކަށް ހެދުމަކީ އިންޑިއާގެ ބޮޑު ހުވަފެނެވެ. ސޯލިހާއި ނަޝީދާއި ޝާހިދާއި މާރިޔާ އާއި އަމީރާއި ފައްޔާޒު އާއި ޝަމާލް ތިއްބެވީ މިކަން މިމަގުން ކުރިއަށް ގެންދަން ފޫގަޅުއްވައިގެންނެވެ. ޤައުމަށް ކޮންމެ ހާލެއް ޖެހުނަސް މާރިޔާމެން ނުސިހޭނެއެވެ. ސިހޭނީ އެމް.ޑީ.ޕީގެ އަވާގައި ޖެހިގެން ޤައުމު އިންޑިއާ އަށް ދީގެން ނިދައިފައި ތިބި ދިވެހީންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1121

One Response

  1. މާރިއޯ އަކީ ބޮޑު ޣައްދާރެއް. ބޮޑު ޚާއިނެއް. ބޮޑު މުނާފިގެއް. ބުރުގާނާޅާ މާރިއޯ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *