Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 17

ސަތާރަ ވަނަ ސިފަ: ޝުކުރުވެރިވުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއްސިފައަކީ ޝުކުރުވެރިވުމުގެ ސިފައެވެ. އެއާއި ނުލައި އެމީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭހުށްޓެވެ.

شكر ވެރިވުމަކީ ކޮބާ ހެއްޔެވެ؟                                            

އެއީ إحسان ތެރިކަމުގެ ބަދަލުގައި ދެވޭ ޖަޒާ އާއި ރަގަޅަށް ކަންތައް ކުރުމުގެ ބަދަލުގައި ކިޔެވޭ ރީތި ސަނާއެވެ.

ސިޔާސީ ލީޑަރަކު ވާހަކައެއް ދައްކަވާނަމަ އަބަދުވެސް ފާހަގަކުރާނީ ނުވަތަ ދައްކާނީ މީހުންގެ ރަނގަޅު ވާހަކައެވެ. އަދި އެކަމަށް ހައްގު ސަނާ ކިޔުމަށްފަހު ދެން އެމީހެއްގެ ކިބައިގައި އިސްލާހުކުރަން ޖެހޭ ކަމެއް އޮތްކަމަށް ދެކޭނަމަ އެ ވާހައެއް ނުސީދާ ބަހަކުން ނުވަތަ ނުސީދާ އިޝާރަތަކުން ބުނެލާނީއެވެ.

ނަބީބޭކަލުންގެ ޝުކުރުވެރިވުން

މާތް ﷲ، ނަބީބޭކަލުން ފޮނުއްވެވީ އެ އިލާހުގެ ރިސާލަތު މީސްތަކުންނަށް އިއްވެވުމަށެވެ. އެ ރިސާލަތުގައި ޝުކުރުވެރިވުމުގެ ސިފަ ލެއްވިފައި ވެއެވެ. އެކަން ނަބީ ބޭކަލުންގެ ސީރަތަށް ބަލައިލުމުން ފާހަނވެއެވެ. އާދެ! ޝުކުރުވެރިވުމުގެ ސިފައަކީ نبي ބޭކަލުންގެ ހަށިކޮޅުގައި ލާޒިމްވެފައިވާ ސިފަފުޅެކެވެ. މާތް الله وحى ކުރެއްވިއެވެ إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ شَاكِرًا لِّأَنْعُمِهِ ۚ اجْتَبَاهُ وَهَدَاهُ إِلَىٰ صِرَاطٍ مُّسْتَقِيمٍ މާނައީ:- ހަމަކަށަވަރުން، إبراهيمގެފާނީ، اللَّهއަށް ކިޔަމަންތެރިވެވަޑައިގެން، باطلމަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ أمّةއެއް ކަމުގައިވިއެވެ. އަދި شريكކުރާ މީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ. نعمةތަކަށް، شكرކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ. އެކަލާނގެ، އެކަލޭގެފާނު خيارކުރެއްވިއެވެ. އަދި ސީދާވެގެންވާ މަގަށް، އެކަލޭގެފާނަށް މަގު ދެއްކެވިއެވެ. سورة النحل: 121.) މާތް الله وحى ކުރެއްވިއެވެ. ذُرِّيَّةَ مَنْ حَمَلْنَا مَعَ نُوحٍ ۚ إِنَّهُ كَانَ عَبْدًا شَكُورًا. މާނައީ: ތިމަންރަސްކަލާނގެ نوحގެފާނާ އެކުގައި އުފުއްލެވި ދަރިފަސްކޮޅުގެ މީހުންނޭވެ! ހަމަކަށަވަރުން، شكرވެރިވާ އަޅަކު ކަމުގައި އެކަލޭގެފާނުވިއެވެ. (سورة الإسراء: 03.) މާތް الله وحى ކުރެއްވިއެވެ. قَالَ هَٰذَا مِن فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَن كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ މާނައީ:- އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ فضلވަންތަ ކަމުންނެވެ. (އެއީ) އަހުރެން نعمةއަށް شكرކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ امتحانކު ރެއްވުމަށްޓަކައެވެ. شكرކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ شكرކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ نفسއަށެވެ. އަދި (نعمةއަށް) ދެކޮޅުހަދާމީހާ (ދަންނާށެވެ!) ފަހެ، ހަމަ ކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ. (سورة النمل: 40.)

އަހަރުމެންގެ މާތް ނަބިއްޔާ ރަސޫލާ ﷺ އަކީ الله އަށް އެންމެ ބޮޑަށް ޝުކުރު އަދާކުރެއްވި ސާހިބާއެވެ. އެކަލޭގެފާނު އަހަރުމެންނަށް ދަސްކޮށްދެއްވާފައިވަނީ ގިނަގިނައިން اللهއަށް شكر ވެރި ވުމަށެވެ. އެގޮތުން ދަސްކޮށްދެއްވި އެއް دعاء އަކީ ކޮންމެ ނަމާދެއްގެ ފަހަތުގައި «اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ». ކިޔުމަށެވެ. މާނައީ:-އޭ الله، އިބައިލާހަށް ރަނގަޅަށް އަޅުކަންކުރުމަށާއި ޝުކުރުވެރި ވުމަށާއި ޒިކުރު ކުޅައުމަށް މިއަޅާއަށް ވާގިވެރިކަން ދެއްވާނދޭވެ!

މާތް الله ރުއްސުންލެއްވި عائشة ގެފާނު ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ ރޭގަނޑު ދަންވަރު ތެދުވެ ވަޑައިގަންނަވައެވެ. އަދި الله އަށް ނަމާދު ކުރައްވަމުން ގެންދަވައެވެ. އަދި ނަމާދު ކުރައްވާ މިންވަރު ދިގުކަމުން އެކަލޭގެފާނުގެ ފައިންޕުޅު އައްސިވެގެންދެއެވެ. އެކަމަނާ އެކަލޭގެފާނު އަރިހުގައި ދެންނެވިއެވެ. އޭ اللهގެ رسولއެވެ. ކަލޭގެފާނު ތިޔަހާ ބުރަކޮށް އަޅުކަން ކުރައްވަނީ ކީއްވެގެން ހެއްޔެވެ؟ ހަމަކަށަވަރުން ކަލޭގެފާނަކީ އެންމެހާ ފާފަތަށް ފުއްސެވިފައިވާ ބޭކަލެކެވެ. އެހިނދު حديث ކުރެއްވިއެވެ. އެހެންވިއްޔާ އަހުރެން شكر ވެރިވާ އަޅަކު ކަމުގައި ވާކަށެއް ނުވޭ ހެއްޔެވެ؟

ޝުކުރުވެރިވުމުގެ ވައްތަރުތައް

  • الله އަށް شكر ވެރިވުން

مسلم އަކުނަމަ الله އޭނާއަށް ދެއްވާފައިވާ نعمةތައް ހަނދާންކޮށް އެކަމަށް شكر އަދާ ކުރާނެއެވެ. އަދި އެ نعمة ތަކަށް ފުރަގަސް ނުދޭނެއެވެ. މާތް الله وحى ކުރެއްވިއެވެ. فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ މާނައީ:- ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން شكرކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން كافر ނުވާށެވެ! (سورة البقرة: 152.) މާތް الله وحى ކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَމާނައީ:- އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّهއަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ. (سورة البقرة: 172.) މާތް الله وحى ކުރެއްވިއެވެ. وَآتَاكُمْ مِنْ كُلِّ مَا سَأَلْتُمُوهُ ۚ وَإِنْ تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ۗ إِنَّ الْإِنْسَانَ لَظَلُومٌ كَفَّارٌ. މާނައީ:- އަދި އެކަލާނގެ حضرةއަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. اللَّهގެ نعمةތައް ތިޔަބައިމީހުންގުނާނަމަ، ތިޔަބައިމީހުންނަކަށް އެ نعمةތައް عددއެއް ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، شكرކުރުން ނެތްމީހެކެވެ. (سورة إبراهيم: 34.)

الله ގެ نعمة ތަކަށް  شكر ވެރިވުމަށް ޓަކައި ކުރަންޖެހޭނީ ކޮންކަމެއްތަ؟

ހ- الله އަށް شكر ވެރިވުން ހާސިލުވާނީ އަޅާ އެ نعمة ތަކަށް إعتراف ވެ އެ نعمة ތަކުގެ ވާހަކަ އެހެން މީހުން ކައިރީ ދެއްކުމުންނެވެ. މާތް الله وحى ކުރެއްވިއެވެ. وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ މާނައީ:- އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمةގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ! (سورة الضحى: 11.)

عمر بن عبد العزيز ވިދާޅުވިއެވެ. نعمة ގެ ވާހަކަ ދައްކާށެވެ. އެހެނީ އެވާހަކަ ދެއްކުމަކީ އެކަމަށް شكر ވެރިވުމެވެ.

ކީރިތި ރަސޫލާ ﷺ އަހަރުމެންނަށް ދަސްކޮށްދެއްވާފައިވަނީ ރަގަޅުކަމެއް މެދުވެރި ވެއްޖެނަމަ ނުވަތަ ބަލިއަކުން ނުވަތަ މުސީބާތަކުން ސަލާމަތްކަން ލިބިއްޖެނަމަ الله އަށް شكرގެ ސަޖިދަ ކުރުމަށެވެ.

ށ- އަދި އެ نعمةތަށް اللهގެ މަގުގައި ބޭނުންކުރުމެވެ.

  • މައިންބަފައިންނަށް شكر ވެރިވުން

الله سبحانه وتعالى އަމުރު ކުރައްވާފައިވަނީ މައިންބަފައިންނަށް شكر ވެރިވުމަށެވެ. އަދި އެދެމީހުންނަށް އިހްސާންތެރިވުމަށެވެ. މާތް الله وحى ކުރެއްވިއެވެ. أَنِاشْكُرْلِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ. މާނައީ:- ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް شكرކުރާށެވެ! އެނބުރި رجوعވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ حضرةއަށެވެ. (سورة لقمان: 14.)

  • މީސްތަކުންނަށް شكر ވެރިވުން

ހެޔޮ ކަންތައްތަކުގެ އަގު ވަޒަންކުރުމަށް إسلام دين ވަނީ އިރުޝާދު ދެއްވާފައެވެ. އެގޮތުން ހެޔޮ جزاء އިން ބަދަލު ދިނުމާއި ޝުކުރުވެރިވުން ހިމެނެއެވެ. ކީރިތި ރަސޫލާ ﷺ حديثކުރެއްވިއެވެ. «لَا يَشْكُرُ اللهَ مَنْ لَا يَشْكُرُ النَّاسَ». މާނައީ:- މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ اللهއަށް ޝުކުރުވެރިނުވެއެވެ.

ކީރިތި ރަސޫލާ ﷺ އަހަރުމެންނަށް ދަސްކޮށްދެއްވާފައިވަނީ ރަނގަޅު ކަމެއްކޮށްފި މީހަކަށް جزاك الله خيرا ކިޔުމަށެވެ. އެކަލޭގެފާނު حديث ކުރެއްވިއެވެ. عَنْ أُسَامَةَ بْنِ زَيْدٍ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ صُنِعَ إَلَيْهِ مَعْرُوفٌ فَقَالَ لِفَاعِلِهِ: جَزَاكَ اللَّهُ خَيْراً، فَقَدْ أَبْلَغَ فِي الثَّنَاءِ». މާތް الله އެދެބަފައިކަލުންނަށް ރުއްސުންލެއްވި أُسامَةَ بْنِ زيْد ގެ ކިބައިން ރިވާވެގެންވެއެވެ. ފަހެ ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. އެމީހަކަށް ހެޔޮކަމެއް ލިބިއްޖެމީހާ ފަހެ އެކަން ކުރި މީހަކަށް جزَاك اللَّه خَيْراً ގެ ކަލިމަ ކިޔައިފިނަމަ ފަހެ ހަމަކަށަވަރުން އޭނާ ثناءِ ކިޔުމުގައި މާތް ދަރަޖައަކަށް ވާސިލްވެއްޖެއެވެ.

مسلم ން މީސްތަކުންނަށް ޝުކުރުވެރިވެ އަދި الله އަށް حمد ކޮށް އުޅެންފަށައިފިނަމަ އެކަމުގެ ނަތީޖާ އަކީ ދުނިޔަވީ نعمة ތަށް އިތުރުވެގެން ދިޔުމެވެ. އަދި އުޚުރަވީ ކާމިޔާބު ލިބިގެން ދިޔުމެވެ. މާތްالله وحى ކުރެއްވިއެވެ. لَئِن شَكَرْتُمْ لَأَزِيدَنَّكُمْ މާނައީ:- ތިޔަބައިމީހުން شكرކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. (سورة إبراهيم: 07.)

ޚުލާޞާއަކީ: ޝުކުރުވެރި ވުމުގެ ސިފަ އިޚުތިޔާރު ކުރުމަކީ ކާމިޔާބު ހާސިލުކުރެވޭ މަގެކެވެ. އެހެންކަމުން ތިމާގެ ލީޑަރުޝިޕު ކާމިޔާބު ކުރުމަށް ޓަކައި ދައްކާ ހުރިހާ ވަހައެއްގައި އެންމެ ފުރަތަމަ ޝުކުރު އަދާކުރުން އިސްކުރާށެވެ. އެންމެ ކުޑަ ވެގެން މީހަކު ތިމާގެ ކާރިން ސުވާލެއް ކޮށްފިނަމަ ވެސް އޭނާއަށް ޝުކުރު ވެރިވާށެވެ. އެއަށް ފަހު ޖަވާބު ދޭށެވެ. އަދި މީހަކު މުހުތާދަކަށް އެދުނަސް އެމީހަކަށް ޝުކުރު އަދާކުރާށެވެ. އެއީ އެފަދަ ޤާބިލުކަމެއް ތިމާގެ ކިބައިގައި ހުރިކަމަށް އޭނާ ދުށީތީއެވެ. ދެން އެއަށް ފަހު އެމީހަކަށް ރީތި ބަހުން ޖަވާބު ދޭށެވެ. އަދި ދަންނާށެވެ. ޝުކުރުގެ އެންމެ ހައްގު ވެރިފަރާތަކީ މާތް ﷲއެވެ. ކޮންމެ ކަމެއްގައި ވެސް ﷲ އަށް ޝުކުރު އަދާކުރުން އިސްކުރުން ހުއްޓެވެ.