Support Us

ނޮވެމްބަރު 3 ގެ ހާދިސާ: 1

"މާލެއަށް ބަޔަކު މީހުން އަރައި ސިފައިންގެ ވަށައިގެން ހަމަލާ ދޭތަން ދެ ރޭ ހުވަފެނުން ފެނުނު"

އެޑިޓަރުގެ ނޯޓު:

ތިރީގައި މި ގެނެސްދެނީ، ދިވެހިންގެ ބަޔަކާ ގުޅިގެން 3 ނޮވެމްބަރ 1988ގައި ލަންކާ ޓެރަރިސްޓުންތަކެއް ރާއްޖެއަށް ދިން އުދުވާނީ ހަމަލަ ތަޖުރިބާކުރެއްވި ބޭފުޅުންގެ ތެރެއިން، އޭރު ސިފައިންގޭގައި އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އޭރުގެ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލްގެ ތަޖުރިބާއެވެ. ސްކޫލް ނިންމެވުމަށްފަހު އެން.އެސް.އެސްގެ ވަޒީފާއަށް ޖަލީލް ވެންނެވީ 1980ގައެވެ. ހާދިސާ ހިނގިއިރު ޖަލީލް ހުންނެވީ އެން.އެސް.އެސްގެ ޓާސްކް ފޯސްގެ އޮފިސަރ އިންޗާޖްގެ އެހީތެރިޔާގެ މަގާމުގައެވެ.

ސިފައިންގޭގެ ތަފާތު ރޭންކުތަކުގައި 32 އަހަރު އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު ފެބްރުއަރީ 2012ގައި ރިޓަޔަރ ކުރެއްވިއިރު ޖަލީލް ހުންނެވީ މޭޖަރ ޖެނެރަލްގެ ރޭންކުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ. އަދި އޭގެ ފަހުން 2015 ވަނަ އަހަރު މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަގާމު ވެސް ޖަލީލް ވަނީ އަދާކުރައްވައިފައެވެ.

ތިރީގައި މި ވަނީ ނޮވެމްބަރު 3 ގެ ހާދިސާއާ ގުޅޭ ގޮތުން މޭޖަރ ޖެނެރަލް (ރޓޑ) މޫސާ އަލީ ޖަލީލް "އަދިވެސް" އަށް ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

ފުރަތަމަ ބައި

ސްރީލަންކާގެ ޕީޕަލްސް ލިބަރޭޝަންސް އޮފް ޓެމިލް އީލާމް (PLOTE) ގެ 80 ވަރަކަށް ހަނގުރާމަމަތީ ހަތިޔާރު އެޅި ދުޝްމަނުންނާއި ދިވެހީންގެ ދެމީހުން ކަމަށްވާ ޢަބްދުﷲ ލުތުފީ (ހ.ހާޖަރާގެ) އާއި އަޙްމަދު ނާޞިރު (ސަގަރު ނާސިރު/ ސ.ހިތަދޫ) އާ ގުޅިގެން ދިވެހި ރާއްޖޭގައި ޤާނޫނީ ގޮތުން ހޮވިފައިވާ ސަރުކާރު ބަދަލުކޮށް ޢަބްދުﷲ ލުތުފީ އަށް ވެރިކަން އަނބުރާލުމަށް ބޭނުންވާ ހަތިޔާރާއި މީހުން ގޮވައިގެން ސްރީލަންކާގެ މުއްލިކުޅަމުން ފުރީ 29 އޮކްޓޯބަރ 1988 ގައެވެ. ދަތުރުކުރަމުން އައީ T52 އާއި SW37 (ސައުތު ވެސްޓް 37) ގައެވެ. 152 ގައި ޢަބްދުﷲ ލުތުފީ އާއި ވަސަންތީ އާއެކު 43 މީހުން އައެވެ. އަދި SW37 ގައި އަޙްމަދު ނާޞިރު އާއެކު 38 މީހުން އައެވެ. T52 މާލެ އައީ ފަތިހު ހަތަރެއްޖަހާ އެހާކަން ހާއިރުއެވެ. މައި ކަނޑިންމައިން ވަދެގެން އައިސް ބޮޑުފާލަމާދިމާ ކުރިމައްޗަށެވެ.

މާލެއަށް ބަޔަކު މީހުން އަރައި ސިފައިންގެ ވަށައިގެން ހަމަލާ ދޭތަން ދެ ރޭ ހުވަފެނުން ފެނުން

ނޮވެމްބަރ 3، 1988 ރޭ އަޅުގަނޑު އުޅުނީ ސިފައިން ގޭގައި. ސިފައިންގޭގައި އެރޭ ނިދައިފައި އޮއްވާ ގާތްގަނޑަކަށް 04:10 އެހާކަންހާއިރު ހޭލެވުނީ ބަޑީގެ އަޑުފަށްގަނޑަށް. މިފަދަ ގޮތަކަށް އޭގެ ހަ މަސް ކުރިންނާއި ދެމަސް ކުރިންވެސް ވަނީ މާލެއަށް ބަޔަކު މީހުން އަރައި ސިފައިންގެ ވަށައިގެން ހަމަލާ ދޭތަން ހުވަފެނުން ފެނި ހޭލެވިފައި. ފުރަތަމަ މިފަދަ ހުވަފެނެއް ފެނުމުން އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނައި ޓާސްކްފޯހުގައި ތިބި ސިފައިންނަށް ސިފައިންގެ މައިމަރުކަޒުގަ އާއި ގިރިފުށީގައި ސިފައިންގެ ދިފާއުކުރާނެ ގޮތްތައް އިތުރަށް ބުނެދީ ލައިވް ފައަރިންގ އެކްސައިޒެއްވެސް ވާނީ ބޭއްވިފައި. ސިފައިންގެ ދިފާއުކުރެވިފައިވާ ގޮތުގެ ނިޒާމަށް ވިސްނާ ހަމަލާއެއް ދޭބަޔަކު އެންމެ ފުރަތަމަވެސް ބްރީޗް ކޮށްލާނީ ސިފައިންގެ ދެކުނު ހުޅަނގުކަން ކަމަށް ފެންނާތީ އެ ޓްރޭނިންގައި ވެސް ބަޑި ގުދަން ކަވަރކުރަން ޓާސްކް ފޯހުގައި ހުންނަ ޖީ.ޕީ.އެމް.ޖީ އަނބުރާލާ ބޮޑުވަޅާ ދިމާލުން ގޮއްވާލާތަން ކަވަރ ކުރާނެގޮތް ވާނީ ބުނެދެވިފައި. މީގެ އިތުރުން ސިފައިންގެ މައިގޭޓް ޑިއުޓީއަށް ތިބޭމީހުންގެ ސެކްޓަރތައް އިތުރަށް ބުނެދީ ގޭޓް ޑިއުޓީ އެއްވެސް ހާލެއްގައި ދޫކޮށްނުލައި އެންމެފަހު ވަގުތާ ޖެހެންދެންވެސް ހަގުރާމަ ކުރަންވާނީ ބުނެދެވިފައި. އެއީ ސިފައިންގެ މައިގޭޓް ފަދަ މުހިންމު ޑިއުޓީއެއް ދޫކޮށްލާފައި ދުޝްމަނުން ދެކެ ބިރުން ދުވެފިނަމަ ވަންނަން އަންނަ ބަޔަކަށް އެއްވެސް ކަހަލަ ދައްޗެއް ހުރަހެއް ނެތި ސިފައިންގެ ތެރެއަށް ވަދެވޭނެ ކަމާއި ބިލްޑް އަޕް އޭރިޔާއެއްގެ ހަނގުރާމައެއްގައި އޭރު ދިވެހި ސިފައިން އެކަށީގެންވާ ވަރަށް ތަމްރީން ލިބިފައި ނެތުމާއި ކުއްލިއަކަށް ދުޝްމަނުންގެ ބަޔަކަށް ސިފައިންގެ ތެރެއަށް ވަދެ ހަމަލައެއް ދެވިއްޖެނަމަ ސިފައިންގެ ދިފާޢު ކުރެވޭނެ ކަމުގެ އުއްމީދު ކުޑަކަމުން.

މިއީ ހުވަފެނެއް ނޫންކަން ޔަޤީން ކުރެވުނު

އަޅުގަނޑަށް ނިދިފައި އޮއްވައި 04:10 ގައި ސިއްސައިގެން ގޮސް ހޭލެވުމުން އިވެމުންދިޔަ އަޑުފަށްގަނޑުން މިއީ ހުވަފެނެއް ނޫންކަން ޔަޤީން ކުރެވުނު. ވުމާއެކު ކުއްލިއަކަށް ތެދުވެ އެނދުކޮޅުގައި ބަހައްޓާފައި ހުރި ކޮމްބެޓް ޔުނީފޯމް ލަމުން ފެންޑާތެރެއަށް ބަލައިލިއިރު ލެފްޓިނަންޓް އާދަމް އިބްރާހިމް މަނިކު ބިލާލު ވެސް ތެދުވަންނަވަނީ. ހަމަ އެވަގުތު ލެފްޓިނެންޓް އާދަމް އިބްރާހިމް މަނިކު ބިލާލު ވެސް ޔުނީފޯރމް އެޅުއްވި. އަޅުގަނޑު ފެންޑާއިން ނުކުތްއިރު ލެފްޓިނެންޓް އާދަމް އިބްރާހިމް މަނިކު ބިލާލު ވެސް އަޅުގަނޑު ފަހަތުން ނުކުންނެވި. އަޅުގަނޑު އަވަސް އަވަހަށް ގޮސް ޓާސްކް ފޯހުގައި ބެހެއްޓިފައިވާ ބަޑިހަރުން ބަޑިއެއް (އޭ.ކޭ 47 އެއް) ނަގައި ޑިއުޓީގައި އިންނެވި ކޯޕްރަލް ފުއްކަފަ ދޮންތު (ޙުސައިން ޢަލީ)ގެ ވަތްގަނޑުން ދެ މެގެޒިންވެސް ނަގައިގެން އެވަގުތު ސިފައިންގެއަށް އެންމެ ވަރުގަދައަށް ހަމަލާ ދެނީ ފުލުސް އޮފީހާ ދިމާލުން ސިފައިންގެ އިރު އުތުރު ކަނުން ކަމަށްވާތީ އެދިމާލަށް ދަމުން އަޅުގަނޑާއެކު ދުރުވުމަށް ލެފްޓިނެންޓް އާދަމް އިބްރާހިމް މަނިކު ބިލާލު އަށް ނަންގަތިން. ދުޝްމަނުން ސިފައިންގެ މައިގޭޓަށް ހަމަލަ ދީފައިވަނީ ދޮށިމޭނާ ބިލްޑިންގެ އުތުރު ފަރާތުގެ ދޮރެއް ހަލާކުކޮށްލައިގެން ވަދެ އެ އިމާރާތުގައި ހުރި ޕްރިޒަންސް ޑިވިޜަންގެ މަތިންނާއި ޕްރިޒަންސް ޑިވިޜަންގެ ދެކުނު ފަރާތުން ނިކުމެގެން ކުރިމަތީގައިވާ ފާރުބުރިތަކުގެ ނިވަލުގައި ތިބެގެން. އެވަގުތު ގޭޓް ޑިއުޓީގައި ހުޅަނގު ފަރާތުގައި ހުރީ ޕްރައިވެޓް ޙުސައިން އާދަމް. އިރުމަތި ފަރާތުގައި ހުރީ ޕްރައިވެޓް އާދަމް މުޙައްމަދު ގުލްބަކާ. ސިފައިންގެ ހުޅަނގު ފަރާތުން ހަމަލާ ދެމުންގެންދިޔައީ އިސްލާމީ މަރުކަޒުގައި ތިބެގެން. ސިފައިންގެ ދެކުނު ފަރާތަށް ހަމަލާ ދިނީ ސަކީނާ މަންޒިލްގެ މަތީބުރިންނާއި ސަލްޓަންޕާކް ތެރޭގައި ތިބެގެން. ސިފައިންގެ އިރު އުތުރުކަން އަދި އިރުމައްޗަށް ހަމަލާދިނީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހާއި ޣާޒީ ބިލްޑިންގ ގޯޅި ތެރޭގައި ތިބެގެން.

ދުޝްމަނުންގެ ހަމަލާއިން މޫސާ އަލީ ޖަލީލް ޒަޚަމްވުން

ލެފްޓިނެންޓް އާދަމް އިބްރާހިމް މަނިކު ބިލާލު ހަތިޔާރާއެކު އަޅުގަނޑާ އެއްކޮށް ދުރުވެ ހަމަލާދެމުންދާ ދުޝްމަނުންނަށް ފުލުސް އޮފީހުގެ ގޭޓްގެ ދެފަރާތުން ދެމީހުން ކަވަރު ނަގައިގެން ތިބެ ރައްދު ހަމަލާދޭން ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ދުޝްމަނުންގެ ހޭންޑް ގްރެނޭޑްގެ ޝާޕްނަލްތަކުން އަޅުގަނޑުގެ ވާތުފައިގެ ކަކުލާ ދިމާލުންނާއި ފައިތިލައާ ދިމާލުންނާ ވަރަށް ބޮޑަށް ޒަހަމްވެ ލޭ އަންނަން ފެށުމުން އެތަން ބެންޑޭޖު ކުރުމަށާއި ވަމުންދާގޮތް ދެން ތިބި އެހެން އޮފިސަރުންނަށްވެސް އެންގުމަށާއި ވަށައިގެން ދިފާޢުކުރާނެ ބަޔަކު ފޮނުވުމަށްޓަކައި އަޅުގަނޑު ސްޓާފް އޮފިސަރުންގެ ފެންޑާއަށް ދާން ދިޔައިރު ލެފްޓިނެންޓް އާދަމް އިބްރާހިމް މަނިކް ބިލާލް ހުންނެވީ ފުލުސް އޮފީހު އެތެރެއަށް ބަޔަކު ވަދެދާނެތީ އެތަން ދިފާޢުކުރުމަށް. ފުލުސް އޮފީހުގެ ގޭޓް ކައިރިން އަޅުގަނޑު ސްޓާފް އޮފިސަރުންގެ ފެންޑާއަށް އެނބުރި ދިއުމުގެ ކުރިން އަޅުގަނޑުމެން ފުލުސް އޮފީހުގެ މީހުން ނިދާ ފެންޑާއިން އެނދުގައި އަޅާ ބެޑްޝީޓެއް ފަޅާލައި އޭގެ ބަޔަކުން އަޅުގަނޑުގެ ފައިގެ ޒަހަމްތަކުން ފައިބާ ލޭ ބަންދުވާ ގޮތަށް ކަކުލާ ދިމާލުން އަޅުގަނޑުގެ ފައި ލެފްޓިނެންޓް އާދަމް އިބްރާހިމް މަނިކް ބިލާލް އައްސަވައިދެއްވި. ދެން އަޅުގަނޑު 12 (ޓާސްކް ފޯރސް ޑިއުޓީ އެން.ސީ.އޯ ކައުންޓަރ) ކައިރިއަށް އައިއިރު މޭޖަރ ޝައުކަތު އިބްރާހިމް އާއި މޭޖަރ މުޙައްމަދު ޒާހިރާއި މޭޖަރ އާދަމް ޒާހިރާއި މޭޖަރ ޙުސެއިން އިބްރާހިމްފުޅާއި ކެޕްޓަން އަޙުމަދު ނައީމް މުޙައްމަދު އެތަނުގައި ތިއްބެވި.

ސިފައިންގެ ފާރު ގޮއްވާލުން

އަޅުގަނޑު 12 ކައިރިއަށް އައިތަނާ ވަރަށް ބާރަށް ސިފައިންގެ ހުޅަނގު ދެކުނު ކަނާ ދިމާލުން ދެފަހަރަށް އެއްޗެއް ގޮވިއަޑު އިވުމާއެކު ބަޔާންކުރަން ނޭނގޭ ފަދަ އޮލަ ދުންގަނޑެއް އެދިމާލުން ފެނުނު. ވަގުތުން އަތުގައި އޮތް އޭ.ކޭ 47 އިން، ގޮއްވާލި ބާގަނޑަށް ބަޑިޖަހަން ފެށީ. ބަޑިގުދަން ކަވަރުކުރަން ބަހައްޓާފައި ހުރި ކޭ.ޕީ.އެމް.ޖީގައި އިން ޕްރައިވެޓް މުޙައްމަދު ނާޒިމްގެ ޑިއުޓީއާއި އަނބުގަސްދޮށުގައި ހުރި ޕްރައިވެޓް ދޮންމަނިކް ޢަލީ ހަވާލުވެ ޖީ.ޕީ.އެމް.ޖީ، ދުންގަނޑާ ދިމާލަށް އަނބުރާލައި ގޮއްވާލި ބާގަނޑަށް އަޅުގަނޑާއެކު ބަޑިޖަހަން އެންގީ. އަޅުގަނޑު އެންގި އެންގުމާއެކު ހަމަ ވަގުތުން ޕްރައިވެޓް ދޮންމަނިކު އަލީ ކުއްލިއަކަށް ބަޑީގައި ހިފައި އަނބުރާލައި، ގޮއްވާލި ބާގަނޑުން އެއްވެސް ދުޝްމަނަކަށް ނުވަދެވޭނޭ ގޮތަށް ބަޑީގެ ވަޒަން ޖަހައިގެން އެ ބާގަނޑު ކަވަރު ކުރި. ކުޑަ ހިނދުކޮޅަކުން ދުންގަނޑު ފިލައި ބާގަނޑު ފެންނަން ފެށުމުން ދުޝްމަނުންގެ ބާރު އަޅުގަނޑަށް ތަސައްވަރު ކުރެވުނު.

އަސްކަރީ އިރުޝާދު ހޯދުމަށް މަސައްކަތް ކުރުން

އަޅުގަނޑުމެން ސިފައިންނަށް އެފަދަ ހަމަލާތަކަށް މާގިނައިރު ކުރިމަތިލާ ތިބެވޭނެ ކަމަށް ނުފެންނާތީ ލިބެން ހުރި ހަތިޔާރާއި ވަޒަނަށް ބަލާ ބޭރުގެ އެހީއެއް ބޭނުންވާނެ ކަމަށް ފެންނާތީ ސިލޯންގައި ހުންނަވާ އެމެރިކާގެ ޑިފެންސް އެޓާޗީއާ ގުޅަން ފެންނަ ކަމަށް މޭޖަރ އާދަމް ޒާހިރު އަށް ދެންނެވީން. ޑިފެންސް އެޓާޗީގެ ފޯން ނަންބަރ ހަނދާން ނެތް ކަމަށް މޭޖަރ އާދަމް ޒާހިރު ވިދާޅުވުމުން އަޅުގަނޑަށް ޑިފެންސް އެޓާޗީ ދީފައިވާ އޭނާގެ ވިޒިޓިންގ ކާރޑް ފެންޑާއަށް ވަދެ އަލަމާރިން ނަގައިގެން އައިސް މޭޖަރ އާދަމް ޒާހިރަށް ދިނިން. މޭޖަރ އާދަމް ޒާހިރު ކޮމިއުނިކޭޝަނަށް ވަގުތުން ވަޑައިގަތް. އަދި މިކަން މިގޮތަށް ހިނގުމުގެ ކުރިން ދުންގަނޑު ފިލައިގެން ދިޔައީމާ އިތުރު މީހުން ޑިޕްލޯއި ކުރުމަށްޓަކައި ހަތިޔާރާއި ވަޒަން މީހުންނާ ޙަވާލުކުރުމަށް ފަސޭހައަކަށް މޭޖަރ ޝައުކަތު އިބްރާހިމް ބަޑިގުދަނަށް ވަޑައިގަނެ ފަސްޓް ލެފްޓިނެންޓް އިނގިރޭސި އުމަރުމަނިކު މެންނަށް އެހީތެރިވެދެއްވުން ރަނގަޅުވާނެ ކަމަށް ދެންނެވީން. އެއީ ފެންޑާތަކުން ބަޑިގުދަނަށް ފޮނުވަމުން ގެންދިޔަ މީހުންތައް ބަޑިގުދަން ކައިރީގައި ފުނިޖެހި ހަތިޔާރު ހިފައިގެން އެނބުރި އައުމުގެ ބަދަލުގައި ފަސްޖެހެމުންދާތަން ފެންނަމުންދާތީ އެކަން ހައްލު ކުރުމަށްޓަކައި އިސް އޮފިސަރަކު ހުންނަވައިފިނަމަ އެކަން ޙައްލު ކުރެވޭނެ ކަމަށް ފެންނާތީ. މޭޖަރ ޝައުކަތު އިބްރާހިމް ބަޑިގުދަނަށް ވަޑައިގަތުމަށް ފަހުގައި ބަޑިނަގައިގެން އަންނަން ނުކެރި ބަޑިގުދަނަށް ޖަމާވަމުން ދިޔަ މީހުންތައް ކޮންޓްރޯލް ކުރައްވާ ފެންޑާތަކަށާއި އެހެނިހެން ތަންތަނަށް އަޅުގަނޑު ކައިރިއަށް ފޮނުއްވަމުން ގެންދެވި.

ދިފާޢީ މަޤާމްތައް އިތުރަށް ހަރުދަނާކުރުން

ފުރަތަމަ ޑިޕްލޯއި ކުރެވުނު މީހުން ޑިޕްލޯއި ކުރެވުނީ ސިފައިންގޭގެ ހުޅަނގު ގޯޅިގަނޑުގައި. އެއީ އިސްލާމީ މަރުކަޒާ ވީ ދިމާލުގެ ގޯޅިގަނޑު. އެއީ ދިގުފެންޑާގެ ގޯޅިގަނޑު. މިގޮތަށް ޑިޕްލޯއި ކުރަންޖެހުނީ އިތުރު ތަނެއް ގޮއްވާލައިގެން ސިފައިންގެ ތެރެއަށް ދުޝްމަނުން ވަދެގެންފާނެ ކަމަށް ބަލައިގެން. އަދި ސިފައިންގެ އުތުރުފަރާތު ބަނޑޭރިގޭގެ މައްޗާއި ތިން ބުރި ޢިމާރާތުގައި މީހުން ޑިޕްލޯއި ކުރެވުނު. އެއަށްފަހު ސްޓޭޖްގެ ފުރަގަހުން ހުންނަ ޖީ.ޕީ.އެމް.ޖީ ޑިޕްލޯއި ކުރެވުނު.

މީހުންތައް ޑިޕްލޯއިކުރެވުނު އިރުގައި އެއްވެސް ޙާލެއްގައި ދުޝްމަނުންނަށް ސިފައިންގެ ތެރެއަށް ވަދެވިގެން ނުވާނެ ކަމަށާއި، ސިފައިންގެ ތެރޭގައި ތިބި މީހުންގެ ތެރެއިންވެސް އެއްވެސް ބަޔަކަށް ދައުލަތާ އިދިކޮޅު އެއްވެސް ޙަރަކާތެއް ގެނެވިގެން ނުވާނެ ކަމަށް ވަނީ އަންގާފައި. މީހުންތައް ޑިޕްލޮއި ކުރަމުން ގެންދިއުމުގައި މޭޖަރ މުޙައްމަދު ޒާހިރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ޚާއްސަކޮށް ފެންތާނގީ މައްޗަށް ސްޓާފް ސާރޖަންޓް ޢަބުދުލް ޢަޒީޒް އެރުމާއި އެތަނުގައި ޙަރާކާތްތެރިވަމުން ގެންދިއުމުގައި މޭޖަރ މުޙައްމަދު ޒާހިރުގެ އިރުޝާދާއި ލަފާފުޅު ހާއްޞަ ގޮތެއްގައި ފާހަގަކުރެވުނު. އެރޭގެ އަލިވިލެމުން ދިޔައިރު ދުޝްމަނުންގެ ޙަމަލާތައް ބޮޑަށް އަމާޒު ކުރެވެމުން ދިޔައީ ސިފައިންގެ އުތުރު ފަރާތަށް. އޭރު ލާންސް ކޯޕްރަލް އާދަމް މުޙައްމަދު ފުސްފަރު އާއި ޕްރައިވެޓް ޙަސަންމަނިކު އާއި މި ދެ ބޭކަލުންނަށް އެހީތެރިވާން ތިބި އިތުރު މީހުންނާއެކު ބަނޑޭރިގޭ މަތީގައި ވަރަށް ސާބިތުކަމާއެކު ޙަމަލާތައް ބަދަލު ކުރަމުން ގެންދިޔަ. ސިފައިންގެ ވަށައިގެން ދިފާޢީ މަޤާމްތައް ޤާއިމް ކުރެވުނުއިރު ގާތްގަނޑަކަށް އެދުވަހުގެ 08:30 ވަނީ.

ސިފައިންގެ ވެރިންގެ ހާލުކޮޅު ބެއްލެވުން

އަޅުގަނޑު ދެން އަވަސްވެގަތީ ރަށުތެރެއިން ލިބެމުންދާ ކަމަށް ބުނާ ހަބަރުތަކުން ސިފައިންގެ ވެރިޔާ އާއި ސިފައިންގެ ވެރިޔާގެ ނައިބުގެ ހާލުކޮޅު ސާފުކުރެވޭތޯ. އެއީ ވަރަށް ގިނަ އަންހެނުންނާއި ކުޑަކުދިން ހިފައި ހައްޔަރު ކުރާ ވާހަކަތައް އަޑުއިވުމުންނާއި ރަށުތެރޭގައި ހިނގާބިނގާ އުޅޭ ހުރިހާ ފިރިހެނުން އެއްތަނަކަށް އެއްކޮށް ދުޝްމަނުންގެ ބާރުގެ ދަށަށް ގެންނަ ވާހަކަ އާއި ކޮންމެ ގޮތަކުންވެސް ސިފައިންގެ އެމީހުންގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ބުނާ ކަމަށް ބުނެވޭ އަޑުތައް އިވުމުން. އެހެނީ މާލެއަކީ ވަރަށް ކުޑަ ތަންކޮޅަކަށްވެފައި ޢާންމު ރައްޔިތުންނަކީ މިފަދަ ބިރުވެރިކަމެއް ދުވަހަކުވެސް ދެކެފައިނުވާ ބަޔަކަށްވެފައި ދެމީހެއްގެ ބޮލަށް ބަޑިޖަހާފައި ތިންވަނަ މީހާ ކައިރީގައި ސިފައިންގެ ވެރިޔާ ނުވަތަ ވެރިޔާގެ ނައިބު ވީތަނެއް ވާހަކައިން ސުވާލުކޮށްފިނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެނގި ހުރި ވަރެއް ބަޔާންކޮށްދިނުމަކީ ވަރަށް އެކަށީގެންވާ ކަމަކަށް ވާތީ. ސިފައިންގެ ވެރިޔާ ނުވަތަ ސިފައިންގެ ވެރިޔާގެ ނައިބު ހިފައި ހައްޔަރު ކޮށްގެން އެބޭފުޅުންގެ ކަވަރުގައި ދުޝްމަނުންގެ ބަޔަކު ސިފައިންގެއަށް ވަންނަން މަސައްކަތް ކޮށްފާނެތީ.

ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ ވެރިޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް ވަނީ ހަތިޔާރު އެޅި ސިފައިންނާއެކު ތީމުގެއިން ގުލިސްތާނުގެއަށް ސިއްރިޔާތުގައި ވަޑައިގެންފައި. އަރިހުގައި ސާރޖެންޓް ކެލާ އިބްރާހިމް ޤާސިމް އާއި ލާންސް ކޯޕްރަލް މުޙައްމަދު އިބްރާހިމް ބަނގޭ ގެންދެވި.

ސިފައިންގެ ވެރިޔާގެ ނާއިބް އޮނަރަބަލް އިލްޔާސް އިބްރާހިމް ވަނީ މއ. ކިބިގަސްދޮށުގެއިން މއ.ޑޯންލައިޓަށް، ޑޯންލައިޓުން ޝާދީވިލާއަށް އަދި މއ. ޝާދީވިލާއިން މ. ގައްދަޑުގެއަށް ސިއްރިޔާތުގައި ވަޑައިގެންފައި. އަރިހުގައި ކޯޕްރަލް އަޙްމަދު ވާފިރު ޕްރައިވެޓް މުޙައްމަދު ސަލީމް ލިލީނައިޓް ޕްރައިވެޓް އަޙްމަދު ނަސީމު ޢަލީ ރީފް ތިއްބެވި.

ސިފައިންގެއިން ބޭރުގައި ތިބި ސިފައިންގެ މީހުންގެ ތެރެއިން ވަރަށް ގިނަ ސިފައިންގެ ބޭކަލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން އެނގޭ. އޭގެ ތެރެއިން ލެފްޓިނަންޓް އަޙްމަދު ޒާހިރު ބަނދަރުގައި އޮތް އޯމާން މަނަވަރަކަށް ގޮސް އެހީ ހޯދަން ކުރި މަސައްކަތާއި އަދި ގިރިފުއްޓަށް ހަތިޔާރު ބަލާ ދިއުމާއި އިންޑިއާ ސިފައިން ރައްކާތެރިކަމާއެކު މާލެ ގެނައުން، ކޯޕްރަލް އިބްރާހިމް މުޙައްމަދު ދީދީ ބަޑި ގުދަނު ތަޅުދަނޑި ގެނެސްދިނުން މިކަމުގައި ލާންސް ކޯޕްރަލް ފަރުހަތު ސަހީރު އެހީތެރިވެދީފައިވޭ. ކޯޕްރަލް ޒަކަރިއްޔާ މަންސޫރު މއ. ޝާދީވިލާއިން މ. ގައްދަޑުގެއަށް ސިފައިންގެ ވެރިޔާގެ ނާއިބް އޮނަރަބްލް އިލްޔާސް އިބްރާހިމް ގެންގޮސް ދިނުން ހިމެނޭ. އަދި ވަރަށް ގިނަ ސިފައިންގެ މީހުން ސިފައިންގެއިން ބޭރުގައި ވުމާއެކު ވަރަށް މުހިއްމު އަދި ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައި ހުންނާނެކަން އަޅުގަނޑު ޤަބޫލްކުރަން. އަޅުގަނޑަށް އެކަންތައް އޮޅުންފިލާފައި ނެތްކަމުގައި ވިއަސް މިފަދަ ހުރިހާ ކަމެއް ކުރެއްވި ފަރާތްތަކަށް ހިފެހެއްޓުމެއްނެތި ތައުރީފް ރައްދުކުރަން.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *