Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: ގުޑުގުޑާ ދޫންޏާއި ދައްޖާލުގެ ބަރުލަމާނީ ނިޒާމް!

މިއީ ބޭރު ޤައުމުތަކުން ރާއްޖެއަށް ދޫނީ ހިޖުރަކުރާ މޫސުމެވެ. ދާދީ ފަހުން ގުޑުގުޑާ ދޫނިތަކެއް ރާއްޖެ އައުމުން ބަޔަކު އޭގެ ދޫންޏެއްގެ ފިޔަ ކޮށާލިއެވެ. އެދޫނި ގެންދިޔައީ ސިފައިންގެ ބެލުމުގެ ދަށުގައި އޮތް ރަށަކަށެވެ. އެދޫނި ހިމާޔަތް ކުރުމުގެ ނަމުގައެވެ. އެދޫނި ދެކެ މާ ލޯބިވާ ކަމަށް ހެދިގެންނެވެ. ދިވެހި ރައްޔިތުންނާ މެދު މި ސަރުކާރުން އަމަލު ކުރަނީ ވެސް ގުޑުގުޑާ ދޫނީގެ މިސާލުގައެވެ. ރައްޔިތުންގެ ހެވާއި ލާބައަށޭ ކިޔައިގެން ކުރާ ގިނަ ކަންކަމަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް، ސަރުކާރުގެ ބޮޑުންނަށް ބޮޑެތި މަންފާ ލިބޭ ކަންކަމެވެ. ގުޑުގުޑާ ދޫނީގެ ފިޔަ ކޮށާލިހެން ރައްޔިތުންގެ ފިޔަތައް މިވަނީ ކޮށާލައިފައެވެ. ރައްޔިތުންނާއި ޤައުމަށް ހަޤީޤީ ހިމާޔަތް ދޭނެ ބަތޮލަކަށް ޤައުމާއި ރައްޔިތުން މިވަނީ ނިހާޔަތަށް ބޭނުންވެފައެވެ.

މި ޤައުމު ވަނީ އެތަކެއް ބަތޮލުން ދެކެފައެވެ. ޕޯޗުގީޒުންގެ ކިބައިން ޤައުމު ސަލާމަތް ކޮށްދެެއްވި ބަތޮލަކީ ބޮޑު ތަކުރުފާނެވެ. އިނގިރޭސީންގެ ކިބައިން ޤައުމު މިނިވަން ކޮށްދެއްވި މޭސްތިރިއަކީ އިބްރާހިމް ނާސިރެވެ. އެއީވެސް ބަތޮލެކެވެ. މައުމޫނަކީ ތަމަޅަ ޓައިގަރުންގެ ވަކިތަކުން ޤައުމު ސަލާމަތް ކޮށްދެއްވައި، އިންޑިއާގެ ހީލަތްތެރިކަމުން ޤައުމު ސަލާމަތް ކޮށްދެއްވައި، އިންޑިއާ ސިފައިންވެސް މިޤައުމުން ބޭލުއްވި ބަތޮލެވެ. ޑރ. މުހައްމަދު ވަހީދަކީ ވެސް ބަތޮލެކެވެ. ޖީ.އެމް.އާރ އަތުން އެއާޕޯޓް އަތުލައްވައި، ޤައުމު ދޮވެލަން އިންޑިއާ އާއި ނަޝީދު ރާވައިފައި އޮތް ހީލަތްތެރި ރޭވުން ފަނާކޮށްލައި ޤައުމު ސަލާމަތް ކޮށްދެއްވި ބަތޮލަކީ ޑރ. ވަހީދެވެ. މިހާރު މިޤައުމު މިވަނީ އަނެއްކާވެސް ބަތޮލަކަށް ބޭނުންވެފައެވެ. ރައީސް ސޯލިހާއި ނަޝީދާއި ޝާހިދާއި މާރިޔާ އާއި ޝަމާލް ގުޅިގެން އިންޑިއާއަށް މި ޤައުމު ވިއްކާލަން ޖަހާފައިވާ ހީލަތްރި މަޅިން ޤައުމު ސަލާމަތް ކޮށްދެއްވާނެ ބަތޮލެކެވެ. އެފަދަ ބަތޮލަކު ވަރަށް ކެރިގެން ތެދުވެވަޑައިގަންނަވަން އެބަޖެހެއެވެ.

މި ޤައުމުގައި މިހާރު މިއޮތީ ރިއާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާއި މަސްހުނިކޮށްފައި އޮތް ގަޑުބަޑު ނިޒާމެކެވެ. ރަބީއުލް އައްވަލު މަހުގެ 12 ވަނަ ދުވަހާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ބަޔާނުގައި ވިދާޅުވީ މިޤައުމުގައި މިއޮތީ ރަސޫލާ ﷺ ގެ ރަސޫލްކަމުގެ ރިސާލަތުން ފިލާވަޅު ހޯދައިގެން ޤާއިމްކޮށްފައި އޮތް އިސްލާމީ ނިޒާމެއް ކަމަށެވެ. އެއީ ހަމަ ތެދެކެވެ. ރަސޫލާގެ ރިސާލަތުން ފިލާވަޅު ހޯދައިގެން ދިވެހި ޤައުމުގައި މިވަނީ ﷲ ގެ ޝަރީއަތަށް ކޮޅުފައިން އަރައި، ރިބާ ހުއްދަ ކޮށްފައެވެ. ރަލުގެ ވިޔަފާރި ހުއްދަ ކޮށްފައެވެ. އަންހެނުން ބުރުގާ އެޅުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ނިންމާފައެވެ. މިއުޒިކް ހުއްދަކޮށްފައެވެ. ދެ ޖިންސު މަސްހުނިވެގެން ޕާޓީތައް ބޭއްވުން ހުއްދަ ކޮށްފައެވެ. އިސްލާމީ ޝަރީއަތާ ފުށުއަރާ ގޮތަށް، ﷲ ގެ ޤާނޫނަށް ގޮންޖަހާފައި ޤާނޫނު ހަދާފައެވެ. މިއީ ރަސޫލާގެ ރިސާލަތުން ފިލާވަޅު ނަގައިގެން ހަދާފަ އޮތް ވަރުގަދަ ނިޒާމެކެވެ!

ބޭރު ކަރަތަކުން ދޫނި ހިޖުރަ ކުރާ ދުވަސްވަރު މިއީ ތިން ދުވަހަށް ހިޖުރަކުރި ދޫންޏަކަށް މި ނިޒާމް ކަމަކު ނުދެއެވެ. އެދޫނި ބޭނުންވަނީ މިއަށްވުރެވެސް ލާދީނީ ނިޒާމެކެވެ. އިންޑިއާއަށް އަޅުވެތިވެފައިވާ ނިޒާމެކެވެ. މިހާރު މިއޮތް ނިޒާމް ބަދަލު ނުވެގެން އެ ދޫނި ތެޅިބާލަނީއެވެ. ޤާސިމް ކައިރިން އިމްރާން ކައިރިން ސޯލިހު ކައިރިން، ގޯޅިގޯޅި ކަންމަތިން "ގަންނާނެބާ" އޭ ކިޔަމުން ސަލާން ޖަހަނީ އެވެ. ޤައުމުގެ ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށެވެ.

ވެރިކަމަށް އަންނަން ވުމުން އެންމެން ބޭނުންކުރާ ފެންކައްކާ ބޮއްޔަކީ ޤާސިމް އިބްރާހިމެވެ. މިފަހަރުވެސް ވެރިކަމުގެ ނިޒާމް ބަދަލު ކުރަންވީމަވެސް ނަޝީދު ވަޑައިގަތީ ޤާސިމް އަރިހަށެވެ. ބޮޑުވަޒީރުކަމުގެ މަޤާމް ދެއްވާނެ ކަމުގެ ވައުދާ އެކުގައެވެ. ބޮޑުވަޒީރުކަން ދީފާނެއެވެ. އެކަމަކު ވެރިކަމުގެ ނިޒާމް ބަދަލުވުމާ އެކު މަޖުލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް ފެންކައްކާ ބޮލި ނަގައިއެއްލާލާނެއެވެ. ޤާސިމަށް އެވަރު ވިސްނިވަޑައިގަންނަވާނެ ކަމަށް ހީކުރަމެވެ. ރައީސް ނަޝީދުގެ ސިޔާސީ ބަހަކަށް ހެއްލޭނީ މޮޔައެކެވެ.

ޖީ.އެމް.އާރަށް ހުޅުލޭ އެއާޕޯޓް 30 އަހަރަށް ދީ، އެތާނގައި ބިން ހިއްކައިގެން އިންޑިއާ ނަސްލުގެ 20 ހާސް މީހުން އާބާދުކުރަން ހުއްދަދީ، މަތިންދާ ބޯޓަށް އަޅާ ތެޔޮ އަގުބޮޑު ކޮށްގެން ގަސްތުގައި ބޭރުގެ އެއާލައިންތައް ރާއްޖެ އައުން ހުއްޓުވާލައި، ރިސޯޓްތައް ބަނގުރޫޓުކޮށް، ބަނގުރޫޓުވާ ރިސޯޓްތައް ނުއަގުގައި އިންޑިއާއަށް ވިއްކުވާލަން ރޭވި މޭސްތިރިއަކީ ނަޝީދެވެ. ޖީ.އެމް.އާރުން ހުޅުލޭގައި މޯލްއެއް ހަދައި ހުރިހާ ވިޔަފާރިއެއް އެތަނަށް ކަހާލައި، މާލޭ ވިޔަފާރިވެރިން ބަނގުރޫޓްކޮށްލަން އިންޑިއާ އޮތީ ރާވާފައެވެ. ރާއްޖޭގެ ކޯޓުތަކަށް ބޭރުގެ ޖަޖުން ގެންނަން ނަޝީދު އޮތީ ނިންމަވާފައެވެ. އަދި 2012 ފެބްރުއަރީ 7 ގައި ނަޝީދުގެ ވެރިކަން ނުވެއްޓުނުނަމަ މި ދިވެހި ޤައުމުގެ ނަމުގެ ކުރީގައި "ދިވެހި" މި ބަސް މިހާރު ނެތީސްކަން ޔަޤީނެވެ. ބަޣާވާތެކޭ ކިޔަންޏާ ކިޔާށެވެ. އެހެންކަމަށްވާ ނަމަ އަޅުގަނޑަކީ ވެސް ފަޚުރުވެރި ބާޣީއެކެވެ. ނަޝީދުގެ ވެރިކަން ވެއްޓުނީ ވެއްޓެން ޖެހިގެންނެވެ. އެއީ ހަމަ އަލްހަމްދުލިﷲ އޭ ކިޔައި ހަމްދު ކުރަންޖެހޭ ވަރުގެ ކަމެކެވެ.

ބަރުލަމާނީ ނިޒާމް ތަބަކަކަށް ލައްވައިގެން އެވިއްކަވަން ނަޝީދު ދޮރުންދޮރަށް ހިންގަވަނީ އެވެ. ރައީސް ނަޝީދުގެ ސިޔާސީ މާޒީ އަށް ބަލާއިރު ނަޝީދު ދައްކަވާ ވާހަކަތަކުގެ ހެޔޮ ނުބައި ބަލަން އޮތް އެންމެ ރަނގަޅު މިންގަނޑަކީ ދައްޖާލުގެ ސުވަރުގެ އާއި ދައްޖާލުގެ ނަރަކައިގެ މިންގަނޑެވެ. ދައްޖާލު ދައްކާ ސުވަރުގެއަށް ވަދެއްޖެ މީހަކަށް އަސްލު ވަދެވޭނީ ނަރަކަ އަށެވެ. އަދި ދައްޖާލު ދައްކާ ނަރަކަ އަށް ވަދެއްޖެ މީހަކަށް އަސްލު އެވަދެވެނީ ސުވަރުގެއަށެވެ. ބަރުލަމާނީ ނިޒާމް ރަނގަޅުކަމަށް ނަޝީދު ވިދާޅުވުމަކީ އެ ނިޒާމުން ދިވެހީންނަށް ވާނީ ގެއްލުން ކަމުގެ އެންމެ ބޮޑު ދަލީލެވެ! އެހިސާބުން ބަހުސް ނިމުނީއެވެ.

މިޤައުމަށް ޕާޓީ ސިސްޓަމް ގެނެސް، އާއިލާތައް ބައިބައިކޮށް، ރައްޔިތުންނަކީ ލަދު ހަޔާތެއް ނެތް ކުކުޅު ހާ ތަކަކަށް ހަދައި، ޤައުމު ވިއްސިވިހާލި ކުރީ ނަޝީދުގެ ޑިމޮކްރަސީއެވެ. ނަޝީދު ދެއްކި ސިޔާސީ މަގުން ގިނަ ދިވެހީން ތަކެއް ހިނގުމުގެ ހިތި ނަތީޖާ ޤައުމުން މިއަދު އެބަފެނެއެވެ. އަނެއްކާވެސް ނަޝީދު އެހުންނެވީ ޤައުމުގެ ވެރިކަމުގެ ނިޒާމް އިންޑިއާ އެދޭ ގޮތަށް ބަރުލަމާނީ ކޮށްދެއްވަން ނިކުންނަވާފައެވެ. ރައްޔިތުން ޖެހެނީ ނަޝީދަށް ސީދާ "ނޯ"އޭ ބުނެ ސައިޒު ކުރާށެވެ.

ވެރިކަމުގެ ނިޒާމުގެ ބަހުސް ރައީސް ނަޝީދު ހިލުވާލައިގެން މިއުޅެނީ ސީދާ އިންޑިއާ އަޑީގައި އޮވެގެންނެވެ. ޤާސިމަށް 100 މިލިއަން ޑޮލަރު، އިމްރާނަށް 50 މިލިއަން ޑޮލަރު، ޔާމީނަށް 200 މިލިއަން ޑޮލަރު، ސޯލިހަށް 300 މިލިއަން ޑޮލަރު އަދި ނަޝީދަށް 400 މިލިއަން ޑޮލަރު އަދި ރައްޔިތުންނަށް ބަހަން 100 މިލއަން ޑޮލަރު ދީގެންވެސް މި ނިޒާމް ބަދަލު ކުރުމަކީ އިންޑިއާ އަށް ކުޑަ އަގެކެވެ. މިއީ މުޅި ދިވެހި ޤައުމު ގަނެލަން އިންޑިއާ އަށް ވަރަށް ކުޑަ އަގެކެވެ. ބަރުލަމާނީ ނިޒާމް އައުމުން ޤައުމުގެ ހުރިހާ ބާރެއް މިދެވެނީ ފަސޭހައިން މިހާރުވެސް ވިކޭ މަޖުލީސް މެމްބަރުންނަށެވެ. ފަސްދޮޅަހަކަށް މެމްބަރުން ގަނެލީމާ އިންޑިއާ ބޭނުން ގޮތަކަށް ޤާނޫނުތައް ބަދަލު ކޮށްލުން ވާނީ މެޓަލަކަށެވެ.

ބަރުލަމާނީ އަށް ކުރާ ތާއީދަކީ ޤައުމު ވިއްކާލަން ކުރެވޭ ތާއީދެކެވެ. ރިއާސީ ނިޒާމުން މިހާރު ވެރިކަން ކުރާ ގޮތްވެސް ވަކި ރަނގަޅެއް ނޫނެވެ. ނަމަވެސް ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ އަދި މީގެ އެތައް ގުނައަކުން ރައްޔިތުން ބިކަވެ، ޤައުމު އަޅުވެތިވާނެއެވެ. ނަޝީދާއި އިންޑިއާގެ ދުއްތުރާލުން ޤައުމު ސަލާމަތް ކުރުމުގެ ހިްވަރާއި ފަންވަރު ރައީސް ސޯލިހުގެ ކިބަޔަކު ނުހުންނާނެއެވެ. އެކަން ކުރެވޭނީ ކޮރަޕްޓަސް، ފޮންޏަސް އަދި އެހެން ކޮންމެ ސިފައެއް ހުއްޓަސް، ހަމަ ރައީސް ޔާމީން ކަހަލަ ގަޓް ހުރި ލީޑަރަކަށެވެ. އަދި އުމަރު ނަސީރު ކަހަލަ ވެރިއަކަށެވެ. ހެލިކޮޕްޓަރުތަކާއެކު ޤައުމުން ފައިބާށޭ އިންޑިއާ މީހުން ކައިރީ ވިދާޅުވީ ރައީސް ޔާމީނެވެ. ކޮމަންވެލްތަށް ޗެލެންޖް ކުރައްވަން ކެރިވަޑައިގަތީ ވެސް  ޔާމިނަށެވެ.

މިޤައުމަށް މިވަގުތު ބޭނުމީ ނަރުދަމާ އަޅާނެ ރައީސެއް ނޫނެވެ. ނަރުދަމާ އަޅަން މޮޅު ރައީސަކު ބޭނުންނަމަ ރައީސް ކަމަށް ލާނީ މޮޅަށް ފެންވައިރުކުރަން އެނގޭ މީހެއްތާއެވެ. މިޤައުމަށް މިވަގުތު ބޭނުންވަނީ ބަނދަރު ހަދާނެ ރައީސެއް ވެސް ނޫނެވެ. އެހެން ނަމަ ވެރިއަކަށް ލާނީ ކޮންނަބޯޓެއްގެ ކައްޕިއެއްތާއެވެ. ފަތަން ނޭނގޭ މީހަކު ފެތެމުންދާއިރު އޭނާ ލާނެ ގަމީހެއްގެ ސައިޒާއި ޖަހާނެ ސެންޓެއްގެ ބްރޭންޑެއް އޭނައަކަށް މުހިއްމެއް ނުވާނެއެވެ. އެކަމަކާ ނުވެސް ވިސްނޭނެއެވެ. މިޤައުމު މިދަނީ ފެތެމުންނެވެ. ޤައުމަށް އެހެން ހުރިހާ ކަމަކަށް ވުރެ މިވަގުތު މުހިއްމީ އެތެރެއާއި ބޭރުން ޤައުމު އަޅުވެތި ކުރަން ކުރެވޭ ހީލަތްތެރި މަސައްކަތް ތަކުން ޤައުމު ސަލާމަތް ކޮށްދޭނެ ބަތޮލެކެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާއި މިނިސްޓަރ ޝާހިދާއި މިނިސްޓަރ މަރިޔާ ދީދީ އާއި ޖެނެރަލް ޝަމާލް އެތިއްބެވީ އިންޑިއާ އަށް ޤައުމު ވިއްކާލައްވަން ނިންމަވައިގެންނެވެ. ރައްޔިތުން ޖެހެނީ މިހުރިހާ އެންމެންނަށް "ނޯ" އޭ ބުނެ، 2023 ގައި މިކަން ނިންމާށެވެ. ދިވެހީންނަށް ޤައުމު އަނބުރާ ލިބޭނީ 2023 ގައި ޣާފިލްކަމުގެ ނިދިން ހޭލައި، ވުލޫކޮށް ނޭފަތުގެ އެތެރޭގައި ޖަގަހަ ޖަހައިގެން ތިބި ޝައިތާނުންތައް ނަގައި އެއްލައިގެންނެވެ. ހޭވައްލާ ތައްޔާރު!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
331

3 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *