Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 15

ސާދަ ވަނަ ސިފަ: ވަފާތެރިކަން

ވަފާތެރިކަމުގެ ސިފަ އަކީ ސިޔާސީ ލީޑަރަކަށް ވަރަށް މުހިންމު ސިފައެކެވެ. ސިޔާސީ ލީޑަރަކު ނަމަ وعد އަށް ވަފާތެރިވާނެކަން ކަށަވަރެވެ. ސަބަބަކީ އެއާ خلاف ވާ މީހުންނަކީ منا فقންގެ ސިފަ ލިބިފައިވާ ބައެއްކަން ރަސޫލާ ﷺ ގެ ދޫފުޅުން ارشاد ދެއްވައިފައިވާތީއެވެ. މާތްالله ރުއްސުންލެއްވި أَبِو هريرة ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލާ ﷺ حديث ކުރެއްވެވިއެވެ. "مُنَافِقِ އާގެ ޢަލާމާތް ތިނެކެވެ. އެއީ ވާހަކައެއް ދައްކައިފިނަމަ ދޮގުބުނުމެވެ. އަދި وعدއެއް ވެއްޖެނަމަ ޚިލާފުވުމެވެ. އަދި امانة އެއް ހަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވުމެވެ." އަދި އެހެން ރިވާޔަތެއްގައި ވެއެވެ. "އެމީހަކު ރޯދަ ހިފައި އަދި ނަމާދުކޮށް އަދި ތިމަންނައަކީ މުސްލިމަކު ކަމުގައި قبول ކުރިކަމުގައި ވިޔަސް މެއެވެ." އެބަހީ، އެފަދަ މީހާ ވާހުށީ ހަމަ مُنَافِقِ އަކަށެވެ. (ބުޚާރީ33، މުސްލިމު 106 ، 109)

ވަފާތެރިވުމުގެ އިދިކޮޅު ސިފައަކީ خيانة ތެރިކަމެވެ. އޮޅުވައިލުމާއި މަކަރާއި ހީލަތާއި ލަނޑު ދިނުމާއި ބޮނޑި ދިނުމާއި އެބާވަތުގެ އެންމެހާ ކަންތައްތައް ވަނީ خيانة ގެ ތެރެއިންނެވެ. މާތް الله وحى ކުރެއްވިއެވެ. إِنَّ اللَّهَ لَا يُحِبُّ الْخَائِنِينَ މާނައީ: ހަމަކަށަވަރުން، خيانةތެރިން ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (އަލްއަންފާލު 58)

ވަފާތެރިކަމަކީ ކޮބާ؟

އެއީ އިންސާނާ އޭނާގެ މައްޗަށް ލާޒިމުވެފައިވާ عهد ތަކާއި وعد ތަކާއި واجب ތައް ފުރިހަމަ ކުރުމެވެ. މާތް ﷲ وحى ކުރެއްވިއެވެ. وَأَوْفُوا بِالْعَهْدِ ۖ إِنَّ الْعَهْدَ كَانَ مَسْئُولًا މާނައީ:- އަދި ތިޔަބައިމީހުން، عهد ފުއްދާށެވެ! ހަމަކަށަވަރުން، عهدއަކީ (އެއާމެދު) سؤالކުރައްވާނޭ ކަމެއްކަމުގައި ވިއެވެ. (އަލްއިސްރާ 34)

ސިޔާސީ ލީޑަރުން ވާހަކަ ދައްކަވާއިރު ސަމާލުކަން ދޭންޖެހޭ މުހިއްމު އެއް ނުގުތާއަކީ، މީހުންނަށް ވަޢުދު ވުމުގައި ބޭނުންކުރަންޖެހޭ އިބާރާތެވެ. ކުރެވިދާނެ ކަމާއި ނުކުރެވިދާނެ ކަމާމެދު ދެބަޖެހޭ އެއްވެސް ވަޢުދެއް ތިމާގެ މައްޗަށް ލާޒިމުވާ ފަދަ އިބާރަތަކުން އެއްވެސް ހާލެއްގައި ނުބުނުމެވެ. އެފަދަ ވަޢުދުތަކުގާ ތިމާގެ ބަސްމަގު ގަދަނުކުރުމެވެ. އެފަދަ ކަމެއް ނަމަ އެކަމެއް ކޮށްދެވޭތޯ މަސައްކަތްކުރާނެ ކަމުގެ އިތުބާރު ދިނުމެވެ. މިސާލަކަށްނަމަ "ތިމަންނަގެ މައްޗަށް އިތުބާރު ކުރައްވާށެވެ. ތިމަންނައަކީ ތިޔަބައި މީހުންގެ މައްޗަށް ހެޔޮއެދޭ މީހަކީމެވެ. އެހެންކަމުން މިވެނި ކަމެއް ކޮށްދެވޭތޯ ތިމަންނައަށް ވީހާވެސް ބޮޑަކަށް މަސައްކަތެއް ކޮށްދޭނަމެވެ. ﷲގެ އިރާދަފުޅާއެކު ތިމަންގެ ފަރާތުން އެކަން ތިޔަބައި މީހުންނަށް ހާސިލުވާނެއެވެ." ފަދަ މޭރުމަކުން ބުނުމެވެ.

ސިޔާސީ ލީޑަރުން ވަޢުދެއްކޮށްފިނަމަ އެކަމެއް ފުއްދޭތޯ ގަދައަޅައި މަސައްކަތް ކުރުން ލާޒިމުވެއެވެ. ވަޢުދުވުމަށް ފަހު ޢަރުޤޫބު ހިނގިމަގުން ހިނގައިފިނަމަ އެމީހެއްގެ ސިޔާސީ ލީޑަރުކަން ގެއްލި ހިނގައިދާ ހުއްޓެވެ. ދަންނަވަންތޯއެވެ. އިސްވެދިޔަ عرقوب އަކީ مدينة ގައި އުޅުނު މީހެއް ކަމަށް ބުނެވެއެވެ. އޭނާގެ ވާހަކަ މީހުން ކިޔައި އުޅުނީ ވަޢުދު ވުމަށްފަހު ވަޢުދަށް ފިލަން އުޅޭ މިހެއްގެ ގޮތުގައެވެ. ބުނެވެއެވެ. އޭނާގެ އަތުގައި ވަރަށް ގިނައިން ކަދުރުއަޅާ ކަދުރު ދަޑެއްވެސް އޮތެވެ. އެއް ދުވަހަކު މިސްކީނަކު އައިސް އޭނާގެ ގާތުން ކަދުރު ކޮޅަކަށް އެދުނެވެ. އެދުވަހު އޭނާ ބުންޏެވެ. މިހާރު ތިމަންގެ އަތުގައި ކަދުރެއް ނެތެވެ. ތިމަންގެ ކަދުރު ދަނޑުގައި އަންނަ އަހަރު ކަދުރު އެޅުމުން އަންނާށެވެ. އެއިރުން ކަދުރު ދޭނަމެވެ. ދެން އެމީހާ އެއަހަރު ކަދުރު މޫސުމުގައި ކަދުރު ނިކުތުމުން ދިޔައެވެ. އަދި ކަދުރުކޮޅަކަށް އެދުނެވެ. އެދުވަހު عرقوب ބުންޏެވެ. ކަދުރު ހަރުވީމާ އަންނާށެވެ. ދެން ކަދުރު ހަރުވުމުން އޭނާ ދިޔައެވެ. އެދުވަހު عرقوب ބުންޏެވެ. ކަދުރު ދޮންވީމާ އަންނާށެވެ. ދެން ކަދުރު ދޮންވުމުން އޭނާ ދިޔައެވެ. އެދުވަހު عرقوب ބުންޏެވެ. ކަދުރު ހިކުނީމާ އަންނާށެވެ. ދެން عرقوب ކުރި ކަމަކީ ހުރިހާ ކަދުރުތައް ރޭގަނޑުގެ އަނދިރީގައި ކަނޑައިގެން ފޮރުވީއެވެ. އެއީ އެ މިސްކީނަށް ކަދުރު ކޮޅެއް ދޭން ޖެހިދާނެތީއެވެ. އެދުވަހުން ފެށިގެން مدينة ގެ މީހުން ދަހި މީހުންނާއި عهد އަށް ވަފާތެރިނުވާ މީހުންގެ މިސާލު ޖެހުމަށް ބޭނުންކުރަމުން ގެންދިޔައީ އެ عرقوب ގެ ނަމެވެ. މީސްތަކުން مثال ޖަހަމުން ބުނެއެވެ. ތިޔައީ عرقوب ދިންކަހަލަ މުއްދަތެކެވެ. ނުވަތަ ބުނެއުޅެއެވެ. ތިޔައީ عرقوب ގެ وعد އެވެ.

ވަފާތެރިކަމުގެ ވައްތަރުތައް

  • الله އަށް ވަފާތެރިވުން.

الله އާއި އަޅާ އާއި ދެމެދު ވަރަށް ބޮޑު حرمة ތެރިވެގެންވާ وعد އެއް ވެއެވެ. އެއީ ހަމައެކަނި އެ اله އަށް އަޅުކަން ކުރުމަށާއި އެ اله އާއި އެއްވެސް އެއްޗެއް شريك ނުކުރުމެވެ. އަދި شيطان އަށް އަޅުކަން ކުރުމުން ދުރުވެ ހުރުމާއި އެސޮރުގެ މަގުން ދުރުވެ ހުރުމެވެ. މާތް الله وحى ކުރެއްވިއެވެ.) އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން شيطانއާއަށް އަޅުކަން ނުކުރުމަށް ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށް ހުރި، ފާޅުވެގެންވާ عداوةތެރިޔެކެވެ. އަދި ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ! މިއީ ސީދާވެގެންވާ ތެދުމަގެވެ. (ޔާސީން61)

  • ވެވޭ އެއްބަސްވުންތަކަށާއި ކުރެވޭ عهد ތަކަށް ވަފާތެރިވުން.

إسلام دين وصية ކުރައްވާފައިވާ އެއްކަމަކީ ވެވޭ އެއްބަސްވުންތަކަށާއި ކުރެވޭ عهد ތަކަށް إ حترام ކުރުމަށެވެ. ރަސޫލާ ﷺ حديث ކުރެއްވިއެވެ. "مسلم ންގެ މައްޗަށް އެބައިމީހުން ކުރާ ޝަރުތުތައް ފުރިހަމަ ކުރުން ވާޖިބުވެގެން ވެއެވެ." (ބުޚާރީ)

صلح الحديبية ގައި ރަސޫލާ ﷺ ކާފިރުންނާ معاهدة  އެއްކުރެއްވިއެވެ. އަދި معاهدة ގައިވާ ކަންތައްތައް ބަރާބަރަށް ފުރިހަމަ ކުރެއްވިއެވެ. ނަމަވެސް كافرން އެ معاهدة އާއި خلاف ވިއެވެ. އެކަމުގެ މައްޗަށް އެކަލެގެފާނަށް نصرލިބިވަޑައިގަތެވެ. އަދި އެކަލޭގެފާނު އަތްޕުޅަށް مكة فتح ވެގެންދިޔައެވެ.

  • މިނެކިރުމުގައި ވަފާތެރިވުން

مسلمންގެ ސިފައަކީ މިނެ ކިރުމުގައި ވަފާތެރިވުމެވެ. މާތް الله وحى ކުރެއްވިއެވެ. "އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން މިނުމާއި ކިރުން عدلއަށް ފުރިހަމަކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި فاسدން ކަމުގައިވެ ތިބެ ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ!" (ހޫދު85)

  • ނަދުރު ފުއްދުމަށް ވަފާތެރިވުން

مسلم އަކުނަމަ އޭނާ، الله އަށް ކުރާ وعدތައް ފުއްދާނެއެވެ. އެގޮތުން ނަދުރަކީ އޭނާ الله އާ އެކު ވެވޭ وعد އެކެވެ. ސުވަރުގޭގެ އަހުލުވެރީންގެ ސިފައަކީ ނަދުރު ފުއްދުމުގެ ސިފައެކެވެ. މާތް الله وحى ކުރެއްވިއެވެ. "އެއުރެން ނަދުރު ފުއްދަތެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: قيامةދުވަހަށް) އެއުރެން ބިރުވެތިވެތެވެ."  ( އަލްއިންސާނު7)

ރަސޫލާ ﷺ ގެ أصحاب ން ވަނީ عهد އާއި و عد ފުއްދުމުގެ ލާމަސީލު ނަމޫނާ ދައްކާފައެވެ. މާތް الله ރުއްސުންލެއްވި أنس بن النضر އަށް ބަދުރު ހަނގުރާމައަށް حا ضرނުވެވުނެވެ. އެއީ އުޒުރެއް މެދުވެރިވެގެންނެވެ. އެހެންކަމުން އެކަމުގެ މައްޗަށް ދެރަވެ ހިތާމަކުރެއްވިއެވެ. ދެންވިދާޅު ވިއެވެ. އޭ الله ގެ ރަސޫލާ ﷺ އެވެ. ކަލޭގެފާނު مشركންނާ ކުރެއްވި އެންމެ ފުރަތަމަ ހަނގުރާމައިގައި ތިމަންނައަށް ބައިވެރި ނުވެނުނެވެ. އަދި ތިމަންނައަށް ކަލޭގެފާނުގެ އަރިހުގައި مشركންނާ ހަނގުރާމައެއް ކުރުމުގެ ހެޔޮތައުފީގު ލިބިއްޖެނަމަ ތިމަންނަ ކަންތައް ކުރާނޭގޮތް ދައްކާނަމެވެ. މިގޮތުގެ މަތީން ކާފިރުންނާއި ހަނގުރާމައަށް أنس بن النضر އޭނާގެ نفس ގެ މައްޗަށް عهدވިއެވެ. އަދި ގެއްލިފައިވާ ހަނގުރާމުގެ މައްޗަށް اجر ލިބިގަތުމަށް عزم ކަޑައެޅުއްވިއެވެ. އެގޮތުގެމަތީ ހުންނަވަނިކޮށް އުހުދު ހަނގުރާމަ ކުރިމަތިވިއެވެ. އެދުވަހު ހަނގުރާމައިގެ ފުރަތަމަ ވަގުތު مسلم ންގެ ސަފުތައް ރޫޅިގެން ގޮސް މުސްލިމުން ބަލިވާން ދިމާވިތަން ދެކެވަޑައިގެންފައި ވިދާޅުވިއެވެ. އޭ سعد بن معاذ އެވެ. النضر قبيلة ގެ ވެރި ا له ގަންދީ ހުވާކޮށްފައި ބުނަމެވެ. ސުވަރުގެ ލިބިއްޖެއެވެ. ހަމަ ކަށަވަރުން މި އުހުދު ފަރުބަދައިގެ ފުރަގަހުން ސުވަރުގޭގެ މީރުވަސް ތިމަންނައަށް އިހްސާސް އެބަކުރެވެއެވެ. ދެން ކުރިޔަށްޖެހި ހަނގުރާމަ ފެއްޓެވިއެވެ. އަދި ގަދަފަދައަށް ކުރިމަތި ލަމުންގޮސް އެންމެ ފަހުން شهيد ވެވަޑައިގަތެވެ. ހަނގުރާމަ ނިމިގެން شهيد ވި މީހުން ހޯދަމުން ގެންދިޔައިރު އެކަލޭގެފާނު ފެނުނެވެ. އެހިނދު އެހަށިކޮޅުގައި އަށްޑިހައަށް ވުރެ ގިނައިން ކަނޑި އާއި ލޮންސިއާއި ތީރުގެ نشان އަރާފައި ހުއްޓެވެ. ޒަޚަމު ވެފައިވާލެއް ބޮޑުކަމުން އެއީ ކޮންބޭކަލެއްކަން އެނގުނީ އެ ސަހާބީގެ އިނގިލީގެ ނިޝާނަކުން އޭނާގެ ދައްތައަށެވެ.(އިބުނުލްއަޘީރު، އަސަދުލްޣާބާ، ސ.300)