Support Us

ސިޔާސީ ލީޑަރެއްގެ ސިފަތައް- 14

ސާދަވަނަ ސިފަ: ލަދުވެތިކަން

ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. «الْحَيَاءُ وَالْإِيمَانُ قُرَنَاءُ جَمِيعًا، فَإِذَا رُفِعَ أَحَدُهُمَا رُفِعَ الْآخَرُ». މާނައީ:- ލަދުވެތިކަމާއި އީމާންކަމަކީ ގުޅިލާމެހިފައިވާ ދެކަމެވެ. ފަހެ އެއިން އެކަތި އުނިވެއްޖެނަމަ އަނެކަތި ގެއްލިގެން ހިނގައިދާނެއެވެ. (އަލްޙާކިމު58، ޞައްޙަކަމަށް އަލްބާނީ ނިންމެވި، އަލްޖާމިޢުއްޞަޣީރު3200)

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއްސިފައަކީ ލަދުވެތިކަމުގެ ސިފައެވެ.

ލަދުވެތިކަމަކީ ކޮބާ ހެއްޔެވެ؟

އެއީ عيبވާ ކަންތައްތަކުންނާއި ނުރުހެވޭ ފަދަ ކަންތައްތަކުން نفس ދުރަށް ގެންދިއުމެވެ. މިސާލަކަށް ސިޔާސީ ލީޑަރަކު އޭނާ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު އެހެން މީހުންނަށް ލަކި ޖެއްސެވުމަކީ ސިޔާސީ ނަޒަރަކުން ބަލާނަމަ ބޮޑު ޢައިބެކެވެ. އަދި ބޮޑު ވެއްޓުމެއްވެސް މެއެވެ. ތިމާޔާ އެކު މަސައްކަތްކުރާ މީހުންނަކީ ތިމާގެ ނޯކަރުންކަމުގައި ބަލައިގެން ހިތުހުރިހައި އެއްޗެއް ކިޔާންފަށައިފިނަމަ ނަތީޖާއަކަށް ވާނީ މިސާލުބަހުގައި ވެސް ވާފަދައިން "ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، ކޮށި ދަނޑު ވެސް ގެއްލުމެވެ." އެހެންކަމުން ސިޔާސީ މީހެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ ލަދުވެތިކަމުގެ ސިފައެވެ. ކޮންމެ ހިތްހަމަނުޖެއްގައި ވެސް ލަދުވެތިކަމުގެ ސިފަ އިސްކޮށްގެން އެ މައްސަލައެއް ޙައްލު ކުރުމެވެ.

އެއްދުވަހަކު އަންޞާރީ ބޭކަލަކު އެބޭކަލެއްގެ ތިމާގެ ބޭކަލަކަށް ލަކި ޖައްސަވަޖައްސަވާ ހުއްޓެވެ. އެއީ އެބޭކަލެއްގެ ކިބައިގައި ލަދުވެތިކަން މާބޮޑަށް ހުންނާތީވެ އެކަމާ ހިތްޕުޅުހަމަނުޖެހިވަޑައިގެންނެވެ. އެވަޤުތު އެތަނުން ލައިފައި ކީރިތި ރަސޫލާ ﷺ އަށް ވަޑައިގަނެވުނެވެ. އަދި އެވާހަކައިގެ އަޑު އިވިވަޑައިގަތެވެ. އެހިނދު ޙަދީޘު ކުރެއްވިއެވެ. އޭނާ ދޫކޮށްލައްވާށެވެ. ފަހެ ހަމަ ކަށަވަރުން ލަދުވެތިކަން ވަނީ އީމާންކަމުގެ ތެރެއިންނެވެ. (ބުޚާރީ 24، މުސްލިމު 59)

އިސްވެދެންނެވުނު ދެ ތިން ބަހަކީ ތިމާއާއެކު މަސައްކަތްކުރާ މީހުންގެ ހައްގުގައި ލަދުވެތިކަން އިސްކުރުމަށް ދެންނެވުނު ދެންނެވުމެކެވެ. ނަމަވެސް މިހާރު މި ދަންނަވަނީ އެހެނިހެން ސިޔާސީ ޕަޓީތަކާއި އަދި ބައެއް ސިޔާސީ މީހުންގެ ޙައްގުގައި ވެސް ލަދުވެތިކަން އިސްކުރަންޖެހޭނެ ކަމަށް ދަންނަވާ ދެންނެވުމެކެވެ. ލަދުވެތިކަމުގެ އޮށްޓަރެއް ވެސް ނުބަހައްޓާ އެހެނިހެން ޕާޓީތަކަށާއި އަދި ބައެއް ސިޔާސީ މީހުންނަށް އަމާޒުކޮށްގެން އައިބުވާޒާތުގެ ކަންތައްތައް ކުރުމާއި ނުރުހެވޭ ފަދަ ބަސްތައް ރައްދުކުރުމަކީ އެވާހަކަ ދައްކާ މީހާ ސިޔާސީ މައިދާނުގައި ފެއިލް ވެއްޖެކަމުގެ ހެއްކެކެވެ. އެހެންކަމުން އެހެން ޕާޓީތަކުގެ ވާހަކަ ދެއްކުމުގައްޔާއި މީހުންނަށް ނިސްބަތްކޮށް ވާހަކަ ދައްކެވުމުގައި ލަތުވެތިކަން އިސްކުރަން ޖެހެއެވެ.

ސިޔާސީ ލީޑަރުން މީހުންނަށް ރައްދު ދޭންޖެހޭނެގޮތުގެ މިސާލެއް:

ކޮންމެވެސް މީހަކު ތިމާގެ ޕާޓީ އަށް ކުޑައިމީސްކޮށް ނުވަތަ ތިމާގެ ޒާތަށް ނިސްބަތްކޮށް ބަދުބަސް ތަކެއް ބުނުމުން އެކަމަށް ރައްދުދޭން ގަސްތުކުރާ ސިޔާސީ ލީޑަރު އެކަމުގެ ރައްދުދޭނެ ސިޔާސީ މަންހަޖަކީ ފަހެ ކޮބާއިތޯއެވެ؟ އާދެ! ތެދުފުޅެކެވެ. އެވަގުތު އެ ސިޔާސީ ލީޑަރަކު ހުންނަވާނީ ވަރަށް ވެސް ބޮޑު އުދާސްކަމެއްގައެވެ. ރުޅިއައިސް ރަތްވެފައެވެ. އެހެންކަމުން ބައެއް ފަހަރަށް ލަދުވެތިކަމުގެ ސިފަ ހަނދާންނެތިދެއެވެ. އަދި ހެއްދެވި ނެހެއްދެވި ހިތުހުރިހައި އެއްޗެއް ކިޔާ ވައްޓާލައެވެ. ނަތިޖާއަކަށް ވާނީ އެމީހަކު އަމިއްލައަށް އެމީހެއްގެ އަގު އެހެން މީހުންގެ ކުރިމަތީގައި ވައްޓާލުމެވެ. އެހެންކަމުން އެ ރައްދު ދޭންޖެހޭ ސިޔާސީ އުކުޅު ދަސްކުރަންޖެހެއެވެ. އާދެ! އެ ރައްދު ދޭންޖެހޭ ސިޔާސީ އުކުޅަކީ އެންމެ ފުރަތަމައިން ލަދުވެތިކަމުގެ ސިފަ އިޚުތިޔާރުކުރުމެވެ. ދެން އެއަށް ރައްދުދޭން ފެށުމެވެ. އެންމެ ފުރަތަމައިނުން އެވާހަކައެއް ދެއްކި މީހާ ކޮށްފައި ހުރި ކޮންމެވެސް ރަނގަޅު ކަމަކަށް އިޝާރާތްކޮށް ތައުރީފާއި ސަނާގެ ބަހެއް ބުނެލުމެވެ. ދެން އެއަށް ފަހު އެމީހަކު ދައްކާފައިވާ ވާހަކައަށް އިޝާރާތްކޮށް އެވާހަކައިން ތިމަންނައަށް ނުވަތަ ތިމަންނަގެ ޕާޓީ އަށް ނުތަނަވަސް ކަމެއް ލިބިއްޖެކަމަށް ބުނެލުމާއެކު އަދި އެވާހަކައަކާ މެދު ދެވަނަ ފަހަރަށް ވިސްނާވަޑައިގަތުމަށް އެދޭ ވާހަކަ ބުނެލުމެވެ. ސިޔާސީ ރައްދު ދިނުމަކީ އެއީއެވެ.

ލަދުވެތިކަމަކީ ايمان ކަމުގެ ތެރެއިން ބައެކެވެ. މާތް الله ރުއްސުންލެއްވި أبو هريرة، ކީރިތި ރަސޫލާ ﷺ ގެ ކިބައިން ރިވާ ކުރެއްވިއެވެ. އެކަލޭގެފާނު حديث ކުރެއްވެވިއެވެ. އީމާން ކަމުގެ ގޮފި (އެބަހީ ދަރަޖަ) ހަތްދިހައަށްވުރެ ނުވަތަ ފަސްދޮޅަހަށް ވުރެ ގިނަވެގެން ވެއެވެ. އޭގެ ތެރެއިން އެންމެ މާތްވެގެންވާ (ދަރަޖައި ގައި) ވަނީ لاَ إلَهَ إلاَّ اللَّهُ ގެ ކަލިމަ އެވެ. އަދި އެންމެ ދަށު ދަރަޖައިގައި ވަނީ މަގުމަތިން އުނދަގޫ ވާތަކެތި ދުރުކުރުމެވެ. އަދި (ދަންނާށެވެ!) ލަދުވެތިކަމަކީ (ވެސް) އީމާންކަމުގެ އެއް ގޮތްޕެވެ.

ލަދުވެތިކަމާއި އީމާންކަމާ ދެކަމަކީ އެއްކަމަކާ އަނެއްކަން ގުޅިލާމެހިފައިވާ އެކުވެރި ދެސިފައެވެ. އެއިގެ ތެރެއިން އެއްކަން ނެތިއްޖެނަމަ އަނެއްކަން ނެތި ހިނގައިދާނެއެވެ. (ބުޚާރީ 09، މުސްލިމު 58)

ލަދުވެތިކަމުގެ ވައްތަރުތައް

  • الله އަށް ލަދުވެތިވުމެވެ.

الله އަށް ލަދުވެތިވުމަކީ الله نهى ކުރައްވާފައިވާ ކަންތަކަށް އަރައިގަތުމުން ދުރުހެލިވުމާއި އެ اله ދެއްވެވި نعمة ތައް ހަދާންކޮށް شكر ވެރިވުމާއި الله ގެ ކުޅަދުންވަންތަކަން ހަދާންކުރުމާއި އެ اله އަކީ އެންމެހާ ކަންތައްތައް ދެކެ ދެނެވޮޑިގެންވާ اله ކަން ދަނެގެން ހުރުމާއި އެކަލާނގެ عذاب އަށް ބިރުވެތިވެއުޅުމެވެ.

  • ރަސޫލާ صلى الله عليه وسلم އަށް ލަދުވެތިވުމެވެ.

އެކަލޭގެފާނަށް ލަދުވެތިވުމަކީ އެކަލޭގެފާނުގެ سنة އަށް عمل ކުރުމެވެ. އަދި އެކަލޭގެފާނު ގެންނެވި މަގުގައި ހިފަހައްޓައިގެން ހުރުމެވެ. އަދި ކޮންމެ ކަމެއްގައި ނަމޫނާއަކަށް އެކަލޭގެފާނަށް ބަލައިގެން ދުނިޔޭގެ ދުވަސްތައް ވޭތުކުރުމެވެ.

  • މީސްތަކުންނަށް ލަދުވެތިވުމެވެ.

މީސްތަކުންނަށް ލަދުވެތިވުމަކީ އެމީހުންގެ حق ތަކަށް އަރައިނުގަތުމާއި އެމީހުން ކުރާ ރަނގަޅު ކަންތަކަށް އިންކާރު ނުކުރުމާއި އެމީހުންނާ مخا طب ކުރުމުގައި ހުތުރު ބަސްތައް ބޭނުން ނުކުރުމާއި އެމީހުންގެ عيبތައް ބޭޒާރު ނުކުރުމެވެ.

مسلمންގެ ލަދުވެތިކަމުގައި ހިމެނޭ އެއްކަމަކީ ހަޑި ހުތުރު ބަސްތައް ނުބުނުމެވެ. މާތްاللَّه ރުއްސުންލެއްވި أبوالدرداء ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ހަޑިހުތުރު ބަސްބުނެ އުޅޭ މީހާއަށް މާތް الله ކޯފާވެ ވޮޑިގަންނަވައެވެ. (ތިރުމިޒީ 2002، ޞައްޙަކަމަށް އަލްބާނީ ނިންމެވި، އަލްޖާމިޢުއްޞަޣީރު1817)

ނޭދެވޭ ލަދުވެތިކަން

1- ދީނާ ޚިލާފު ކަމެއް ކުރާ ތަން ފެނިގެން ހުރެ އެކަމާ ލަދުގަނެގެން ހުންނާކަށް ނުޖެހޭނެއެވެ. އެފަދަ عمل އެއް ފެނުމުން ވަގުތުން މަނާ ކުރަން ޖެހޭނެއެވެ. (އެންމެ ފުރަތަމަ އަތުންނެވެ. އަތުން މަނާ ނުކުރެވޭ ނަމަ ދެން ދުލުންނެވެ. އަދި ދުލުން މަނާ ނުކުރެވޭނަމަ ދެން ހިތުންނެވެ.) އެފަދަ ކަމެއް ފެންނަ ވަގުތު އެކަމެއް މަނާނުކޮށް ހުރެއްޖެނަމަ އެއީ ލަދުވެތިކަމެއް ނޫނެވެ. އެކަން ބެލެވޭނީ خيانة އަކަށެވެ.

2- ދީނީ ގޮތުން އޮޅުންފިލުވަން ޖެހޭ ކަންތައްތަކަށް ލަދުވެތިކަން ވައްދާގެން ހުންނާކަށް ނުޖެހޭނެއެވެ. މާތް الله ރުއްސުންލެއްވި عائشة ގެފާނު ވިދާޅުވެފައިވެއެވެ. އަންޞާރީ ކަނބަލުންނަށް މާތް الله ރަޙްމަތް ލައްވާށިއެވެ. ދީނުގެ ކަންތައްތައް އޮޅުންފިލުވުމުގައި ލަދުވެތިކަން އެކަނބަލުންގެ ހުރަހަކަށް ނުވެއެވެ. (ބުޚާރީ 332)

ލަދުވެތިކަމުގެ ފައިދާ

1- ލަދުވެތިކަމަކީ އިންސާނާއަށް ހެޔޮމަގު ދައްކާ ކަމެކެވެ. އަދި ނުބައިކަމުން ސަލާމަތްކޮށްދޭ ކަމެކެވެ. އެގޮތުން ލަދުވެތިކަމުން އިންސާނާއަށް ހުރިހާ ގޮތަކުންމެ ފައިދާއާއި ލާބައާއި بركاة حاصل ވެއެވެ. މާތްاللَّه އެދެބަފައިކަލުންނަށް ރުއްސުންލެއްވި عِمْران بن حُصَيْن ގެ ކިބައިން  ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. ލަދުވެތިކަން ހެޔޮކަމެއް މެނުވީ މެދުވެރިނުކުރެއެވެ. އަދި مسلمގެ ރިވާޔަތެއްގައިވެއެވެ. ލަދުވެތިކަން ރަނގަޅުވެގެންވަނީ އޭގެ ހުރިހާ ގޮތަކުންމެއެވެ. ނުވަތަ حديث ކުރެއްވި ކަމަށް ވެއެވެ. ލަދުވެތިކަން ވަނީ އޭގެ ހުރިހާ ގޮތަކުން ރަނގަޅުވެގެންނެވެ. (ބުޚަރީ 6117، މުސްލިމު 60)

2- ލަދުވެތި ކަމަކީ الله سبحانه وتعالى ގެ ރުއްސެވުން ހާސިލުވާ ކަމެކެވެ. މީހަކު ހާމަ ތަނެއްގައި ފޮރުވަންޖެހޭ މިންވަރަށް ހަށިގަނޑު ނުފޮރުވާ ފެންވަރަން ހުއްޓާ ކީރިތި ރަސޫލާ ﷺ ދެކެވަޑައިގަތެވެ. ފަހެ މެންބަރުކޮޅަށް އަރާވަޑައިގަތެވެ. އެއަށްފަހު الله އަށް حمد ثناء ވިދާޅުވިއެވެ. އަދި حديث ކުރެއްވިއެވެ. ހަމަކަށަވަރުން الله سبحانه وتعالى އީ ލަދުވެތިވެ ވޮޑިގަންނަވާ އަދި ގިނަގިނައިން މީސްތަކުންގެ ޢައިބުތައް ފޮރުއްވަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ލަދުވެތިކަމަށް ލޯބިކުރައްވައެވެ. އަދި ޢައިބުތައް ފޮރުއްވުމަށް ލޯބިކުރައްވައެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު ފެންވަރާނަމަ ފަހެ ޢައުރަނިވާކުރުން ހުއްޓެވެ. (އަބޫދާއޫދު4012، ނަސާއީ 406، ޞައްޙަކަމަށް އަލްބާނީ ނިންމެވި، އަލްޖާމިޢުއްޞަޣީރު1756)

3- ލަދުވެތި ކަމަކީ އިސްލާމްދީނުގެ ޚުލުގެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. «إِنَّ لِكُلِّ دِينٍ خُلُقًا، وَخُلُقُ الإِسْلاَمِ الْحَيَاءُ». މާނައަކީ: "ހަމަކަށަވަރުން ކޮންމެ ދީނަކަށް އަޚްލާޤެއް ވެއެވެ. އިސްލާމްދީނުގެ އަޚްލާޤަކީ ލަދުވެތިކަމެވެ. (އިބުނު މާޖާ 4181، ޞައްޙަކަމަށް އަލްބާނީ ނިންމެވި، އަލްޖާމިޢުއްޞަޣީރު2149)

4- ލަދުވެތިކަމަކީ ސުވަރުގެ އަށް ވާޞިލުކޮށްދޭކަމެކެވެ. ކީރިތި ރަސޫލާ ﷺ حديث ކުރެއްވިއެވެ. «الْحَيَاءُ مِنَ الْإِيمَانِ، وَالْإِيمَانُ فِي الْجَنَّةِ، وَالْبَذَاءُ مِنَ الْجَفَاءِ، وَالْجَفَاءُ فِي النَّارِ» މާނައަކީ: "ލަދުވެތިކަންވަނީ އީމާންކަމުގެ ތެރެއިންނެވެ. އީމާންކަންވަނީ (އެބަހީ އީމަންކަމުގެ އަހުލުވެރީންވަނީ)  ސުވަރުގޭގައެވެ. (ތިރުމިޒީ 2009، ޞައްޙަކަމަށް އަލްބާނީ ނިންމެވި، އަލްޖާމިޢުއްޞަޣީރު3199)

ކީރިތި ރަސޫލާ ﷺ އަކީ މީސްތަކުންގެ ތެރެއިން ލަދުވެތިކަން އެންމެ ބޮޑު ސާހިބާއެވެ. އެކަލޭގެފާނު ކަމަކާމެދު ނުރުހުންތެރި ވެއްޖެނަމަ އެކަން އެކަލޭގެފާނުގެ މޫނުފުޅުމަތީން ފާހަގަވެއެވެ. އަދި އެކަލޭގެފާނަށް ވަކި މީހެއްގެ ފަރާތުން ނޭދެވޭ ކަމެއް ކުރިމަތިވެއްޖެނަމަ އެކަމެއް ކުރި މީހަކަށް ނިސްބަތްކޮށް ބަސްފުޅެއް ވިދާޅުނުވެއެވެ. އެފަދަ ބަސްފުޅެއް ވިދާޅުވެލައްވަން ޖެހިވަޑައިގަންނަވާ ހިނދު عام ގޮތެއްގައި ވިދާޅުވެފައިވަނީ ބަޔަކު މީހުން މިވެނި عمل އެއްކޮށްފި ކަމަށެވެ. އެއީ އެމީހަކު މީސްތަކުންގެ ކުރިމަތީ ފަޟީހަތް ނުކުރުމަށެވެ.