...

Support Us

ބައިރޫތުގައި މުޒާހަރާ ކުރި މީހުންނަށް ޙަމަލާ ދިނުމުން މަސްރަޙު އަލުން ހޫނުވެއްޖެ

"ބައިރޫތު ބަނދަރު ގޮވުމު"ގެ މަސްއަލަ ތަޙްޤީޤު ކުރައްވާ ޕްރޮސިކިޔުޓަރު ވަކިނުކޮށްގެން ޙިޒްބުﷲ ޖަމާޢަތުގެ ޙަރަކާތްތެރީން މިއަދު ބައިރޫތުގައި މުޒާހަރާ ކުރަމުން ދިޔައިރު ޖަޢުޖަޢުގެ ހަތިޔާރު އެޅި ކްރިސްޓިއަން ހަނގުރާމަވެރީން ފިލައިތިބެ މުޒާހިރީންގެ ތެރެއަށް ބަޑިޖެހުމުން ބަޔަކު މަރުވެ ބަޔަކު ޒަޚަމުވުމުން ޙިޒްބުﷲ އިންނާއި އަމަލު ޖަމާޢަތުން އެކަން ކުށްވެރިކޮށްފިއެވެ. ޖަޢުޖަޢު ވެސް މި މުޒާހަރާ ކުށްވެރި ކުރައްވައި އެ މަސްއަލަ ފުޅައުކޮށް ތަޙްޤީޤު ކުރުމަށް ސަރުކާރަށް ގޮވައިލެއްވިއެވެ.

ޚަބަރު ފަތުރާ އޭޖެންސީތައް ބުނާގޮތުގައި މި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން ހަ މީހަކު މަރުވިއެވެ. އަދި އެތައް ބަޔަކު ޒަޚަމުވިއެވެ. މި ކުރިމަތިލުންތައް ހިނގީ ޝީޢީ ޖަމާޢަތްތަކެއް ކަމުގައިވާ ޙިޒްބުﷲއާއި އަމަލު ޖަމާޢަތަށް ތާއީދު ކުރާ ބަޔަކު ބައިރޫތުގައި މިއަދު ހެނދުނު ވަރުގަދަ މުޒާހަރާތަކެއް ބޭއްވުމުންނެވެ. މުޒާހަރާތައް ބޭއްވީ ބައިރޫތު ބަދަރު ގޮވި ހާދިސާ ތަޙްޤީޤު ކުރަން ޢައްޔަން ކުރި ޤާޟީ ޠާރިޤުލް ބީޠާރު ޢަޒްލު ކުރުމަށް އެދިއެވެ.

ލުބްނާނުގެ ދާޚީލީ ވަޒީރު ބައްސާމު މައުލަވީ ހާމަކުރެއްވިގޮތުގައި މި ހާދިސާގައި 16 މީހަކު ޒަޚަމުވިއެވެ. ލުބްނާނުގެ ސަލާމަތާ ބެހޭ މަރްކަޒީ މަޖިލީހުގެ ބައްދަލުވުމަށްފަހު މައުލަވީ ހާމަކުރެއްވިގޮތުގައި ހަލަބޮލިވުން ފެށުނީ ފިލައިތިބި ބަޔަކު ބަޑިޖަހަން ފެށުމުންނެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ވަރަށް ނުރައްކާތެރި ޙާދިސާއެކެވެ. އޭނާ ލުބްނާނުގެ މީޑިއާތަކަށް މަސްއަލައިގެ ޙަޤީޤަތް ހާމަކުރުމަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ޙާލަތު އަތުން ބީވެގެން ދިޔަދީގެން ނުވާނެއެވެ."

މައުލަވީ ވިދާޅުވިއެވެ. "މުޒާހަރާ ބޭއްވި ފަރާތްތަކުން އެއީ ސުލްޙަވެރި މުޒާހަރާއެއްކަން ވަނީ ފުލުހުންނަށް ކަށަވަރުކޮށްދީފައެވެ. މި މުޒާހަރާ ހަލަބޮލިވީ އެމީހުންގެތެރެއަށް ބަޔަކު ބަޑިޖެހުމުންނެވެ."

ތުހްމަތުތައް ބަދަލު ކުރުން

ޝީޢީ ޙިޒްބުﷲ ޖަމާޢަތް ބުނާގޮތުގައި ޖަޢުޖަޢުގެ ކްރިސްޓިއަން މިލީޝިޔާ ހަނގުރާމަވެރީން ފިލައި ތިބެ ޙިޒްބުﷲ ޖަމާޢަތާއި އަމަލު ޖަމާޢަތުގެ ޙަރަކާތްތެރީންގެ ތެރެއަށް ވަނީ ބަޑީން ޙަމަލާދީފައެވެ. ޙިޒްބުﷲ ބުނާގޮތުގައި ޖަޢުޖަޢުގެ މިލީޝިޔާ ބާރުތަކުގެ މީހުން މި ޙަމަލާތައް ދީފައި ވަނީ އަވަށްޓެރި އަވަށްތަކާއި އުސް ޢިމާރާތްތަކުގެ ޓެރަސް މައްޗަށް އަރައި ތިބެގެންނެވެ. މިއީ ދުރާލައި ރާވައިގެން ހިންގާފައިވާ ޤަތުލު ޢާއްމެއް ކަމަށް ޙިޒްބުﷲއިން ބުންޏެވެ.

ބައިރޫތުގައި މިއަދު ހިނގި ގަނޑުބަޑުތައް ކުށްވެރިކުރައްވާ ސަމީރު ޖަޢުޖަޢު ވިދާޅުވިގޮތުގައި މިއަދުގެ ހާދިސާތަކުގެ އެންމެ  ބޮޑު ސަބަބަކީ ލުބްނާނުގެ ރައްޔިތުންގެ އަމާންކަން ނަގާލައި ބިރުވެރި ހަތިޔާރުތައް މުޅި ޤައުމުގައި ފެތުރިގެން ދިޔުމެވެ. އަމާންކަން ގެއްލި މުޅި ޤައުމު ނާމާންވުމެވެ. ޖަޢުޖަޢުގެ ބަޔާނުގައި ލުބްނާނުގެ ރައީސަށާއި ބޮޑުވަޒީރަށާއި ދިފާޢީ ވަޒީރަށާއި ދާޚީލީ ވަޒީރަށް މި މަސްއަލަ ރަނގަޅަށް ތަޙްޤީޤު ކުރެއްވުމަށް ގޮވާލައްވައިފާ ވެއެވެ. އޭނާ ވިދާޅުވިގޮތުގައި ރަނގަޅަށް ތަޙްޤީޤުކޮށް މި ކަމުގައި ޒިންމާވާ ފަރާތްތަކަށް އަދަބުދޭން އެބަ ޖެހެއެވެ.

އަހްލީ ހަނގުރާމައެއްގެ މަންޒަރުތައް

ބައިރޫތު ބަނދަރުގައި އެއްޗެހިތަކެއް ގޮވި މަސްއަލަ ތަޙްޤީޤު ކުރުމަށް ޓަކައި އިސްކުރެވުނު ޕްރޮސިކިޔުޓަރ ޤާޟީ ޠާރިޤުލް ބީޠާރު ވަކި ނުކުރެވޭނެކަމަށް ލުބްނާނުގެ ކޯޓުން ނިންމިނިންމުމާ ދެކޮޅުހަދައި ބައިރޫތުގައި މުޒާހަރާތައް ބޭއްވެމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މި ހަލަބޮލި ހަރުކަށި ޢަމަލުތަކުގެ ތެރޭގައި މަރުވި މީހުންގެތެރޭގައި އަންހެނަކު ވެސް ވެއެވެ. މި އަންހެނާ މަރުވެފައިވަނީ އޭނާ ގޭގައި އިންދައެވެ.

މުޒާހަރާތައް ޢާއްމުވުމުން ސިފައިން ނުކުމެ މަދަރުސާތަކުގެ ދަރިވަރުން ވަނީ އެކުދީންގެ ގޭގެއަށް ގެންގޮސްފައެވެ. އަދި މުޒާހަރާތައް ހިނގަމުން ދިޔަ ހިސާބުގައި  ހުރި ގޭގެއިން ވެސް މީހުން ވަނީ ދުރަށް ގެންގޮސްފައެވެ.

ސިފައިން އެމީހުންގެ ޓްވީޓްތަކުގައި އިންޒާރު ދެމުންދާ ގޮތުގައި މަގުމަތީގައި އުޅޭ ހަތިޔާރުއެޅި ކޮންމެ މީހެއްގެ ގަޔަށް އިތުރު އިންޒާރަކާނުލައި ބަޑިޖެހޭނެއެވެ.

ބީޠާރު ވަކި ނުކުރުމުން މަސްއަލަ އިތުރަށް ނުބައިވި

ބީޠާރު ވަކި ކުރަން ކޯޓަށް ހުށައެޅުއްވީ ބަރްލަމާނުގައި ހިމެނިވަޑައިގަންނަވާ އަމަލު ޖަމާޢަތުގެ ދެ މެންބަރެކެވެ. އެ ދެ ބޭފުޅުން ވިދާޅުވިގޮތުގައި ޤާޟީ ވަނީ ލުބްނާނުގެ ދުސްތޫރާ ޚިލާފުވެ ވަޑައިގެންފައެވެ. އަދި އޭނާ ވަނީ ބަރްލަމާނުގެ ބާރުތަކާއި ރައީސުންނާއި ވަޒީރުންގެ ޤަޟިއްޔާތައް ބަލައި އެންމެ މަތީ މަޖިލީހުގެ އިޚްތިޞާޞުތައް ފަހަނަޅައި ވަޑައިގެންފައެވެ. ޙިޒްބުﷲގެ ޒަޢީމު ހަސަން ނަޞްރުﷲ ވިދާޅުވާގޮތުގައި ބީޠާރުގެ މަސައްކަތް ވަނީ "ޢަދާލަތާ ގުޅުމެއްނެތް ސިޔާސީ މަޤްޞަދަކަށް ބަދަލުވެފައެވެ."

ބައިރޫތު ބަނދަރުމަތީގައި ގޮވި ގޮވުމުގެ ހާދިސާ ހިނގާފައި ވަނީ 2020ގެ 4 އޮގަސްޓްގައެވެ. މި ޙާދިސާގައި 217 މީހަކު މަރުވެހަތް ހާސް މީހަކު ޒަޚަމުވިއެވެ. މި ޙަދިސާ ހިނގާފައިވަނީ އެ ބަނދަރުގެ 12 ވަނަ ގުދަނުގައެވެ. މި ގުދަނުގައި 2014ގައި ހިފަހައްޓާފައިވާ 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ހުއްޓެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.