...

Support Us

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓާއި ފީފާގެ ރައީސް ޖިޔާނީ އިންފަންޓީނީ (ކ)

2030ގައި އިސްރާއީލުގައި ވޯލްޑްކަޕް ބާއްވަން ފީފާގެ ރައީސް ޚިޔާލު ދެއްވައިފި

އިސްރާއީލާއި ކޮންމެވެސް އެހެން ޤައުމަކާ ގުޅިގެން 2030ގައި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް އިސްރާއީލުގައި ބޭއްވުމުގެ ޚިޔާލު ފީފާގެ ރައީސް އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓަށް އަރުއްވައިފިއެވެ. މިކަން އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފައެވެ.

މި ޓްވީޓް ބުނާގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓަށް ފީފާގެ ރައީސް ޖިޔާނީ އިންފަންޓީނީ މި ޚިޔާލު އެރުއްވީ ޤުދުސުގައި ބެނެޓްގެ އޮފީހުގައި ބައްދަލު ކުރެއްވުމުގެ ތެރޭގައެވެ. މިއީ ފީފާގެ ރައީސަކު އިސްރާއީލަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ފީފާގެ ރައީސް، ބެނެޓަށް ދެންނެވި ގޮތުގައި އިސްރާއީލަށް މި ސަރަޙައްދުގެ އެހެން ޤައުމަކާ ގުޅިގެން– ޚާއްޞަކޮށް އެކުވެރި ޢަރަބި އިމާރާތާ– ގުޅިގެން 2030ގެ މުބާރާތް އިންތިޒާމު ކުރެވިދާނެއެވެ.

ވޯލްޑްކަޕް 2022 ބޭއްވުމަށް ހަމަޖެހިފައި ވަނީ ޤަޠަރުގައެވެ. އަދި 2026ގެ މޮންޑިޔާލް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާއާއި ކެނެޑާއާއި  މެކްސިކޯ ގުޅިގެން އެ ތިން ޤައުމުގައެވެ.

ޤުދުސުގައި އިސްރާއީލުން ތަޅާލައިފައިވާ އިސްލާމީ ޤަބުރުސްތާނެއް ކަމުގައިވާ "މައުމަނުﷲ" ޤަބުރުސްތާނުގައި ބޭއްވި ޙަފްލާއެއްގައި ފީފާގެ ރައީސް ބައިވެރިވެ ވަޑައިގަތުމާ ވިދިގެން ފަލަސްޠީނުން އޭނާއަށް މަރްޙަބާ ނުދަންނަވާނެ ކަމަށް ފަލަސްޠީނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބުނެފައެވެ. އިސްރާއީލުން މި ޤަބުރުސްތާނު ތަޅައިލުމަށްފަހު އެ ބިން ޔަހޫދީކުރުމަށް ޓަކައި އެތާނގައި ހަދާފައި ވަނީ ދާރުލްއާސަރެކެވެ. މި ދާރުލްއާސާރުގެ ނަމަކީ "ޓޮލަރެންސް މިޔުޒިޔަމް" އެވެ.

ފަލަސްޠީނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނި ގޮތުގައި ފީފާގެ ރައީސް މި އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަކީ ކުޅިވަރު ސިޔާސީ ކުރުމެކެވެ. މި ކަމުގެ ސަބަބުން ޞުލްޙައަކަށް ވެސް އަދި ތަސާމުޙަކަށް ވެސް ޚިދްމަތެއް ނުލިބޭނެއެވެ.

ޤުދްސުގެ މުސްލިމުންގެ ތަޅައިލި ޤަބުރުސްތާނު އޮތް ބިމުގައި އަންގާރަ ވިލޭރޭ ބޭއްވި އިޙްތިފާލަކީ "ފްރެޑްމަން ފޮރ ޕީސް" ނަމަކަށް ކިޔާ މަރްކަޒު ހުޅުވުމަށް ބޭއްވުނު އިޙްތިފާލެކެވެ. "މައުމަނުﷲ ޤަބްރުސްތާނަ"ކީ ޤުދުސްގައި އޮތް އެންމެ ބޮޑު އަދި އެންމެ މަޝްހޫރު އިސްލާމީ ޤަބުރުސްތާނެވެ. މިއީ ހުޅަނގު ޤުދުސު ސަރަޙައްދުގެ ތެރޭގައި އޮތް ބިމެކެވެ. އިސްރާއީލުން މި ބިން ނަގައި ފަތުރުވެރިކަމަށް ޓަކައި ދަނީ ތަރައްޤީ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.