...

Support Us

އަދަބިއްޔާތުގެ ނޮބެލް އިނާމު 2021ގައި ލިބިވަޑައިގެންނެވި ޢަބްދުއްރައްޒާޤު ޤުރްނަޙު

އަދަބިއްޔާތުގެ ނޮބެލް އިނާމުގެ މެޑެލީގައި ކަނޑައި ނަގާފައިވާ މަންޒަރުން ފެންނަނީ ގަހެއްގެ ދަށުގައި އިށީނދެގެން އިން ޒުވާނަކަށް އިލްހާމުވެގެން އައި ބަސްތަކެއް ލިޔަމުންދާ ތަނެވެ. މި ކުރެހުމުގެ ވަށައިގެން ލިޔެފައިވާ ލެޓިން ޢިބާރާތް ބުނަނީ: މި ބިންމަތީގައި އިންސާނާގެ ޙަޔާތް ފުނޫނިއްޔާތުގެ ތެރެއިން ހަރުދަނާ ކުރަން މަސައްކަތްކުރި މީހުންނަށެ"ވެ. މިއީ މީލާދީގެ ކުރިން ފުރަތަމަ ސައްތައިގައި އުޅުއްވި ރޯމަން ޝާޢިރެއް ކަމުގައިވާ ވަރޖިލްގެ މަޝްހޫރު އެއިނިސް ރިވާޔަތުގެ ހަ ވަނަ ފޮތުން ނަގާފައިވާ ޢިބާރާތެކެވެ. ސްވިޑްންގެ މޭސްތިރިއެއް ކަމުގައިވާ އިރިކް ލިންޑްބަރގް އީޖާދު ކުރި މި މެޑެލީގައި މި ފަހަރު ކަނޑައި ބިންވަޅު ނެގުނު ނަމަކީ Abdulrazak Gurnah ނުވަތަ ޢަބްދުއްރައްޒާޤު ޤުރްނަޙު އެވެ.

މުސްލިމު ޢަރަތްބެއް

ޢަބްދުއްރައްޒާޤުގެ ޢާއިލާ ޔަމަނުގެ ޙާޟަރަ މައުތުން ޒެންޖިބާރަށް ހިޖްރަ ކުރެއްވީ މި ދިޔަ ސައްތައިގެ ސާޅީހުގެ އަހަރުތަކުގައެވެ. މި ޢާއިލާއަށް ލިބުނު މި ކުއްޖާ އުފަންވީ ޒެންޖިބާރުގައި 1948 ގައެވެ. އޭނާ ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ޙާޞިލު ކުރެއްވީ ޒެންޖިބާރުގައެވެ. އޭރު ޒެންޖިބާރުގައި އޮތް  ރަސްކަން ވައްޓައިލުމާ ވިދިގެން މި ޖަޒީރާގައި ދިރިއުޅެމުން އައި ޢަރަބި ނަސްލުގެ މީހުންނާމެދު މުޢާމަލާތުކޮށްފައި ވަނީ ވަރަށް ހަރުކަށިކަމާއި ނޭއްގާނިކަމާއެކުގައެވެ. މި ހިތްދަތި މާޙައުލުގެ ތެރޭގައި މި ޖަޒީރާގެ ޢަރަބި ނަސްލުގެ ރައްޔިތުންގެތެރެއިން އެތައް ބަޔަކު މި ފަސްގަނޑު ދޫކޮށް އެކި ހިސާބުހިސާބަށް ހިޖްރަކުރިއެވެ.

ޢުމުރުފުޅުން އަދި ވިހި އަހަރުވެސް ނުފުރޭ ޢަބްދުއްރައްޒާޤަށް ވެސް މި ވެށީގެ ސަބަބުން މަޖްބޫރުވެ ވަޑައިގަންނަވައިގެން އިނގިރޭސިވިލާތަށް ހިޖްރަ ކުރެއްވިއެވެ. ހަސްފަތާލެއްގައި ދޮވެއްގެގޮތުގައި އުޅުއްވަމުން ތަޢުލީމު ޙާޞިލު ކުރެއްވިއެވެ. އޭނާ 1982ގައި ކެންޓަރބަރީގެ ކެންޓް ޔުނިވަރސިޓީން އިނގިރޭސި ބަހުގެ އަދަބިއްޔާތުން ޕީއެޗްޑީ ޙާޞިލު ކުރެއްވިއެވެ. މި ކަމާވިދިގެން އެ ޔުނިވަރސިޓީގެ އުސްތާޒުކަން 1985ގައި އޭނާއަށް ލިބިވަޑައިގެންނެވިއެވެ.

ޢަބްދުއްރައްޒާޤު ޤުރްނަޙަށް 2021ވަނަ އަހަރުގެ އަދަބިއްޔާތުގެ ނޮބެލް އިނާމު ލިބިވަޑައިގެންނެވިކަން އިޢުލާން ކުރި ބަޔާން ބުނާގޮތުގައި އޭނާ މި އިނާމަށް އިޚްތިޔާރު ކުރެވުނީ "ހަމްދަރްދީން ފުރިފައިވާ ޢިބާރާތްތަކުން އިޙްސާސްތައް ފޫއަޅުއްވަމުން އިސްތިޢުމާރާއި ތަފާތު ސަޤާފަތްތަކުގެ ބައްރުތަކުގެ ތެރޭގައި ހަވާސާވެފައިވާ ރެފިޔުޖީންގެ ކުރިމަގު މިސްރާބު ކުރެއްވުމުގައި ދޫ ނުދެއްވާ ކުރިއަށް ވަޑައިގެންފައިވާތީ" ކަމަށް ބުނެފައި ވެއެވެ. މި ބަޔާނުގައި އޭނާ ޙަޤީޤަތް ބަޔާންކުރެއްވުމުގައި ހިފަހައްޓަވާފައިވާ ފުންކަމަށާއި، އިޙްސާސްތަކާއި ޚިޔާލުތައް ސާދާކުރެއްވުމުގައި ފަސްޖެހިވަޑައިގެންފައިވާލެއް ކުޑަކަން ފާހަގަކޮށް އޭނާއަށް ތާރީފު ބަރުތީލަކޮށްފައި ވެއެވެ. އޭނާގެ ރިވާޔަތްތަކުގައި ސަޤާފީ ސިންދަފާތުތައް ބޮޑު  އިރުމަތީ އެފްރިކާއަށް އަޅުގަނޑުމެންގެ ލޯތައް ހުޅުވައިލަދެއްވާފައި ވަނީ ވަރަށް ސާދާ އުސްލޫބަކުން ގަތާލައްވާފައިވާ ގެތުންތަކަކުންނެވެ.

އަޅުގަނޑުމެންނަށް މި އަދީބަކީ ކާކުކަން ނޭނގުނު ނަމަވެސް އޭނާއަކީ އެމެރިކާއާއި ޔޫރަޕްގައި މަޝްހޫރު ކާތިބެކެވެ. އޭނާގެ ވަރަށް ގިނަ ރިވާޔަތްތައް ޔުނިވަރިސިޓީތަކުގެ މުޤައްރަރުތަކުގައި ހިމެނެއެވެ. ޢާލަމީ ފަރަންސޭސި ރޭޑިއޯގެ އިނާމު ޢަބްދުއްރައްޒާޤަށް ވަނީ ލިބިވަޑައިގެންފައެވެ. ލޮސް އޭންޖަލްސް ޓައިމްޒް މަޖައްލާއިން އޭނާގެ ކުރު ވާހަކަތައް އެތައް އިނާމުތަކަކަށް ހުށައަޅައިފައި ވެއެވެ. ވައިޓްބްރެޑް އިނާމަށާއި ބްރޫކް އިނާމަށް އޭނާގެ ރިވާޔަތްތައް ކުރުލިސްޓް ކުރެވިފައި ވެއެވެ.

ޓެންޒާނިޔާގެ މި އަދީބު މިހާތަނަށް 10 ރިވާޔަތެއް ލިޔުއްވާފައި ވެއެވެ. އެއީ

  • 1987ގައި ލިޔުއްވި Memory of Departure އާއި
  • 1988 ގައި ލިޔުއްވި Pilgrims Way އާއި
  • 1990ވަނަ އަހަރު ލިޔުއްވި Dottie އާއި
  • 1994 ވަނަ އަހަރު ލިޔުއްވި Paradise އާއި
  • 1996ވަނަ އަހަރު ލިޔުއްވި Admiring Silence އާއި
  • 1996ގައި ލިޔުއްވި By Sea އާއި
  • 2005 ގައި ލިޔުއްވި Desertion
  • 2011ގައި ލިޔުއްވި The Last Gift އާއި
  • 2017ގައި ލިޔުއްވި Gravel Heart އާޢި
  • 2020 ގައި ލިޔުއްވި Afterlives އެވެ.

އޭނާ އިނގިރޭސިވިލާތަށް ހިޖްރަކުރެއްވި ފަހުން އުފަން ވަޒަނަށް ވަޑައިގެންފައި ނުވިޔަސް އޭނާގެ ޙަޔާތްޕުޅުގެ ހިތި ތަޖްރިބާތަކުގެ ހިޔަނި އޭނާގެ ރިވާޔަތްތަކުގެ ޝަޚްޞިއްޔާތުތަކަށް އެޅިފައިވާ ތަން ފެނެއެވެ.

ޤުރްނަޙުގެ އަދަބީ މަސައްކަތްޕުޅުތަކުން އިސްތިޢުމާރުގެ މީރާސާއި އެފްރިކާގެ އައްސޭރިފަށަށް މި އިސްތިޢުމާރުގެ ސަބަބުންކޮށްފައިވާ ހަވާސަރުތައް ފެނެއެވެ. އޭނާގެ ވަޠަނުގައްޔާއި ހިޖްރަކުރައްވާފައިވާ ބިމުން ފެންނަ އިސްތިޢުމާރީ ސުލޫކުތަކާއި ސިޔާސަތުތައް އެއްވެސް ހިފެހެއްޓުމަކާ ނުލައި ބަރަހަނާ ކުރައްވަމުން ގެންދަވާފައި ވެއެވެ. ރެފިޔުޖީންގެ ގޮތުގައި ވިއްސިވިހާލިވެގެން މީހުންނަށް އުޅެން ޖެހުމުންނާއި ނަސްލީ އިމްތިޔާޒުގެ ސަބަބުން އެފްރިކާގެ މުހާޖިރުންނާ ކުރިމަތިލާންޖެހުނު ތަޖްރިބާތަކަށް ވަރަށް ވަރުގަދައަށް އަލި އޮއްސަވާފައިވެއެވެ.

ޢަބްދުއްރައްޒާޤުގެ ރިވާޔަތްތަކާއި ކުރު ވާހަކަތަކާއި އަދަބީ މަސައްކަތްތަކުން ފެންނަގޮތުގައި އޭނާ އޭނާގެ އުފަން ވަޒަން އަދިވެސް ދޫކޮށެއް ނުލައްވައެވެ. އޭނާގެ އަދަބީ ލިޔުންތަކުން ފެންނަ ދަތުރުތަކާއި ސަފާރީތަކަކީ އޭނާގެ އުފަން ވަޒަނަށް ކުރައްވާ ދަތުރުތަކެކެވެ.

އޭނާގެ ވާހަކަތަކުގެ ބަޠަލުންނަކީ މިނިވަންކަމުގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ޓަކައި ދަތުރު ކުރާ ބައެކެވެ. މިންޖުވުމަށް ޓަކައި ކުރާ މަސައްކަތެކެވެ. އެއީ ލޭއޮހުރުވުމުން ތަތްތެޅިފައިވާ މީރާސެއް ހިމެނޭ މިންޖުވުމެކެވެ. އެއީ ކޮލޮނިޔަލިޒަމްގެ ޒަމާނަށްފަހު އައި އެފްރިކާގެ ރެފިޔުޖީން މިންޖުވުމަށް ކުރާ ބުރަ މަސައްކަތްތަކެކެވެ.

ލިޔުއްވާ ގޮތް

ޢިރާޤުގެ އަލްމަދާ ދުވަހުނޫހާ ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރައްޒާޤު ޤުރްނަޙު ވިދާޅުވިއެވެ. "އަޅުގަނޑު އަދަބީ މަސައްކަތްތައް ކުރަނީ ޔުނިވަރސިޓީގެ ޗުއްޓީ ދުވަސްތަކުގައެވެ. ނުވަތަ ޔުނިވަރސިޓީން ހުސް ވަގުތުކޮޅެއް ދިނީމައެވެ. އަބަދުވެސް ފަންނީ މަސައްކަތްތައް ކުރަނީ ގޭގައި އިނދެގެންނެވެ. ޔުނިވަރސިޓީއަކީ ރިވާޔަތްތައް ލިޔަން މުނާސަބު މާޙައުލެއްނޫނެވެ. އޮފީހަކީ ދިރާސާތަކާއި މުޙާޟަރާތުތަކާއި މަޒުމޫނުތައް ލިޔަން އެހީވެދޭ ޞިނާޢީ ތަނެކެވެ."

ޤުރްނަޙުގެ އުފެއްދުންތަކަކީ އޭގެ ޒުވާންކަމަށާއި އައުވެއައުވެހުރުމަށް ބަލާއިރު މާބޮޑު ތަފާތުކަމެއް ނެތް އުފެއްދުންތެރި ވިލުންތެރި ދިރުންހުރި އަދަބީ ކުރެހުންތަކެކެވެ. އޭނާގެ ރިވާޔަތްތަކުން ފެންނަމުންދާ ތަފާތަކީ ތަޖްރިބާތަކުން މި ރިވާޔަތްތައް އިތުރަށް އާރާސްތުވަމުން އައިސްފައިވާ ތަނެވެ. ތަޖްރިބާތަކުން ދޮންވެ ފައްކާވަމުން އަންނަ މިންވަރެވެ. މަޢުލޫމާތުން އިތުރު މުއްސަނދިކަން ލިބެމުންދާ ތަނެވެ. ގޮންޖެހުންތަކުން އިތުރަށް ލޯ ހުޅުވެމުން އަންނަ ތަނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.