...

Support Us

ކޮލަމް: ކެޔޮނިރު

ކެޔޮނިރު ކޮލަމް: ދިވެހި ޤައުމު ދެން އަތުޖެހޭނެބާ؟

އޮންލައިން ނޫހެއްގައި މީގެ ދުވަސްކޮޅެއް ކުރީން ޝާއިއުކުރި ލިއުމެއްގައިވާ ގޮތުން ރާއްޖޭގައި އިންޑިއާއިން ހިންގާ ގޮތް ނޭނގޭ ހަރަކާތްތަކާ ދެކޮޅަށް ވާހަކަ ދައްކަނީ "ދެތިން މީހުން"ނެވެ! އެއީ ދެތިން މީހުން ކަމުގައި ވާނަމަ އެ ދެތިން މީހުންގެ ތެރޭގައި ހަމަ ގައިމުވެސް އަޅުގަނޑު ހިމެނޭނެއެވެ. އިންޑިއާގެ ދެ ހެލި ކޮޕްޓަރާއި އެ ދެ ހެލިކޮޕްޓަރ ބަލަހައްޓަން ކަމަށް ބުނެ ރާއްޖޭގައި ބައިތިއްބާފައި ތިބި އިންޑިއާގެ 60 ސިފައިންނަކީ ނިސްބަތުން މަދު އަދަދެއް ކަމުގައި ވިއަސް އެއީ ފެށުމެކެވެ. އިންޑިއާ ކޮޅަށް ބުރަވާ ސަރުކާރެއް ދިވެހި ރާއްޖޭގެ ވެރިކަމަށް ނޮވެމްބަރ 2018 ގައި އައި ފަހުން ސަރުކާރުގެ އިސް މަސްއޫލްވެރިން ގެންދަވަނީ އިންޑިއާއަށް މިޤައުމު އަޅުވެތިވާ ފަދަ އެތައް ކަމެއް ކުރައްވަމުންނެވެ.

އިންޑިއާގެ ޑޯނިއަރ އާއެކު މިލިޓަރީ ސިފައިން ހަނިމާދޫ އެއާޕޯޓުގައި -އަދިވެސް ފޮޓޯ:

ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ކުރީގެ ސަރުކާރުން އެންގުމުން އެކަމަށް ޖަދަލުކޮށް ގަދަ ދައްކައިގެން ތިބުމަށް ފަހު މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވަނީ އެ ހެލިކޮޕްޓަރުތައް ބެހެއްޓުމުގެެ ހުއްދަ އާކޮށްދެއްވައި އިތުރު ޑޯނިއަރ ފްލައިޓެއްވެސް އިންޑިއާއިން ގެނެސް ހަނިމާދޫ އެއާޕޯޓްގައި ބާއްވައިފައެވެ. އަދި އެ ޑޯރނިއަރ ފްލައިޓް ބަލަހައްޓަން އިންޑިއާގެ އިތުރު ސިފައިން ވެސް ހަނިމާދޫގައި ބައިތިއްބައިފައެވެ. މާލީ ވަޒީރާއި އިގްތިސޯދީ ވަޒީރު ވަނީ އިންޑިއާއިން އެތައް ބިލިއަން ޑޮލަރުގެ ލޯނު އެކި ނަންނަމުގައި ދައުލަތަށް ނަންގަވާފައެވެ. ހާރިޖީ ވަޒީރު ޝާހިދު ގެންދަވަނީ އިންޑިއާ އަކީ ނަމޫނާ ޑިމޮކްރެސީއެއް ކަމަށް ވިދާޅުވެ އިންޑިއާ ޕްރޮމޯޓް ކުރައްވަމުންނެވެ. ހާރިޖީ ވަޒީރަށް ދާދި ފަހުން ލިބިވަޑައިގެންނެވި އ.ދގެ އާއްމު މަޖުލީހުގެ ރައީސް ކަމަކީ އިންޑިއާއަށް ދިވެހި ޤައުމު ވިއްކައިގެން ހޯއްދެވި މަޤާމެކެވެ.

ދިފާއީ ވަޒީރު މާރިޔާ ވިދާޅުވެފައި ވަނީ އިންޑިއާ ނޫން ޤައުމަކުން މިލިޓަރީ އެހީ ބޭނުން ނޫން ކަމަށެވެ. އަދި އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފުމަކީ ދާދި ފަސޭހަ ކަމެއް ކަމަށާއި އެފަދަ ކަމެއް ކުރަން އިންޑިއާ ނޫޅޭ ކަމަށް ވެސް ދިފާއީ ވަޒީރު ވަނީ ވިދާޅުވެފައެވެ. މިއީ ތަހުޒީބީ ޤައުމެއްގެ ދިފާއީ ވަޒީރަކު ދައްކާނެ ކަހަލަ ވާހަކައެއް ނޫނެވެ. މިސާލަކަށް ދުނިޔޭގެ ނިސްބަތުން ކުޑަ ޤައުމެއް ކަމުގައިވާ ސިންގަޕޫރުގެ ދިފާއީ ވަޒީރު، ޗައިނާ ބޭނުންނަމަ ސިނަގަޕޫރަށް އަރައި ސިންގަޕޫރު ހިފިދާނެ ކަމަށް ބުނެފިނަމަ މަޤާމުގައި އެއް ދުވަހުވެސް ނުހުރެވޭނެއެވެ.

އެ މޭރުމުން ވާހަކަ ދައްކާ ކަމުގައި ވަނީނަމަ، މިސާލަކަށް، ސްރީލަންކާ ސަރުކާރުން ބޭނުން ނަމަ އެއް ދުވަސްތެރޭ ރާއްޖެ ހިފިދާނެއެވެ. ދެ ޤައުމުގެ މިލިޓަރީގެ ފަރަގު އެހާވެސް ބޮޑެވެ. އެހެނޭ ކިޔައިފައި ދިވެހިން ސްރީލަންކާގެ ހެލިކޮޕްޓަރާއި އެޤައުމުގެ ސިފައިން ގެނެސް ދިވެހި ފަސްގަނޑުގައި ބައިތިއްބައިގެން ސްރީލަންކާގެ އަޅުވެތިކަމަށް ދާންވީތޯއެވެ؟ މިއީ މާރިޔާ ދެއްކެވި ވަރަށް ދަށުދަރަޖައިގެ ވާހަކައެކެވެ. މަޤާމުގެ ފެންވަރު ނެތްކަމުގެ ހެއްކެކެވެ.

ދިވެހިން ބަލަން ތިއްބާ ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ވެއްޔާ މޮޑެވި، ގެއްލިގެން މިއޮއް ދަނީއެވެ. ބޭރު ފުށުން ކިތައްމެ ރީތި މަންޒަރެއް ދެއްކިއަސް ރައީސް ސޯލިހުގެ ސަރުކާރުން މިދަނީ މި ޤައުމު އިންޑިއާގެ އަޅުވެތިކަމަށް ވައްޓާލަމުންނެވެ. މިހާރުވެސް މި ދިވެހި ރާއްޖެއަށް މިވަނީ ކޮންމެވެސް ވަރަކަށް އިންޑިއާގެ ސެޓެލައިޓް ސްޓޭޓެއްގެ ސިފަ އަންނަން ފަށައިފައެވެ. އަޅުގަނޑުމެންގެ ދަރީން ބޮޑެތިވެ ތަސައްރަފް ފުދޭއިރު މިޤައުމަކީ ގެރިއަށް އަޅުކަންކުރާ، މުސްލިމުން މަރާ، ކުޑަކުދިން ރޭޕް ކުރާ، ހައްދުފަހަނަ އަޅާފައިވާ އިންޑިއާގެ އަޅުވެތި ކަމުގައިވާ ސެޓެލައިޓް ސްޓޭޓަކަށް ވާކަށް އަޅުގަނޑުމެން ދިވެހީން ބޭނުންވާނަމަ އެއީ ހިތާމަހުރި ކަމެކެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

މި ޤައުމު މިހާރުވެސް މިދަނީ ހުޅަނގާއި ޗައިނާއާ ދެމެދު ކުރެވޭ ފިނި ހަނގުރާމައިގެ މެދުގައި ފިތެމުންނެވެ. އިންޑިއާއަކީ މި ފިނި ހަނގުރާމައިގައި ހުޅަނގުން ބޭނުކުރާ ބަފަރ ސްޓޭޓް ނުވަތަ މެދުވެރިޔާއެވެ. އިންޑިއާގެ އަމާޒަކީ 2030 އަންނަންވާއިރަށް ޕާކިސްތާން، ބަނގްލަދޭޝް، ސްރީލަންކާ، ދިވެހިރާއްޖެ، ބޫޓާން، ނޭޕާލް ފަދަ ޤައުމުތައް އިންޑިއާގެ ނުފޫޒުގެ ދަށުގައިވާ ސެޓެލައިޓް ސްޓޭޓް ތަކަކަށް ހެދުމެވެ. ބަންގްލަދޭޝްގައި ވެސް ފެންނަނީ މި ސިޔާސީ ގޭމެވެ. ބޮޑުވަޒީރު ޝެއިހް ހަސީނާ އަކީ އިންޑިއާގެ ޕަޕެޓެކެވެ. އިދިކޮޅު ލީޑަރ ޚާލިދާ ޒިއާ އާއި، ޚާލިދާގެ ކުރީގެ ކެބިނެޓު އެއްކޮށް ވަނީ ޖަލުގައެވެ. އެންމެ ފަހުން ބޭއްވުނު އިންތިހާބްގައި ހުދްމުހްތާރުކަމާއި މަކަރާއި ހީލަތް ބޭނުންކޮށްގެން ޝެއިހް ހަސީނާ އިންތިހާބް ވަގަށް ނެގީ އިންޑިއާގެ އެހީއާ އެކުއެވެ؛ ރާއްޖެ ފަދައިންނެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރ ދިވެހި ބަހުން ޓްވީޓްކޮށް، "ވަރަށް ބޮޑަށް ޝުކުރިއްޔާ މަނިކުފާނު" އޭ ކިޔައިގެން ދިވެހީން ހެއްދިއަސް ހަޤީގަތަކީ، އިންޑިއާއިން މިކުޅޭ ސިޔާސީ ގޭމަކީ ގިނަ ދިވެހީންނަށް ރޭކާވެސް ނުލާހާ ފުން، ގޮތް ނޭނގޭ، ބިޔަ ބޮޑު ގޭމެއް ކަމެވެ. ރޭކާލާއިރު އޮންނާނީ ވާނެ ހައެތި ވެނިމިފައެވެ.

ރާއްޖޭގެ ޒުވާން އާބާދީގެ ގިނަ ބަޔަކު އެމް.ޑީ.ޕީ އަށް ކުރާ ތާއީދުގެ ނާޖާއިޒު ފައިދާ ނަގައިގެން އެމް.ޑީ.ޕީ ސަރުކާރުން އިންޑިއާއާއެކު މި ހިންގާ ސިޔާސީ ޖަރީމާ ހުއްޓުވުމަށް ދިވެހި ޤައުމު ދެކެ ލޯބިވާ ހުރިހާ އެންމެން ތެދުވާން އެބަޖެހެއެވެ. މިއީ އަޅާނުލާ ތިބެވޭ ވަރުގެ އާދައިގެ ކަމެއް ނޫނެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހަކީ މި ދިވެހި ޤައުމު ތަބަކަކަށް ލާފައި ހުޅަނގަށާއި އިންޑިއާއަށް ދެއްވަން ތައްޔާރަށް ތިއްބެވި ދެ ބޭފުޅުންނެވެ. އެފަދަ ބައެއްގެ ދިފާއުގައި، އެފަދަ ބަޔަކަށް ތާއީދު ކޮށްގެން މި ދިވެހި ޤައުމުގެ ގިނަ މީހުން ތިބި ތިބުމަކީ މި ދިވެހި ޤައުމު ފާލުން ނެއްޓިފައިވާ ކަމުގެ ހެއްކެކެވެ. މިއަދުވެސް ރާއްޖޭގެ ލޯފާމެއްގެ އިސް ބޭފުޅަކު އަޅުގަނޑަށް ޓެގް ކުރައްވާފައި ޓްވީޓް ކުރައްވާފައިވަނީ "ޔާމީނުގެ އަޅުވެތިކަމަށް ވުރެ އިންޑިއާގެ އަޅުވެތިކަން ވެސް މާ ރަނގަޅު" ކަމަށެވެ. ޔާމީނުގެ ވެރިކަމާ ދެކޮޅަށް ދިވެހީން ވޯޓުލުމަކީ އެއަށްފަހު އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދާންޖެހޭ ސަބަބެއް ނޫނެވެ.

ޤައުމު ދެކެ ލޯބިވާ އެތައް ހާސް ދިވެހީން، އިންޑިއާ މައްސަލައިގައި ކަންބޮޑުވެ، ނުތަނަވަސް ވެފައިވާއިރު، ރައީސް ސޯލިހު މި މައުލޫއަށް ސީދާ އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ ހިކުމަތްތެރިކަން ކަމުގައި ބަޔަކު ދުއްޓަސް އެއީ ޒިއްމާއިން ބަރީއަވުން ކަމުގައި ނުވަތަ ސިޔާސީ ގޮތުން ފިނޑިވުން ކަމުގައި ބެލެވެއެވެ. ކިތައްމެ ބަނދަރެއް ހެދިއަސް، ކިތައްމެ ނަރުދަމާއަކާއި ބޯފެނުގެ ހޮޅިތައް ވަޅުލިއަސް، ކިތައްމެ އެއާޕޯޓެއް އެޅިއަސް، ކިތައްމެ ވަރަކަށް މުސާރަ ބޮޑުކޮށް، މަޝްރޫއުތައް ހިންގިއަސް، ކިތައްމެ މާއްދީ ފައިދާތައް ރައްޔިތުންނަށް ދެއްކިއަސް، ޤައުމުގެ މިނިވަންކަން ނެތިގެންދާ ފަދަ މަގަކުން ޤައުމު ހިންގާ ވެރިއަކީ އިހްލާސްތެރި ވެރިއެއް ނޫނެވެ. ބޮޑެތި ހުރިހާ ވިޔަފާރިވެރީން ތިބީ އިންޑިއާގެ އެސް.ބީ.އައިގެ ލޯނުގެ މަޅީގައި ޖެހި ނިގޫ ފިތިފައެވެ. ސިޔާސީ ވެރީން ވެރިކަމަށް އައީ އިންޑިއާއިން ފަންޑުކޮށްގެންނެވެ. މުޅި ޤައުމު މިވަނީ ފައިދިގު މަކުނެއްގެ މަޅީގައި މެއްސެއް ޖެހޭހެން އިންޑިއާގެ މަޅީގައި ޖެހިފައެވެ.

ޤައުމުގެ ދިފާއީ ވަޒީރާއި ޗީފް އޮފް ޑިފެންސް ފޯސް އާއި، ހާރިޖީ ވަޒީރުގެ ވަޒީފާއަކީ އިންޑިއާ ޕްރޮމޯޓް ކުރުމާއި އިންޑިއާ ދިފާއުކުރުން ކަމުގައި ވަނީނަމަ މިޤައުމުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ. ޤައުމެއްވާ ދެން ނެތެވެ. ޤައުމު އޮޔާ ދަނީ އެވެ. މިޤައުމު ސަލާމަތް ކުރާނެ ބަތޮލުން ތެދުވަންޖެހޭ ވަގުތު މިވަނީ މިހާރު އައިސްފައެވެ. ދިވެހި ޤައުމު ޒިންދާބާދު!

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

One Response

  1. ޢޭ މިހިރަ ލިޔުންތެރިޔާއެވެ. ޙަދަހަދައިގެން މަކަރުވެރި ވާހަކަތައްލިޔެ ނަފުރަތު އުފައްދަމުންދާއިރު ކުރީސަރުކާރު އޮތްއިރު ހިންގި ޖަރީމާތަކުގެ ވާހަކަ ނުލިޔުނީ އޭރު ގަލަމުގައި ދެލިނެތީހެއްޔެވެ.؟ ނޫނީ، އެ އަނިޔާވެރި ވެރިކަމުން ބައެއް ލިބުނީހެއްޔެވެ. އޭރު ލިޔުންތެރިން ޖަލަށް ލާތީ ބިރުން ހެއްޔެވެ. ގައުމީ ލޭ ހިނގަނީ ވަކި ދުވަސަވަރެއްގައި ހެއްޔެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.