Support Us

ސަމާސާ އަދަބު: އިދުރީސްބެގެ ތަރުޖަމާނުކަން

އިދުރީސްބެއާއި ކަނބުރުބޭގެ ޔޫސުމްބެއާ ދެ މީހުން އުޅުނީ ކަށިމަސްތުނޑިން ބޮއްކުރައެއްގައި ގާ ގެނެސްގެން އެ ގާތައް އެއްގަމަށް އަރުވާށެވެ. އޭރު އަދި މަނަދޫގެ ފަޅެއްނުކޮނެއެވެ. ބަނދަރެއް ނުހަދައެވެ. އެއީ ހަކިންބެމެން ގެއާ ދިމާ އަތިރިމައްޗެވެ. އެންމެ ހަޅަ ދިޔަކަމުން އަނދެގެން ތިބި މުންޑާއެކު ދެ މީހުން ވެސް ތިބީ ތެމިފޯވެފައެވެ. އެހެން ތިއްބާ އެ ދިމާއަށް އަންނަތަން ފެނުނީ މަނަދޫ ކޯޓާ ހަވާލުވެގެން ހުރި ގާޒީ، ލަންދޫ ސަމަދުބެއެވެ.

ނިކަން ހަރުކޮށް ހިނގާފައި އައިސް އިދުރީސްބެއަށް ގޮވާލާފައި ސަމަދުބޭ ބުންޏެވެ. ކޮއްކޯއެވެ. މިއުޅެނީ ވަރަށް ބޮޑު ކަމެއް ޖެހިގެންނެވެ. ބަލަމުންދާ މައްސަލައެއް ހަމަ އެއްގޮތަކަށް ވެސް ކޮޅެއްގައި ނުޖެއްސިގެންނެވެ. މިކަމުގައި އެހީތެރިކަމެއް ދޭން ވެއްޖެއެވެ. މައްސަލައަކީ ވަރިއެއްގެ މައްސަލައެވެ. ފިރިހެން މީހާއަކީ ބަލި މީހަކަށް ވާތީ އޭނާ ކިޔާ ނުކިޔާ އެއްޗެއް އެއް ގޮތަކަށް ވެސް ސާފެއް ނުވެއެވެ. އޭނާ ކިޔާ އެއްޗެއް ސާފުކޮށްލަދޭން ދެވިދާނެ ހެއްޔެވެ.

އިދުރީސްބެ ބުންޏެވެ. ސަމަދުބޭއެވެ. އަހަރެމެން މިތިބީ ތެމި ފޯވެފައެވެ. މިހެން ހުއްޓާ ކޯޓަށް ވަދެއްޖެނަމަ ކޯޓު ވެސް ތެމިފޯވާނެއެވެ.

ސަމަދުބޭ ބުންޏެއެވެ. މިވަގުތު މައްސަލައާ ގުޅޭ ދެ މީހުން ވެސް ތިބީ ކޯޓުގައެވެ. ތިޔަ ހުރިގޮތަށް އަންނާށެވެ. ކޯޓު ތެމުނަސް މައްސަލައެއް ނެތެވެ. އެއަށްވުރެ މި މައްސަލަ ނުނިމި ގިނަ ދުވަސްވާ މައްސަލަ މާބޮޑެވެ. އެހެން ބުނީމާ ސަމަދުބޭ ފަހަތުން އިދުރީސްބެ ހިގައިގެންފިއެވެ. ދިޔައިރު ކޯޓުގައި އިނީ ކެލާ ޔޫސުމްބެއާއި ދަލޭކަދައިތައެވެ. އޭރު ޔޫސުމްބެ ވަނީ ސްޓްރޯކެއް ޖެހުމުގެ ސަބަބުން އެއްފަޅިން ވާގިބަލިވެފައެވެ. އެހެންވެ ވާހަކައެއް ވެސް ނުދެއްކެއެވެ. އެކަމަކު ހިނގާބިނގާވެ އުޅެވެއެވެ. މީހުން ދައްކާ ވާހަކަ އެނގެއެވެ. އަނގައިން ވާހަކަ ނުދެއްކޭތީ ވާހަކަ ދައްކަނީ އަތުންނާއި ބޮލުގެ އިޝާރާތުންނެވެ.

މައްސަަލައަކީ ޔޫސުމްބޭގެ އަންހެނުން ދަލޭކަ ދައިތަ ވަރިވާން ހުށަހަޅާފައިވާ މައްސަލައެކެވެ. ޝަރީޢަތް ފެށިއްޖެއެވެ.

ދިގު ވާހަކަ ތަކެއް ދައްކާފައި ބޮޑު ފޮތެއްގައި ލިޔުންތަކެއް ލިޔެފައި ގާޒީ ބުންޏެވެ. މިހާރު މިހިސާބުން ފެށިގެން ޔޫސުމްބެގެ ރުހުމާއެކު މި ވަރިވީއެވެ. އެހެން ބުނުމާއެކު ޔޫސުމްބެ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ދެން ޔޫސުމްބެ ލައްވާ އެ ލިޔުމުގައި ސޮއި ކުރުވަން ފޮތް ދިއްކޮށްލިއެވެ. ފޮތް ދިއްކޮށްލުމުން ޔޫސުމްބެ އަތުން ގޮތެއް ހަދާލައިފިއެވެ. ނޫނެކޭ ބުނާ ކަހަލަ ގޮތަކަށެވެ. އެ ވަގުތު ގާޒީ ބުންޏެވެ. މިއީ އެހެންނާ ވެސް ވާވަރެވެ. މިހާ ހިސާބުން ކޮންމެ ފަހަރަކު ވެސް ދެކޮޅު ހަދަނީއެވެ. މިހާރު މި ޝަރީޢަތް ކުރިއަށް ގެންދަން އުޅޭތާ ދިހަވަރަކަށް ދުވަސް ވެއްޖެއެވެ. މިއަދުވެސް އަނެއްކާ މިކަން މި ނުވީ ނޫންހެއްޔެވެ؟

އިދުރީސްބެ ބުންޏެވެ. ގާޒީއެވެ. އެ ދެކޮޅު ހަދަނީއެއް ނޫނެވެ. އޭނާ އެ ބުނަނީ އޭނާގެ އަތުގައި ބާރު ނެތީމާ ތިޔަކަމެއް ނުވާނެޔޭ އެވެ. އެ ބުނަނީ ސޮއި ނުކުރެވޭނެ ވާހަކައެވެ. އޭނާ ބޭނުންވަނީ އިނގިލީގެ ނިޝާން ޖަހާށެވެ. އެހެން ބުނުމާއެކު ގާޒީ ބުންޏެވެ. އެއީ ތެދެއްހެއްޔެވެ؟ ސޮއެއް ނުކުރެވޭނެ ހެއްޔެވެ؟ ބޭނުންވަނީ އިނގިލީގެ ނިޝާން ޖަހަން ހެއްޔެވެ؟ އެހެން ގާޒީ ބުނުއްވުމުން ޔޫސުމްބެ އަނެއްކާ ވެސް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ދެން ފޮތާއި ދެލިފޮށި ދިއްކުރުމުން ވަގުތުން އިނގިލީގެ ނިޝާން ޖަހައިފިއެވެ. އެ ހިސާބުން މައްސަލަ ނިމުނީއެވެ. ސަމަދުބޭ އިދުރީސްބެއާ ދިމާއަށް ބުންޏެވެ. ކަލޭ ނައިނަމަ މިކަން ނިންމާނީ ކިހިނެއްހެއްޔެވެ؟

މައްސަލަ ނިކަން ފަސޭހައިން ނިމިއްޖެއެވެ. އެކަމަކު އޭރު މުޅި ކޯޓުތެރެ އޮތީ ފޯވެފައެވެ. ސަމަދުބެއަށް ތަރުޖަމާނެއްގެ ގޮތުގައި އިދުރީސްބެ ދެއްކީ ކާކުބާއެވެ؟ އެއެއް އިދުރީސްބެއަކަށް ވެސް ނޭނގެއެވެ.

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *