Support Us

އާޖެންޓީނާގެ އައު ސަފީރު ޑޮކްޓަރ އޫގޯ ހާވިއެރް ގޯބީގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވަނީ

އާޖެންޓީނާ، ހަންގޭރީ އަދި މޮރިޝަސްގެ އައު ސަފީރުން ފަތްކޮޅު އަރުއްވައިފި

އާޖެންޓީނާ އާއި ހަންގޭރީ އަދި މޮރިޝަސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުއްވައިފިއެވެ.

ފަތްކޮޅު އެރުއްވުމުގެ ރަސްމީޔާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވީ ވަކިވަކިންނެވެ.

އާޖެންޓީނާގެ އައު ސަފީރު ޑޮކްޓަރ އޫގޯ ހާވިއެރް ގޯބީއާ ބައްދަލުކުރެއްވުން

ފަތްކޮޅު އެރުވުމަށްފަހު، އާޖެންޓީނާގެ އައު ސަފީރު ޑޮކްޓަރ އޫގޯ ހާވިއެރް ގޯބީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އާޖެންޓީނާގެ ސަފީރު ވަނީ ރާއްޖެއާއި އާޖެންޓީނާއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އަބަދުވެސް ރާއްޖެއަށް އާޖެންޓީނާއިން އެއްބާރުލުން ދެއްވާނެކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ އިސް ދައުރެއް އަދާކުރާތަން ދެކިވަޑައިގަތުމަށް ބޭނުންފުޅުވާކަން އާޖެންޓީނާ ސަފީރު ފާހަގަކުރެއްވިއެވެ.

އާޖެންޓީނާގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އާޖެންޓީނާއަކީ ރާއްޖޭގެ އެކުވެރިއެއް ކަމަށާއި، އަބަދުވެސް ދެޤައުމުގެ ގުޅުން ބަދަހިކުރެެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ސަފީރު ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާ ގުޅޭގޮތުން، ޚާއްޞަކޮށް ކަނޑުފަޅު ހިމާޔަތްކުރުމާއި ގުޅިގެން ދިވެހިރާއްޖެ މިސާލަކަށް ބަލައި މަސައްކަތްކުރެެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ  ފަތުރުވެރިކަމާއި، އިންސާނީ ޙައްޤޫތައް ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ގުޅޭގޮތުން އަދި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި އާޖެންޓީނާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

 ހަންގޭރީ އައު ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވަނީ

ހަންގޭރީ އައު ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީއާ ބައްދަލުކުރެއްވުން

ފަތްކޮޅު އެރުވުމަށްފަހު، ހަންގޭރީގެ އައު ސަފީރު އަންޑުރޭޒް ލެސްޒްލޯ ކިރަލީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއާއި ހަންގޭރީއާ ދެމެދުގައިވާ ގުޅުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ރާއްޖެއަށް ކަށަވަރުކުރުމަށް ހަންގޭރީގެ ސަރުކާރުން ދެއްވެވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހަންގޭރީއާއެކު ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ހާމަކުރައްވާފައެވެ. އަދި، ހަންގޭރީގެ ސަފީރު ވަނީ ތަޢުލީމީ ދާއިރާއިން ރާއްޖެއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ސްކޮލަރޝިޕް ފުރުޞަތުތަކެއް ރާއްޖޭގެ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ހަންގޭރީގެ ސަރުކާރުން ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި، ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޢިޤްތިޞާދުގެ ދާއިރާއިންނާ، މަސްވެރިކަމާއި، ޞިއްޙީ ދާއިރާގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނާއި، ދެޤައުމުގެ ދެމެދުގައި ހިނގަމުންދާ މަތީފަންތީގެ ވާހަކަފުޅުތަަކާއި، ކޮންސިއުލަރ ޚިދުމަތް ދިނުމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެެއްވުމަަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް ހަންގޭރީގެ ސަފީރު ވަނީ ރާއްޖެއަށް އިތުރަށް ކާބޯތަކެތި ލިބޭނެގޮތް ކަށަވަރުކުރުމާއ، ފަތުރުވެރިކަން އަދި ފެން މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި، ސަފީރުގެ ވާހަަކަފުޅުގައި ދެޤައުމަށް ފައިދާކުރަނިވި ދާއިރާތަކުން ރާއްޖޭގައި ވިޔަފާރީގެ ގުޅުން ޤާއިމުކުރުމުގެ މައްޗަށް ވެސް ވަނީ ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދުގައި މިފަހުން ބޭއްވުނު އިސްވެރިންގެ ބައްދަލުވުމަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މި ބައްދަލުކުރެއްވުމުގެ ސަބަބުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންނާ ދެމެދުގައިވާ ގުޅުން ކުރިޔަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ހަންގޭރީގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަކީ ދެ ޤައުމުން ވެސް ވަަރަށް އިސްކަން ދޭކަމެއްކަން ފާހަގަކުރައްވައި ބައިނަލްއަޤްވާމީ މައިދާނުގައި މިކަމަށް ދެޤައުމުން ވެސް ގުޅިގެން އަޑުއުފުލުމުގައި މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު ފަހުކޮޅު ގްލަސްގޯ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 26 ބައްދަލުވުމަށް ތައްޔާރުވުމުގައި ހަންގޭރީއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މޮރިޝަސްގެ އައު ނޮން ރެޒިޑެންޓް ސަފީރު ސާންތީ ބާއީ ހަނޫމާންޖީގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވަނީ

މޮރިޝަސްގެ އައު ސަފީރާ ބައްދަލުކުރެއްވުން

ފަތްކޮޅު އެރުވުމަށްފަހު، މޮރިޝަސްގެ އައު ސަފީރު ސާންތީ ބާއީ ހަނޫމާންޖީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ އެކަމަނާގެ ސަފީރުކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން މޮރިޝަސްގެ އައު ސަފީރު ވަނީ މޮރިޝަސްގެ ބޮޑުވަޒީރާއި ރައީސްގެ ހެޔޮއެދުންތައް ރާއްޖޭގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާކަމުގައި ވިދާޅުވެފައެވެ. އަދި، މޮރިޝަސް އިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުކަން ލިބިވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ފަޚުރެއްކަމަށާއި، އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި މޮރިޝަސްގެ ސަފީރު ވަނީ ދެޤައުމުގެ ވެސް ކޮވިިޑްގެ ޙާލަތު ކޮންޓްރޯލްކުރުމަށް ދެޤައުމުގެ ސަރުކާރުން ނަގާފައިވާ ފިޔަވަޅުތަކާއި، ވެކްސިން ދިނުމުގެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ދެޤައުމަކީވެސް ކުދި ޖަޒީރާ ދެޤައުމަށް ވުމާއެކު ރައީސުލްޖުމްހޫރިއްޔާއާއި، މޮރިޝަސްގެ ސަފީރު ވަނީ ދެޤައުމުން ޝައުޤުވެރިވާ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ދެބޭފުޅުން ވަނީ ވިޔަފާރިއާއި ޢިޤްތިޞާދީ ދާއިރާއިންނާއި، އިމްޕޯޓް އެކްސްޕޯޓް އިތުރުކުރުމާއި ގުޅޭގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *