Support Us

ބޯ ނިވާކޮށްގެން އުޒްބަކިސްތާނުގައި މަދަރުސާއަށް ދިއުމުގެ ހުއްދަ 30 އަހަރަށްފަހު ދީފި

އުޒްބަކިސްތާނުގެ ދަރިވަރުންނަށް ބޯ ނިވާކޮށްގެން މަދުރަސާއަށް ދިޔުމުގެ ހުއްދަ 30 އަހަރަށްފަހު ދީފިއެވެ. މި ހުއްދަ ދިނީ މުސްލިމު ޢާއިލާތަކުގެ އަންހެން ދަރީން ތަޢުލީމުން މަޙްރޫމުވިޔަ ނުދިނުމަށް ޓަކައި ކަމަށް އުޒްބަކިސްތާނުގެ ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.

އުޒްބާކިސްތާނަކީ މުސްލިމުންނަށް އަޣްލަބިއްޔަތު ލިބިފައިވާ އިސްލާމީ ޤައުމެކެވެ. އެހެނަސް އުޒްބަކިސްތާނު ސަރުކާރުގެ އުޞޫލުތައް ބިނާކޮށްފައި ވަނީ ޢިލްމާނިއްޔަތުގެ (ސެކިޔުލަރިޒަމް)ގެ މަތީގައެވެ. މީގެ 30 އަހަރު ކުރިން ސޮވިއެޓް ޔުނިއަން ރޫޅި ނެތިގެން ދިޔުމުން މިނިވަންކަން ލިބުނު މެދުތެރޭ އޭޝިޔާގެ ޤައުމުތަކުގެ ތެރޭގައި އުޒްބަކިސްތާނު ހިމެނެއެވެ.

އުޒްބަކިސްތާނުގެ ތަޢުލީމާ ބެހޭ ވަޒީރު ޝޭރު ޒޯދު ޝޭރު މާޓޯފް ވަދާޅުވި ގޮތުގައި "މަދުރަސާއަށް އަންނައިރު ބޯ ނިވާކުރުމަށް އަހަރެމެން ހުއްދަ މި ދެނީ ވަރަށް ގިނަ މައިންބަފައިންނާއި ބެލެނިވެރީން އެދިގެންނެވެ. އެ ކުދީން ބޯ ނިވާކުރަން ވާނީ ހުދު ކުލައި ނުވަތަ މަޑު ކުލައެއްގެ ބުރުގާއަކުންނެވެ."

އުޒްބަކިސްތާނުގެ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވިގޮތުގައި "މަދަރުސާ ކުދީން ބުރުގާ އަޅަންވާނީ ކަރުވަޅު ފެންނަ ގޮތަށެވެ." ވަޒީރުގެ ވާހަކަފުޅުގައި ބުރުގާ އެޅުން ހުއްދަވެގެން ވަނީ ކޮން ޢުމުރުފުރާއަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ.

މީސްމީޑިޔާގެ މެސެޖުތައް ބުނާގޮތުގައި މިއީ އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާނުން އައުމުން އެޅި "ރައްކައުތެރިކަމުގެ" ފިޔަވަޅެކެވެ. ނާޞިރުއްދީނުއް ޝާމީ އޭނާގެ ޓްވީޓްގައި ބުންޏެވެ. "ހަތާވީސް އަހަރުފަހުން މަދަރުސާގެ ދަރިވަރުންނަށް ޙިޖާބު މި ހުއްދަކުރީ އުޒްބަކުގެ ރައްޔިތުން ޠާލިބާނުންގެ ޖަޒުބާތުގައި ޖެހި ސަރުކާރާ ދެކޮޅަށް ތެދުވެދާނެތީ ބިރުންނެވެ."

އުޒްބަކިސްތާނުގެ ރައީސް ޝައުކަތު މީރު ޟިޔާއީފު މިދިޔަ ޖޫން މަހު ވަނީ "ޢަޤީދާގެ މިނިވަންކަމާއި ދީނީ ޖަމްޢިއްޔާތަކުގެ މިނިވަންކަމާ ބެހޭ ޤާނޫނެއް" ނެރުއްވައިފައެވެ. މި ޤާނޫނުގެ ދަށުން ޢާއްމު ތަންތާނގައި ދީނީ ޔުނިފޯމުތައް ބޭނުންކުރުން މަނާކުރާ ޤާނޫނު އުވާލެވުނެވެ. އެހެންކަމުން ޢާއްމު ތަންތާނގައި ބުރުގާ އަޅައިގެން އުޅުން ވަނީ ހުއްދަ ކުރެވިފައެވެ. އެހެނަސް ސަރުކާރުގެ ޢިމާރާތަކަށް ބުރުގާ އަޅައިގެން ނުވަދެވޭނެއެވެ. މަދަރުސާތައް ހިމެނެނީ ސަރޫކާރުގެ ޢިމާރާތްތަކުގެ ތެރޭގައެވެ.

ކުރީގެ ރައީސް އިސްލާމް ކަރީމޯފުގެ ވެރިކަމުގައި ކުޑަ ކުދީން ގޮވައިގެން މިސްކިތަށް ދިޔުމާއި ބަންގިގޮވުމަށް ޓަކައި އަޑުގަދަކުރާ ބޭނުން ކުރުމަކީ މަނާ ކަމެކެވެ. މިހާރުގެ ރައީސް ގެންނެވި ބަދަލުތަކުގެ ސަބަބުން މިހާރު އެއީ ހުއްދަ ކަންތަކެކެވެ.

"ދީނީ މިނިވަންކަންނެތް" ޤައުމެކޭ ބުނެ އެމެރިކާއިން އުޒްބަކިސްތާނު ބާއްވާފައި އޮތީ 2018 އާ ހަމައަށް ދާންދެން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ޤައުމުތަކުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ﷲ ހުއްދަކުރެއްވިކަންކަން ޙަރާންކުރުމަކީ ކުޅޭ ކުޅިވަރެއްތޯ! މުސްލިމް އަޣްލަބިއްޔަތެއް އޮވެމެ ދީނަށް ޙުރުމަތެއް ޤަދަރެއް އިޙްތިރާމެއް ދެވިފައެއް ނެތް.
    ދިވެހީން މިއިން ޢިބްރަތް ލިބިގަންނަން ނުޖެހޭބާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް