ޤަޠަރުގެ ޚާރިޖީ ވަޒީރު ޝައިޚު މުޙައްމަދު ބިން ޢަބްދުއްރަޙްމާނު އާލު ޘާނީ އަފްޣާނިސްތާނުގެ މަސއަލަތައް ޙައްލު ކުރެއްވުމަށް ޓަކައި ދަތުރުފުޅުތަކެއް ކުރައްވަން އިއްޔެ ފަށްޓަވައިފިއެވެ. ޖަޒީރާއިން ޚަބަރުދޭ ގޮތުގައި އޭނާ މި ބުރުގައި ފުރަތަމަ ވަޑައިގެންނެވީ އީރާނަށެވެ. މިއަދު ރަޝިޔާއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ޤަޠަރުގެ ވަޒީރު ތުރްކީއަށާއި ޕާކިސްތާނަށް ވެސް ވަޑައިގަންނަވާނެ ކަމަށް ޖަޒީރާއިން ބުންޏެވެ. މި ދަތުރުފުޅުގައި ޤަޠަރުގެ ވަޒީރުގެ ވާހަކަދެއްކެވުންތައް އެނބުރޭނީ އަފްޣާނިސްތާނުގެ މަސްއަލަތަކުގެ ވަށައިގެންނެވެ. މީގެ އިތުރަށް ޤާޠަރާ މި ޤައުމުތަކާ ދެމެދުގައި ވާ ގުޅުންތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމާ ބެހޭގޮތުން ވެސް ބަހުސްކުރައްވާނެއެވެ.
އީރާން ބައްދަލުވުން
އީރާނުގައި ޤަޠަރުގެ ވަޒީރު ޝައިޚު ޢަބްދުއްރަޙްމާނު އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލަހްޔާނާ އެކު ބަހުސްކުރައްވާފައި ވަނީ ސަރަޙައްދީ ފައިލްތަކާއި ބައިނަލްއަޤްވާމީ މަސްއަލަތަކާއި އަފްޣާނިސްތާނުގެ ފައިލާއި ޠަހަރާން- ދައުޙާ ގުޅުންތަކާ ބެހޭގޮތުންނެވެ.
އީރާނުގެ ޚާރިޖިއްޔާއިން މި ކަމާ ބެހޭގޮތުން ނެރުނު ބަޔާން ބުނާގޮތުގައި ސަރަޙައްދީ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި ވާހަކަދެއްކުމުގެ މަގު ޚިޔާރުކުރުމުގެ އަހައްމިއްޔަތު އިރާނުގެވަޒީރު ކަށަވަރުކޮށް ދެއްވިއެވެ. އަފްޣާނިސްތާނުގައި ހުރިހާ ޤައުމިއްޔާތުތަކެއް ޝާމިލުވާ ސަރުކާރެއް ޤާއިމު ކުރުމަށް ދެ ވަޒީރުން ގޮވައިލެއްވިއެވެ. ޤަޠަރާއި އީރާނުގެ ދެ ޚާރިޖީ ވަޒީރުން އެއްބަސްވެވަޑައިގެންނެވި ގޮތުގައި އަފްޣާނިސްތާނުގެ ރައްޔިތުން މިއަދު ބަރުދާސްތު ކުރަމުންދާ ގިލަންތަކާއި މުޞީބާތްތަކަކީ އެމެރިކާގެ ސަބަބުން އެމީހުންނާ ކުރިމަތިވެފައިވާ މުޞީބާތްތަކެކެވެ.
ދެ ވަޒީރުން ހާމަކުރެއްވި ގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް ހަރުދަނާކުރުމަކީ ޟަރޫރަތެކެވެ. ވިޔަފާރީގެ ބޭނުންތަކަށް ޓަކައި ފަސޭހަގޮތަކަށް ވީޒާ ލިބޭނެ މަގު ތަނަވަސްވެފައި އޮންނަން ޖެހޭނެ ކަމަށް ދެ ވަޒީރުން އެއްބަސްވެވަޑައިގެންނެވިއެވެ. ޤަޠަރުގައި 2022ގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕު ޤާއިމު ކުރުމުގެ އެންމެހާ ކަންތައްތަކުގައި އިރާނުން ޤަޠަރަށް އެހީވެދޭނެ ކަމަށް ޠަހަރާނުން ކަށަވަރުކޮށްދިނެވެ. އެ ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރެވިފައިވާ އެއްބާރުލުމުގެ ގުޅިފައިވާ ކޮމެޓީގެ ބައްދަލުވުންތައް ފެށުމާ ބެހޭގޮތުން ވެސް ދެ ވަޒީރޔުން މަޝްވަރާކުރެއްވިއެވެ.
ޤަޠަރުގެ ޚާރިޖީ ވަޒީރު ކުރެއްވި ޓްވީޓެއް ބުނާގޮތުގައި މި ދަތުރުފުޅުގެ ބޭނުމަކީ އަފްޣާން މަސްއަލައާ ބެހޭގޮތުން ބަހުސްކުރެއްވުމާއި އައު މަސްއަލަތަކާމެދު ޚިޔާލު ބަދަލު ކުރެއްވުމެވެ. އަފްޣާން މަސްއަލައަށް ޝާމިލު ފުރިހަމަ ޙައްލެއް ގެނެވޭނީ ބައިނަލްއަޤްވާމީ ފިކްރުތަކާއި މަސައްކަތްތައް އެކުގައި ވެށިގެން ކަމަށް ޤަޠަރުގެ ވަޒީރު ވިދާޅުވިއެވެ.
އަފްޣާނިސްތާނަކީ އީރާނާއެކު 900 ކީލޯމީޓަރުގެ ދިގު ސަރަޙައްދީ ރޮނގެއް އޮންނަ އަވަށްޓެރި ދެ ޤައުމެވެ. ޠާލިބާނުން، 1996 ން 2001 އާ ދެމެދުގައި އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު އީރާނަކީ ޠާލިބާނުން ޤަބޫލު ކުރި ޤައުމެއްނޫނެވެ. އެހެނަސް ފަހަކަށް އައިސް އީރާނުން ދަނީ ޠާލިބާނުންނާއެކު ގުޅުންތައް ބަދަހިކުރަމުންނެވެ.
ޤަޠަރުގެ ވަޒީރުގެ މި ދަތުރުފުޅުގެ ދެ ދުވަސް ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ޤަޠަރަށް ވަނީ ޒިޔާރަތް ކުރައްވައިފައެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާ މީހުން ކާބުލުން ފުރުމުގައި ޠާލިބާނުންގެ އެހީ ލިބޭނެކަމުގެ ޔަޤީންކަން އޭނާ ވަނީ ހޯއްދައިފައެވެ.



advertisment