Support Us

އިންސާނީ ޙަޔާތް ބާއްޖަވެރިކުރެވޭނީ ދަނޑުވެރިކަމާއި ކާނާގެ އީޖާދަށް އެތަނެއްގެ ދަރިން ހޭލައިގެން

ހީވެސް ނުކޮށް ތިއްބައި ހައެއްކަ މަހުން މުޅި ދުނިޔެ މިވަނީ އެތައް ސަތޭކަ އަހަރެއްގެ ފަހަތަށް ގޮސްފައެވެ. ފުދުންތެރިކަމާއި އުފާވެރި ޙަރަކާތްތަކުގެ ގޮތުންނެވެ. ދަތުރުފަރުތުކުރުމާއި ގުޅުންތައް ބަދަލުކުރުމާއި ޒިޔާރަތްކުރުންތަކުގައެވެ. ކުރިމަތިމި މިޒަމާނުގައި މިއަދު ދުނިޔެ އެންމެ ބޮޑަށް ކަންބޮޑުވެފައިވަނީ ދުނިޔޭގެ އާބާދީގެ 7.3 ބިލިޔަން މީހުންގެ ކާނާއާއި ބޭސްވެރިކަމުގެ ފުދުންތެރިކަން ހޯދާނޭގޮތަކާމެދުގައެވެ.

ޝައްކެއްނެތެވެ. މިއަދު މިއަދާ ކުރިމަތިވިއިރު ދުނިޔޭގެ ގިނަ ބަޔަކު ކައި ބޮއި އުޅެނީ މަދުބައެއްގެ ބުރަ މަސައްކަތުން ފޯއްދާ ދަނޑުވެރިކަމުންނެވެ. ވިޔަފާރިއާއި މިނިވަންކަމުގެ ނަމުގައި ގިނަ ބަޔަކު ދަނީ އަތް އުރައިލައިގެން ތިބުން އާންމުކުރަމުންނެވެ. މިއީ ހިތާމަކުރަންޖެހޭ ކަމެކެވެ. ކާބޯތަކެއްޗާބެހޭ ބައިނަލްއަޤްވާމީ އިދާރާތަކުން އިންޒާރުދެމުންދާއިރުވެސް ކަމާބެހޭ ފަރާތްތަކުން ހަމަ ތަހޭވެސް ހިތަކަށް ނާރައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހު ފާހަަކުރާ މުހިންމު އެއް ދުވަހަކީ ކާބޯތަކެތީގެ ދުވަހެކެވެ. ދުނިޔޭގައި ދިރިއުޅޭ 7.3 ބިލިޔަންމީހުން ބަނޑަށް ޖެހުނަ ނުދީ ކާނާގެ ފުދުންތެރިކަން ލިބިދިނުމަށް، އެ ބައިމީހުންގެ ފިކުރަށް ސަމާލުކަން ގެނެސް ކުރަންޖެހޭ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރުމަށް އދ އިން ނިންމައި އެތައް ޙަރަކަތްތަކެއް މި ދުވަހާ ދިމާކޮށް، 2015 ވަނަ އަހަރުން ފެށިގެން ހިންގައެވެ.

ޝައްކެއް ނެތް ގޮތުގައި އިންސާނީ ޙަޔާތް ބާއްޖަވެރިކުރެވޭނީ ދަނޑުވެރިކަމާއި ކާނާގެ އީޖާދަށް އެތަނެއްގެ ދަރިން ހޭލައިގެންނެވެ. ޖުމުޢާ ސޫރަތުގެ 10 ވަނަ އާޔަތުގެ މާނައިގައި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ 2010 ގައި ވެއެވެ. "އަދި ފަހެ ނަމާދުކޮށް އަވަދިވެއްޖައުމުން ބިމުގައި ފެތުރިގަންނާށެވެ. އަދި މާތް ﷲ ގެ ނިޢްމަތްތަކަށް އެދި މަސައްކަތް ކުރާށެވެ" ދޭހައަކީ ރޯދި ބަރަކާތަށް އެދި މަސައްކަތްކުރަންފަށަންވީއެވެ.

އިސްލާމްދީނުގައި ބާރުއަޅަނީ ކާނާ ހެއްދުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރުމަށެވެ. ދަނޑުގޮވާންކުރުމުގެ މާތްކަމާމެދު އެތައް ވާހަކަތަކަކާއި އަމުރުތަކެއް އެބަ ހުއްޓެވެ. އަދި ގެރިބަކަރި ގެންގުޅުމުގެ ދަނޑުވަރިކަންވެސް އެއީ އިސްލާމްދީނުގައި ބާރުއަޅާ މަސައްކަތްތަކެވެ. ކިޔަވައި ދަސްކުރަންޖެހޭ ޚާއްސަ ޢިލްމެކެވެ. އެހެންކަމުން ކާބޯތަކެއްޗަށް ދަތިވާ މި ދަނޑިވަޅުގައި މިފަދަ ދުވަހެއް ފާހަގަކުރާހިނދު ކާނާގެ ފުދުންތެރިކަމަށްޓަކައި އެންމެންވެގެން ވިސްނުމީ މުހިންމުކަމެކެވެ.

މީލާދީން 1945 ވަނަ އަހަރު ކާބޯތަކެތީގެ ދުވަސް ފާހަހަކުރިފަހުން އދގައި މިދުވަސް މީލާދީން 1979 އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރަން ފެށީއްސުރެ މިއަދާހަމައަށްވެސް ދެމުން އަންނަ އެންމެ ބޮޑު އިންޒާރަކީ ދަނޑުތައް މަރުވެ ކާނާ މަދުވަމުން ދާވާހަކައެވެ. ޤައުމީ ފެންވަރުގައާއި ފަރުދީ ފެންވަރުގައިވެސް މި ދުވަސް ފާހަގަކޮށް ކާނާ އިތުރުކުރުމަށް، އދ އިން ގޮވައިލައެވެ. ކޮންމެ ޤައުމެއްގައި މިދުވަސް ފާހަގަކޮށް ދަނޑުވެރިކަމަށް ބާރުއަޅާ ކަންކަމާއި ދަނޑުވެރިކަމުގެ މުހިންމުކަމުގެ ވާހަކަދައްކައި ރައްޔިތުން ހޭލުންތެރިކުރަން ނަސޭހަތްތެރިވުމަށް އދ އިން ގޮވައިލައެވެ. ނަމަވެސް އަޅާކަހާވެސް ނުލައެވެ.

ދެހާސް ސާދަ ވަނަ އަހަރު "އާއިލީ ދަނޑުވެރިކަން" ތީމުގެ ދަށުން "ދުނިޔެއަށް ކާންދީ ދުނިޔެއާ އަޅައިލާ" ގެ އުންމީދީ ނަސޭހަތުގެ ގޮވެލި ހިމެނިގެން މި ދުވަސް ފާހަގަކުރިއެވެ. އޭގެފަހުން "ފަޤީރުންނާއި ފުދުންތެރިކަން ނެތް މީހުންގެ އެ ސިފަ ނެތިކޮށްލުން" މާނަކުރެވޭ ޝިޢާރު ޢާންމުކޮށްފައިވެއެވެ. އެއީ ޖަމާޢަތުގެ ހިމާޔަތާއި ސަލާމަތަށް ދަނޑުވެރިކަން މި ތީމުގެ ދަށުންނެވެ.

އދ އިން ކާނާ ހައްދައި އިތުރުކުރުމަށް ގޮވާލަނީ މާތް މަޤުޞަދެއްގައެވެ. ދުވަސްތައް ފާހަގަކޮށް ދަނޑުވެރިކަމުގެ ޙަރަކާތްތައް ހިންގަން ގޮވައިލަނީ ދުނިޔެ ކާބޯތަކެއްޗަށް ގޮވާ ގޮވެލީގެ ކާމިޔާބު ރޫޙު ސަލާމަތް އައްސޭރިއަކަށް ގެންދިއުމަށްޓަކައެވެ. ހައިހޫނުކަމާއި ނުފުދުންތެރިކަމުގައި ދުނިޔޭގެ އެކި ޖަމާޢަތްތައް އުފުލާ ވޭނަށް ނިމުން ގެނައުމަށެވެ. ހައިހޫނުކަމުގެ ވޭނުގައި މަރުވާ ފަރާތްތަކަށް ސަލާމަތްކަމެއް ލިބިދިނުމަށް މަގެއް ކޮށުމަށްޓަކައެވެ.

ދުނިޔޭގެ އަމާޒަކީ ރޭވުންތެރި ދަނޑުވެރިކަމާއި ދަނޑުވެރި ގަސްތައް ގިނަ ޖަންގައްޔާއި މަސްވެރިކަމާއި ކެއުމުގެ އުފެއްދުންތެރިކަމުގައި އާއިލީ ރޫޙެއް އެއް އަހަރުން އަނެއް އަހަރަށް އިތުރުވެ ގިނަވެ އެފަދަ ކަންކަމަށް ހުނަރުވެރި ބަޔަކު އުފެއްދުމެވެ. އަދި މި ކަންކަން ކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާކަމުގައި ހަދައި އަންހެނުންނާއި ފިރިހެއްނުންނާއި ކިރިޔާވެސް ހެލިފެލިވެވޭ ކޮންމެ މީހަކު ކުރާ ކަމެއްގެގޮތުގައި ދަނޑުވެރިކަމުގެ ކޮންމެވެސް އެއްކަމެއް ކުރުން އާންމުކުރުމަކީވެސް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ އިދާރާގެ ގޮވައިލުމާއި އާދޭހެވެ. ފަޤީރުކަމާއި ނުފުދުންތެރިކަމަށް އޮތް ބިރު 2025 ވަނަ އަހަރާ ކުރިމަތިލާއިރު ވަރަށް ބޮޑުވާނޭކަމާއި އަޅައިނުލައި ތިއްބެޖެނަމަ ބިރުވެރިކަން އިންތިހާއަށް ދާނޭކަމާއި ދުނިޔޭގެ ދަނޑުވެރިކަމަށް ޠޫފާންތައް އިތުރުވެ ހިތާމައިގެ ޙާލަތަށް ވެއްޓިދާނޭކަމުގެ އިންޒާރު ދެއްވަމުން އެ އިދާރާތަކުން ބާރުއަޅަނީ  މި ހިތްދަތިކަން ނެތިކޮށްލުމަށް އެންމެން މަސައްކަތްކުރުމަށެވެ. ވީމާ މި ރޫޙު ދިރުވުމަށް އަޑު އުފުލާން ލިބޭ އެންމެ ހެޔޮ ފުރުސަތްތަކުގެ ބޭނުން އަޅުގަނޑުމެންވެސް ހިފަންޖެހެއެވެ.

އދ ގެ އެކި އަހަރުގެ ރިޕޯޓްތަކަށް ބަލާއިރު ދުނިޔެދަނީ އިންތިހާ ބޮޑު ހިތާމައިގެ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓެމުންނެވެ. ދުނިޔޭގެ ކާނާއާބެހޭ ޖަމިއްޔާތަކުން ދަނީ ބިރުވެރިކަން ކުރިއަށް އޮތްކަމުގެ އިންޒާރުވެސް ދެމުންނެވެ. ދުނިޔެ ބަނޑަށްޖެހި ކާނާ ނުލިބުމުގެ ވޭން އުފުލުން މާ ދުރު ނޫންކަމުގައި ގްލޯބަލް ފުޑް ސެކިއުރިޓީން ހާމަކޮށްފައިވެއެވެ.

އިނގިރޭސި ވިލާތުގެ ގްލޯބަލް ފުޑް ސެކިއުރިޓީން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި މޫސުމަށް އަންނަ ބަދަލުތައް ގިނަވެ ދަނޑުތައް ހަލާކުވެ ނުވަތަ ދަނޑުތަކަށް ޖެހޭ ބަލި ގިނަވެގެންދާނެއެވެ. މިކަމާ ގުޅިގެން ކުރިމަތިވާ ޠޫފާނީ ކާރިސާތަކުގެ ސަބަބުން ދަނޑު ބިންތައް ހަލާކުވެގެންދިއުން ވަރަށް ގާތެވެ. ނަތީޖާއަކަށްވާނީ އިންސާނުންނަށް ބޭނުންވާވަރަށް ކާބޯތަކެތި ލިބުން ދަތިވުމެވެ. މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން ބަޔަކު ދަނީ ހައިހޫނުކަމުގެ ވޭން އުފުލަމުންނެވެ.

ވޯލްޑް ފުޑް ޕްރޮގުރަމުން މިއަހަރު ހާމަކޮށްފައިވާ ގޮތުގައި ފުރިހަމަ ސިއްޙަތެއްގައި ތިބުމަށް ބޭނުންވާ އެކަށޭނަ ކާނާ ދުނިޔޭގެ 795 މިލިޔަން މީހުނަށް ނުލިބެއެވެ. މީގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ ތަރައްޤިވަމުން އަންނަ ޤައުމުތަކުގައެވެ.  އަދި މީގެތެރެއިން ހައިނޫނުކަން އެންމެ ބޮޑަށް ތަހައްމަލްކުރަނީ އޭސިޔާގެ ޤައުމުތަކުގެ މީހުންނެވެ.

މި ބައިމީހުން ބުނާގޮތުގައި ކޮންމެ އަހަރަކު 3.1 މިލިޔަން ކުޑަކުދިން ހައިހޫނުކަމުގައި ނުވަތަ އެކަށޭނަ ކާނާ ނުލިބުމުގެ ވޭނުގައި ދުނިޔެ ދޫކުރެއެވެ. ކޮންމެ ހަ ކުއްޖަކުން އެއް ކުއްޖަކީ ކާނާ ނުލިބުމުގެ ހިތްދަތިކަމާ ހުރެ އެކަށޭނަ ސިއްހަތެއްގައި ބޮޑު ނުވާ ކުދިންނެވެ.

އަދިވެސް އެ ދިރާސާގައި ހާމަކުރެއެވެ. ޕްރައިމަރީ ފެންވަރުގެ 66 މިލިޔަން ދަރިވަރުންނަކީ ހައިހޫނުކަމުގައި ތިބެ ސްކޫލުތަކަށް ދާ ކުދިންނެވެ. މީގެ ތެރެއިން 23 މިލިޔަން ކުދިންނަކީ އެފްރިކާ ސަރަހައްދުގެ ކުދިންނެވެ. އަދި އޭޝިޔާގެ ގިނަ ޢަދަދެއްގެ ކުދިން ކަނީ އެކަށޭނަ ކާނާއެއް ނޫނެވެ. ވީމާ މިދަތި އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެދާނޭކަމުގެ އިންޒާރަށް އޮތް ފަރުވާއަކީ އިންސާނުން ދަޑުވެރިކަމަށް ނުކުތުމެވެ.

ދަނޑުވެރިކަމުގެ ދުވަހެއް ފާހަގަކުރެވޭ މި ދުވަހު ފާހަގަކޮށްލަންޖެހޭ އެއްކަމަކީ އަޅުގަނޑުމެން ދިވެހިންގެ ޙާލެވެ. އިރެއްގައި ފުދުންތެރި ޙާލަތެއްގައި ތިބި ދިވެހިންގެ ތާރީޚު ފަހަށް އޮބައިދިއުމެވެ. އިސްލާމީ މަތިވެރި އުސޫލު ޤަބޫލުކޮށްފައިވެސް މަސައްކަތުގެ ހުނަރުވެރިކަމާ ދުރަށްގޮސް ދަނޑުވެރިކަމާ ބީރައްޓެހިވުމެވެ. ނުވިތާކަށް ކާނާއިން އިސްރާފުކުރުން ގިނަވަމުން ދިއުމެވެ. މުޅި ދުނިޔެވެސް އިސްރާފުގެ ނުބައި އާދަ ހިފައިފައިވާކަމަށް އިނގިރޭސީވިލާގެ ދިރާސާތަކުން، ހިތާމައާއެކު ހާމަކޮށްފައިވެއެވެ. ދިވެހިން މި އާދައަށް ހޭނޭއިރު ދީނުގެ ބަސްފުޅުތައް ހަނދާކޮށްކޮށްލަންޖެހެއެވެ.

އަލްއަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ 2010ގައި ވެއެވެ. "އޭ އާދަމްގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދިތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެންނުވެތެވެ."

ލޮބުވެތި ދިވެހިންނޭވެ! އިސްރާފުކުރުމަކީ ހަމައެކަނި އެ ހިދެއްގައި ލިބިފައިހުރި ކާނާ ގޮނޑަށް އުކައިލުމެއް ނޫނެވެ. ދިވެހި ދަނޑުތަކުގައި ހެދޭ ކާނާ ނުކައި ބާކީ ކުރުމީވެސް އިސްރާފެކެވެ. އިހު ދިވެހިން ކައިއުޅުނު ކަނޑު ރަނޑޫ ކަށިކެއު ފަދަ ކިތަންމެ ކިތަންމެ ކާނާއެއް މިދު ފައި ދަށްފުށުންވެސް ބަލައި ނުލައި ވާތަކުގައި އެބަ ހުއްޓެވެ. މިއީ އިސްރާފެވެ.

ރާއްޖޭގެ ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ދިވެހިންނަކީ މީގެ ފަސްދޮޅަހަކަށް އަހަރުކުރިން މި ދިވެހި ފަސްގަނޑުން ލިބޭ ކާނާއަށް ފަރިތަ ބައެކެވެ. އަދި އެ ކާނާއިން ފުއްދައިގެން ތިބި ފުދުންތެރި ބައެކެވެ. އާންމުކޮށް ދިވެހި ފަސްގަނޑުގައި ހެދޭ ގޮދަނާއި އަލަ ކައްޓަލަ ދޮނަޅަ އާއި އަދި ޒުވާރިއާއި ކުދިބަތް ކައި އުޅުނު މި ދިވެހިން މިއަދު ގާތްގަނޑަކަށް 90 އިންސައްތަ ބަރޯސާވަނީ ބޭރުގެ ކާނާއަށެވެ. އަޙްމަދު ޝަފީޤު (ދުއްލިސާ 2000) ލިޔުއްވާގޮތުގައި 100 އިންސައްތަ ދިވެހި ކާނާއަށް ދޯޅުވެފައިތިބި ދިވެހިން މިއަދު އެ ދަނޑުވެރިކަމަށް ބީރައްޓެހިވެއްޖެއެވެ. ދިވެހި ދަނޑުވެރިކަމަށް ލަދުގަނެއްޖެއެވެ. އެއީ ޢިލްމާ ދުރުކަމެއްކަމުގައި ޤަބޫލުކޮށް، އަރާމާއި އުފަލުގައި ދެ އަތް އުރައިލައިގެން ތިބުން "ޢިލްމުވެރި"ކޮށްފިއެވެ.

ކާބޯތަކެތި މި ދިވެހި ފަސްގަނޑުން މިއަދު އެކަށޭނަ މިންވަރަކަށް ނުލިބޭއިރު ދުނިޔޭގެ އާދޭސް ބަލައިގަނެ އާ ގޮތްތަކެއް ހޯދައި ދަނޑުވެރިކަން އާއިލީ ކަމެއްކަމުގައި ހަދައި އަމިއްލަ ރައްޔިތަށް އަމިއްލަ ފަސްގަނޑުން ކާނާ ލިބޭނޭ އިންތިޒާމެއް ކުރުމަކީ މިއަދު ކުރަން މަޖުބޫރުވެފައިވާ ކަމެކެވެ. މީލާދީން 2040 ވަނަ އަހަރު ކާބޯތަކެތީގެ ދަތިކަމުގެ ބަލި ފެތުރި ބަނޑުހައިހޫނުކަމުގެ ވޭނާ ކުރިމަތިލުމުގެކުރިން އަމިއްލަ ވަޠަނުން ކާނާ ނެރެވޭނޭގޮތްތަކެއް ހޯދަންޖެހެއެވެ. ދުނިޔޭގެ ބޭންކުގެ ނަސޭހަތާ އެއްގޮތަށް ކުރިއަށް އޮތް ބިރުވެރިކަން އުފާވެރި ދުވަހަކަށް ބަދަލުވޭތޯ މީލާދީން 2025 ވަނަ އަހަރާ ހަމައަށް ދަނޑު އިންދައި ހައްދާ އިންސައްތަ އިތުރުކުރަންވީއެވެ. ޒަމާނީ އާ ގޮތްތަކާއި ޙާލަތަށް ބަލައި އާ ދަނޑުވެރިކަންވެސް ކުރަން ކުރު ކޯސްތަކާއި ތަރުޙީބުތައް އިތުރުކުރަންވީއެވެ. މިއީ ޢިލްމުކަމުގައި ދަސްކޮށްދޭންވީއެވެ.

ދުނިޔޭގެ ކާބޯތަކެތި މެނޭޖުކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އިނގިރޭސީ ވިލާތުގެ ޖަމިއްޔާއިން ހާމަކުރާގޮތުގައި މިއީ މިއަދު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. ދަނޑުވެރިކަމުގެ ދަރިން ޤައުމުތަކުގައި ގިނަކުރަންވެއްޖެއެވެ. ޢިލްމީ މައިދާނުގައި މި ކަންކަން ދަސްކޮށްދީ ދަނޑުތަކަށް ނެރެންވެއްޖެއެވެ.

އދ ގެ ރިޕޯޓްތަކުން އެނގޭގޮތުގައި މިއަދު މި އޮތް އާބާދީގެ ނިސްބަތުން ބަލާއިރު 2040 އަންނަ އިރު ކާބޯތަކެތި ބޭނުންވާ މިންވަރު 60 އިންސައްތަ އިތުރުވާނެއެވެ. މިހާރު 7.3 ބިލިޔަން މީހުންގެ ތެރެއިން 795 މިލިޔަން މީހުނަށް ކާބޯތަކެތީގެ ދަތިކަން އޮތް ނަމަވެސް، މިދައު މި ތިބަ ފިކުރުގައި ދުނިޔޭގައި ވޭތުކުރަން ވިސްނައިފިނަމަ، އަދި މިއަދު މި އަންނަ މިންވަރަށް މޫސުމީ ޠޫފާންތައް އަންނަ ނަމަ، މީލާދީން 2040 ގައި އޮންނަ އާބާދީގެ 50 އިންސައްތަ މީހުން ކާނާއަށް ޖެހުން އެކަށީގެންވެއެވެ. މިއީ ބިރުވެރި އަމުރެކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ދުނިޔޭގެ އެކުވެރިކަމުގެ ޖަމިއްޔާ، އދ އިން ދޭ ނަސޭހަތާ އެއްގޮތަށް ދަނޑުވެރިކަމުގެ ދަރިން އިތުރުވާންޖެހެއެވެ. އަދި ދުނިޔޭގެ މުސްތަޤުބަލަށްޓަކައި އދ އިން އާންމުކޮށްފައިވާ ޝިޢާރު ދަމަހައްޓައި ކާމިޔާބުކުރުމަށް އަޅުގަނޑުމެންވެސް މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ.

އަޅުގަނޑުގެ ދުޢާއަކީ ކާނާއަށް ޖެހި މުސީބާތެއްގެ ތެރެއަށް އަޅަމެއް ނުދާނޭގޮތް މިންވަރު ކުރެއްވުމެވެ.

(ނޯޓް: މިއީ 2015 ވަނަ އަހަރު ލިޔެ ރޭޑިޔޯއިން ފޮނުވައިފައިވާ ލިޔުމެކެވެ. 2020 ޖުލައި 12 ގައި މިވަނީ މި ލިޔުން ތާޒާކޮށްފައެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *