Support Us

އެމެރިކާގެ ކޮންގްރެސްއަށް ދޮން ނިރުބަވެރީން ދިން ޙަމަލާ

ދޮން ނިރުބަވެރިކަމުގެ ނުރައްކާތެރިކަން މާ ބޮޑު

އިސްލާންދީނަށް ނިސްބަތް ކުރެވޭ ހައްދުފަހަނަޅައިވާ ބައެއް ޖަމާޢަތްތަކުގެ ޙަމަލާތަކަށްވުރެ "ކަނާތުފިޔައިގެ ދޮން ނިރުބަވެރީން"ގެ ޙަމަލާތަކުގެ ނުރައްކާތެރިކަން މާ ބޮޑުކަމަށް އެމެރިކާގެ ރަސްމީ ރިޕޯޓްތަކާއި ތަފާސްހިސާބުތަކުން ދައްކައެވެ. މި ޙަޤީޤަތް އެނގޭއިރުގައި ވެސް އެމެރިކާގެ ސަލާމަތީ އޭޖެންސީތަކުން މި ޙަޤީޤަތް ނޭނގޭ ކަމަށް ހަދަނީ ކީއްވެގެން ހެއްޔެވެ؟ ޙަޤީޤީ ނުރައްކާތެރިކަން ފޮރުވާފައި އިސްލާމީ ޖަމާޢަތްތަކަށް ހަރުކަށި ޢަމަލުތައް ހިންގަން ހިތްވަރު ދެނީ ކީއްވެގެން ހެއްޔެވެ؟

ސެޕްޓެންބަރު 11ގެ ހާދިސާއަށްފަހު އެމެރިކާއިން މިފަދަ ޙަމަލާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅިއެވެ. މިކަމާ ގުޅޭގޮތުން ފާސްކުރި އައު ޤާނޫނު ތަންފީޒު ކުރުމަށާއި އެމެރިކާގެ އޭޖެންސީތަކަށާއި ކަމާބެހޭ އިދާރާތަކަށް ދެވުނު "މުޠުލަޤު ބާރުގެ" ސަބަބުން އެތައް ބިލިއަން ޑޮލަރެއް އެމެރިކާއަށް ހޭދަކުރަން ޖެހުނެވެ. މި ޙަމަލާއާ ވިދިގެން ރައީސް (ދަރި) ޖޯޖް ބުޝް ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރެއްވިއެވެ.

އެހެނަސް އެމެރިކާގެ ސިއްރު ފުލުހުން (އެފްބީއައި) އާއި އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) އާއި ދާޚިލީ އަމްނާ ބެހޭ ވުޒާރާގެ މުވައްޒަފުންނާއި އޭޖެންޓުން އެމެރިކާގެ އެތެރެއާއި ދުނިޔޭގެ އެތަންމިތާނގައި އަތްފުނާ އަޅައި ހިންގި ތަޙްޤީޤުތަކުގައި އެމީހުން ވަނީ، އެމެރިކާއާ ކުރިމަތިވެފައިވާ އައު ނުރައްކަލެއްގެ މަތިން ހަނދާން ނައްތައިލައިފައެވެ. އިނގިރޭސިވިލާތުގެ ގާރޑިއަން ދުވަހު ނޫސް ބުނާގޮތުގައި މި ނުރައްކަލަކީ ދޮންމީހުން މޮޅުކަމަށް ޤަބޫލުކުރާ  ހަރުކަށި ފިކްރުގެ މީހުންނެވެ. ވޭތުވެދިޔަ ދެ ދަހަރުގެ ތެރޭގައި މި ފިކްރުގެ މީހުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. މި ފިކްރުގެ ހަރުކަށި ޢަމަލުތައް ދަނީ އިތުރުވަމުންނެވެ.

ދޮން ނިރުބަވެރީންގެ ނުރައްކާ އެތައް ގުނައަކަށް ބޮޑު

  • 2020 ގައި އެމެރިކާގައި ހިންގާފައިވާ ހަރުކަށި 17 ޤަތުލުގެތެރެއިން 16 ޤަތުލު ހިންގާފައިވަނީ ކަނާތުފިޔައިގެ ހަރުކަށި ދޮން މީހުންނެވެ.
  • 2019ގައި އެމެރިކާގައި ހިންގާފައިވާ ހަރުކަށި 42 ޤަތުލުގެތެރެއިން 41 ޤަތުލު  ހިންގާފައިވަނީ ކަނާތުފިޔައިގެ ހަރުކަށި ދޮން މީހުންނެވެ.
  • 2009 އާ 2018އާ ދެމެދުގައި އެމެރިކާގައި ހިންގާފައިވާ ހަރުކަށި ޖަރީމާތަކުގެތެރެއިން 73 އިންސައްތަ ޖަރީމާގެ މަސްއޫލިއްޔަތު އެޅިފައި ވަނީ ޙައްދުފަހަނަޅައިފައިވާ ކަނާތުފިޔައިގެ ހަރުކަށި ދޮން މީހުންގެ ބޮލުގައެވެ.

ޙަޤީޤަތަކީ މިއީ ކަމުގައި ވިޔަސް އެމެރިކާގެ ޖާސޫސީ އިދާރާ (ސީއައިއޭ) އިން އެ އިދާރާގެ މުއްސަނދިކަމުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ އިސްލާމީ ނިރުބަވެރިކަމާ ދެކޮޅަށް މުޢާމަލާތު ކުރުމުގައެވެ.

އެމެރިކަން ޔުނިވަރސިޓީގެ އުސްތާޒާއެއް ކަމުގައިވާ ސިންތިޔާ މިލަރ ލިޔުއްވާފައި ވެއެވެ. "ސެޕްޓެންބަރު 11ގެ ޙާދިސާތަކުގެ ސަބަބުން އެމެރިކާގެ އެތެރޭގައްޔާއި ދުނިޔޭގައި ވަރަށް ވަރުގަދަ އާލިއްޔަތެއް އުފެއްދުނެވެ. މި އާލިއްޔަތާމެދު އެންމެން ޙައިރާންވިއެވެ. މި އާލިއްޔަތުގެ ސަބަބުން އައު އޭޖެންސީތަކަކާއި މަސައްކަތު ޓީމުތަކެއް ޤާއިމުވެގެން ދިޔައެވެ. މި އާލިއްޔަތުގެ ސަބަބުން ބައެއް މުއާމަރާތްތަކާއި ބައެއް ހިރާސްތައް ހުއްޓުވުނެވެ. އެހެނެއްކަމަކު މި އާލިއްޔަތަށް ދެނެނުގެނެވުނު މާ ބޮޑު ބިރުވެރިކަމެއް އިތުރުވަމުން ދިޔައެވެ."

އެމެރިކާގައި ވޭތުވެދިޔަ ދެ ދަހަރުގެތެރޭގައި ޤާއިމުކުރެވުނު ތަފާތު ސަރުކާރުތަކުން މުސްލިމުން ތަހްޤީޤު ކުރުމަށް ޓަކައި ސަރުކާރުގެ މުއްސަނދިކަމުން ވަރަށް ބޮޑު ހޭދަތަކެއް ކޮށްފައި ވެއެވެ. މިސާލަކަށް ބަލާއިރު 2019ވަނައަހަރު ސީއައިއޭ އިން ހާމަކޮށްފައިވާ ގޮތުގައި ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ  އެ އޭޖެންސީގެ 80 އިންސައްތަ އޭޖެންޓުންގެ މަސައްކަތަކަށް ވެފައިވަނީ ބައިނަލްއަޤްވާމީ ނިރުބަވެރިކަމާ ބެހޭ މަސްއަލަތައް ހޯދައި ބެލުމެވެ. އެ ޤައުމުގެ އެތެރޭގެ ނިރުބަވެރިކަމަށް ބޭނުންކުރެވިފައި ވަނީ އެންމެ 20 އިންސައްތައެވެ.

އިސްލާމްފޯބިޔާ

އިސްލާމީ ނިރުބަވެރިކަމާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގެތެރޭގައި އެމެރިކާގައި މުސްލިމުންގެ މަދަނީ ޙައްޤުތަކަށް ވަރަށް ގިނައިން އަރައިގެންފައިވެއެވެ. މިކަމުގެ ސަބަބުން ކުށެއްނެތް މަޢުޞޫމު އެތައް މުސްލިމުންނަކަށް ބޮޑެތި ބުރަތައް އުފުއްލަން ޖެހުނެވެ. ސެޕްޓެންބަރު 11 އާ ވިދިގެން އައި މަސްތަކުގެތެރޭގައި އެތައް ހާސް މުސްލިމުންނެއް ހައްޔަރުކޮށް ހިފެހެއްޓުނެވެ. މިސްކިތްތަކާއި މުސްލިމުންގެ އަވަށްތަކަށް ފާރަލިއެވެ. އެމެރިކާގެ އެތެރޭގައި މުސްލިމުންނާ ދެކޮޅަށް ހިންގުނު ޖަރީމާތައް އިތުރުވެގެން ދިޔައެވެ. ސިންތިޔާ ވިދާޅުވެފައި ވާގޮތުގައި "ސަރުކާރުން އަޅާފައިވާ ގިނަ ފިޔަވަޅުތައް އަޅާފައި ވަނީ "އިސްލާމްފޯބިޔާ"ގެ ހުންގަނޑުގެ ތެރޭގައެވެ. މި ކަމުގެ ސަބަބުން އެމެރިކާއާށް ހިޖްރަކުރާ މުސްލިމުންނާމެދު މުޢާމަލާތު ކުރާ ގޮތް ހަރުކަށިވެގެން ދިޔައެވެ.

ސެޕްޓެންބަރު 11ގެ ޙަމަލާއާ ވިދިގެން އެތައް ޤާނޫނުތަކެއް ކޮންގްރެސްއިން ފާސްކުރިއެވެ. އޭގެތެރޭގައި އެމެރިކާގެ ރައްޔިތުކަން ދިނުމުގެ ޤާނޫނު ވެއެވެ. މި ޤާނޫނުގެ ސަބަބުން އެމެރިކާ މީހުންނަށް އަމާޒުކުރާ ޙަރަކާތްތަކަށް ފާރަލުމަށް ޓަކައި އެމެރިކާ ސަރުކާރަށް ބޮޑެތި ބާރުތަކެއް ލިބިގެން ދިޔައެވެ. މި ޤާނޫނުގެ ދަށުން އެމެރިކާގެ ޖަސްޓިސް މިނިސްޓްރީއަށް ޖިނާއީ އެއްވެސް ރެކޯޑެއްނެތް މީހުން ތަޙްޤީޤު ކުރުމަށް ޓަކައި އިތުރު ބާރުތަކެއް ލިބިގެން ދިޔައެވެ.

އެމެރިކާގެ އެފްބީއައިގެ ކުރީގެ އޭޖެންޓެއް ކަމުގައިވާ މައިކަލް ޖަރމަން ވިދާޅުވިއެވެ. "އެފްބީއައި އިން މުސްލިމުންނާމެދު މުޢާމަލާތު ކުރާ ގޮތްތަކާމެދު އޭޖެންޓުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައެވެ. ސަރުކާރު ނުރުހުންވާ ބަހެއް ބުނާ ކޮންމެ މުސްލިމަކާ ދެކޮޅަށް ނުވަތަ ސަރުކާރުން ގަޔާނުވާ މީހަކާއެކު މުޢާމަލާތު ކުރާ ކޮންމެ މުސްލިމަކާ ދެކޮޅަށް ސަރުކާރުން ވަނީ ފިޔަވަޅު އަޅައިފައެވެ. އެއްވެސް ޖަރީމާއެއް ނުހިންގިޔަސް ނުވަތަ އެއްވެސް ހަރުކަށި ޖަމާޢަތަކާއެކު ގުޅުމެއް ނެތަސް މުސްލިމަކަށް ވީތީ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ނުވަތަ އެތައް ބަޔަކާ ވަނީ ސުވާލުކޮށް ތަޙްޤީޤުތައް ހިންގިފައެވެ. މިއާ ޚިލާފަށް ދޮންމީހުން މާ މޮޅުކަމަށް އީމާންވެގެން  ހަރުކަށި ޢަމަލުތައް ހިންގާފައިވާ ބައެއް މީހުންނާ ސުވާލު ވެސް ކޮށްނުލައި އެބަހުއްޓެވެ.

އެންމެ ފަހުން އެއްބަސްވުން

އެންމެފަހުން ދޮން ހަރުކަށީންގެ ބިރު ބޮޑުވަމުންދާ ކަމަށް އެމެރިކާ ވަނީ އެއްބަސްވެފައެވެ. އެމެރިކާގެ ދާޚިލީ އަމްނާބެހޭ ވުޒާރާ ބުނާގޮތުގައި ދޮން ހަރުކަށިކަން އެމެރިކާގެ ބިމުގައި އޮތް އެންމެ ބިރުވެރި އެންމެ ހިރާސް ބޮޑު ހަރުކަށިކަމަށް ވެއްޖެއެވެ. އެހެނަސް މި ރިޕޯޓު ހާމަކުރެވުނީ ރައީސް ޓްރަމްޕް އޭނާގެ އިންތިޚާބީ ޙަމަލާތަކުގެ ތެރޭގައި "ޕްރައުޑް ބޯޔިސް" އަށް ތައްޔާރަށް ތިބުމަށް ގޮވައިލެއްވި ފަހުންނެވެ. ކޮވިޑް ރޯގާތެރޭގައި އެޕްރީލް 2020ގައި ޓްރަމްޕް އޭނާގެ ވާގިވެރީންނަށް "މިޗިގަން މިނިވަންކުރުމަށް" ގޮވައިލެއްވިއެވެ. ރައީސް ޓްރަމްޕް މި ކަމަށް ގޮވައިލެއްވީ މިޗިގަންގެ ޑިމޮކްރެޓިކް ގަވަރނަރ ކޮވިޑް ވައިރަސް ފެތުރުން ހުއްޓުވުމަށް ޓަކައި އެ ސްޓޭޓްގެ ރައްޔިތުންނަށް ގެއިން ނުކުތުން މަނާކުރެއްވުމުންނެވެ.

މިޗިގަންގައި ހިނގި ހަރުކަށި ޢަމަލުތަކަކީ 2021ގެ ޖަނަވަރީ ހަ ވަނަ ދުވަހު ހިނގި ހަރުކަށި ޢަމަލުތަކުގެ އިސްމަންޒަރު (މުޤައްދިމާ) ކަމަށް ބުނެވެއެވެ. އެދުވަހު ކަނާތުފިޔައިގެ ހަރުކަށި ޙަރަކާތުން ކޮންގްރެސްގެ މައިމަރްކަޒު ހުންނަ ކެޕިޓަލް ބިނާއަށް ޙަމަލާދީ އެ ޢިމާރާތަށް ވަދެގަތެވެ.

އެމެރިކާގެ ރައީސް ބައިޑްން މި އައިޑިޔަލޮޖީގެ ނުރައްކާތެރިކަމާ ބެހޭގޮތުން ވާހަކަދެއްކެވުމުގައި ފަސްޖެހިވަޑައި ނުގަންނަވާކަން ފާހަގަކުރެވެއެވެ. އޭނާ ވިދާޅުވިއެވެ. "ދޮން ހަރުކަށިކަމުގެ ބިރަކީ އެމެރިކާގެ ރައްޔިތުންނަށް އޮތް ޤާތިލެކެވެ."

ވޮޝިންގްޓަން ޕޯސްޓް ބުނާގޮތުގައި މި މަސްއަލަ ޙައްލު ކުރުމަށް ޓަކައި ރައީސް ބައިޑްންގެ ސަރުކާރުން މިހާރުވަނީ އައު ރޭވެމެއް އެކުލަވާލައިފައެވެ. މި ނޫސް ބުނާގޮތުގައި ޓްރަމްޕްގެ ވެރިކަމުގެތެރޭގައި މި އައިޑިޔަލޮޖީ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ކަނާތުފިޔައިގެ ހަރުކަށިކަން ނިވްޒީލެންޑުންނާއި އޮސްޓްރޭލިޔާއިންނާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ވަނީ ފެނިފައެވެ. ރައީސް ޓްރަމްޕްގެ ތަޤްރީރުތަކުގެ ސަބަބުން މި ޙަރަކާތަށް ދިރުން އައިސް ޖޯޝް ލިބިފައިވާ ކަމަށް މި ނޫސް ބުންޏެވެ.

މި ނޫސް ބުނާގޮތުގައި ޓްރަމްޕަށް ތާއީދު ކުރައްވާ ޖުމްހޫރީން މި ފިކްރުގެތެރޭގައި އަދިވެސް އުޅުއްވާތަން ފެނެއެވެ. ކެޕިޓަލް ޢިމާރާތް ގޮއްވައިލާނެކަމުގެ އިންޒާރު ދިން ޓްރަމްޕްގެ ވާގިވެރިއަކު ދިފާޢު ކުރައްވާ ޖުމްހޫރީ ކޮންގްރެސް މެންބަރެއް ކަމުގައިވާ މޯ ބްރޮކްސް ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ގާރޑިއަން ބުނާގޮތުގައި މި ނުރައްކާތެރި "ކުޅިގަނޑު" ހުއްޓުމެއްނެތ ކުރިއަށްދާނެ ކަމަށް ލަފާކުރެވެއެވެ. އެއީ އެމެރިކާގެ ކޮންޒަރވެޓިވް ސިޔާސަތުގެތެރޭގައި ކަނާތުފިޔައިގެ ހަރުކަށިކަން އިތުރުވަމުންދާތީއެވެ. ޓްރަމްޕިޒަމް ފެތުރެމުންދާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް