ދެހާސް ފަނަރައިގައި އިރާނާއި ބޮޑެތި ބާރުތަކާއެކު އެއްބަސްވެފައިވާ ނިޔުކްލިއަރ އެއްބަސްވުން އަލުން ދިރުވުމަށް ޓަކައި އެ ޤައުމުތަކާއެކު ވާހަކަދެއްކުންތައް ފެށުމަށް އީރާނު ތައްޔާރަށް އޮތްކަމަށް އީރާނުގެ ރައީސް އިބްރާހީމު ރައީސީ ރޭ ހާމަކުރައްވައިފިއެވެ. އެހެނަސް މި ވާހަކަ ދެއްކުންތައް "ހުޅަނގުގެ ފިއްތުންތަކުގެ ދަށުގައި" ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި ވާހަކަދެއްކުންތައް ނިމި އެއްބަސްވުމަކާ ހަމައަށް ދެވޭއިރު އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ވެސް އުވާލެވެން ޖެހޭނެއެވެ.
އީރާނުގެ ރަސްމީ ޓީވީއަށް ރައީސީ ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "އެމެރިކާއާއި ހުޅަނގުން މަސައްކަތް ކުރަނީ އީރާނަށް ފިއްތައިގެން އެމީހުންގެ މަޤްޞަދުތައް ޙާޞިލުކުރާށެވެ. އަހުރެމެން ކުރީން ވެސް ހާމަކޮށްފައިވާނޭ ފަދައިން އަހުރެމެން ވާހަކަދައްކަމުންދާނީ އަހުރެމެންގެ ސަރުކާރުގެ އެޖެންޑާއާ އެއްގޮތްވާގޮތުގެ މަތީންނެވެ. އެއްވެސް ފިއްތުމުގެ ދަށަކުން ނޫނެވެ."
ރައީސީ ވިދާޅުވިއެވެ. "ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔުން އަހުރެމެންގެ އެޖެންޑާގައި އެބައޮތެވެ. އެއީ މަޤްޞަދެއް ޙާޞިލުކުރުމަށް ޓަކައި ކުރާ މަސައްކަތެކެވެ. އެއީ އަހުރެމެންގެ އުންމަތާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމެވެ." އޭނާ އިތުރަށް ސާފުކޮށް ދެއްވަމުން ވިދާޅުވިއެވެ. "އަހުރެމެން ވާހަކަދައްކަން ބޭނުންވަނީ ވާހަކަދައްކާކަށް ނޫނެވެ. މި ވާހަކަދެއްކުންތަކުގައި އީރާނީ އުންމަތުގެ މަޞްލަޙަތުތައް ދޫކޮށެއް ނުލާނަމެވެ."
ރައީސީ އިތުރަށް ކަށަވަރުކޮށްދެއްވަމުން ވިދާޅުވިއެވެ. "ވާހަކަދެއްކުމުގެ އަޚްލާޤިއްޔާތާ ފިއްތުންތަކާއި ބިރުދެއްކުންތައް އެއްފަހެއް ނުވާނެއެވެ."
ވިއެނާގައި ބޭއްވެމުންދިޔަ އެމެރިކާ- އީރާން ނުސީދާ ވާހަކަދެއްކުންތައް 20 ޖޫންގައި ހުއްޓުނީ އީރާނުގައި އައު ރައީސަކު އިންތިޚާބު ކުރެވުމުންނެވެ. އީރާނުގެ ބަރްލަމާނުން މިހާރުވަނީ ރައީސް ރައީސީގެ ސަރުކާރަށް އިތުބާރު ދީފައެވެ. ރައީސީގެ ކެބިނެޓްގެ މިނިސްޓަރުންގެ ތެރެއިން ބަރްލަމާނުގެ ރުހުން ލިބިފައި ނުވަނީ ހަމައެކަނި ތަޢުލީމާބެހޭ ވަޒީރު ޙުސައިން ބާޣޫލަށެވެ. މި ސަރުކާރުގައި އަންހެން ވަޒީރަކު ނުހިމެނޭތީއާއި ސުންނީ ވަޒީރަކު ނުހިމެނޭތީ ބަރްމާނުގެ ބައެއް މެންބަރުން ސަރުކާރާ ދެކޮޅަށް ފާޑުވިދާޅުވެފައިވާކަން ފާހަގަ ކުރެވެއެވެ.
ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަދެއްކުންތައް
އަނެއްކޮޅުން ބަލާއިރު ރައީސް ބައިޑްން އީރާނަށް ކަނޑައަޅުއްވާފައިވާ މަންދޫބު ރޮބަރޓް މެލީ ވިދާޅުވާގޮތުގައި ނިޔުކްލިއަރ ފައިލާ ބެހޭ ވާހަކަދެއްކުން "ތާއަބަދަށް މެދުކަނޑައިލައިފައެއް ނުބޭއްވޭނެ" އެވެ. ހޮނިހިރުވިލޭރޭ މެލީ ބްލޫމްބަރގަށް ދެއްވި ބަޔާނެއް ބުނާގޮތުގައި "އީރާނުން ނިޔުކްލިއަރ މައިދާނުގައި ކުރިއަށްދާއިރު އެމެރިކާއަށް ދާއިމަށް އިންތިޒާރުގައި ނޯވެވޭނެއެވެ." އެހެނަސް އޭނާ ވިދާޅުވިގޮތުގައި "އެމެރިކާ ކެތްތެރިވުމަށް ވެސް އޮތީ ތައްޔާރަށެވެ."
ވާހަކަދެއްކުމަށް ޓަކައި މޭޒުދޮށަށް އަނބުރާ އައުން
އީރާނުގައި ބޭއްވުނު ރިޔާސީ އިންތިޚާބާ ވިދިގެން ވިއެނާގެ ވާހަކަދެއްކުންތައް ވަނީ މެދުކަނޑައިލެވިފައެވެ. ޕެރިހުންނާއި ބަރލިނުން މި ވާހަކަދެއްކުންތައް އަވަހަށް ފެށުމަށް ވަނީ އިރާނަށް ގޮވާލައިފައެވެ. އީރާނުގެ ނިޔުކްލިއަރ ޙަރަކާތްތައް ހުއްޓައިނުލައި ކުރިއަށް ގެންދާތީ ޕެރިހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އީރާނުން ވަނީ އެ ޤައުމުގައި ހުރި ޔުރޭނިޔަމް 20 އިންސައްތައަށް މުއްސަނދިކޮށްފައެވެ. އެހެނަސް އީރާނުން ބުނާގޮތުގައި އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމަކީ ޞުލްޙަވެރި ޕްރޮގްރާމެކެވެ. އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ 2015ވަނަ އަހަރުގެ އެއްބަސްވުމާ އެއްގޮތަށް ޠަހަރާނުން ޢަމަލު ކުރަން ފަށާނެއެވެ.



advertisment