Support Us

އަފްޣާން އެއަރލައިންގެ ރައީސް މައުލަވީ ރަޙްމަތުﷲ ގުލްޒާރު

އެމެރިކާނުން އަފްޣާނިސްތާނުން ފޭބީ ކާބުލް ވައިގެބަނދަރުގެ 70 އިންސައްތަ ހަލާކުކޮށްލައިފައި

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބީ ޙާމިދު ކަރަޒައި ވައިގެބަނދަރުގެ ސާމާނުތަކާއި ވަސީލަތްތަކާއި އާލަތްތަކުގެ 70 އިންސައްތަ ހަލާކުކޮށް ބޭނުން ނުކުރެވޭ ފަދަ ޙާލަތަކަށް ގެންގޮސްފައި ކަމަށް އަފްޣާން އެއަރލައިންގެ ރައީސް މައުލަވީ ރަޙްމަތުﷲ ގުލްޒާރު ހާމަކުރައްވައިފިއެވެ. އޭނާ މިކަން ހާމަކުރެއްވީ ޖަޒީރާ ޗެނެލަށް ދެއްވި ޚާޢްޞަ ބަސްދީގަތުމެއްގައެވެ.

ގުލްޒާރު ވިދާޅުވިގޮތުގައި އަފްޣާނިސްތާނުގެ މަދަނީ އެއަރލައިންގެ ޚިދްމަތް މިހާރު ވަނީ މީގެ 20 އަހަރު ފަހަތަށް ސޮއްސާލައިފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި އަފްޣާނިސްތާނުގައި މި ވަގުތީ އޮތީ އެންމެ ހަތަރު މަތިންދާބޯޓެވެ. މި ބޯޓުތަކުގެ ގަރަންޓީ ދެ އަހަރުތެރޭގައި ހަމަވާނެއެވެ. ގުލްޒާރަކީ 1970ގައި ކަންދަހާރަށް އުފަންވެ ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާއަކީ ޠާލިބާނުންގެ ކުރީ ސަރުކާރުގައި މި ދާއިރާގައި މަސައްކަތް ކުރެއްވި ތަޖްރިބާކާރު ބޭފުޅެކެވެ.

ގުލްޒާރު ހާމަކުރެއްވި ގޮތުގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބީ ކާބުލް ވައިގެބަނދަރުގައްޔާއި އެހެނިހެން ވައިގެބަނދަރުތަކުގައި އެމީހުން ބިނާކުރި ހުރިހާ ބިނާރުތަކެއް އެއްކޮށް ހަލާކުކޮށްލައިފައެވެ. އަފްޣާނީންނަށް އެއިން ފައިދާ ލިބިގަނެވޭނެ އެއްވެސް އެއްޗެއް ދޫކޮށްލައިފައެއް ނުވެއެވެ. އެމީހުން އަފްޣާނިސްތާނުން ފޭބީ ގެންދެވެން ހުރި ހުރިހާ އެއްޗެއް ހިފައިގެންނެވެ. ނުގެންދެވުނު އެއްޗެހީގެ ތެރެއިން 70 އިންސައްތަ ވަނީ ހަލާކުކޮށްލައިފައެވެ. ކާބުލްވައިގެ ބަނދަރުގެ ރާޑަރު ނިޒާމާއި ޓަވަރު ވެސް ވަނީ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުކޮށްލައިފައެވެ.

ވައިގެބަނދަރުގެ މާލަންތައް ވަނީ ހަލާކުކޮށްލައިފައެވެ. އަފްޣާން އެއަރލައިންގެ ބޯޓުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެއަރލައިންތަކުގެ އޮފީސްތައް ވަނީ ހަލާކުކޮށްލައިފައެވެ. ސާމާނަށް ލިބިފައިވާ ގެއްލުންތަކުގެ އަގު ހަތަރު މިލިއަން ޑޮލަރަށްވުރެ ބޮޑުވާނެއެވެ. ވައިގެބަނދަރަށް ލިބިފައިވާ ގެއްލުންތަކުގެ ޖުމްލަ 25 މިލިއަނާއި 30 މިލިއަނާ ދެމެދުގެ ޢަދަދަކަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ޖަޒީރާއަށް ހާމަކުރެއްވި ގޮތުގައި ވަރަށް ގިނަ މަރާމާތުތަކެއް ވަނީ ކުރަން ޖެހިފައެވެ.

ގުލްޒާރު ޖަޒީރާގެ ރިޕޯޓަރާއެކު

ގުލްޒާރު ހާމަކުރެއްވި ގޮތުގައި ޤަޠަރުގެ ފަންނީ ޓީމެއް މިހާރު ކާބުލަށް ވަނީ އައިސްފައެވެ. އެ ޓީމުން ވައިގެ ބަނދަރު އަލުން މަސައްކަތް ފެށުމަށް ބޭނުންވާ ކަންތައްތައް ފާހަގަކުރާނެއެވެ. މި ރިޕޯޓާ އެއްގޮތަށް ޠާލިބާނުން ވައިގެބަނދަރު އިޞްލާޙު ކުރުމުގެ މަސައްކަތް ފަށާނެއެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ޤާޠަރުންނާއި ތުރްކީން މި ކަމުގައި ބޮޑެތި އެހީތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް