އަފްޣާނިސްތާނުގައި އެކުލަވައިލެވޭ ތާލިބާނުންގެ ސަރުކާރުގެ ވެރިއަކަށް ވާނީ އެ ޙަރަކާތުގެ ސިޔާސީ އޮފީހުގެ ރައީސް މުއްލާ ޢަބްދުލް ޣަނީ ބަރާދަރު ކަމުގައި ތާލިބާނުންގެ ތިން މަޞްދަރަކާ ޙަވާލާދީ ރޮއިޓަރޒް ބުނެފިއެވެ.
މި މަޞްދަރުތައް ބުނާގޮތުގައި ޠާލިބާން ޙަރަކާތުގެ ބާނީ މުއްލާ ޢުމަރުގެ ދަރިކަލުން މައުލަވީ މުޙައްމަދު ޔަޢުޤޫބާއި ޝޭރު މުޙައްމަދު ޢައްބާސް މި ސަރުކާރުގެ އިސް ދެ މަޤާމަކަށް ޢައްޔަން ކުރެވޭނެއެވެ.
ޠާލިބާނުންގެ މަސްއޫލުވެރިއެއް ކަމުގައިވާ އަޙްމަދުﷲ މުއްތަޤީ މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި ކާބުލްގައި ރިޔާސި ގަނޑުވަރުގައި ސަރުކާރު އެކުލަވައލުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. ލަފާ ކުރެވޭގޮތުގައި މިއަދު ހަވީރު އައު ސަރުކާރު އިޢުލާން ކުރެވޭނެއެވެ.
މި ހުސްވި މަހު ޠާލިބާނުންގެ އިސް މަސްއޫލުވެރިއަކު ރޮއިޓަރޒަށް ހާމަކުރެއްވި ގޮތުގައި ޠާލިބާނުންގެ ޙަރަކާތުގެ އެންމެ އިސް ޒަޢީމު ހިބަތުﷲ އާޚޫންދު ޒާދާ އަށް ވެރިކަން ކުރާ އެންމެ މަތީ މަޖިލީހުގައި މުޠްލަޤު ބާރު ލިބވަޑައިގެންފައި އޮންނާނެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ބާރަށްވުރެ އޭނާގެ ބާރު ވަރުގަދަވާނެއެވެ.
ޠާލިބާނުންގެ ޙަރަކާތުގެ އެންމެ އިސް ޒަޢީމު މުއްލާ ހިބަތުﷲގެ ތިން ނައިބުން ތިއްބަވައެވެ. އެއީ ޠާލިބާނުންގެ ޙަރަކާތުގެ ބާނީ މުއްލާ ޢުމަރުގެ ދަރިކަލުން މައުލަވީ ޔަޢުޤޫބާއި، ޙައްޤާނީ ވިއުގައިގެ ޒަޢީމު ސިރާޖުއްދީނު ޙައްޤާނީއާއި ، ޠާލިބާނުންގެ ސިޔާސީ އޮފީހުގެ ވެރިޔާ މުއްލާ ޢަބްދުލް ޣަނީ ބަރާދަރެވެ.

ކަރާޗީގައި 2010ވަނަ އަހަރު މުއްލާ ބަރާދަރު ހައްޔަރު ކުރެވުނުއިރު އޭނާއަކީ ޠާލިބާނުންގެ ސިފައިންގެ ވެރިއާއެވެ. ވޮޝިންގްޓަންގެ ފިއްތުންތަކުގެ ސަބަބުން އޭނާ މިނިވަން ކުރެވުނީ 2018ގައެވެ. މުއްލާ ބަރާދަރަކީ ޠާލިބާނުންގެ ތަފާތު ޖަމާޢަތްތައް ވެސް އިޙްތިރާމު ކުރާ ބޭފުޅެކެވެ. އޭނާއަކީ ދައުޙާގައި ހުންނަ ޠަލިބާނުންގެ ސިޔާސީ އޮފީހުގެ ވެރިއާއެވެ. އެމެރިކާ އަފްޣާނިސްތާނުން ފޭބުމާ ބެހޭ ވާހަކަދެއްކުންތަކުގައި ބައިވެރިވި ޠާލިބާނުންގެ ވަފްދުގެ ވެރިއަކށް ހުންނެވީ މުއްލާ ބަރާދަރެވެ.
އަނެއްކޮޅުން ރޮއިޓަރޒް ބުނާގޮތުގައި ޠާލިބާނުންގެ ސިޔާސީ އޮފީހުގެ މަންދޫބުން މިއަދު އިނގިރޭސިވިލާތާއި ޖަރްމަނާއި ޗައިނާއާ ބައްދަލު ކުރައްފިއެވެ. ޠާލިބާނުންގެ ތަރްޖަމާނު ސުހައިލު ޝާހީން ހާމަކުރެއްވި ގޮތުގައި ޠާލިބާނުންގެ ސިޔާސީ އޮފީހުގެ ޑެޕިޔުޓީ ޑިރެކްޓަރ މުޙައްމަދު ޢައްބާސް އިސްޓެނިކްޒައި މިއަދު އިނގިރޭސި ބޮޑުވަޒީރުގެ ޚާއްޞަ މަންދޫބު ސައިމަން ގޭސް އާއި ޤަޠަރުގައި ހުންނަވާ ޖަރްމަން ސަފީރު މާރކަސް ޕޯޒެލްއާ ބައްދަލު ކުރެއްވިއެވެ. އެބޭފުޅުން ބަޙުސް ކުރެއްވީ އަފްޣާނިސްތާނުގެ މިއަދުގެ ޙާލަތާއި ކާބުލް ވައިގެ ބަނދަރުގެ ސަލާމަތާ ބެހޭ ގޮތުންނާއި އަފްޣާނިސްތާނަށް ބޭނުންވާ އިންސާނީ އެހީއާއި އަފްޣާނިސްތާނުގެ އިޤްތިޞާދު ތަރައްޤީ ކުރުމާ ބެހޭގޮތުންނެވެ. އިނގިރޭސި ވަފްދު ހާމަކުރެއްވިގޮތުގައި ލަންޑަނުން މިހާރު ވަނީ އިންސާނީ އެހީތައް އިތުރުކޮށްފައެވެ. ޖަރްމަނުންވެސް ބުނިގޮތުގައި އެ ޤައުމުން ދެމުންގެންދާ އިންސާނީ އެހީތައް މިހާރު ދަނީ އިތުރު ކުރަމުންނެވެ.
ޠާލިބާނުންގެ ތަރްޖަމާނު ހާމަކުރެއްވިގޮތުގައި ސިޔާސީ އޮފީހުގެ މަސްއޫލުވެރިއެއްކަމުގައި ޢަބްދުއްސަލާމު ޙަނަފީ ޗައިނާގެ ޚާރިޖީ ވަޒީރުގެ ނައިބު ވޫ ޖިއަންގް ހައޮއާ ފޯނުން ގުޅުއްވާ ކުރިމަގުގެ ގުޅުންތަކާއި އަފްޣާނިސްތާނުގެ މިހާރުގެ ޙާލަތާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަފްޣާނިސްތާނުގައި ހުންނަ ޗައިނާ އެމްބެސީ ކުރިއެކޭ ވެސް އެއްގޮތަށް ކާބުލްގައި މަސައްކަތް ކުރަމުންދާނެކަމަށް ޗައިނާގެ ނައިބު ވަޒީރު ވިދާޅުވިއެވެ.



advertisment