މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީގެ ދައުވަތަކަށް ޤާހިރާގައި މިއަދު މިޞްރާއި އުރްދުނާއި ފަލަސްޠީނުގެ ސަމިޓެއް ބާއްވައިފިއެވެ. މި ސަމިޓްގައި އުރްދުންގެ ރަސްގެފާނު 2ވަނަ ޢަބްދުﷲ އާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓް ބޭއްވުނީ މިޞްރުގެ އަލްއިއްތިޙާދު ރިޔާސީ ގަނޑުވަރުގައެވެ.
މިޞްރުގެ ރިޔާސީ އޮފީހުން އިޢުލާނުކުރި ގޮތުގައި މި ސަމިޓްގައި ބަޙުސް ކުރެވުނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްއަލަތަކާއި ފަލަސްޠީނުގެ މަސްރަޙު ދެކެމުންދާ ތަފާތު ހާދިސާތަކާމެދުއެވެ. މި ތިން ޒަޢީމުން ބަޙުސްކުރެއްވި ހުރިހާ މަސްއަލަތަކެއްގައި ވެސް އެބޭފުޅުންގެ ތަޞައްވުރުތައް ވަރަށް އެއްގޮތް ކަމަށް ސަމިޓާ ބެހޭ ބަޔާން ބުނެފައި ވެއެވެ.
މި ސަމިޓުގެ ބަޔާނުގައި މިޞްރާއި އުރްދުނުން ފަލަސްޠީނުގެ ދައުލަތަށް ތާއީދުކޮށް ވާގިވެރިވާ ސިޔާސަތަށް ބަދަލު ނައިސް ކުރިއަށް ގެންދާނެ ކަމަށް އައިސްފައި ވެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އުނިކަމެއް ލިބިދާނެފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން އެކަހެރިގޮތެއްގައި ނުކުރުމަށް މި ސަމިޓުން އިސްރާއީލަށް ގޮވައިލިއެވެ. މި ސަމިޓުން ކަށަވަރުކޮށް ދިން ގޮތުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމުގައި ދައުލަތެއް ޤާއިމު ކުރުމުގެ ޙައްޤަކީ ބައިނަލްއަޤްވާމީ ހުރިހާ ނިންމުންތަކެއް ކަށަވަރުކޮށްދީފައިވާ ކަމެކެވެ. ސުލްޙައަ ބެހޭ މަސައްކަތްތައް އަލުން ފެށުމަށް މި ސަމިޓުން އިސްރާއީލަށް ގޮވައިލިއެވެ. ފަލަސްޠީނުގެ މަސްއަލައަށް ޙައްލެއް ނުލިބުމަކީ މި ސަރަޙައްދު ނާމާންކުރާ ކަމެއް ކަމަށް މި ސަމިޓުން ބުންޏެވެ.
މިޞްރުގެ ރިޔާސީ އޮފީހުގެ ތަރްޖަމާނު ބައްސާމު ރާޟީ ވިދާޅުވިގޮތުގައި މި ސަމިޓްގެ ފުރަތަމަ ބައި އޮތީ ހަމައެކަނި ތިން ޒަޢީމުންގެ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. އެއަށްފަހު ތިން ޤައުމުގެ ވަފްދުތައް ބައިވެރިވި ޖަލްސާއެއް ބޭއްވުނެވެ. އޭނާ ހާމަކުރެއްވިގޮތުގައި ސަމިޓްގެ އެންމެ ބޮޑު އަމާޒަކީ ތަފާތު މައުޟޫޢުތަކުގައި ޚިޔާލު އެއްގޮތްކުރުމާއި ވިލަރެސް ކުރުމެވެ.
ރައީސް ސީސީ މި ސަމިޓް ފަށްޓަވައި ދެއްވަމުން އުރްދުނުގެ ރަސްގެފާނަށާއި ފަލަސްޠީނުގެ ރައީސަށް މަރުޙަބާ ދެންނެވިއެވެ. އުރްދުނާއި ފަލަސްޠީނާއެކު އޮންނަ ގުޅުމަކީ ވަރަށް ތާރީޚީ އަދި ސާބިތު ގުޅުންތަކެއް ކަމަށް ރައީސް ސީސީ ވިދާޅުވިއެވެ.
މި ސަމިޓްގައި މި ތިން ޤައުމުން ފަލަސްޠީނުގެ މަސްއަލައާބެހޭގޮތުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވިފައިވާ މަސައްކަތްތަކަށް ބައްލަވައި ލެއްވިއެވެ. މި އަރާރުން ޙައްލު ކުރުމަށް ޓަކައި ޙަޤީޤީ ސިޔާސީ އުދަރެހެއް ޤާއިމުކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ތިން ޒަޢީމުން އެއްބަސްވެ ވަޑައިގަތެވެ.
މި ތިން ޤައުމު ގުޅިގެން ސުލްޙަޔާ ބެހޭ ވާހަކަ ދެއްކުންތައް އިޙްޔާކޮށް ދިރުވުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް ވެސް އެއްބަސްވެ ވަޑައިގެންނެވިއެވެ.



advertisment