ދެކުނު އޭޝިޔާގެ މަގު ޗާޓު
ޠާލިބާނުންނާއެކު ގުޅުން ރަނގަޅު ކުރުމަށް ޓަކައި އިންޑިއާއިން މަސައްކަތް ފަށައިފިކަމަށް ނިވް ދިއްލީން ބުނެފިއެވެ. އިންޑިއާއަކީ އަފްޣާނިސްތާނުގެ އަޝްރަފު ޣަނީގެ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވި ޤައުމުތަކުގެތެރެއިން ޤައުމެއްކަމުގައި ވާތީ ޠާލިބާނުންނާއެކު ގުޅުންތައް ރަނގަޅު ކުރުމަށް ޓަކައި އިންޑިއާގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެކަމަށް ރިޕޯޓަރުން ބުނެއެވެ.
އިންޑިއާގެ ޚާރިޖިއްޔާއިން 31 އޮގަސްޓްގައި ހާމަކުރިގޮތުގައި ޤަޠަރުގައި ހުންނަވާ އިންޑިއާ ސަފީރު ޠާލިބާނުންގެ އިސް ބޭފުޅަކާ ބައްދަލު ކުރައްވައިފިއެވެ. ޚާރިޖިއްޔާގެ ތަރްޖަމާނު ހާމަކުރެއްވިގޮތުގައި ޤަޠަރުގައި ހުންނަވާ އިންޑިއާގެ ސަފީރު ޑީޕަކް މިޓާލް ދައުޙާގައި ހުންނަ ޠާލިބާނުންގެ ސިޔާސީ އޮފީހުގެ ވެރިއާ ޝޭރު މުޙައްމަދު ޢައްބާސާ ބައްދަލު ކުރެއްވީ ޠާލިބާނުންގެ އެދުމުގެ މަތީންނެވެ. ތަރްޖަމާނު ވިދާޅުވިގޮތުގައި އިންޑިއާ ބިރުގަންނަ ކަންތައްތަކުގެތެރޭގައި އިދިކޮޅު ހަތިޔާރު އެޅި ޖަމާޢަތްތަކުން އިންޑިއާއަށް ޙަމަލާތައް ދިނުމަށް ޓަކައި އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްފާނެކަމުގެ އިޙްތިމާލު ވެއެވެ.
އިންޑިއާއިން ވަނީ އަފްޣާން ސަރުކާރަށް އެހީވުމުގައްޔާއި ވުނަކުރުމުގެ މަޝްރޫޢުތަކުގައި އެތައް ބިލިއަން ޑޮލަރެއް ހޭދަކޮށްފައެވެ. އޭގެތެރޭގައި އަފްޣާނިސްތާނުގެ ބަރްލަމާނީ ޢިމާރަތް ބިނާކޮށްދިނުން ވެއެވެ. މިއީ ޕާކިސްތާނުން އަފްޣާނިސްތާނަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި ޠާލިބާނުން ވެރިކަމަށް އައުން މަނާކުރުމަށް ޓަކައި އިންޑިއާއިން ކޮށްފައިވާ ހޭދަތަކެކެވެ.
ރިޕޯޓަރުން ބުނާގޮތުގައި އަފްޣާނިސްތާނުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ޤައުމުތަކުގެތެރޭގައި އިންޑިއާ ހިމެނެއެވެ. އިންޑިއާއަކީ އަހްމަދު ޝާހު މަސްޢޫދަށާއި އުތުރުގެ ޖަމާޢަތްތަކަށް އެންމެ ބޮޑަށް އެހިވެދިން އެއް ޤައުމެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ނިންމުމުން ޢަސްކަރީގޮތުން އަފްޣާނިސްތާނަށް ވަނުމަށް ޝާހު މަސްޢޫދުގެ ޖަމާޢަތުން އެދުނު ކަމަށް އެމެރިކާގެ ފޮރިން ޕޮލިސީ މަޖައްލާ ބުނެއެވެ. އެހެނަސް އިންޑިއާ މި އެދުމަށް އިޖާބަދިނުމާ ދެކޮޅުހެދިއެވެ.
އަފްޣާނިސްތާނުން އެމެރިކާ ފައިބަން ނިންމުމުން ޗައިނާއާއި ރަޝިއާއާއި އީރާނުފަދަ ޤައުމުތަކުން ޠާލިބާނުންނާއެކު ރަސްމީ ސިފައެއްގައި މަޝްވަރާތައް ކުރަން ފެށިއެވެ. އިންޑިއާއިން މި ކަމުގައި ވަނީ ފަސްޖެހިފައެވެ.
އިންޑިއާ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގައި ޠާލިބާނުންނާއެކު ވާހަކަދައްކަން ފެށުމާ ބެހޭގޮތުން ރައުޔު ވަނީ ތަފާތުވެފައެވެ. އަފްޣާނިސްތާނުގައި ހުންނެވި އިންޑިއާގެ ކުރީގެ ސަފީރު ޢައްމާރު ސިންގާ ޙަވާލާދީ ފޮރިން ޕޮލިސީ މަޖައްލާ ބުނިގޮތުގައި ޠާލިބާނުންނާއެކު ވާހަކަ ދެއްކުންތައް ފެށުމަށް އޭނާ 2020ގެ ސެޕްޓެންބަރުގައި އިންޑިއާ ސަރުކަރަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. " އަފްޣާން ސަރުކާރާ ޠާލިބާނުންނާ ދެމެދުގައި ވާހަކަ ދައްކަން ފެށި ހިސާބުން އިންޑިއާ ވެސް ޠާލިބާނުންނާއެކު ވާހަކަ ދައްކަން ފަށަން ޖެހޭނެއެވެ. އަހުރެމެން އެމީހުންނާ އެކުގައި ވެސް މުޢާމަލާތު ކުރަން ޖެހޭނީ އެހެން ޖަމާޢަތްތަކާއެކު މުޢާމަލާތު ކުރާ ގޮތަށެވެ."
2018ވަނަ އަހަރު އިންޑިއާގެ ކުރީގެ ދެ ސަފީރަކު ރަޝިއާއަށް ވަޑައިގެންނެވިއެވެ. އެއީ އަފްޣާނިސްތާނުގެ ޠާލިބާނުންނާ ބެހޭ ސަރަޙައްދީ ސިންތާއެއްގައި މުރާޤިބުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައެވެ. "މި މަޖައްލާ ބުނާގޮތުގައި އިންޑިއާގެ ޑިޕްލޮމެޓުންނާއެކު ޠާލިބާނުން ވާހަކަދެއްކުންތައް ކުރިއަށް ގެންދިޔައެވެ. އެއީ ނިވް ދިއްލީއާއެކު ގުޅުން ރަނގަޅު ކުރުމަށް އެދޭތީއެވެ."
އިންޑިއާ ދެފުށަށް ކެނޑުންމަތީގައި އޮވެ ދުވަސްތަކެއް ހޭދަކުރުމަށްފަހު "ވަލު ފަރާތުން" ޠާލިބާނުންނާއެކު ވާހަކަދެއްކުންތައް ބާއްވަން ފެށިއެވެ. އެއީ މި ދިޔަ ޖޫން މަހުއެވެ. އިންޑިއާއިން މި މަސައްކަތް ފެށީ ކަޝްމީރީ ޖަމާޢަތްތައް އަފްޣާނިސްތާނަށް އެނބުރި ދިޔުން މަނާކުރުމަށާއި އަފްޣާނިސްތާނުގައި ހުރި އިންޑިއާގެ ވުނަކުރުމުގެ މަޝްރޫޢުތައް ޙިމާޔަތް ކުރުމަށް ޓަކައެވެ. އެހެނަސް އޭރު ވަނީ އިންޑިއާއަށް ފުރްޞަތު ގެއްލިފައެވެ. އިންޑިއާ ހީނުކުރާހާ އަވަހަށް އަޝްރަފު ޣަނީގެ ސަރުކާރު ބަލިވެ ޠާލިބާނުން ކާމިޔާބު ހޯދައިފިއެވެ.
ޠާލިބާނުން ނުރުހުމުގައި
ޠާލިބާނުންނަށް ލިބުނު ކާމިޔާބީއާ ވިދިގެން އެމީހުންގެ ރާގު ވަނީ ބަދަލުކޮށްފައެވެ. އެމީހުން އިންޑިއާ ރުއްސުމުގެ މަގާ އެއްކިބާވިއެވެ. ޠާލިބާނުން ކާބުލް ހިފުމުގެ ކުރިން ޖުލައި 2021ގައި ޠާލިބާނުންގެ ސިޔާސީ އޮފީހުގެ ތަރްޖަމާނު ސުހައިލު ޝާހީން އިންޑިއާގެ ކިބައިން "ވަކި ފަރާތަކަށް ނުޖެހި" އޮތުމަށް އެދިވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެންނާ ރަޝިއާއާއި އީރާނާއި ޗައިނާއާ އެކުގައި އޮތް ގުޅުމަކީ މީގެ އެއް އަހަރު ކުރިން އޮތް ކަމެއްނޫނެވެ. މި ގުޅުން ޤާއިމުވެފައި އޮންނަތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އަހުރެމެން އެ ޤައުމުތަކަށް އެތައް ފަހަރަކު ޒިޔާރަތް ކުރީމެވެ. އެމީހުންނާ ދެކޮޅަށް އަފްޣާނިސްތާނުގެ ބިން ބޭނުން ނުކުރާނެކަމުގެ ކަށަވަރުކަން އަހުރެމެން ދިނީމެވެ. އިންޑިއާ އޮތީ ކާބުލް ސަރުކާރާއެކުގައެވެ. އެމީހުންނަކީ އަހުރެމެންނާ އެކުގައި ތިބި ބައެއްނޫނެވެ. އެއީ އެމީހުންނަށް ލާބަ ހުރި ސިޔާސަތެއް ނޫނެވެ." ޝާހީން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިންޑިއާއަކީ އަފްޣާން ސަރުކާރަށް ހަތިޔާރުދީ އަހުރެމެންނާ ދެކޮޅަށް ހަނގުރާމަ ކުރި ޤައުމެކެވެ. އަހުރެމެންގެ އަތުގައި ހުރި ރިޕޯޓްތަކުން އެނގި ކަށަވަރުވާގޮތުގައި އެއީ ބޭރު މީހުންނަށް ހަތިޔާރުދިން ބައެކެވެ.ކާބުލަށް ހަތިޔާރާއި ޑްރޯން ދީފައި އަހުރެމެންނާއެކު ވާހަކަ ދައްކަން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ. އިންޑިއާއަށް ވަގުތު ފާއިތުވެއްޖެއެވެ."
ޠާލިބާނުން 15 އޮގަސްޓްގައި ކާބުލް ހިފުމަށްފަހު އެމީހުން އިންޑިއާގެ މަސްއޫލުވެރީންނާ ގުޅާފައި ބުންޏެވެ. "އިންޑިއާ އެމްބެސީ ކާބުލްގައި ބަންދު ނުކޮށް ބަހައްޓައިފިނަމަ އިންޑިޔާގެ ޑިޕްލޮމެޓުންނަށް އަމާންކަން ޖާމިނުކޮށްދޭނަމެވެ."
އިންޑިއާގެ ހިންދުސްތާނު ޓައިމްޒް ބުނާގޮތުގައި ޠާލިބާނުންގެ މި ހުށައެޅުމާމެދު އިންޑިއާއިން ވިސްނާން ފެށިއެވެ. އެހެނަސް ޖާސޫސީ ރިޕޯޓުތައް ހާމަކުރިގޮތުގައި ޕާކިސްތާނުގައި ތިބި އަފްޣާނިސްތާނުގެ ހަތިޔާރުއެޅި މީހުންތައް އަފްޣާނިސްތާނަށް ހިނގައްޖެއެވެ. މިކަމާ ވިދިގެން 17 އޮގަސްޓްގައި އިންޑިއާއިން ކާބުލްގައި ތިބި އެ ޤައުމުގެ ޑިޕްލޮމެޓުން ބޭރަށް ގެންދިޔައެވެ. އަދި އިންޑިއާ އެމްބެސީ ބަންދު ކުރިއެވެ. މީގެއިތުރަށް އަފްޣާނިސްތާނުގެ ސަހަރުތަކުގައި ހުރި އިންޑިއާގެ ކޮންސްލޭޓްތައް ވެސް ބަންދު ކުރިއެވެ.
އިންޑިއާ ބިރުގަންނަނީ ކީއްވެ
އިންޑިއާޢިން އަފްޣާނިސްތާނުގެ ބިނާރުތައް ބިނާކުރުމުގައި އެހީވެދިނުމުގެ އިތުރަށް އިންޑިއާއިން ވަނީ އަފްޣާނިސްތާނުގެ ވިޔަފާރި މަގުތައް ހަދައިދޭން ފަށައިފައެވެ. މި މަގުތަކުން ލައިފާ އަފްޣާނީންނަށް މެދުތެރޭ އޭޝިއާގެ ޤައުމުތަކަށް ދެވޭނެއެވެ. އީރާނުގެ ޗާޕުހާރު ބަނދަރު ހެދުމުގެ ބިޔަ މަޝްރޫއުގައި އިންޑިއާ ވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްކޮށްދީފައެވެ.
މީގެއިތުރަށް އެމެރިކާގެ އެންބީއާރު ބުނާގޮތުގައި އިންޑިއާއަކީ އަފްޣާނިސްތާނު ޔޫރަޕާ ގުޅައިލާ 4400 މޭލު ދިގު މަގުގެ މަޝްރޫޢުގެ ބައިވެރިއެކެވެ. ޠާލިބާނުން ވެރިކަމަށް އައުމުން މި މަޝްރޫޢުތަކަށް ވާނެ ގޮތެއް ނޭނގެއެވެ.
ދެކުނު އޭޝިޔާގެ އިންޑިއާ މަގު ޗާޓަށް ހުރަސްތަކެއް
ޠާލިބާނުންދެކެ އިންޑިއާ ބިރުގަންނަ ސަބަބުތަކުގެތެރޭގައި ޕާކިސްތާނު ވެއެވެ. މީގެ އިތުރަށް ކަޝްމީރާ އަފްޣާނިސްތާނާ ދެމެދުގައި އޮންނަ ގުޅުމަކީ ޒަމާންވީ ތާރީޚީ ގުޅުމެކެވެ. ޕާކިސްތާނުގެ ސަރަޙައްދުތެރޭގައި ޕޮޝްތޫން ދެމިތިބުމުގެ އެންމެ ބޮޑު އެއްސަބަބަކީ ކަޝްމީރަށް އެމީހުން ކުރާ ތާއީދެވެ.
އެހެންކަމުން ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމުން ދެކުނު އޭޝިޔާގެ ޗާޓު އިންޑިޔާއިން ކުރަހަން ބޭނުންވާ ގޮތަށް ކުރެހުމަށް ހުރަސްތަކެއް އެޅިގެންދާނެއެވެ. އިންޑިއާގެ ސިޔާސީ މުޙައްލިލުން ވިދާޅުވާގޮތުގައި އިންޑިއާއިން އަފްޣާނިސްތާނުގައި އެމެރިކާއަށް ތާއީދު ކުރަންވެގެން ހޭދަކުރި 8 ބިލިއަން ޑޮލަރުގެ ނަތިޖާއަކީ "ބޮޑު ސުމެއް" އެވެ. އަފްޣާން މަސްރަޙުގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ބަޔަކަށް ވާނީ އިންޑިއާއެވެ.
ޗައިނާގެ ނުފޫޒު އިތުރުވުން
އިންޑިއާއިން ބިރުގަންނަ ކަންތައްތަކުގެތެރޭގައި ޠާލިބާނުންގެ ސަބަބުން އަފްޣާނިސްތާނުގައި ޗައިނާގެ ނުފޫޒު ގަދަވެގެންދިޔުން ވެއެވެ. ޗައިނާއިން ދަނީ ވަރަށް ބިޔަ ޢާލަމީ ބިނާރެއް ޤާއިމު ކުރަމުންނެވެ. މި މަޝްރޫޢުގެ ނަމަކީ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" އެވެ. މި މަޝްރޫޢުގައި އިންޑިއާއެއް ނުހިމެނެއެވެ. މި މަޝްރޫޢުގައި މަގުތައް ހެދުމާއި ތެލާއި ގޭސް ގެންދިޔުމަށް ހޮޅިތައް ލުމާއި ބަނދަރުތަކާއި ހަކަތައިގެ އިސްޓޭޝަންތައް ހެދުން ހިމެނެއެވެ. ޠާލިބާނުންނަށް ވެރިކަން ލިބުމުން މި މަޝްރޫޢުގެ ބަޔަކަށް އަފްޣާނިސްތާނު ވެގެންދާނެއެވެ.
ޠާލިބާނުން ވެރިކަމަށް އައުމުން ޗައިނާގެ ނުފޫޒު ގަދަވެ މުޅި އެ ސަރަޙައްދު ޗައިނާގެ އިސްވާރުކަމުގެ ދަށުގައި އޮންނަ ނާރެހަކަށް ބަދަލުވެގެން ދާނެއެވެ. އެކަމުގެ ސަބަބުން އިންޑިއާގެ ބޮލަށް ވައްޓާލައިފައިވާ މަޅި ބާރު ވަމުންދާނެއެވެ. ރިޕޯޓަރުންނާއި މުޙައްލިލުން ވިދާޅުވާގޮތުގައި މި ސަރަޙައްދުގައި އިންޑިއާގެ އިޤްތިޞާދީ ބާރާއި ސިޔާސީ ނުފޫޒު ކުޑަވެގެންދާނެއެވެ.
ކާމިޔާބީގެ ވައިރަސް ކަޝްމީރަށް ހިނގައިދާނެ
އިންޑިއާގެ ޒަޢާމަތު ދެކެވަޑައިގަންނަވާގޮތުގައި ކާބުލްގައި ތިބި އިންޑިއާގެ އެކުވެރިންގެ އަތުން ވެރިކަން ބީވެގެން ދިޔުމުން އޭގެ އަސަރު އިންޑިއާގެ ދަށުގައި އޮތް މުސްލިމު ކަޝްމީރަށް ކުރާނެއެވެ. ސޮވިއެޓް ޔުނިއަން ކާބުލް އިން ފޭބުމުން ކަޝްމީރުގައި އިންތިފާޟާއެއް ފެށުނެވެ. 1987ގައި ފަލަސްޠީނުގައި އިންތިފާޟާއެއް ފެށުމުން ކަޝްމީރުގެ މުސްލިމުން ވެސް މިނިވަންކަމުގެ ޖަޒުބާތުގައި ކެކިގެން ދިޔައެވެ.
އަފްޣާނިސްތާނުގައި ޠާލިބާނުންނަށް މި ލިބުނު ކާމިޔާބީގެ ޖަޒްބާތުގައި ކަޝްމީރީން އިންޑިއާއާ ދެކޮޅަށް ތެދުވެދާނެތީ އިންޑިއާ ބިރުގަނެއެވެ.
އިންޑިއާ ސިފައިން ކަޝްމީރުގައި
ކަރާޗީގައި ހުންނެވި އިންޑިއާގެ ކޮންސިޔުލަރ ޖެނެރަލް ރާޖީވް ދޯގްރާ ހާމަކުރެއްވިގޮތުގައި ޠާލިބާނުންގެ " ޑޮމިނޯ ކުޅިގަނޑު " ކަޝްމީރަށް ނަޤްލު ވެދާނެކަމުގެ ބިރު އެބަ އޮތެވެ. އޭނާ ލިއުއްވި ފޮތް " ލޭ މަގު " ގައި ލިޔުއްވާފައިވާގޮތުގައި ތަޞައްވުރު ކުރަން ދަތި މިންވަރަކަށް ކަޝްމީރުގެ ޙާލަތު ބަދަލުވެގެން ހިނގައިދާނެ ކަމުގެ ހިރާސް އެބަ އޮތެވެ. އޭނާ ހެއްކެއްގެ ގޮތުގައި ވިދާޅުވިއެވެ. "ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޠާލިބާނުންގެ ކުރީގެ ސަރުކާރުގެ ވެރިއާ މުއްލާ މުޙައްމަދު ރައްބާނީގެ އަރިހުން ދިހަވަރަކަށް ފަނަރަވަރަކަށް ހާސް ޠާލިބާނުން ކަޝްމީރުގެ މުޖާހިދުންނަށް އެހީވުމަށް ޓަކައި ފޮނުއްވާ ދެއްވުމަށް އެދިވަޑައިގަތެވެ. އެހިނދު ރައްބާނީ ވިދާޅުވިއެވެ. އެއްލައްކަ މީހުން ވެސް ފޮނުވާ ދީފާނަމެވެ."
ޑިޕްލޮމެޓުންނާއި މުޙައްލިލުން ވިދާޅުވާގޮތުގައި އިންޑިއާ ބިރުގަންނަނީ އެ ޤައުމުގެ ޒަމާންވީ ދުޝްމަނު ޕާކިސްތާނުން އަފްޣާނިސްތާނުގައި ކަޝްމީރީންނަށް ތަމްރީނުދޭ ބޭހެއް ޤާއިމުކޮށްފާނެތީއެވެ.
އިންޑޯ- ޕާކިސްތާނު ފުރަތަމަ ހަނގުރާމަ 1948ގައި ފެށުމުން ޕޮޝްތޫ ޤަބީލާތައް ކަޝްމީރީންނަށް އެހީވުމަށް ތެދުވިއެވެ. ކަޝްމީރުގެ ކުރިމަގާ ބެހޭގޮތުން ފެންނަނުފެންނަ ވޯޓެއް ނަގަން ސަލާމަތީ މަޖިލީހުން ފާސްނުކުރިނަމަ ކަޝްމީރު އިންޑިއާގެ ޕްރޮވިންސަކަށް ނުވީހެވެ.
ކަކުނީގެ ދެ ދަތްގަނޑު ދެމެދުގައި ޕާކިސްތާނު ބޭއްވުމަށް 1950ގެ އަހަރުތަކުން ފެށިގެން މަސައްކަތް ކުރަމުން ގޮސްފައި ވަނީ އަވަށްޓެރިއާގެ އަވަށްޓެރިއާ އެކު ގުޅުންތައް ހަރުދަނާކޮށްގެން އަވަށްޓެރިއާ އިނދަޖައްސައިގެންނެވެ. ސޮވިއެޓް ޔުނިއަނުން އަފްޣާނިސްތާނަށް އެރުމުން ޕާކިސްތާނަށް ފިއްތުންތައް ފޯރުކުރުވައިގެން ކަޝްމީރުގެ ރައްޔިތުންނަށް އެމީހުންގެ ކުރިމަގު ކަނޑައެޅުމުގެ ޙައްޤު ލިބިފައިވާކަން ޤަބޫލުކުރުމާ ދުރަށް ޕާކިސްތާނު ލިއެވެ.
1989ގައި ސޮވިއެޓް ޔުނިއަން ބަލިވެ އަފްޣާނިސްތާނުން ފޭބުމުން ކަޝްމީރުގައި މިނިވަންކަމަށް ޓަކައި ޙަރަކާތްތެރިވާ މުޖާހިދުން އިންޑިއާއާ ދެކޮޅަށް ތެދުވިއެވެ. މި އިންތިފާޟާ އެތައް އަހަރެއް ވަންދެން ކުރިއަށް ދިޔައެވެ.
2021 ގައި އެމެރިކާ އަފްޣާނިސްތާނުން ފޭބުމުން މި ތަމްސީލިއްޔާގެ އެހެން ފަރުދާއެއް ކެހިގެން ހިނގައިދާނެކަމުގެ ބިރު އިންޑިއާއިން ދަނީ ތަޞައްވުރު ކުރަމުންނެވެ.
ޕާކިސްތާނަށް ލިބުނު ޢަސްކަރީ ފުން އިސްތިރާތީޖީއެއް
ޕާކިސްތާނާ އެކުވެރި ރަޙްމަތްތެރި ބަޔަކު އަފްޣާނިސްތާނުގެ ވެރިކަމަށް އައުމަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ޕާކިސްތާނަށް ލިބުނު ޢަސްކަރީ ފުން އިސްތިރާތީޖީއެކެވެ. ކަޝްމީރުގެ މަސްއަލައާއި ނިޔުކްލިއަރ ހަތިޔާރާއި ބޮލިސްޓިކް ހަތިޔާރުގެ މަސްއަލަތަކުގައި އިންޑިއާއާ ކުރިމަތިލުމުގައި އިސްލާމް އާބާދަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ޖަޒީރާ ބުނާގޮތުގައި އިންޑިއާއާ އެކުވެރި ސޮވިއެޓް ޔުނިއަނާއި އެމެރިކާ އަފްޣާނިސްތާނުގައި ބަލިވުމާ ވިދިގެން ޙައްލެއް ފެނިފައިނުވާ ކަޝްމީރުގެ އަޑު ބައިނަލްއަޤްވާމީ މިންބަރުތަކުގައި އަލުން އުފުލިގެންދާނެއެވެ. އެހެނަސް މުޙައްލިލުން ލަފާކުރައްވާ ގޮތުގައި ކުރިއާ ޚިލާފަށް ޠާލިބާނުންގެ ސިޔާސަތަށް މި ފަހަރު ބަދަލުތަކެއް ގެންނާނެއެވެ. އަވަށްޓެރީންނާ ގުޅިގެން ޠަލިބާނުން މަސައްކަތް ކުރާނެ ކަމަށާއި ސަރަޙައްދީ މަސްއަލަތަކުގެތެރެއަށް ނުވަނުމަށް އިސްކަންދޭނެ ކަމަށް ފެނެއެވެ.



advertisment