އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާއަށް ރޭ ޙަމަލާތަކެއް ދީފިއެވެ. މި ޙަމަލާތަކުގެ އަމާޒުފަތްގަނޑުތަކަކީ ކޮބައިކަމެއް އިސްރާއީލުން ހާމައެއް ނުކުރެއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވެސް މި ޙަމަލާތަކާ ބެހޭ ތަފްޞީލުތަކެއް ނުދެއެވެ.
އެހެނަސް ރަޝިޔާގެ ސުޕްޓްނިކް ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލުގެ ބޯޓުތަކުން ޣައްޒާއަށް ރޭ ތިން ޙަމަލާއެއް ދިނެވެ. މި ޙަމަލާތަކުގެ އަމާޒުތަކަކީ ޣައްޒާގެ މެދުތެރޭގައި އޮންނަ ނުޞައިރާތު ފޭލިގެ އަވަށުގެ ތަންތަނެވެ.
މި ޙަމަލާތަކަކީ އިއްޔެ ޣައްޒާގެ އިރުމަތީ ސަރަޙައްދު ކައިރީގައި ފަލަސްޠީނު މީހުންނާ އިސްރާއީލު ފުލުހުންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވެއެވެ. އަލްމަސްޖިދުލް އަޤްޞާގައި ހުޅުޖެހި ޙާދިސާއަށް 52 އަހަރު ފުރުން ޣައްޒާގައި ރޭ ފާހަގަކުރެވުނެވެ. މި ކުރިމަތިލުންތަކުގައި ފަލަސްޠީނުގެ 40 މީހަކާއި ނޫސް ފޮޓޮގްރާފަރަކު ޒަޚަމުވިއެވެ.
އަނެއްކޮޅުން އިސްރާއީލުގެ ސަރަޙައްދީ ފުލުހުން ބުނާގޮތުގައި ޣައްޒާއިން ދިން ޙަމަލާއެއްގެ ސަބަބުން އެމީހުންގެ މީހަކު ވަރަށް ބޮޑަށް ޒަޚަމުވިއެވެ. އެ މީހާ ގަޔަށް ބަޑިޖަހާފައި ވަނީ ސުން ދުރުމިނުގައި ހުރެގެންނެވެ.
އިސްރާއީލުގެ ދުވަހު ނޫހެއް ކަމުގައިވާ ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި އިސްރާއީލުގެ ޙަމަލާތަކަށް ފަލަސްޠީނުގެ ފިދާއީ ޖަމާއަތްތަކުން ރައްދު ޙަމަލާތަކެއް ދީފާނެތީ އިސްރާއީލުގެ ދިފާޢީ ދަގަނޑު ޤުއްބުގެ ބެޓޭރީތައް ވަނީ ތައްޔާރީ ޙާލަތަކަށް ގެނެސްފައެވެ.

52ވަނަ ޒިކްރާ
އިއްޔެ އަކީ އަޤްޞާ މިސްކިތުގައި ޔަހޫދީއަކު ހުޅުޖެހި ހާދިސާއަށް 52 އަހަރު ފުރުނު ދުވަހެވެ. އޮސްޓްރޭލިޔާގެ ހަރުކަށި ޔަހޫދީއެއް ކަމުގައިވާ މައިކަލް ޑެނިސް ރޯހަން މި މާތް ޙަރަންފުޅުގައި ހުޅުޖެހީ 21 އޮގަސްޓް 1969ވަނަ އަހަރުގައެވެ. އޭނާ މި ހަރުކަށި ޢަމަލު ހިންގުމަށް ރާވައިގެން އޮސްޓްރޭލިޔާއިން އިސްރާއީލަށް ދިޔައީ ފަތުރުވެރިއެއްގެ ގޮތުގައެވެ. އޭނާ މޮޔައެއް ކަމަށް ބުނެ އިސްރާއީލުން އޭނާއަށް އެއްވެސް އަދަބެއް ނުދީ އޮސްޓްރޭލިޔާއާށް ފޮނުވައިލީއެވެ.
މި ހަރުކަށި ޢަމަލުގެ ސަބަބުން މި ޙަރަންފުޅުގެ އިރުމަތީ ފަރާތުގެ ހުރިހާ ބައިތަކެއް އަނދައި ހުލިވިއެވެ. އޭގެ ތެރޭގައި މި ޙަރަންފުޅުގައި ހުރި ޞަލާޙުއްދީނުގެ ތާރީޚީ މިންބަރުކޮޅު ވެއެވެ. އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމްޢިއްޔާ އުފެދުނީ މި ޙާދިސާއާ ވިދިގެން މަޣްރިބުގެ ވެރި ރަށުގައި ބޭއްވުނު އިސްލާމީ ސަމިޓުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.



advertisment