Support Us

މާބުރު ހާދަހާވާ މޮޔައެވެ.

މި ލަވައަކީ ފިލްމު "ސާހިބު، ބީބީ އައުރު ޣުލާމު" (ސާހިބާ، އަނބިކަނބަލުން އަދި ޚާދިމު) ގެ ލަވައެކެވެ. މިއީ 1962ގައި ނިކުތް ފިލްމެކެވެ. ގުރޫ ދަތުގެ އުފެއްދުމެކެވެ. ފިލްމު ބިނާވެފައިވަނީ މަޝްހޫރު ބަންގާޅީ ލިޔުންތެރިޔާ ބީމަލް މިތުރާގެ، ހަމަ މިނަންކިޔާ ވާހަކައެއްގެ މައްޗަށެވެ. ގުރޫ ދަތުގެ ވަރަށް ގިނަ ފިލްމުތައް ފަދައިން މިފިލްމުގައިވެސް ބަލާލެވެނީ މުޖުތަމައީ ބައެއް މައްސަލަތަކުގެ މައްޗަށެވެ. މުޖުތަމައުގެ ތަފާތު ތަބަގާތުގެ މައްޗަށެވެ. މުޖުތަމައުގެ ތަފާތު ފަންތީގެ އަފުރާދުންގެ ގުޅުމުގެ މައްޗަށެވެ. ބިންވެރި ފައިސާވެރިންނާއި ނިކަމެތި ފަގީރުންނާއި ދެމެދު އޮންނަ ގުޅުމެވެ. ބިންވެރި މުއްސަދިންގެ ފާސިދުވެފައިވާ އައްޔާޝީ ދިރިއުޅުމުގެ މައްޗަށެވެ. އެދިރިއުޅުން ބިނާވެފައި އޮންނަނީ ޖިސްމާނީ އަރާމާއި ލައްޒަތު ލިބެންއޮތް އެންމެ މަތީ ދަރަޖައަކަށް ހޯދުމުގެ މައްޗަށެވެ. ރާބުއިމާއި ނާޗަރަންގީ ކުރުމުގެ މައްޗަށެވެ. އަދި އެފަދަ ދިރިއުޅުމުގައި އެއްވެސް އަމިއްލަ ދިރުމެއް ނެތްކަމުން، މަޑުމަޑުން ނަމަވެސް، އެފަދަ ދިރިއުޅުމަކީ ދިގުމުއްދަތަކަށް ދެމެހެއްޓޭނޭ ކަމެއް ނޫންކަމެވެ. ދާދި އަވަހަށް އެފަދަ ދިރިއުޅުމަށް ނިމުން އަންނަ ކަމެވެ. މިކަން ބަލާލެވެނީ ހަވޭލީއެއްގެ، އާދެ، ޒަމީންދާރެއްގެ ގަނޑުވަރެއް ފަދަ ގެއެއް ވީރާނާވެ، ތަޅާލާ މަންޒަރެއްގެ ތެރެއިންނެވެ. އެ މަންޒަރު، ފިލްމުގެ ބަތަލުގެ– ގުރޫ ދަތުގެ– ހަނދާނަށް ގެނެސްދެނީ އޭނާގެ ކުރީގެ ހަނދާންތަކެކެވެ. ހަވޭލީގައި ޣުލާމުކުރަން އުޅުނު ހަނދާނެވެ. އަދި، ހަވޭލީގެ ވެރިންނާއި ހަވޭލިވެސް ނެތި ދިޔަގޮތުގެ ހަނދާނެވެ. ރަލުގެ މަސްތުގައި ހަވޭލީދާރު، އާދެ، ސާހިބާއާއި، އޭނާގެ ބީބީ، އަނބިކަނބަލުންވެސް ނިމިދިޔަ ގޮތުގެ ހަނދާނެވެ. މިކަންކަން އެންމެ ކައިރިން އޭނާއަށް، އާދެ، ހަވޭލީގައި މަސައްކަތްކުރި "ޣުލާމަށް"، ޚާދިމަށް، ފެނިދިޔަގޮތުގެ ހަނދާނެވެ.

މި ފިލްމަކީ ވިޔަފާރީގެ ގޮތުން މާ ކާމިޔާބު ފިލްމަކަށް ނުވިކަމުގައިވިޔަސް، ފިލްމީ ނާގިދުން ދެކޭ ގޮތުގައި މިއީ ވަރަށް ވެސް މޮޅު ފިލްމެކެވެ. "ފިލްމުފެއަރ"ގެ އެތައް ވަނަތަކެއް މި ފިލްމު ހާސިލުކުރިއެވެ. މިވަނަތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު ޑިރެކްޓަރު، އެންމެ މޮޅު މުމައްސިލާ މި ވަނަތައް ހިމެނެއެވެ. އަދި ޒަމާންތަކުގެ ހިންދީ އެންމެ މޮޅު ފަންސަވީސް ފިލްމުގެ ތެރޭގައި ވެސް މިފިލްމު ގުނާލެވިގެން ދިޔައެވެ.

"ބަނވަރަ ބަޅާ ނާދަން" (މާބުރު ހާދަހާވާ މޮޔައެވެ) މި ލަވައިގައި ބަލައިލެވެނީ މުއްސަނދި ’ބޭފުޅެއްގެ‘ ހިތުގައި، ދެރަ ފަގީރަކާ ދޭތެރޭ އުފެދޭ ލޯތްބެއްގެ މައްޗަށެވެ. ލަވައިގެ ރާވީ، އާދެ، ލަވައިގެ ވާހަކަ ކިޔައިދޭ މީހާ- އެ މުއްސަނދި ބޭފުޅާ- އޭނާގެ ލޯބިވެރިޔާ ރަމްޒުކޮށްދެނީ ބަގީޗާއަށް އަންނަ މާބުރެއް ފަދަ މެހެމާނެއްގެ ގޮތުގައެވެ. އާދެ، އޭނާއަކީ ހަވޭލީގައި ވަގުތީގޮތުން މަސައްކަތްކުރަން ފެށި، އެބޭފުޅާގެ ހަޔާތަށްޕުޅަށް އައި މީހެކެވެ. ބަގީޗާގެ، އާދެ، ހަވޭލީގެ، މާމަލުގެ މޫނުތަކަށް ހިނިތުންވުން ގެނެސް، ބަގީޗާގެ މާތައް އުފާކޮށްދީ، މުޅި ބަގީޗާއަށް ދިރުން ގެނެސްދެނީ މާބުރުކަމުގައި ވިޔަސް، އެ ބޭފުޅާ ފާހަގަކުރައްވާ ގޮތުގައި، މާބުރަކަށް އެކަމެއް ނޭނގެއެވެ. އެހެންވެ، އެ ބޭފުޅާ، މާބުރު ސިފަކޮށްދެނީ، ’ނާދާނު‘ އާދެ، ލޯބީގެ ކަންކަން ނުދަންނަ، އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް، މޮޔައެއްގެ ގޮތުގައެވެ. އެ މޮޔަ މާބުރު ބަގީޗާގެ މާމަލުގެ ކުރިމައްޗަށް އަޔަސް، އަދި، އެ މާމަލާ ހަތަރުކަޅި ހަމަވިޔަސް، އެއްވެސް އެއްޗެއް ނުބުނެއެވެ. މާބުރުގެ ހިތުގެ ސިއްރެއް މާބުރު ފާޅެއް ނުކުރެއެވެ. މާބުރުގެ ހިތުގައި އެ ބޭފުޅާއާއި ދޭތެރޭ ލޯތްބެއް އުފެދިފައި އޮތްކަމުގައި ވިޔަސް ނުވަތަ ނެތްކަމުގައި ވިޔަސް، އެކަމެއް އޭނާ ހާމައެއް ނުކުރެއެވެ. އޭނާ އުޅެނީ ވަރަށް ބަލައިގެންނެވެ. ދުލުންވިޔަސް ނުވަތަ އަމަލުންވިޔަސް، ކުޑަ ގޯހެއް ނަމަވެސް ހެދިދާނެތީވެސް ކަންނޭގެއެވެ. ވާނީވެސް އެހެންނޫންތޯއެވެ! ދެރަ ނިކަމެއްޗަކު މުއްސަނދި ބޭފުޅެއްގެ ލޯތްބަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ އެހެންވެ، ބޭފުޅާގެ ކުރިފުޅުމަތީގައި މާބުރު އުޅެނީ ނުދަންނަ ބީރައްޓެއްސެއް އުޅޭ ހެންނެވެ. އޭނާ އާ ބޭފުޅާ ކިތަންމެ ހިތްޕުޅާ ވިޔަސް، އަދި އޭނާއާއި ބޭފުޅާ ކިތަންމެ ވަރަކަށް ބައްދަލު ވިޔަސް، ބޭފުޅާއަށް އޭނާ ލިބޭނޭ ގޮތެއް އަދި ހަމަ ނުވެއެވެ. އޭނާ ހުއްޓުވައި އޭނާގާތު ވާހަކައެއް ބުނަން ބޭފުޅާ މަސައްކަތް ކުރެއްވިޔަސް އޭނާ ދަނީ މާބުރެއްހެން ބޫންއަޅަމުން ދުރަށެވެ. މިއީ ލޯބީގެ ފެށުމެއް ކަމެއް މާބުރަކަށް ހަމަ ނޭނގެއެވެ. އެހެންވެ ލަވަ ނިންމާލަމުން، ކެތްމަދުވެފައިވާ ބޭފުޅާ ވިދާޅުވަނީ މާބުރަކީ 'އަނާޅީ’އެއް ކަމެވެ. ލޯބީގެ ކަންކަން ނޭނގޭ ސޭވާއްޔެއްކަމެވެ. ލޯބީގައި ކަންތައް ކުރަންވީ ގޮތް، އެކަމަކާ ގެން ކުރިއަށްދާންވީ ގޮތް ނޭނގޭ ސޮހޮލެއް ކަހަލަ މީހެއްކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *