ޖެން ޒީ ޖީލުގެ މުއްސަނދިން އާޓް އެއްކުރަން މުސްކުޅިންނަށްވުރެ ބޮޑަށް ހަރަދުކުރާކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
އާޓް ބާސެލް އާއި ސުވިޓްޒަލެންޑްގެ ބޭންކް ޔޫބީއެސްއިން އިއްޔެ ޝާއިއުކުރި ރިޕޯޓެއްގައި ބުނީ ޖެން ޒީ ޖީލު، އެހެން އެއްވެސް ޖީލެއްގެ މީހުންނަށްވުރެ ފައިން އާޓަށްކުރާ ހަރަދު މާ ބޮޑުކަމަށެވެ.
މުހިންމު 10 މާކެޓަކުން 3،100 މުއްސަނދިން ސާވޭކުރިއިރު، ފުރާފުރިހަމަވެފައިވާ އެންމެ ހަގު ޖީލުކަމަށްވާ ޖެން ޒީގެ މީހުން މި ދިޔަ އަހަރު ތެރެއާއި މި އަހަރުގެ ފުރަތަމަކޮޅު، އުމުރުން ދުވަސްވީ ޖީލުތަކުގެ މީހުންނަށްވުރެ ދެ ގުނައަށްވުރެ ގިނައިން އާޓަށް ހަރަދުކޮށްފައިވެއެވެ.
ޖެން ޒީއަކީ އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންކަމަށް ކަނޑައަޅާފައިވާ މި ދިރާސާއިން ދެއްކި ގޮތުގައި އާޓް ގަންނަން ދެ ވަނައަށް އެންމެ ގިނައިން ހަރަދުކުރަނީ އުމުރުން 62 އަހަރާއި 80 އަހަރާ ދެމެދުގެ ބޭބީ ބޫމަރުންނެވެ. ދެން އެންމެ ގިނައިން ހަރަދުކުރީ މިލެނިއަލްސް (30 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން)އެވެ. ޖެން އެކްސް (46 އަހަރާއި 61 އަހަރާ ދެމެދު)ގެ މުއްސަނދި މީހުންނަކީ ބޭކާރު ހަރަދުކުރުން ކުޑަ ބައެއްކަމަށް ދެއްކިއެވެ.
ސާވޭގައި ބައިވެރިވި ޖެން ޒީގެ އާޓް އެއްކުރާ މީހުންގެ ތެރެއިން ކޮންމެ ފަރުދަކު މި ދިޔަ އަހަރު ފައިން އާޓް ގަތުމަށް ނިސްބަތުން 347،000 ޑޮލަރު (5.35 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާއިރު، ޖެން އެކްސްގެ ފަރުދުން ހަރަދުކޮށްފައިވަނީ އެންމެ 79،000 ޑޮލަރު (1.22 މިލިއަން ރުފިޔާ)އެވެ. ޖެން ޒީގެ 40 ޕަސެންޓް މީހުން ބުނެފައިވަނީ އާޓް އެއްކުރަން ފެށުމުގެ މައިގަނޑު ސަބަބަކީ އާއިލާގެ ނުފޫޒު ކަމަށެވެ.
އެހެނަސް، ޝައުގުތަކަށް ބަދަލެއް ނާދެއެވެ.
އާޓް އެއްކުރާ ޒުވާނުން އަދިވެސް އިސްކަންދެނީ އާދަކާދައިން ވާރުތަވެފައިވާ ފަންނުތައްކަމަށްވާ ކެންވަސް ކުރެހުމާއި ހިލަ، މަށި، ގާ ފަދަ ތަކެތި ކޮށައިގެން ބުދު ހެދުން ނުވަތަ ސްކަލްޕްޓިން ފަދަ އާޓްވޯކްތަކަށްކަމަށް ޔޫބީއެސް ގްލޯބަލް ވެލްތް މެނޭޖްމަންޓްގެ އިސް އިގުތިސާދީ މާހިރު ޕޯލް ޑޮނޮވަން މި ރިޕޯޓުގައި ބުނެފައިވެއެވެ.
"ގިނަ ފަހަރަށް ހީކުރެވޭ ގޮތަށްވުރެ، އެއްޗެއްގެ ރީތިކަމާމެދު ދެކޭ ގޮތް ޖީލުތަކުގެ މެދުގައި އެއްގޮތް،" އޭނާ ބުންޏެވެ.
މި ސާވޭއިން އެނގުނު ގޮތުގައި ޖަވާބުދިން މީހުންގެ ގާތގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން އާޓް ގަތުމުގައި، މާހިރުން ނުވަތަ އާޓް އެއްކުރާ މީހުން ލޯބިކުރާ އެއްޗެއް މިލްކުކުރުމަށްވުރެ، އާޓްވޯކެއްގެ ލާމަސީލުކަމާއި ނާދިރުކަމަށް އިސްކަންދިނެވެ.
ސާވޭގައި ބައިވެރިވި މީހުންނަކީ މާލީ ގޮތުން ފުދުންތެރި (ހައި-ނެޓް-ވާތު) މީހުންނެވެ. މި ސާވޭގައި އެއީ ރިއަލް އެސްޓޭޓާއި އަމިއްލަ ވިޔަފާރީގެ ވަސީލަތްތައް ނުހިމަނައި، މި އަހަރު ސާފު މުއްސަނދިކަން އެއް މިލިއަން ޑޮލަރު (15.42 މިލިއަން ރުފިޔާ)އަށްވުރެ އިތުރު މީހުންކަމަށް ކަނޑައަޅައިފައިވެއެވެ.
އާޓް ގަންނައިރު، ގަންނަން ބޭނުންވާ ކަހަލަ އާޓްވޯކްތަކާމެދު ގޮތެއް ނިންމަން މައުލޫމާތު ހޯދުމަށް މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ގޮތުން އެ ފަދަ ވަސީލަތްތައް ބޭނުންކުރާ އާޓް އެއްކުރާ މީހުންގެ އަދަދު 2024 ވަނަ އަހަރު ހުރި ހަތަރު ޕަސެންޓް މިހާރުވަނީ 22 ޕަސެންޓަށް އަރައިފައެވެ.



advertisment